ކ. މާލެ
|
2 ޖުލައި 2020 | ބުރާސްފަތި 12:34
ވިލިނގިލި ދާއިރާގެ މެމްބަރު ސަޢުދު ޙުސައިން
ވިލިނގިލި ދާއިރާގެ މެމްބަރު ސަޢުދު ޙުސައިން
ރައްޔިތުންގެ މަޖިލިސް
އިޒްރާއިލްގެ އަމަލުތައް ކުށްވެރިކުރުމަށް ގޮވާލުން
ފަލަސްޠީންގެ ރައްޔިތުންނަށް ދެމުންގެންދާ އަނިޔާތައް ހުއްޓާލުމަށް ގޮވާލާ ގަރާރެއް ހުށަހަޅައިފި
 
އިޒްރާއިލުގެ އަމަލުތައް ހުއްޓާލުމަށް ގޮވާލުމަކީ އިޒްރާއިލުގެ އަނިޔާވެރި އަމަލުތަށް ހުއްޓުވުމަށް ކުރެވޭނެ މަސައްކަތެއް
 
އިޒްރާއީލުގެ އަމަލުތައް ކުށްވެރިކުރުން މުހިއްމު

އިޒްރާއީލުން ފަލަސްޠީންގެ ބިންތަކަށް ވެރިވެ ގަތުމަށް ކުރަމުން ގެންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލުމާއި އެކު ފަލަސްޠީންގެ ރައްޔިތުންނަށް ދެމުންގެންދާ އިންސާނިއްޔަތާ ޚިލާފު އަނިޔާތައް ކުށްވެރިކޮށް އެ އަނިޔާތައް ހުއްޓާލުމަށް ގޮވާލާ ގަރާރެއް ހުށަހެޅުމަށް ވިލިނގިލި ދާއިރާގެ މެމްބަރު ސަޢުދު ޙުސައިން ނިންމަވައިފިއެވެ.

ސައުދު ހުށަހަޅުއްވާ މި ގަރާރަކީ އިޒްރާއީލުން ފަލަސްޠީންގެ ބިންތަކަށް ވެރިވެގަތުމަށް ވެގެންދާ މަސައްކަތް ހުއްޓުވުމަށް ގޮވާލާ، ފަލަސްޠީންގެ ރައްޔިތުންނަށް ދެމުންގެންދާ އިންސާނިއްޔަތާއި ޚިލާފް އަނިޔާތައް ކުށްވެރިކޮށް އެއަނިޔާތައް ހުއްޓާލުމަށް ގޮވާލާ، އަދި ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްކަމުގައި ބަލައިގަތުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލާ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖުލީހުން ދެކޭގޮތް ހާމަކުރުމަށް ހުށަހަޅާ ގަރާރެކެވެ.

މި ގަރާރުގައި ވާގޮތުން 1967 ވަނަ އަހަރު އެކުލަވާލި ފަލަސްތީނުގެ ސަރަޙައްދީ އިމުގެ ތެރޭގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށް، އެދައުލަތުގެ ވެރި ރަށަކީ އިރުމަތީ ގުދުސް ކަމަށް ދިވެހިރާއްޖެއިން އަބަދުވެސް ޤަބޫލުކުރާ އިރު، އިޒްރޭލުން ފަލަސްތީނުގެ އިތުރު ބިންތަށް ފޭރިގަނެ އެ ބިންތަކަށް ވެރިވުމަކީ ފަލަސްތީނާއި އިޒްރާއީލު ސުލްޙަވެރި ވަކި ދެދައުލަތެއް ގާއިމްކުރަން ކުރާ މަސައްކަތަށް އެޅޭ އިތުރު ހުރަހެއް ކަމަށެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް ކުރަމުންދާ މަސައްކަތާއި ފަލަސްތީނުގެ ރައްޔިތުންނާއި މެދު ހިންގާ ލާއިންސާނީ ޢަމަލުތައް ހުއްޓުމެއްނެތް ގޮތުގައި ތަކުރާރުވަމުން ދިއުމަކީ އިންސާނީ ކަރާމަތާއި، އިންސާނީ ޝަރަފް ނަގާލުންކަމަށް ސައުދުގެ ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން، އެއީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ކަނޑައެޅިގެން ޚިލާފް އަމަލުތަކެއްކަމުން، އެއަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލުމަކީ އިޒްރާއިލުގެ އަނިޔާވެރި އަމަލުތަށް ހުއްޓުވުމަށް ކުރެވޭނެ މަސައްކަތެއް ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

ގަރާރުގައި އިތުރަށް ބުނެފައިވަނީ ދިވެހިރާއްޖެ ބައިވެރިވެފައިވާ އެކުވެރި ދަޢުލަތްތަކުގެ ޖަމްޢިއްޔާ، އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކަށް ބޯނުލަނބާ މައްސަލައިގައި އެގައުމު ޖަވާބުދާރީކުރުވަން ބައިނަލްއަގްވާމީ މުޖްތަމަޢުއަށް ގޮވާލުމަކީވެސް މުޙިއްމު ކަމެއް ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަކީ އަބަދުވެސް ފަލަސްޠީންގެ އަޚުންނާއި އުޚްތުންނަށް ލޯބިކުރާ އަދި އަޚްވަންތަ ކަމާއި އުޚުއްވަތްތެރިކަން ދެމެހެއްޓުމަށް ކެނޑިނޭޅި އެތަކެއް މަސައްކަތްތަކެއް ކުރާ ބަޔެއް ކަމަށާއި މިފަދަ ހިތްދަތި ވަގުތެއްގައި ދިވެހި ރައްޔިތުން ތިބީ ފަލަސްޠީންގެ އަނިޔާ ލިބެމުންދާ ރައްޔިތުންނާއި އެކުގައިކަން ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖުލީހުން ހާމަކުރުމަކީ މުހިއްމު ކަމެއް ކަމަށް ވެސް ގަރާރުގައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
100%
0%
0%
0%
0%
0%
ކޮމެންޓް