raajjemv logo
ރިމްޝާ
އުމުރުން 11 އަހަރުގެ ރިމްޝާ މޮޅު ކުރެހުންތެރިއެއް
 
ރިމްޝާގެ ކުރެހުމުގެ ހުނަރުވެރިކަން އޭނާގެ މައިންބަފައިންނަށް ފާހަގަވާން ފެށީ ރިމްޝާގެ އުމުރުން 9 އަހަރުގައި
އައިޝަތު ޝަރުފާ
21,896
ކ. މާލެ |
18 ސެޕްޓެންބަރ 2020 | ހުކުރު 17:35

ކޮންމެ ކުއްޖަކީވެސް އުފެދުމުގައި ކޮންމެވެސް ތަފާތު ހުނަރެއް ލިބިފައިވާ ކުއްޖެކެވެ. އަދި އެ ހުނަރުގެ ބޭނުން އެ ކުއްޖަކަށް ކިޔައިދީ ހިތްވަރު ދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. އެ ގޮތުން ޢާއިޝަތު ރިމްޝާ ރިޒްމީން އަކީ ތަފާތު ވައްތަރުގެ ކުރެހުންތައް ކުރެހުމުގެ ކުޅަދާނަކަން ލިބިފައިވާ ހުނަރުވެރި ކުއްޖެކެވެ.

ޣާޒީ ސްކޫލްގެ ގްރޭޑް 6 ގައި ކިޔަވަމުންދާ އުމުރުން 11 އަހަރުގެ ރިމްޝާ އަކީ ވަރަށް ޅަ އުމުރުގައި ވެސް ކުރެހުމާއި ކުލަ ޖެއްސުމަށް އާދަޔާއި ޚިލާފު ޝައުޤުވެރިކަމެއް ހުންނަ ކުއްޖެއް ކަމަށް ރިމްޝާގެ މައިންބަފައިން ބުނެއެވެ. ރިމްޝާގެ ކުރެހުމުގެ ހުނަރުވެރިކަން އޭނާގެ މައިންބަފައިންނަށް ފާހަގަވާން ފެށީ ރިމްޝާގެ އުމުރުން 9 އަހަރުގައެވެ. ރިމްޝާގެ ބައްޕަ ޙަސަން ރިޒްމީން ބުނީ، އެ ހުނަރު ކުރިއެރުވުމަށް އަބަދު އެހީތެރިވަމުންދާ ކަމަށެވެ. އެ ގޮތުން ކުރެހުމަށް ބޭނުންވާ ސަމާނު ހޯދައި ދިނުމާއި، އެ ރޮނގުން ކުރިޔަށް ދިޔުމަށް ހިތްވަރުދޭ ކަމަށާއި އަދި އޭގެ އިތުރުން، ކުރިޔަށް އޮތް ތާނގައި ޑިޖިޓަލް އާރޓްސް ދަސްކޮށްދޭ ޚާއްސަ ކްލާސްތަކަށް ފޮނުވުމަށް ނިންމާފައިވާ ކަމަށް ރިމްޝާގެ ބައްޕަ ބުނެއެވެ.

ރިޝްމާގެ ކުރެހުމެއް
ގޭގައި އުޅޭއިރުވެސް ޔޫޓިއުބްއިން އަބަދުވެސް ބަލާނެ ތަފާތު އެއްޗެހި ކުރަހާ ޓިއުޓޯރިއަލްސްތައް. އެންމެ ކުޑައިރުން ފެށިގެންވެސް ކުރަހާ އުޅޭ އެކަމު، 9 އަހަރުންފެށިގެން އަޅުގަނޑަށް ފާހަގަވާން ފެށީ ބޮޑެތި ކުރެހުންތައްވެސް ކުރަހާފަ އެބަ ހުރޭކަން އެ އުމުރުގެ ކުއްޖަކާ ބަލާފަ
ރިޝްމާގެ ކުރެހުމެއް

އިލަސްޓްރޭޝަންސް އާއި ޕޯރޓްރައިޓް ފަދަ ކުރެހުންތައް ކުރެހުމަށް ކުޅަދާނަ ރިމްޝާ ބުނި ގޮތުގައި، ބޮޑުވެގެން އެންމެ ވާން ބޭނުން ވަނީ އާރކިޓެކްޗާރއަކަށެވެ. އަދި މި ދާއިރާއިން އެންމެ ދެކެން ބޭނުންވާ ދުވަހަކީ، ކުރެހުމާއި އާރޓްގެ ރޮނގުން ރާއްޖެއަށް ރީތި ނަމެއް ހޯދައިދެވޭ ދުވަސްކަމުގައި ރިމްޝާ ބުންޏެވެ.

