ކ. މާލެ
|
5 އޯގަސްޓް 2020 | ބުދަ 13:10
މިދިޔަ އަހަރު ޔޫއެސް އޯޕަން ކާމިޔާބުކުރި ރަފައެލް ނަޑާލް
މިދިޔަ އަހަރު ޔޫއެސް އޯޕަން ކާމިޔާބުކުރި ރަފައެލް ނަޑާލް
ގެޓީ އިމޭޖަސް
ޔޫއެސް އޯޕަން ބޮއިކޮޓް ކުރުން
ޔޫއެސް އޯޕަންގައި ނުކުޅެން ނަޑާލް ނިންމައިފި
 
"މި ހާލަތުގައި ދަތުރުކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން"
 
ޔޫއެސް އޯޕަން މިހާރު ތާވަލުކޮށްފައިވަނީ މި މަހުގެ 31ން ސެޕްޓެމްބަރު 13ގެ ނިޔަލަށް

ޓެނިހުގެ ގްރޭންޑް ސްލޭމް މުބާރާތެއް ކަމަށްވާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގައި މިއަހަރު ބާއްވަން ނިންމި ނަމަވެސް، އެ މުބާރާތުގައި ނުކުޅެން އެންމެ ފަހުގެ ޗެމްޕިއަން ރަފައެލް ނަޑާލް ނިންމައިފިއެވެ.

ޔޫއެސް އޯޕަން ބާއްވަން ނިއު ޔޯކްގެ ގަވަރުނަރު މީގެ ކުރިން ހުއްދަ ދެއްވާފައިވާއިރު، މި މުބާރާތް ތާވަލުކޮށްފައިވަނީ މި މަހުގެ 31ން ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގެ މެޗުތައް ކުޅޭނީ ސަޕޯޓަރުން ނުވައްދައި ކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން ވަނީ ބުނެފައެވެ.

އެކަމަކު މުބާރާތް ބާއްވާ ނިއު ޔޯކް ސިޓީއަކީ އެމެރިކާއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވި އެއް ސިޓީއެވެ. އެ ސިޓީން އެކަނިވެސް ކޮވިޑް-19 ޖެހިގެން 32،000 (ތިރީސް ދެހާސް) ށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ނަޑާލް ކުރި ޓްވީޓެއްގައި ބުނީ މުބާރާތުގައި ނުކުޅެން ނިންމީ ވަރަށް ބޮޑަށް ވިސްނުމަށް ފަހު ކަމަށާއި މި ވަގުތު އޮތް ހާލަތާއެކު ދަތުރުކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

ޔޫއެސް އޯޕަންގައި ނުކުޅެން ނަޑާލް ނިންމިއިރު، އޭނާއާ އެނެމް ވާދަވެރި ރޮޖާ ފެޑެރާވެސް މި މުބާރާތުގައި ނުކުޅޭނެއެވެ. އޭނާއަށް މުބާރާތުގައި ނުކުޅެވެނީ ދާދި ފަހުން ކަކުލުގެ އޮޕަރޭޝަނެއް ކުރުމާ ގުޅިގެންނެވެ.

މިފަހަރުގެ ޔޫއެސް އޯޕަންގައި ނަޑާލް އާއި ފެޑެރާ ނުކުޅޭއިރު، ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮތް ސާބިއާގެ ނޮވަކް ޖޮކޮވިޗް ވަނީ މުބާރާތުގައި ކުޅުމާ މެދު ވަކި ގޮތެއް އަދި ނުނިންމާ ކަމަށް ބުނެފައެވެ.

ރިޕޯޓުތައް ބުނާގޮތުން އެމެރިކާގެ އިންތިޒާމުތައް ހުރި ގޮތުންނާއި ދަތުރުފަތުރުކުރުމުގައި ވެސް ގޮންޖެހުންތައް ހުރުމުގެ ސަބަބުން ގިނަ ކުޅުންތެރިންތަކެއް ޔޫއެސް އޯޕަންގައި ނުކުޅޭނެއެވެ.

ކޮވިޑް-19ގެ އަސަރު ޓެނިހުގެ މުބާރާތްތަކަށްވެސް ކޮށްފައިވާއިރު، މި އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތް މިހާރު ވަނީ ކެންސަލް ކޮށްފައެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު މި މުބާރާތް ނުބާއްވާ ފުރަތަމަ އަހަރެވެ. އަދި ފްރެންޗް އޯޕަން ޓެނިސް މުބާރާތް ވަނީ ސެޕްޓެމްބަރު މަހުގެ 20ން އޮކްޓޯބަރު މަހުގެ ހަތަރަކަށް ފަސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް