ކ. މާލެ
|
2 އޯގަސްޓް 2020 | އާދީއްތަ 12:43
އިޓާލިއަން ލީގުގެ ތައްޓާއެކު ޔުވެންޓަސްގެ ކުޅުންތެރިން: މިއީ އެޓީމުން ޖެހިޖެހިގެން ލީގު ކާމިޔާބުކުރި ނުވަވަނަ ފަހަރު
އިޓާލިއަން ލީގުގެ ތައްޓާއެކު ޔުވެންޓަސްގެ ކުޅުންތެރިން: މިއީ އެޓީމުން ޖެހިޖެހިގެން ލީގު ކާމިޔާބުކުރި ނުވަވަނަ ފަހަރު
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
ރޯމާ އަތުންވެސް ޗެމްޕިއަން ޔުވެންޓަސް ބަލިވެއްޖެ
 
މިލާނުގެ ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް ވަނީ އިޓާލިއަން ލީގުގެ ރިކޯޑެއް ހަދާފައި
 
ޔުވެންޓަސްއިން ވަނީ ޖެހިޖެހިގެން ނުވަވަނަ ފަހަރަށް ލީގު ކާމިޔާބުކޮށްފައި
 
ރޯމާ އަތުން ޔުވެންޓަސް ބަލިވީ 3-1 ން

ރޯމާ އަތުން އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ ޔުވެންޓަސް ބަލިވެއްޖެއެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ރޯމާ އަތުން 3-1 ން ޔުވެންޓަސް ބަލިވިއިރު، ލީގު ޗެމްޕިއަންކަން ކަށަވަރު ކުރުމަށްފަހު ކުޅުނު ދެ މެޗުންވެސް ޔުވެންޓަސް ވަނީ ބަލިވެފައެވެ. އެގޮތުން މިދިޔަ ބުދަ ދުވަހުގެރޭ ކަލިއާރީ އަތުންވެސް ޔުވެންޓަސް ވަނީ 2-0 ން ބަލިވެފައެވެ.

އަމިއްލަ ދަނޑުގައި ރޯމާ އަތުން ޔުވެންޓަސް ބަލިވިއިރު، މިއީ އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު 40 މެޗުން ޔުވެންޓަސް ބަލިވި ފުރަތަމަ މެޗެވެ.

ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހިމަނާފައެއް ނުވެއެވެ. މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޔުވެންޓަސްއިންނެވެ. މެޗުގެ ފަސްވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ ގޮންޒާލޯ ހިގުއައިންއެވެ.

އެކަމަކު މެޗުގެ 23 ވަނަ މިނެޓުގައި ނިކޮލާ ކަލިނިޗް ވަނީ ރޯމާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން ޑިއޯގީ ޕެރޮއްޓީ ވަނީ ރޯމާއަށް ލީޑު ނަގައިދީފައެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ލަނޑުވެސް ކާމިޔާބުކުރި ޕެރޮއްޓީއެވެ.

މި މެޗުން ބަލިވި ނަމަވެސް، މެޗަށްފަހު ޔުވެންޓަސްއިން ވަނީ ލީގު ތަށި އުފުލާލާފައެވެ. އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ނުވަވަނަ ފަހަރަށް ޔުވެންޓަސް ހޯދިއިރު، އެޓީމުން ވަނީ ޔޫރަޕްގެ ރިކޯޑެއް ގާއިމުކޮށްފިއެވެ. ޔޫރަޕްގެ ބޮޑު ފަސް ލީގު ކަމަށްވާ އިނގިރޭސި ޕްރިމިއާ ލީގާއި، ސްޕެނިޝް ލީގާއި، އިޓާލިއަން ލީގާއި، ޖަރުމަން ލީގުގެ އިތުރުން ފްރެންޗު ލީގުގައި މިހާތަނަށް ޖެހިޖެހިގެން އެންމެ ގިނަ ފަހަރު ލީގު ޗެމްޕިއަންކަން ހޯދާފައިވަނީ ޔުވެންޓަސްއިންނެވެ.

ޖެހިޖެހިގެން ނުވަވަނަ ފަހަރަށް ޔުވެންޓަސްއިން ލީގު ޗެމްޕިއަންކަން ހޯދިއިރު، މިއީ އެ ކްލަބުގެ ތާރީޚުގައި އިޓާލިއަން ލީގު ކާމިޔާބުކުރި 36 ވަނަ ފަހަރެވެ.

މިލާން އާއި ކަލިއާރީ ބައްދަލުކުރި މެޗުގެ ތެރެއިން ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް: އޭނާ ވަނީ އިޓާލިއަން ލީގުގެ ރިކޯޑެއް ހަދާފައި

މީގެ އިތުރުން ލީގުގެ ފަހު މެޗުގައި އޭސީ މިލާނަށް ކުޅެމުން އަންނަ ޒްލަޓާން އިބްރަހިމޮވިޗް ވަނީ އިޓާލިއަން ލީގުގެ ރިކޯޑެއް ހަދާފައެވެ.

އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކަލިއާރީއާ ދެކޮޅަށް މިލާން ކުޅުނު މެޗުން އެ ޓީމު މޮޅުވީ 0-3 ންނެވެ. މި މެޗުގެ ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި އިބްރަހިމޮވިޗް ލަނޑެއް ކާމިޔާބުކުރިއިރު، މި ލަނޑާއެކު އޭނާ ވެފައިވަނީ އިޓާލިއަން ލީގުގެ އެއް ސީޒަނެއްގައި 10 ލަނޑު ހަމަކުރި އެންމެ ދުވަސްވީ ކުޅުންތެރިޔާއަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު މިލާނާ ގުޅުނު އުމުރުން 38 އަހަރުގެ އިބްރަހިމޮވިޗް ވަނީ ލީގުގައި ކުޅުނު 18 މެޗުން 10 ލަނޑު ހަމަކޮށްފައެވެ.

މިލާނާއެކު އިބްރަހިމޮވިޗް ހަދާފައިވާ އެއްބަސްވުން މި ސީޒަން ނިމުމުން ހަމަވާއިރު، އަންނަ ސީޒަނުގެ ނިޔަލަށް އިބްރަހިމޮވިޗް އެ ކްލަބުގައި ބެހެއްޓުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށް މިލާނުގެ ސްޕޯޓިންގ ޑިރެކްޓަރު ޕައޮލޯ މަލްޑިނީ ވަނީ ބުނެފައެވެ.

އިޓާލިއަން ލީގުގެ ގަދަ ހަޔެއް:

  1. ޔުވެންޓަސް: 83 ޕޮއިންޓް
  2. އިންޓަ މިލާން: 82 ޕޮއިންޓް
  3. އެޓަލާންޓާ: 78 ޕޮއިންޓް
  4. ލާޒިއޯ: 78 ޕޮއިންޓް
  5. ރޯމާ: 70 ޕޮއިންޓް
  6. އޭސީ މިލާން: 66 ޕޮއިންޓް
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް