ކ. މާލެ
|
18 ޖުލައި 2020 | ހޮނިހިރު 16:39
ކޮންމެ ދުވަހަކު ވެސް ފަޅޯ ކެއުމުގައި ބޭނުން ކުރުމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވާ
ކޮންމެ ދުވަހަކު ވެސް ފަޅޯ ކެއުމުގައި ބޭނުން ކުރުމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވާ
ދަ ހޮޓްފްރައިޑޭ ޓޯކްސް
ފަޅޮލުން ލިބޭ ފައިދާ
ފަޅޯ މަޖާ މީރުވެގެން ކާ ގޮތަށް ދޮން ފަޅޯ ވެސް ކެއުމުގައި ބޭނުންކޮށްލަބަލަ!
 
ފަޅޮލަކީ ޑައެޓް ކުރާ މީހުން ވެސް ކެއުން މުހިންމު މޭވާއެއް
 
ފަޅޮލުން ވިޓަމިން ސީ އަދި އޭ ލިބިދޭ
 
ގިނަ ސިއްހީ ފައިދާތަކެއް ފަޅޮލުން ލިބޭ

ފަޅޯ މަޖާ ދިވެހިންނަށް ބުނެދާކަށް ނުޖެހޭނެއެވެ. އެއީ ގިނަ މީހުން އާންމު ގޮތެއްގައި މީރުވެގެން ކާއެއްޗެކެވެ. ނަމަވެސް ސުފުރާ މަތިން ދުވަހުގެ ކެއުމުގެ ގޮތުގައި ފަޅޯ ކާ މީހުން އަތުން ގުނާލެވޭހާ ވަރަށް މަދުވާނޭ ބުނިކަމުގައި ވިޔަސް ދޮގަކަށް ނުވާނެއެވެ. ނަމަވެސް ފަޅޮލަކީ ސިއްހީ ގޮތުން އެތައް ފައިދާއެއް ލިބޭ އެއްޗަކަށްވާއިރު، އެއީ ނުކައި ދޫކޮށްލާވަރުގެ މޭވާއެއް ނޫނެއެވެ!

ފަޅޯ ހުރިހާ ރަށެއްގައި ވެސް ހެއްދޭ އަބަދުވެސް ލިބެން ހުންނަ މޭވާއަކަށްވާއިރު، ދިވެހިންގެ ތެރޭގައި ތަފާތު ގޮތްގޮތަށް ފަޅޯ ބޭނުންކުރެއެވެ. ފަޅޯ މަޖަލުގެ އިތުރުން ދޮންނުވާ ފަޅޯ ބޭނުންކޮށްގެން އަސާރަ ފަދަ ތަކެތި ތައްޔާރު ކުރެއެވެ. އަދި ޖޫހާއި، ތަފާތު ސެލަޑް ތަކުގައި ވެސް ބޭނުންކުރެއެވެ. އަދި ފަޅޯ ހަކުރު ލައިގެން ވެސް ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ. ނަމަވެސް ފަޅޯ ދޮންވުމުން ކެއުމުގައި ބޭނުން ކުރުމަށް ސިއްހީ މާހިރުން އިރުޝާދު ދެއްދަވައެވެ.

ފަޅޯ މަޖާ ދިވެހިންގެ ތެރޭގައި މަގުބޫލު އެއްޗެއް

ސިއްހީ ބައެއް ދިރާސާތައް ދައްކާ ގޮތުން ރީތިކޮށް ޒުވާންކަން މަތީގައި ތިބެން ބޭނުންވާ މީހުންނަށް ފަޅޯ އެއީ މުހިންމު މޭވާއެކެވެ. ފަޅޮލުން ތިމާގެ މޫޑު ރަނގަޅު ކޮށްދޭއިރު، ހަންގަނޑު ރީތިވުމާއި، އުމުރުން ދުވަސްވުމުގެ އަލާމާތްތައް ކުޑަ ކޮށްދެއެވެ. އެހެންކަމުން މިއީ ގިނަ ބައެއްގެ ހިތްހަމަ ޖެހުމަކަށް ވެސް އެބަވެއެވެ.

ފަޅޮލަކީ ފައިބަރ އެކުލެވޭ މޭވާއަކަށް ވާއިރު، ޑައިޓް ކުރާ މީހުންނާއި، ފަލަނުވެ ވަކިވަރެއްގައި ހަށިގަނޑު ބެހެއްޓުމަށް މަސައްކަތް ކުރާ މީހުން ވެސް ކެއުމުގައި ބޭނުން ކުރުމަށް މުހިންމު މޭވާއެކެވެ. ހަލަބޮލިވެ އުޅޭ މިމާހައުލުގައި ހީވާގިކޮށް ހުރުމަށްޓަކައި ވެސް ފަޅޯ މުހިންމު ރޯލެއް އަދާ ކުރެއެވެ. އެއީ ފަޅޮޅަކީ ވިޓަމިން ސީ އާއި އޭ ވަރަށް ބޮޑަށް ވަރަށް ބޮޑަށް އެކުލެވިގެންވާ މޭވާއަކަށްވާތީއެވެ. އެހެންކަމުން އޮފީހުގެ މާހައުލުގައި ވެސް ފަޅޯ ކެއުން ބުއްދިވެރިއެވެ.

ފޮޅަލަކީ ގިނަ ބަލިތަކުން ދުރުކޮށްދޭ ޝިފާއެއް ގޮތުގައި ސިއްހީ މާހިރުން ސިފަކުރައްވާ

ފަޅޮލުގައި ވަރަށް ގިނައިން ވިޓަމިން ސީ އެކުލެވިގެންވާތީކަން ފާހަގަކުރައްވައި ޑރ އަބްދުލް އަޒީޒު ހަމީދު ވިދާޅުވެފައިވަނީ ވިޓަމިން ސީ އަކީ ދިފާއީ ބާރު ގަދަކޮށްދޭ އެއްޗަކަށްވާތީ އިންފުލުއެންޒާ އޭ، އަރިދަފުސް ރޯގާ، އަދި ނިއުމޯނިޔާ ފަދަ ބަލިތަކުން ދުރުކޮށްދޭ ކަމަށެވެ. މީގެ އިތުރުން ފަޅޮލުގައި ވިޓަމިން އޭ ހުރުމަކީ ވެސް ދިފާއީ ނިޒާމް ރަގަޅުކުރުމަށް ލިބޭ އިތުރު ބާރެއް ކަމަށާއި، ލޮލުގެ ދުޅަހެޔޮކަން ދެމަހައްޓާދޭ ކަމަށް ޑރ އަބްދުލް އަޒީޒު ހަމީދު ވިދާޅުވިއެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ފޮޅަލަކީ ގިނަ ބަލިތަކުން ދުރުކޮށްދޭ ޝިފާއެކެވެ.

އެގޮތުން މާބަނޑު ދުވަސްވަރު މޭނުބައި ކުރާކަމަށްވާނަމަ ދޮންފަޅޯ ކެއުމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވައެވެ. އެއީ މެނުބައިކޮށް ހޮނޑުލުމުން މީހާ ދުރުކޮށްދޭތީއެވެ.

މީގެ އިތުރުން ވެސް ހަކުރު ބައްޔާ ދެކޮޅަށް އަދި އާތުރައިޓްސް އިން ރައްކާތެރިވުމަށް ވެސް ފަޅޮލަކީ އެހީއެކެވެ. ހަޖަމު ކުރުމުގެ ނިޒާމު ރަނގަޅުކޮށް ދިނުން، އަންހެނުންގެ މައްސަރު މައްސަލަތައް ހައްލުކުރުމަށް އެހީވުން، ހިތުގެ މައްސަލަތަކާ ދެކޮޅަށް ފަޅޯ މުހިންމު ރޯލެއް އަދާކުރެއެވެ.

ފަޅޮލުން ލިބޭ ސިއްހީ ފައިދާތައް އެތައް ހާސް ގުނައަކުން އިތުރުވާއިރު، ކެއުމުގެ ސުފުރާގައި ދޮން ފަޅޯ ބަހައްޓާ ކޮންމެ ދުވަހަކު ވެސް އެއްފަހަރު ކެއުމުގެ ގޮތުގައި ފަޅޯ ބޭނުން ކުރުމަކީ މުހިންމު ކަމެކެވެ. ސްޓްރެސްތަކާ ދުރުވެ އުޖާލާ ދުވަހެއް ހޭދަ ކުރުމުގެ މަގުސަދުގައެވެ. ފަޅޯ މަޖާ މީރުވެގެން ކާ އުސޫލުން ސިއްހީ ގޮތުން ލިބޭ ފައިދާއަށް ވިސްނާ ދޮން ފަޅޯ ކެއުމުގައި ބޭނުން ކުރުން ވަރަށް ވެސް މުހިންމެވެ!

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް