މާތްވެގެންވާ އިސްލާމް ދީނުގައި ސަބަބުތަކުގައި ހިފުން މާނަ ކުރެވެނީ ހަމައެކަނި ބޭސް ފަރުވާ ކުރުމަށް ނޫން ކަމަށާއި، އޭގެ ތެރޭގައި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލެންބުންވެސް ހިމެނޭކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައި އޮތް އޮތުމަށް ބަދަލު ގެނެސް، ހުކުރު ނަމާދުން ފެށިގެން 'ލޮކްޑައުން' ގައި ނެތް ރަށްރަށުގައި ޖަމާޢަތުގައި ނަމާދުކުރަން ފަށާފައި ވާއިރު، މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ "ރަމަޟާން މަހަށް ފަހުވެސް ހެޔޮ އަމަލު ކުރުން މަތީ ދެމިތިބުން" މި މައުޟޫގެ މައްޗަށެވެ.
އެގޮތުން ޚުތުބާގައި ބުނީ، ބަލިމަޑުކަމުގެ މިފަދަ ދަނޑިވަޅެއްގައި ސަބަބުތަކުގައި ހިފުން މާނަ ކުރެވެނީ ހަމައެކަނި ބޭސް ފަރުވާ ކުރުމަށް ނޫން ކަމަށެވެ. އެއާއެކު ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލަނބައި އެއަށް އަމަލު ކުރަންވެސް ޖެހޭނެކަން ޚުތުބާގައި ފާހަގަކޮށްފައި ވެއެވެ.
ފުރަތަމަ ކަމަކީ ކެތްތެރިވުން، އެއާއެކު ފަރުޟު ފަސް ނަމާދަށް ފަރުވާ ބެހެއްޓުމާއި، ސަޖިދައިގައި ގިނަ ގިނައިން ފާފަ ފުއްސެވުން އެދި ދުއާ ކުރުމާއެކު ސަބަބުތަކުގައި ހިފުން، ސަބަބުތަކުގައި ހިފުމަކީ ބޭސް ކުރުން އެކަންޏެެއް ނޫން، އޭގެ އިތުރުން ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުވެސް ކުރުން،ހުކުރު ޚުތުބާ
ޚުތުބާގައި އިތުރަށް ބުނީ، ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމާއި، އާންމު ސާފުތާހިރުކަމަށް އިސްކަން ދިނުމުގެ އިތުރުން، ގައިދުރުކަން ބެހެއްޓުމަށްވެސް ޚާއްސަ އިސްކަމެއް ދޭން ޖެހޭނެ ކަމަށެވެ. އަދި ކޮންމެހެން ޒަރޫރީ ބޭނުމެއްގައި މެނުވީ ބޭރަށް ނުދިއުމަށްވެސް ޚުތުބާގައި ގޮވާލާފައި ވެއެވެ.
އޭގެ އިތުރުން، އީދު ނަމާދުގެ ކުރިން ފިތުރު ޒަކާތް ނެރުމާއި، ޝައްވާލު މަހުގެ ހަ ރޯދަ ހިފުމަށް އިސްކަން ދިނުމަށްވެސް ޚުތުބާގައި ގޮވާލާފައި ވެއެވެ. އަދި މި ދަނޑިވަޅުގައި ޖަމާއަތުގައި ނަމާދު ނުކުރެވޭ ރަށްރަށުގެ މީހުންވެސް ގޭގައި ބަރާބަރަށް ނަމާދުކޮށް، އަޅުކަންތައް އަދާ ކުރުމަށް އިސްކަން ދިނުމަށް އިލްތިމާސް ކޮށްފައި ވެއެވެ.