ބުރާސްފަތި 04 ޖޫން 2020
02 މިއަހެލި
1441 ޝައްވާލް 12
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:31
އިރުއޮއްސޭ 18:17
އިޝާ 19:34
ކޮވިޑް-19 އާއެކު އިގްތިޞާދީ ހަރަކާތް ހިންގުން

ރާއްޖޭގެ އިގުތިސާދީ ހާލަތު: އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ

  • ދައުލަތަށް މއިަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 30 ބިލިއަން ރުފިޔާ، މިއަހަރު މިހާރު ލިބޭނެކަމަށް ލަފާކުރެވެނީ އެންމެ 12 ބިލިއަން ރުފިޔާ
  • އިގްތިޞާދު ހުއްޓިފައި އޮތުމުން، އަސަރު ނުކުރާ އެއްކަމެއް ވެސް ނެތް، ރަސްމީ ރިޒާވް ދަށްވުމާއި އިންފްލޭޝަން މައްޗަށް ދިއުން ހިމެނޭ
  • މިދިއަ 2019 ވަނަ އަހަރާ އަޅާބަލާއިރު މިއަހަރު ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭ އަދަދު 63 ޕަސެންޓަށް ދަށަށްދާނެ ކަމަށް ވޭ

ކ. މާލެ | 22 މެއި 2020 | ހުކުރު 16:12 | 1,871

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާ: މާރޗް 27 ފެށިގެން އޮންއެރައިލް ވިސާ ދިނުން ހުއްޓާލައި، ޓޫރިސްޓުން ރާއްޖެއަށް އައުން ވަނީ ބަންދު ކުރެވިފައި، އަންނަ ޖުލައި މަހުން ފެށިގެން އެއަރޕ - އެމްއެމްޕީއާރްސީ

މި ހިނގަމުންދާ 2020 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ގޮތުގައި 37.8 ބިލިއަން ރުފިޔާ ފާސްކުރި އިރު، އެބަޖެޓަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ 30 ބިލިއަން ރުފިޔާގެ ދެބައިކުޅަ އެއްބަޔާ ހަމައަށްވެސް އާމްދަނީ ނުލިބޭނެ ކަމަށް ލަފާ ކުރެވޭކަމަށް ދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކް ކަމަށްވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފައި ވާތީ، ރާއްޖޭގެ އިގްތިޞާދީ ޙާލަތު ވަރަށް ރަނގަޅަށް އެބަ ސިފަ ކުރެވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިޞާދަށް އަންނާނެ ބަދަލުތަކާއި، އަދި އިގްތިސާދު ރަނގަޅު ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމެޓީތަކަށް އެމްއެމްއޭއިންނާއި އިގްތިޞާދީ އަދި މާލީ އިދާރާތަކުން ފޮރުކޮށްދީފައިވާ މައުލޫމާތުތަކަށް ބަލާއިރު، ރާއްޖޭގެ އިގްތިޞާދު ބަރޯސާވެފައި ވަނީ ހަމައެކަނި ޓޫރިޒަމަށްކަން އެނގެ އެވެ. އަދި ދައުލަތުގެ ބަޖެޓުގެ އާމްދަނީގެ 80 ޕަސެންޓް ހިއްސާކުރަނީ ޓޫރިޒަމް ދާއިރާއިން ނެވެ.

މިދިއަ 2019 ވަނަ އަހަރު 1،702،888 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައި ވެއެވެ. މިއީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރާތް ކުރި އަހަރެވެ. އަދި އަހަރުން އަހަރަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކުރާ މިންވަރު އިތުރުވަމުން ދާތީ، މި ހިނގާ 2020 ވަނަ އަހަރު 1،859،350 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކުރަނެ ކަމަށް އަންދާޒާކޮށްފައި ވެއެވެ.

ނަމަވެސް ކޮވިޑް-19ގެ މި 'ޓްރެވަލް ބޭން' ގެ ސަބަބުން ރާއްޖެއަށް ޒިޔާރާތް ކުރާ ފަތުރުވެރިންގެ އަދަދު މިއަހަރުގެ މާރޗު މަހުގެ ތެރޭގައި ވަރަށް ބޮޑަށް ދަށްވި އެވެ. ހަމަ އެއާއެކު، 27 މަރޗު 2020 ވަނަ ދުވަހުން ފެށިގެން، އޮން އެރައިލަވް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލުމާއި ގުޅިގެން ފަތުރުވެރިކަން އިތުރަށް ހީނަރުވެގެން ދިޔައެވެ. މިގޮތުން 2020 ވަނަ އަހަރުގެ މާރޗު މަހުގައި ރާއްޖެއަށް ޒިޔާރާތް ކުރި ފަތުރުވެރިންގެ އަދަދު 2019 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 63 ޕަސެންޓް ދަށްވެފައި ވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ގާތްގަނޑަކަށް ހުއްޓި، އަދި ކުރިއަށް އޮތްތާނގައިވެސް، ކޮވިޑް-19ގެ ރޯގާއާ ގުޅިގެން، އަޅަންޖެހޭ ފިޔަވަޅުތަކާއި ދަތުރު ކުރުމަށް ދިމާވާނެ ދަތިތަކާއެކު، މިއަހަރު ޓޫރިޒަމުން މާބޮޑު އާމްދަނީ އެއް ލިބޭނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ. ހާއްސަކޮށް، ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެންމެ ތަޖުރިބާ ކާރުން ހިމެނޭ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ބުނާގޮތުން، ކޮވިޑް-19 ރޯގާއާ ގުޅިގެން ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަހުއްޓެވެ. އަދި މި ބަލިމަޑުކަމުގައި ޓްރެވަލް 'ކޮންފިޑެންސް' ލިބި، އާންމު ހާލަތަށް އައުމަކީ ނާދިރުކަމެއް ކަމެއްކަމަށް މަޓީން ބުންޏެވެ.

މަޓީން ބުނެފައިވާ ގޮތުންނަމަ، މިއަހަރު ނިމުމުގެ ކުރިން، ކޮވިޑް-19 ރޯގާއަށް ވެކްސިނެއް އުފެދިގެން އޭގެ ސަބަބުން ޓޫރިޒަމް އާންމު ހާލަތަކަށް އަންނާނެކަމަށް ނުފެންނާތީ އާއި އަދި ސޯސް މަރކެޓުތަކުގައި މިބަލީގެ ސަބަބުން އެ ގައުމުތަކުގެ އިގްތިޞާދީ ހާލަތަށް އަންނަ ބަދަލުތަކަށް ބަލައި، މިއަހަރު ބާކީ މިއޮތް ދުވަސްތަކަށް ފަތުރުވެރިކަމުގެ ސިނާއަތުން އާމްދަނީއެއް ލިބޭނެ ކަމަށް އުއްމީދު ނުކުރެވެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު މިހާލަތުގައި އޮތްއިރު، މިއަހަރު ލިބޭނެ ކަމަށް އަންދާޒާކުރި 30 ބިލިއަން ރުފިޔާގެ އާމްދަނީ ނުލިބި މިހާރު ލިބޭނެ ކަމަށް ލަފާ ކުރެވެނީ 12 ރުފިޔާ އެވެ.

ގައުމީ އުފެއްދުންތެރިކަން (ޖީޑީޕީ)

ގައުމީ އުފެއްދުންތެރިކަމަށް ވެސް މިވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. މިގޮތުން، 2019 ވަނަ އަހަރު ގައުމީ އުފެއްދުންތެރިކަން (ޖީޑީޕީ)، އަންދާޒާ ކުރެވޭ ގޮތުގައި، 2018 ވަނަ އަހަރާ އަޅާބަލާއިރު، 5.9 ޕަސެންޓްގެ ކުރިއެރުމެއް ހޯދާފައި ވެއެވެ. މީގެ މައިގަނޑު ސަބަބަކީ 2019 ވަނަ އަހަރުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތް ވަރަށް ބޮޑަށް ކުރިއަރާފައި ވާތީއާއި، ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުމުގައި، ރާއްޖެއަށް ޒިޔާރާތް ކުރި ފަތުރުވެރިންގެ އަދަދު 2018 ވަނަ އަހަރާ އަޅާބަލާއިރު، 2019 ވަނަ އަހަރު 15 ޕަސެންޓް ކުރިއެރުމެއް ހޯދާފައިވާތީ އެވެ.

ޖީޑީޕީއާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުން ތައްޔާރުކޮށްފައިވާ ސިނޭރިއޯތަކުން އަންދާޒާ ކުރެވެނީ، އެންމެ ބެސްޓް ކޭސް ސިނޭރިއޯގައި، 2020 ވަނަ އަހަރު ރާއްޖޭގެ ޖީޑީޕީ. 2019 ވަނަ އަހަރާ އަޅާބަލާއިރު، 7.7 ޕަސެންޓަށް ދަށްވާނެ ކަމަށެވެ. އަދި އެންމެ ވަރސްޓް ކޭސް ސިނޭރިއޯގައި، 2020 ވަނަ އަހަރުގައި ރާއްޖޭގެ ޖީޑީޕީ، 2019 ވަނަ އަހަރާ އަޅާބަލާއިރު، 17.7 ޕަސެންޓް ދަށަށް ދާނެ ކަމަށްވެސް ލަފާކުރެވެ އެވެ. އެހެންކަމުން މަޓީ ފަދަ އިގްތިޞާދީ ގުނަވަންތަކުން ލަފާކުރާގޮތުން، ފަތުރުވެރިކަމުން މިއަހަރު ބާކީ މިއޮތް ދުވަސްތަކުގައި އާމްދަނީއެއް ނުލިބޭނެ ކަމަށް ބުނާއިރު، ރާއްޖޭގެ ޖީޑީޕީ ވެސް 17.7 ޕަސެންޓަށް ދަށްވުމަކީ އެކަށީގެންވާ ކަމެކެވެ. މިއަހަރުގެ ތެރޭގައި ރާއްޖޭގެ ޖީޑީޕީ 2019 ވަނަ އަހަރާ އަޅާބަލާއިރު 7.5 ޕަސެންޓަށް ކުރިއަރާނެ ކަމަށް 2020ގެ ދައުލަތުގެ ބަޖެޓުގައި ލަފާކޮށްފައި ވެއެވެ. އެހެންކަމުން މިދިޔަ އަހަރަށް ވުރެން 7.5 ޕަސެންޓްގެ ކުރިއެރުމެއް ލިބޭނެ ކަމަށް ލަފާކުރި ގައުމީ އުފެއްދުންތެރިކަން، 17.7 ޕަސެންޓް ދަށްވާނެ ކަމަށް މިހާރު ލަފާ ކުރެވެއެވެ. މިއީ، ރާއްޖޭގެ އިގްތިޞާދަށް އަންނާނެ ވަރަށް ބޮޑު ލޮޅުމެކެވެ.

އިންފްލޭޝަން:

ކަމާބެހޭ އިދާރާތަކުގެ މައުލޫމާތު ތަކަށްބަލާއިރު، އިންފްލޭޝަނަށް ވެސް ކޮވިޑް-19 ރޯގާއާ ގުޅިގެން ބަދަލުތަކެއް އަންނާނެ އެވެ. މިއަހަރުގެ ބަޖެޓުގައި އިންފްލޭޝަން ހުންނާނެ ކަމަށް ލަފާކޮށްފައި ވަނީ އެވްރެޖްކޮށް، 1.0 ޕަސެންޓްގަ އެވެ. އިންފްލޭޝަނަށް ބަދަލުތަކެއް އަންނާނެ ކަމަށް ލަފާކުރެވެނީ، ރާއްޖޭގެ އިގްތިޞާދަށް އަންނަ ލޮޅުމުގެ ސަބަބުން، އިގްތިޞާދަށް އެތެރެވަމުންދާ ބޭރު ފައިސާ މަޑުޖެހި، މުދަލާއި ތަކެތި އިމްޕޯޓް ކުރުމަށްޓަކައި ބޭނުންވާ ޑޮލަރު ހޯދުމުގައި ދަތިތަކެއް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލު ކުރެވޭތީ އެވެ. މިހާލަތުގައި ޑޮލަރުގެ އަގު އުފުލި، ތަކެތީގެ އަގުތަށް އަންދާޒާކޮށްފައިވާ މިންވަރަށްވުރެ މަތިވުމަކީ އެކަށީގެންވާ ކަމެކެވެ. ނިމިދިޔަ 2019 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގެ އެވްރެޖްކޮށް އިންފްލޭޝަން ރޭޓް ހިފެހެއްޓިފައި ވަނީ 0.2 ޕަސެންޓްގަ އެވެ.

ދައުލަތުގެ ރަސްމީ ރިޒާވް:

އެމްއެމްއޭއިން ހާމަކޮށްފައިވާ ލިޔުންތަކުން އެނގޭގޮތުގައި، މިއަހަރުގެ މާރޗް މަހުގެ ނިޔަލަށް ރާއްޖޭ ރަސްމީ ރިޒާވް 2019 ވަނަ އަހަރުގެ މާރޗު މަހާ އަޅާބަލާއިރު ދަށްވާނެ ކަމަށް ބެލެވިފައި ވެއެވެ. އެގޮތުން 4 ޕަސެންޓް ދަށްވާނެ ކަމަށް ބެލެވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ހީނަރުކަމެއް އައިސްފައި ވާތީ، އަދި ރާއްޖޭގެ އިގްތިޞާދަށް އެތެރެވާ ބޭރު ފައިސާގެ ބޮޑު އިންސައްތައަކީ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ޑޮލަރު އާމްދަނީ ކަމަށްވާއިރު، ކޮވިޑް-19 އާ ގުޅިގެން، އިގްތިޞާދަށް އެތެރެވާ ބޭރު ފައިސާގެ މިންވަރު މިވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެހަމައެއާއެކު، ރާއްޖޭގެ ރަސްމީ ރިޒާވަށް އިތުރުވާ ފައިސާގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކުހާއި ފީގެ ގޮތުގައި ލިބޭ ބޭރު ފައިސާ ކަމަށްވާއިރު، ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ޓެކުހާއި ފީ ދަށްވެއްޖެނަމަ، ރިޒާވްއަށް ބޭރު ފައިސާ އިތުރުވާ މިންވަރު މަދުވެގެންދާނެ އެވެ. އެހެންކަމުން، 2020 ވަނަ އަހަރުގެ ބަޖެޓަށް ސަރުކާރުން އަންދާޒާކޮށްފައިވާ މިންވަރަށް ޓެކުހާއި ފީގެ ގޮތުގައި ލިބޭ ބޭރު ފައިސާ ނުލިބި، މިއަދަދު ވަރަށް ބޮޑަށް ދަށްވެއްޖެ ކަމުގައިވާނަމަ، އަންދާޒާ ކޮށްފައިވާ މިންވަރުގައި، ރަސްމީ ރިޒާވް އަދި ޔޫޒަބަލް ރިޒާވް ހިފެހެއްޓުން ވެގެންދާނީ ދަތިކަމަކަށެވެ.

މިފަދަ ހާލަތެއްގައި، ޑޮލަރުގެ އަގު ނުވަތަ އެކްޗޭންޖް ރޭޓް މަރކެޓުގައި އުފުލުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ސަބަބަކީ ޑޮލަރުގެ ޑިމާންޑާ އެއްވަރަށް މަރކެޓަށް ޑޮލަރު ސަޕްލައި ކޮށްދިނުމަށް މި ހާލަތުގައި އުނދަގޫވެގެން ދާނެތީ އެވެ.

ކޮވިޑް-19 ރޯގާއާ ގުޅިގެން ދުނިޔޭގެ އިގްތިޞާދު ވެއްޓެމުން ދާއިރު، ފަތުރުވެރިކަމުގެ ސިނާއަތަކީ އެންމެބޮޑަށް އަޑިއަޅާނެ ސިނާއަތް ކަމަށް ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމްއިއްޔާ ޔޫއެންޑަބްލިއުޓީއޯ އިން ހާމަކޮށްފައި ވެއެވެ. އެގޮތުން އެޖަމިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި، އިންޓަރނޭޝަނަލް އެރައިވަލްސް 20-30 އިންސައްތައަށް 2020 ގައި ދަށަށް ދާނެކަމަށް ލަފާކޮށްފައި ވެއެވެ. އެއީ، 2019 ވަނަ އަހަރު ފަތުރުވެރިކަމުން ލިބިފައިވާ އާމްދަނީއާ އަޅާބަލާއިރު، 400-300 ޓްރިލިއަން ޑޮލަރުގެ ގެއްލުމެއްކަމަށްވެސް ހާމަކޮށްފައި ވެއެވެ.

ކަންމިހެންހުރިމާއެކު، ރާއްޖެއަށް ވަންނަ އާމްދަނީގެ 80 ޕަސެންޓް ހިއްސާކުރާ ފަތުރުވެރިކަމަށް އައިސްފައިވާ ބޮޑު ލޮޅުމާއެކު ރާއްޖޭއަށް އާމްދަނީއެއް ވަންނާނެ އިތުރު ދޮރެއް، ނުވަތަ އިތުރު އުފެއްދުންތައް އުފެއްދިފައި ނެތުމަކީ ހިތާމަހުރި ކަމެކެވެ.

މިހާލަތުގައި ވެސް ރާއްޖޭގެ އިގްތިޞާދު ހިންގާލެވޭތޯ، އިކޮނޮމިކް މިނިސްޓްރީންނާއި ޓޫރިޒަމް މިނިސްޓްރީން ގަދައަޅާ މަސައްކަތް ކުރަމުން އެބަދެއެވެ. އަންނަ ޖުލައި މަހުން ފެށިގެން ރާއްޖޭގެ މައި އެއަރޕޯޓް ހުޅުވައި ރާއްޖޭ ބޯޑަރު ހުޅުވާލުމާއެކު، ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމާމެދު ޝައްކެއް ނުކުރަމެވެ. އަދި މިއަހަރުގެ ބާކީ މިއޮތް ދުވަސްތަކުގައި ނުވަތަ މިއަހަރުގެ ފަހު ކުއާޓަރ އަދި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރ ވެގެންދާނީ ރާއްޖެއަށް އެކަށީގެންވާ ރަނގަޅު އާމްދަނީ ވަންނާނެ ދެ ކުއާޓަރ ކަމަށް ގަބޫލު ކުރެވެ އެވެ.

މިދަނޑިވަޅުގައި އެންމެ މުހިއްމު ކަމެއް ދޭންޖެހޭނީ، ކޮވިޑް-19 އާއެކު ދިރިއުޅުމާއި، އިގްތިޞާދު ހިންގާނެ ގޮތެކެވެ. ދުނިޔެއިން ކޮވިޑް-19 ނެތިދަންދެން ބަލަން ތިބުމަކީ މޮޔަކަމެކެވެ. ސަބަބަކީ ދުނިޔޭގައި އާބާދީގައި 7 ބިލިއަން މީހުން އުޅޭއިރު، އޭގެ ތެރެއިން ބަލި ޖެހިފައިތިބޭ މީހުން ދެނެގަތުމަކީ އުނދަގޫ ކަމަކަށް ވުމެވެ. އެއަށްވުރެ، ކޮވިޑް-19 އާއެކު އުޅެން ދަސްކުރަންވީ އެވެ. ބޯޑަރުތަކާ ހަމައިން ސްކްރީން ކުރެވި، ޓެސްޓްކުރެވި، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކުރިއަށްދާންވީ އެވެ. ކޮވިޑް-19 ރޯގާ އުޅޭތީއޭ، ކޮވިޑް-19 ފެތުރެނިއްޔޭ ކިޔައިގެން، މުޅި ގައުމު އަބަދު ފުރަބަންދުކޮށްގެން، އެންމެ ގޭގައި ތިބުމަކީ ހައްލެއް ނޫނެވެ. މިފަދަ ރޯގާ ޖެހިގެންނާއި އެހެނިހެން ބަލިތަކުގައި މީހުން މަރުވެއެވެ. ކޮވިޑް-19 ރޯގާއިން ރައްކާތެރިވެވޭނެ ގޮތްތަކެއް ހުރެ، އަދި މިބަލީގައި މަރުވާ މީހުން، ނިސްބަތުން ވަރަށް ބޮޑަށް މަދުކަމާއި ބަލިޖެހުމަށް ފަހު ރަނގަޅުވާ މީހުން، ނިސްބަތުން މާބޮޑުތަނުންވެސް އިތުރުވަމުންދާތީ، މިބައްޔަކީ "މަރު ބައްޔެއް ނޫން"ކަން އެނގެއެވެ. އަދި ބަލި ޖެހޭ މީހުންނަށް ފަރުވާ ދިނުމާއި ވެންޓިލޭޓަރަށް ލާންޖެހޭ ބަލީހުން ވެންޓިލޭޓަރަށް ލާން، ވެންޓިލޭޓަރު ފަދަ ވަސީލަތްތަކާއި ބައްޔަށް ފަރުވާދޭން، ބޭސް ހޯދޭނީވެސް އިގްތިޞާދީ ހަރަކާތް ހިންގައިގެންނެވެ. ފައިސާ ހޯދައިގެންނެވެ. ކުރެވޭނެ ކަންކަން ހުރެ، ގައުމު ފުރަބަންދުކޮށްގެން، ރައްޔިތުން ބަނޑުހައިހޫނުކަން ފިލުވާލެވޭނެ ހާލަތެއްވެސް ނެތި، ހިތްދަތި ހާލަތަކަށް ގައުމު ދޫކޮށްލުމަކީ މާބޮޑު ހިތްދަތި ކަމެއް ނޫންތޯ އެވެ. ހަގީގަތަކީ، ކޮވިޑް-19 އާއެކު މިއައި 'ނިއުނޯމަލް' އަކީ މާކުރިންވެސް އަންނަޖެހޭ އެއްޗެކެވެ. މިއާދަތަކަކީ، ކޮންމެ ގައުމެއްގެ ވެސް ޕަބްލިކް ހެލްތަށް އަމާޒުކޮށް ރައްޔިތުންގެ މެދުގައި އަށަގަންނުވަން ޖެހޭ އާދަތަކެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.