ހޮނިހިރު 08 އޯގަސްޓު 2020
11 އަހުލިހަ
1441 ޒުލްޙައްޖު 18
ފަތިސް 04:47
އިރުއަރާ 06:02
މެންދުރު 12:16
އަސްރު 15:32
އިރުއޮއްސޭ 18:22
އިޝާ 19:36
ބޮޑުފިނޮޅު މައްސަލަ

ބޮޑުފިނޮޅު މަސައްކަތްތެރިންނަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދެނީ

  • މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅާނެ ކަމަށް ޕީއައިއެލްސީން ބުނޭ
  • 179 ބިދޭސީއެއްގެ މައުލޫމާތު ވަނީ އެއްކޮށްފައި
  • ދިވެހިންނަށްވެސް ގިނަ މަސްތަކެއްގެ މުސާރަ ނުލިބޭ

ކ. މާލެ | 4 ޖުލައި 2020 | ހޮނިހިރު 23:05 | 3,993

ޮޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން ބޮޑުފިނޮޅުގައި ތިބި ބިދޭސީންގެ މައުލޫމާތު އެއްކުރުމުގައި ހަރަކާތްތެރިވަނީ - ރާއްޖެއެމްވީ

ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑުފިނޮޅުގެ މަސައްކަތްތެރިންނަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ހިލޭ ސާބަހަށް މަސައްކަތްކުރާ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) ން ފަށައިފިއެވެ.

ބޮޑުފިނޮޅުގައި ހުރެ ރާއްޖެ.އެމްވީއާ ވާހަކަ ދައްކަވަމުން ޕީއައިއެލްސީގެ ވަކީލު މަރިޔަމް ޝުނާނާ ވިދާޅުވީ، އެ ޖަމިއްޔާއިން އެ ރަށުގައި ތިބި ބިދޭސީންނާ ބައްދަލުކޮށް އެ މީހުންގެ މުސާރާއާ އަދި އެހެނިހެން މައުލޫމާތު އެއްކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ބިދޭސީންގެ މުސާރަ އުޅެނީ 4،000 އާއި 6،000 ރުފިޔާއާ ދެމެދުގައި ކަމަށެވެ. ބޮޑުފިނޮޅުގައި މި ވަގުތު އެއްވެސް ދިވެއްސަކު ނެތެވެ. އެހެންވެ ޕީއައިއެލްސީން ދަނީ ދިވެހިންނާ ގުޅުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

އެ ރަށުގައި މި ވަގުތު ތިބި 179 ބިދޭސީންގެ މައުލޫމާތު އެއްކުރުމުގައި ބަންގްލަދޭޝް ހައިކޮމިޝަނުގެ ދެ އޮފިޝަލުންވެސް ވަނީ އެ ރަށުގައި ހަރަކާތްތެރިވެފައެވެ. ގިނަ ބިދޭސީންގެ ހަ މަހުގެ މުސާރަވެސް ނުލިބޭކަން ފާހަގަކުރައްވަމުން ޝުނާނާ ވިދާޅުވީ، އެއްކުރި މައުލޫމާތުގެ އިތުރަށް ބިދޭސީންގެ މައްސަލަތަކާއި ގުޅޭ ގޮތުން ލޭބަރ ރިލޭޝަންސް އޮތޯރިޓީ (އެލްއާރްއޭ) އާއި، ބަންގްލަދޭޝްގެ ހައި ކޮމިޝަނާއި، އެ ރަށުގެ ކޮންޓްރެކްޓަރު ރިޒް ޕްރައިވެޓް ލިމިޓެޑާއި، އަދި ރަށް ހަވާލުކޮށްފައިވާ ސީލް މޯލްޑިވްސްއިން މައުލޫމާތު ހޯދުމަށް ފަހު މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާނެ ކަމަށެވެ. އެ ބިދޭސީންނަކީ ވަރަށް ހާލުގައި ޖެހިފައިތިބި ފަރާތްތަކެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ދައުވާކުރަން ޖެހޭ ފަރާތްތަކާއި ދެކޮޅަށް ދައުވާ ކުރާނެ ކަމަށެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީންތަކަކަށް ލިބެންޖެހޭ މުސާރަ ނުލިބޭތީ، އެ މީހުން ވަނީ އެކަމާ ދެކޮޅަށް ހަޅުތާލުކޮށްފައެވެ. ބިދޭސީން ކުރި ހަޅުތާލު ގޯސްވެގެން ދިޔައީ އެ ރަށުގައި ތިބި ދިވެހިންތަކެއް ރަށުން ފައިބަން އުޅެނިކޮށެވެ. ހަޅުތާލުކުރި ބިދޭސީން ވަނީ ފައިބަން އުޅުނު ދިވެހިން ހުއްޓުވައި، އެ ރަށުގެ އެވަގުތު ތިބި 12 ދިވެހިން ރަހީނުކޮށްފައެވެ. އެއަށްފަހު އެ މީހުން ވަނީ އެ ރަށުގެ ތަކެއްޗަށް ގެއްލުންދީފައެވެ. ބިދޭސީންގެ އަތް ދަށުގައި ތިބި ދިވެހިން ސަލާމަތްކުރީ ހުކުރު ދުވަހު އެ ރަށަށް އެރި ފުލުހުންގެ ޓީމުންނެވެ. މައްސަލައިގައި ހިމެނޭ 19 ބިދޭސީއަކު ހައްޔަރުކޮށް އެ މީހުންގެ ބަންދަށް 15 ދުވަސް މިހާރު ވަނީ ޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އިސްމާޢީލް ޝާހް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.