ކ. މާލެ
|
4 އޯގަސްޓް 2020 | އަންގާރަ 10:47
މާލޭގެ ރެސްޓޯރެންޓެއް
މާލޭގެ ރެސްޓޯރެންޓެއް
ރާއްޖެއެމްވީ
އުސޫލުތަކާއި ޚިލާފު ތަންތަން ބަންދުކުރުން
އުސޫލުތަކާއި ޚިލާފުވި 33 ތަނެއް ހޯމަ ދުވަހު ބަންދުކުރި
 
ހޯމަ ދުވަހު 21 ތަނެއް އަލުން ހުޅުވުމަށް ހުއްދަދީފައިވޭ
 
ހޯމަ ދުވަހު 174 ތަނެއް އިންސްޕެކްޓް ކޮށްފައިވޭ

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އާންމު ޚިދުމަތްދޭ ތަންތަނުގައި އަމަލުކުރަންޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ މިންގަނޑުތަކާއި ޚިލާފުވި 33 ތަނެއް ހޯމަ ދުވަހު ބަންދުކޮށްފި އެވެ.

ހޯމަ ދުވަހުގެރޭ ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ހޯމަ ދުވަހު 174 ތަނެއް އިންސްޕެކްޓްކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ކާބޯތަކެތީގެ ޚިދުމަތްދޭ 40 ތަނަކާއި 9 ސެލޫނަކާއި 123 ފިހާރަ އަދި 2 މާރުކޭޓެއް ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

މީގެތެރެއިން ބަންދުކުރި 33 ތަނުގެ ތެރޭގައި ހިމެނެނީ 5 ސެލޫނަކާއި 17 ފިހާރަ އަދި ކާބޯތަކެތި ޚިދުމަތްދޭ 10 ތަނެއްގެ އިތުރުން މާރުކޭޓެއް ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

ކުރިން ބަންދުކޮށްފައިވާ ތަންތަނުގެ ތެރެއިން ގައިޑްލައިންގައިވާ ގޮތަށް ކަންކަން އިސްލާހުކުރުމުން ހޯމަ ދުވަހު 21 ތަނެއް އަލުން ހުޅުވުމަށް ހުއްދަދީފައިވާ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ. އޭގެތެރޭގައި ހިމެނެނީ ކާބޯތަކެތީގެ ޚީދުމަތްދޭ 7 ތަނަކާއި މާރުކޭޓަކާއި 2 ސެލޫންގެ އިތުރުން 11 ފިހާރައެކެވެ.

އެޗްޕީއޭއިން ވަނީ އާދިއްތަ ދުވަހު މިންގަނޑުތަކާއި ޚިލާފުވެގެން 22 ތަނެއް ބަންދުކޮށްފަ އެވެ.

ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވާން ފެށުމާއެކު އެޗްޕީއޭއިން އަންނަނީ މާލެ ސަރަހައްދުގައި އާންމު ޚިދުމަތް ދެމުންގެންދާ ތަންތަން އިންސްޕެކްޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިންގަނޑުތަކަށް ނުފެތޭނަމަ އެތަންތަން ބަންދު ކުރަމުންނެވެ.

މާލެ ސިޓީ ލޮކްޑައުންގައި އޮތުމަށްފަހު އަލުން ހުޅުވާލިއިރު އާންމު ޚިދުމަތްދޭ ތަންތަން އަލުން ހުޅުވާލުމަށް ހުއްދަ ދިންއިރު ވަނީ ކޮންމެ ތާކަށް ވަކިވަކިން އަމަލުކުރަންވީ އުސޫލުތަކެއް އެކުލަވާލާ ގެޒެޓްކޮށްފަ އެވެ. އޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ގައިދުރުކަން ގެންގުޅުމާއި މާސްކު އެޅުމެވެ. އަދި ތަނުގެ ތެރޭގައި ސެނިޓައިޒް ކުރެވޭ ގޮތަށް އިންތިޒާމުތައް ހަމަޖެހިފައި ހުރުމަށްވެސް ގައިޑްލައިންގައި ވަނީ އަންގާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް