ކ. މާލެ
|
25 މެއި 2020 | ހޯމަ 14:08
ހުޅުމާލެ މެޑިކަލް ފެސިލިޓީ އައިޖީއެމްއެޗާ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: މިމަސައްކަތުގެ ތެރޭގައި އުޅުނު ބަޔަކަށް ކޮވިޑް-19 ޖެހުނު، ނަމަވެސް މިހާރު ގިނަ މީހުން ބަލިން ރަނގަޅުވެފައިވޭ
ހުޅުމާލެ މެޑިކަލް ފެސިލިޓީ އައިޖީއެމްއެޗާ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: މިމަސައްކަތުގެ ތެރޭގައި އުޅުނު ބަޔަކަށް ކޮވިޑް-19 ޖެހުނު، ނަމަވެސް މިހާރު ގިނަ މީހުން ބަލިން ރަނގަޅުވެފައިވޭ
ހުޅުމާލެ މެޑިކަލް ފެސިލިޓީ
ކޮވިޑް-19 ހުޅުމާލެ މެޑިކަލް ފެސިލިޓީ ހެދުމުގެ މަސައްކަތުގެ ތެރެއިން ޕޮޒިޓިވްވި ގިނަ މީހުން ރަނގަޅު ވެއްޖެ
 
މިއީ 300 އެނދުގެ މެޑިކަލް ފެސިލިޓީއެއް، ހުރިހާ ވޯޑްތައްވެސް ތައްޔާރުކޮށްފައިވަނީ ވެންޓިލޭޓަރުގައި ވެސް ބަލިމީހުންނަށް ފަރުވާދެވޭގޮތަށް
 
ބަލި ޖެހުނު މީހުން އައިސޮލޭޝަނަށް ބަދަލުކޮށް، ޕޮޒިޓިވް ނުވާ މީހުން، ހަދަމުންދިޔަ މެޑިކަލް ފެސިލިޓީގައި ކަރަންޓީން ވެގެންތިބެ، މަސައްކަތް ކޮށްފައިވޭ
 
އެކަކު ސީރިސް ހާލަތަކަށް ދިޔަ، ނަމަވެސް މިހާރު އޭނާގެ ހާލަތު ރަނގަޅު

ހުޅުމާލެގައި ގާއިމު ކުރި މެޑިކަލް ފެސިލިޓީ ހެދުމުގެ ތެރޭގައި، އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވީ، މަސައްކަތް ކުރަމުން ދިޔަ ބައެއް މީހުން ކޮވިޑް-19 ރޯގާއަށް ޕޮޒިޓިވްވުން ކަމަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީން ގެނެސްދޭ ކޮވިޑް-19 ކަވަރޭޖަށް މައުލޫމާތު ދެއްވަމުން ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް ވިދާޅުވީ ކޮވިޑް-19 މެޑިކަލް ފެސިލިޓީގައި މަސައްކަތް ކުރަމުން ދިޔަ ބައެއް ސިފައިން ކޮވިޑް-19ށް ޕޮޒިޓިވް ވުމުން، ޕޮޒިޓިވްވި މީހުން އައިސޮލޭޝަނަށް ބަދަލުކުރި ކަމަށެވެ. އަދި ބަލި ނުޖެހޭ މީހުން އެތަނުގައި ކަރަންޓީން ވެގެން ތިބެ، މަސައްކަތް ކުރަމުން ދިޔަ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، އެ މަސައްކަތުގައި ސިފައިންގެ އިތުރުން، ސަރުކާރުގެ ބައެއް އިދާރާތަކާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މުވައްޒަފުންނާއި އަދި އަމިއްލަ ބައެއް ކުންފުނިތަކުގެ މީހުން ވެސް މަސައްކަތް ކުރަމުންދިޔަ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، މެޑިކަލް ފެސިލިޓީ ހެދުމުގެ މަސައްކަތުގައި އުޅުނު މީހުންގެ ތެރެއިން، ކޮވިޑް-19ށް ޕޮޒިޓިވްވި ސިފައިންގެ މީހުންގެ ތެރެއިން އެކަކު ސީރިއަސް ހާލަތަކަށް ދިޔަ ނަމަވެސް އޭނާގެ ހާލު މިހާރު ރަގަޅު ކަމަށެވެ. އަދި ޕޮޒިޓިވްވި ސިފައިންގެ މީހުންގެ ތެރެއިންގެ ގިނަ މީހުން މިހާރު އެބަލިން ރަނގަޅުވެ، އަލުން މަސައްކަތަށް ނިކުމެފައިވާ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ޕޮޒިޓިވްވެ، ރަނގަޅުވި ބައެއް ސިފައިން، މެޑިކަލް ފެސިލިޓީ އައިޖީއެމްއެޗާ ހަވާލުކުރުމަށް އާދިއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެފައިވާ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

މެޑިކަލް ފެސިލިޓީގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ 1 ވަނަ ދުވަހު އެވެ. އަދި އެޕްރީލް 25 ވަނަ ދުވަހު އެތަނުގައި މަސައްކަތް ކުރި ފަރާތްތަކުގެ ތެރެއިން ބައެއް މީހުން ޕޮޒިޓިވްވުމާއި ގުޅިގެން 76 ސިފައިން މި ފެސިލިޓީގައި ކަރަންޓީނު ވެގެންވެސް މަސައްކަތްކޮށްފައި ވެއެވެ.

ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލް ކައިރީގައި ހެދި މި މެޑިކަލް ފެސިލިޓީއަކީ ފަސް އިމާރާތެއްގެ މައްޗަށް އެކުލެވިފައިވާ، އެއްފަހަރާ 300 މީހުންނަށް ފަރުވާ ދެވޭނެ ފެސިލިޓީއެެއް ކަމަށެވެ. މިތަނުގައި ހިމެނޭ 5 އިމާރާތުގެ ތެރެއިން ހަތަރު ބުރިއަށް ހަދާފައިވާ އިމާރާތުގައި ހިމެނެނީ 228 އެނދުގެ މެޑިކަލް ވަރޑް ތަކެކެވެ. ދެވަނަ އިމާރާތަކީ 72 މީހުންނަށް ވަކިވަކިން ފަރުވާދެވޭނެ އިންތިޒާމު ހަމަޖައްސައިވާ ވަރޑް ތަކެކެވެ.

މިހުރިހާ ވޯޑްތައްވެސް ތައްޔާރުކޮށްފައި ވަނީ ވެންޓިލޭޓަރުގައި ވެސް ބަލިމީހުންނަށް ފަރުވާ ދެވޭގޮތަށެވެ. މި ފެސިލިޓީގައި ހިމެނޭ ތިން ވަނަ އިމާރާތަކީ މިތަނުގައި ފަރުވާދޭން ތިއްބަވާ ސިއްހީ އެހީތެރިންނަށް ތިބުމަށް ހާއްސަކޮށް ކޮށްފައިވާ 19 ކޮޓަރީގެ އެކޮމޮޑޭޝަން ބްލޮކެކެވެ. ހަތަރު ވަނަ އިމާރާތަކީ އިދާރީ މަސައްކަތް ކުރާނެ އޮފީހަކާއި ލޯންޑަރީ އެކެވެ. 5 ވަނަ އިމާރާތަކީ ހިނަވާ ގެއަކާއި ސިއްހީ އާލާތްތައް ނައްތާލުމަށް ބޭނުންކުރާނެ އޮޓޯކްލޭވާ އެކެވެ.

މިއީ ކޮވިޑް-19 ވައިރަސް ފެތުރި ގިނަ ޢަދަދެއްގެ މީހުންނަށް އެއްފަހަރާ ފަރުވާދޭން ޖެހިއްޖެ ޙާލަތަކަށް ތައްޔާރުވުމުގެ ގޮތުން ގާއިމު ކުރި މެޑިކަލް ފެސިލިޓީ އެކެވެ.

ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރުމަށް ޤާއިމު ކުރާ ފެސިލިޓީއަށް 40 މިލިއަން ޚަރަދު ކުރުމަށް ވަނީ ނިންމާފަ އެވެ. މެޑިކަލް ފެސިލިޓީއަށް ޚަރަދު ކުރާ 40 މިލިއަން ރުފިޔާގެ ތެރެއިން 12 މިލިއަން ރުފިޔާ އަކީ އެތަނުގެ ކޮންސްޓްރަކްޝަނަށް ހިނގާ ޚަރަދެވެ. އަދި ބާކީ 28 މިލިއަން ރުފިޔާ އަކީ އެތަނަށް ބޭނުންވާ ޞިއްޙީ އާލާތްތަކަށް ޚަރަދު ކުރާ ފައިސާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
100%
ކޮމެންޓް