ރިމްޝާގެ މަސައްކަތްތައް އާންމުންނާއި އެކުވެރިންނަށް ޙިއްސާ ކުރުމަށްޓަކައި ޔޫޓިއުބް ޗެނަލްއެއް ހަދާފައިވާއިރު، "rimashadraws" އަދި "aishathrimmy" އިންސްޓްގްރާމް އެކައުންޓްއިން ވެސް ރިމްޝާގެ ކުރެހުންތައް ފެންނަން ހުންނާނެއެވެ. ރިމްޝާ ފާހަގަ ކުރި ގޮތުގައި މި ދާއިރާ އިން ކުރިޔަށް ދިޔުމަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ލޯބިވާ މަންމަ އާއި ބައްޕަގެ ފަރާތުންނެވެ. މަންމަ އާއި ބައްޕަގެ ފަރާތުން ލިބޭ ހިތްވަރުގެ ބަސްތަކަކީ ކުރިޔަށް ދިޔުމަށް އެޅޭ މުހިންމު ފިޔަވަޅު ކަމުގައި ދެކޭ ކަމަށާއި، އޭގެ އިތުރުން ޢާއިލާ އާއި ރައްޓެހިންގެ ފަރާތުން ވެސް ވަރަށް ރަނގަޅު ކޮމެންޓްތައް ލިބޭ ކަމަށް ރިމްޝާ ބުންޏެވެ. ރިމްޝާ ބުނި ގޮތުގައި މިހާތަނަށް ކުރެވިފައިވާ އެންމެ ހިތްހަމަ ޖެހޭ އެއް މަސައްކަތަކީ، ރިމްޝާގެ ދައްތައެއް ބުނެގެން ކުރަހާދީފައިވާ އިލަސްޓްރޭޝަން ކުރެހުމެކެވެ. ވަރަށް ގިނަ ބަޔަކަށް އެ ކުރެހުން ކަމުދިޔަ ކަމަށް ރިމްޝާ ބުންޏެވެ. ރިމްޝާގެ ޔޫޓިއުބް ޗެނަލްއިން ތަފާތު މަސައްކަތްތައް ފެނިގެންދާއިރު، ކުރިޔަށް އޮތް ތަނުގައި ކުދި ކުދި އެނިމޭޓެޑް ސްޓޯރީތައް ހެދުމަށް ރިމްޝާ ދަނީ މަސައްކަތް ކުރަމުންނެވެ.

ރިޝްމާގެ ކުރެހުމެއް

ކުރެހުމާއި އާރްޓްގެ އިތުރުން، ތަޢުލީމީ ދާއިރާގައިވެސް ރިމްޝާ އަކީ ވަރަށް ފާހަގަ ކޮށްލެވޭ ކާމިޔާބު ކުއްޖެކެވެ. ކޮންމެ އަހަރަކުވެސް ކްލާހުގެ އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި ހިމެނޭއިރު ރިމްޝާއަކީ، ސްކޫލްގައި ބާއްވާ އިތުރު ޙަރަކާތްތަކުގައިވެސް ބައިވެރިވެ ރަން ވަނަތައް ޙާސިލްކުރަމުންދާ ފަޚްރުވެރި ދަރިވަރެކެވެ.

ރިޝްމާ ހޯދާފައިވާ ބައެއް ސެޓްފިކެޓްތައް

ކުރެހުމަށް ޝައުޤުވެރިކަން ހުންނަ އެހެން ދަރިވަރުންނަށް ވެސް ރިމްޝާ ދޭން ބޭނުންވާ ނަސޭޙަތަކީ، ހިތްވަރާއެކު ކުރިޔަށް ދިޔުމެވެ. އަބަދުވެސް އާ ކަންތައްތަކާއި އައު ހުނަރުތަށް ދަސްކޮށް އެ ހުނަރުތައް ތަރައްޤީ ކުރުމެވެ.

ރިމްޝާ ފަދައިން ކޮންމެ ކުއްޖެއްގެވެސް ހިތްވަރާއެކު، ލިބިފައިވާ ހުނަރެއް ކުރިއެރުވުމަށް މަސައްކަތް ކުރާށެވެ. އަދި ބައިންބަފައިންނާއި ޤައުމަށް ރީތި ނަމެއް ހޯދައިދޭން މަސައްކަތް ކުރާ ކުއްޖަކަށް ވާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
16%
އަންތަރީސް ވެއްޖެ
68%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
3%
ރުޅި ގަދަ ވެއްޖެ
6%
މޮޔަވެއްޖެ
6%
ލިޔުން ރަނގަޅު
ކޮމެންޓް