އާދީއްތަ 20 ސެޕްޓެންބަރ 2020
14 އުތުރަ
1442 ސަފަރު 02
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:04
އަސްރު 15:06
އިރުއޮއްސޭ 18:05
އިޝާ 19:16
އެމްއެސްއެސްގެ ދާއިރާ

ފަތުރުވެރިކަން އައުމުގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ބޭރު ފައިސާ ލިބިފައިވަނީ ޝިޕިންގ ގެ ދާއިރާއިން

  • ކުރިއަށް އޮތްތާ މިދާއިރާއިން ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެ
  • ޒުވާނުން ހޭލުންތެރި ކުރުމަށް ޕްރޮގްރާމްތައް ހިންގުމަށް ދަނީ ރާވަމުން
  • އެމްއެސްއެސް ރެޖިސްޓަރ ކޮށްފައިވަނީ މާރޗް މަހުގެ ތެރޭގައި

ކ. މާލެ | 4 އޯގަސްޓް 2020 | އަންގާރަ 23:25 | 3,290

މާލޭ ވިޔަފާރި ބަނދަރު - ޔޫސުފް ސޮފްވާން ރަޝީދު

ފަތުރުވެރިކަމުގެ ދާއިރާ އައުމުގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ބޭރު ފައިސާ ލިބިފައިވަނީ ޝިޕިންގެ ދާއިރާއިން ކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގެ މެނެޖިން ޑިރެކްޓަރ އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ މޯލްޑިވްސް ޝިޕިންގ ލިމިޓެޑް ފެށިގެން މޯލްޑިވްސް ނެޝަނަލް ޝިޕިންގ ލިމިޓެޑް އަކަށް ބަދަލުވެގެން ދިޔައިރު ވެސް މެޖޯރިޓީ އަކީ ދިވެހިން ކަމަށެވެ.

ދިހަ ވަރަކަށް އަހަރުގެ މެދުކެނޑުމަކަށް ފަހު ޝިޕިންގގެ ދާއިރާ ފެށިފައިވަނީ މީގެ ހަތަރު މަސް ކުރިން ކަމަށާއި ޝިޕިންގެ ދާއިރާ ފުޅާވަމުން ދިޔަ ވަރަކަށް މި ދާއިރާއިން ވަޒީފާގެ ފުރުސަތުތައް އިތުރު ވެގެންދާނެ ކަމަށެވެ.

ސައީދު ވިދާޅުވީ ޝިޕިން އިންޑަސްޓްރީ އަކީ ހަމައެކަނި ރާއްޖެއަށް ލިމިޓްވާ އިންޑަސްޓްރީއެއް ނޫން ކަމަށާއި ފުޅާވަމުންދާ ވަރަކަށް އޭޝިއާ އަދި ޔޫރަޕްގެ އިތުރުން ވެސް މުޅި ދުނިޔެ އެއްކޮށް ވެސް ކަވަރު ކުރެވިދާނެ ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި މި ދާއިރާގައި ދިވެހިންނަށް ވެސް ވަޒީފާގެ ގިނަ ފުރުސަތު ތަކެއް ތަނަވަސް ވެގެންދާނެކަން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެމީހެއްގެ ތައުލީމީ ފެންވަރު ހުރި ލެވެލް އަކުން މި އިންޑަސްޓްރީއަށް ވަދެވޭނެ މަގު ފަހުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދިވެހި ޒުވާނުން މި ދާރާއަށް ހޭލުންތެރިވެފައި ނެތްކަން ފާހަގަ ކުރައްވާ ސައީދު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ހިންގުމަށް ރާވަމުންދާ ކަމަށެވެ. އަހަރެއްހާ ދުވަސް ތެރޭގައި އެމްއެސްއެސްގެ އަމިއްލަ ބޯޓު ފަހަރު ގެނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި އޭގެ ކުރިން މި ދާއިރާއާ ގުޅޭ މައުލޫމާތު ދިނުމާއި ޒުވާނުން ހޭލުންތެރި ކުރުމަށް މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އާ ގުޅިގެން އަތޮޅު ތެރޭގައި ޕްރޮގްރާމްތައް ހިންގުމަށް ރާވަމުންދާ ކަމަށެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ސަބްސިޑަރީ ކުންފުންޏެއް އުފައްދާ ރަޖިސްޓްރީ ކޮށްފައިވަނީ މިއަހަރުގެ މާރޗް މަހުގެ ތެރޭގައެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއެސްއެސް) ގެ ނަމުގައި ކުންފުނި އުފެއްދުމުގެ މައިގަނޑު މަޤްސަދަކީ ދިވެހިރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ދިވެހި ކުންފުންޏެއް މެދުވެރިކޮށް ގެނެވޭނެ މަގު ފަހިކޮށް ދިނުމެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ 99.99 އިންސައްތަ އަދި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ 0.01 އިންސައްތަ ހިއްސާ ހިމެނޭ ކުންފުންޏެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.