ހޮނިހިރު 11 ޖުލައި 2020
11 ފުނޯސް
1441 ޒުލްގައިދާ 20
ފަތިސް 04:42
އިރުއަރާ 05:59
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
ކޮވިޑް-19: އެމްޕީއެލްގެ ހިދުމަތްތައް

ފުރަބަންދަށް ލުއި ދިނުން: އެމްޕީއެލުން މުދާ ކްލިއަރ ކުރެވޭނެ ވަގުތު އިތުރު ކޮށްފި

  • މާލޭގައި ހުރި އެމްޕީއެލް ޔާރޑްގައި މިވަގުތު ވެސް 3000އަށް ވުރެ ކޮންޓެއިނަރ އެބަހުރި
  • އާންމުކޮށް ގެންގުޅެނީ ޔާރޑްގައި ގެންގުޅެނީ 1000 އާއި 1500 އާދެމެދުގެ އަދަކަށް
  • ޖާގައިގެ ދަތިކަމާހުރެ ކޮންޓެއިނަރތައް ކްލިއަރ ކުރުމަށް އެދިފައިވޭ

ކ. މާލެ | 31 މެއި 2020 | އާދީއްތަ 16:17 | 2,603

މާލޭގެ ކޮމަރޝަލް ހާބަރު، އެމްޕީއެލް ސަރަހައްދު: ކޮންޓެއިނަރތައް ގިނަކަމުން ހިދްމަތް ދިނުމަށް އުނދަގޫތަކެއް ކުރިމަތިވާ ކަމަށް އެކުންފުނިން ބުނޭ - އެމްޕީއެލް

މާލެ ސަރަހައްދު ފުރަބަންދަށް ލުއިތަކެއް ދިނުމާއި ގުޅިގެން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ހިދުމަތް ދެވޭ ވަގުތު އިތުރު ކޮށްފި އެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޝާހިދު އަލީ ވިދާޅުވީ، ކޮވިޑް-19 ރޯގާ އާ ގުޅިގެން މާލެ ސަރަހައްދު ފުރަބަންދު ކުރުމާއި އަދި ރޯދަ މަހު އެމްޕީއެލްގެ ޚިދުމަތްތައް ދިނުމަށް ކަނޑައެޅި ވަގުތުތަކަށް ބަދަލު ގެނެސް، ފުރަބަންދަށް ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމާފައި ވާތީ، އެމްޕީއެލުން ދެމުންއައި ޚިދުމަތްތައް ދިނުމުގައި ވަގުތުތައް އިތުރުކޮށްފައިވާ ކަމަށެވެ.

އެގޮތުން، ޖޫން މަހުގެ އެއް ވަނަ ދުވަހުން ފެށިގެން 07:30 އިން ފެށިގެން ރޭގަނޑު 11:30 އާ ހަމައަށް ދެ ޝިފްޓަކަށް ބަހާލާފައިވާ ކަމަށެވެ. އަދި މުދާ ކްލިއަރ ކުރުމުގެ މަސައްކަތް ހެނދުނު 08:00 އިން ފެށިގެން ރޭގަނޑު 09:00 އަށް ކަމަށެވެ. އަދި މާލެ ކޮމަރޝަލް ހާބަރާއި ހުޅުމާލޭގައި ވެސް އެމްޕީއެލްގެ މަސައްކަތްތައް ހަމަ އެވަގުތުތަކުގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

މާލެ ފުރަބަންދު ކުރުމާއި ނިމިދިއަ ރަމަޟާން މަހާއި ގުޅިގެން އެމްޕީއެލްގެ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފައި ވެއެވެ. އެގޮތުން އެދުވަސްތަކުގައި އެމްޕީއެލުން ޚިދުމަތްދެމުން ދިޔައީ ހެނދުނު 8:30 އިން ހަވީރު 04:00 އަށެވެ. މުދާ އަރުވާ ބެލުމުގެ މަސައްކަތް ކުރަނީ ހެނދުނު 08:30 ފެށިގެން މެންދުރު ފަހު 01:00 އަށެވެ. އަދި އެދުވަސްތަކުގައި އެމްޕީއެލްގެ މަސައްކަތަށް އެންމެ މުހިންމު 168 ސްޓާފުން ސައިޓްތަކުގައި ލޮކްޑައުންގައި ތިބެ، ވަނީ މަސައްކަތް ކޮށްފަ އެވެ.

ޝާހިދު ވިދާޅުވީ މުދާ ކްލިއަރ ކުރުމަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކާއި ފައިސާ ދެއްކުމުގެ ޚިދުމަތް އިންޓަރނެޓް ނުވަތަ އޮންލައިންކޮށް ލިބިގެންދާނެ ކަމަށާއި އެހެންކަމުން އެފަދަ އިދާރީ ޚިދުމަތްތައް ހޯދުމަށް އެއްގޮތަކަށްވެސް އެމްޕީއެލްއަށް ވަޑައިގަންނަވަން ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުން ކުރެއްވުމަށް ވެސް ޚިދުމަތް ހޯއްދަވާ ފަރާތްތަކުގެ ކިބައިން ޝާހިދު ވަނީ އެދިވަޑައިގަންނަވާފަ އެވެ.

މީގެއިތުރުން ޝާހިދު ވިދާޅުވީ، މާލެ ސަރަހައްދު ފުރަބަންދު ކުރުމާ ގުޅިގެން ފުރަބަންދުގެ މުއްދަތުގައި އައިސްފައިވާ މުދާތަކުން ޑެމަރޭޖް ނުނަގަން ނިންމާފައިވީ ނަމަވެސް މެއި މަހުގެ 30 ވަނަ ދުވަހުން ފެށިގެން، ކުރިއަށް އޮތް 12 ދުވަހުގެ ތެރޭގައި ޑެމަރޭޖް އަރާފައިވާ މުދާ ނުގެންގޮސްފިނަމަ އެދުވަހުން ފެށިގެން ޑެމަރޭޖް އަރާނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ، ފުރަބަންދަށް ލުއި ދިނުމާއި ގުޅިގެން މުދާ ކްލިއަރ ކުރުމުގައި އިތުރު ފަސޭހަތަކެއް މުދާ ކްލިއަރ ކުރަން އަންނަ ފަރާތްތަކަށް ދެވިފައިވާ ކަމަށެވެ. އެހެންކަމުން ގިނަ ދުވަސް ވެފައިވާ ކޮންޓެއިނަރތައް މި 12 ދުވަހުގެ ތެރޭގައި ކްލިއަރ ކުރެއްވުމަށްވެސް ޝާހިދު ވަނީ އެދިލައްވާފަ އެވެ.

ޝާހިދު ވިދާޅުވީ މާލެ ކޮމަރޝަލް ހާބަރު ނުވަތަ އެމްޕީއެލް ސަރަހައްދުގެ ޖާގައިގެ ދަތިކަން ހުރުމުން، އަދި ހާއްސަކޮށް، ވަރަށް ގިނަ ކޮންޓެއިނަރތައް ހުސްނުކޮށް ހުރުމުން ވަރަށް ގިނަ ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ. އެގޮތުން އަލަށް އަންނަ ކޮންޓެއިނަރ ތަކާއި ހުރި ކޮންޓެއިނަރތައް ކްލިއަރ ކުރުުގައިވެސް ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ދިމާވާ ކަަށެވެ.

ޝާހިދު ވިދާޅުވީ، 12 ދުވަސް ފަހުން ޑެމަރޭޖް އަރާގޮތަށް ނިންމި މައިގަނޑު ސަބަބަކީވެސް، ޖާގައިގެ ދަތިކަމަށް ހައްލެއް ގަނައުމުގެ ގޮތުން ކަމަށެވެ.

ޝާހިދު ވިދާޅުވީ އާންމު ހާލަތުގައި އެމްޕީއެލްގެ ޔާރޑްގެ ތެރޭގައި އާންމުކޮށް ގެންގުޅެނީ 1000 ނުވަތަ 1500 ކޮންޓެއިނަރ ކަމަށާއި ނަމަވެސް ފުރަބަންދުގެ މިމުއްދަތުގެ ތެރޭގައި 3000އަށް ވުރެ މައްޗަށް އަރައިގެން ގޮސްފައިވާ ކަމަށެވެ. އެހެންކަމުން ކުންފުނީގެ އޮޕަރޭޝަންތައް ހިންގުމާއި ޚިދުމަތްތައް ދިނުން ފަދަ ކަންކަން ލަސްވެ، ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވަމުންދާ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.