ކ. މާލެ
|
19 މެއި 2020 | އަންގާރަ 08:43
މާލޭގައި ސާމްޕަލް ނެގުމަށް އާރުއާރުޓީމުން ހަރަކާތްތެރިވަނީ
މާލޭގައި ސާމްޕަލް ނެގުމަށް އާރުއާރުޓީމުން ހަރަކާތްތެރިވަނީ
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
ރެޕިޑް ރެސްޕޯންސް ޓީމު، ގޮންޖެހުންތަކާއެކު ކުރާ މަސައްކަތަށް ސާބަސް ހައްގު
 
މާލެ ލޮޮކްޑައުންގައި އޮތް ނަމަވެސް ޓްރެފިކްގައި ޖެހުމުގެ އުނދަގޫ ވެސް އާރްއާރްޓީ އަށް ކުރިމަތިވޭ
 
ތޮއްޖެހިގެން މީހުން އުޅޭ 41 ތާކުން ސާމްޕަލް ނަގާފައިވޭ
 
އާރުއާރުޓީން 10،000 ސާމްޕަލް ނަގާފައިވޭ

ކޮވިޑް-19 އާ ގުޅިގެން މިހާރު ކުރިޔަށްދާ ކޮންޓެކްޓް ޓްރޭސިންގ މަސައްކަތްތައް ކުރުމާއި ސާމްޕަލް ނެގުމާއި، އެކްޓިވް ސަރވައިލަންސާއި، ބަލި ފެތުރިދާނެ ހެން ހީވާ ތަންތަނުގައި ކުރިޔަށް ގެންދާ ކޮމިޔުނިޓީ އެސެސްމަންޓް ތަކުގައި ހަރަކާތްތެރި ވަމުންދަނީ ރެޕިޑް ރެސްޕޮންސް ޓީމް( އާރުއާރުޓީ) އެވެ. އެޓީމުގެ ފަރާތުން ގޮންޖެހުންތަކާއެކު ކުރިޔަށް ގެންދާ ބުރަ އަދި ނުރައްކާތެރި މިކަންތައްތަކުގެ މައުލޫމާތު އެ ޓީމުގެ ފަރާތުން މިވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފަ އެވެ.

އާދިއްތަ ދުވަހުގެ ރޭ ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެޓީމުގެ ފަރާތުން ވާހަކަ ދައްކަވަމުން އަބްދުލް ހަމީދު ވިދާޅުވީ އާރުއާރުޓީ އަކީ 24 ގަޑިއިރު ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާ ޓީމެއް ކަމަށެވެ. އާރުއާރުޓީ ގެ ފަރާތުން މީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާއިރު އެޓީމުގެ ފަރާތުން ސައިކޯ ސޯޝަލް ސަޕޯޓް ދޭންޖެހޭ މީހުންނަށް އެ ކަމުގެ އެހީތެރިކަންވެސް ދެމުން އަންނަ ކަމަށެވެ. އަދި ދާ ތަންތަން ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތްވެސް ކުރަނީ ހަމަ މިޓީމެވެ.

އާރުއާރުޓީ އެއް ފުރިހަމަވަނީ މިއެންމެން ހަމަވުމުންނެވެ. މީގެއިތުރުން ބަލި މީހުން ތަންތަނަށް ޓްރާންސްފަރ ކުރުމާއި ކޮވިޑް-19 އަށް ޕޮޒިޓިވްވާ ބަލި މީހުން އަދި އައިސޮލޭޝަނަށް ގެންދަންޖެހޭ މީހުންގެ ކަންކަންވެސް ކުރަނީ މި މީހުންނެވެ. އެހެންކަމުން މާލެ ސަރަހައްދުގައި ޕީޕީއީ ލައިގެން މިޓީމު މަގުތަކުގައި ހަރަކާތްތެރިވާ މަންޒަރު ގިނައިން ފެނެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުލް ހަމީދު ވަނީ މިޓީމުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކުގެ އަދަދުތައް ހާމަކުރައްވާފަ އެވެ.

މިހާތަނަށް އައިއިރު 10،000 ސާމްޕަލް ނެގިފައިވޭ. ޕެންޑިންގ ގައި ސާމްޕަލް 400 ވަރު އުޅޭނީ. 72 ގަޑީރުގެ ބެކްލޮކެއް އެއީ. އެއަށްވުރެ ކުޑަކުރެވޭތޯ އަބަދުވެސް ބަލަން. ޕޮޒިޓިވް ޕޭޝަންޓުގެ މޫވްމަންޓަށް ބަލާއިރު 400 ގާތްކުރާ ޕޮޒިޓިވްވާ ޕޭޝަންޓު މޫވްކުރެވުނު. 800 ޕޭޝަންޓުން މޫވްކުރުން.
އަބްދުލް ހަމީދު
އާރުއާރުޓީމުން ހަރަކާތްތެރިވަނީ

އަބްދުލް ހަމީދު ވިދާޅުވީ ބެކްލޮކްގައި ހުންނަ ސާމްޕަލްތައް ނެގުން އަވަސްކުރުމުގެ ގޮތުން މިހާރު ހަނި ގޯޅި ތަކުގައި ހުންނަ ގެތަކަށް ދިޔުމުގައި ބަގީގައި މަސައްކަތްކުރަން ފަށާފައިވާ ކަމަށެވެ. އޭރުން އަވަހަށް ތަންތަނަށް ދިޔުމަށް މަގުފަހިވެގެންދާނެ ކަމަށާއި ނަމަވެސް މި ދުވަސްވަރަކީ މާލެއަށް ބޯކޮށް ވާރޭ ވެހޭ ދުވަސްވަރަކަށް ވުމުން އަދި ބަގީގެ ބޭނުން ނުކުރާ ކަމަށް އަބްދުލް ހަމީދު ވިދާޅުވި އެވެ.

މީގެއިތުރުން މި ޓީމަކީ ސާމްޕަލް ނެގުމަށްޓަކައި ކިތަންމެ މަތީ ފްލޯ އަކަށް އަރަންޖެހުނަސް އެކަން ކުރަމުންދާ ޓީމެކެވެ. އެހެންކަމުން އެކަމަށް ދާ ވަގުތު ސަލާމަތްކުރުމުގެ ގޮތުން މިހާރު ކޮންމެ ގެއެއްގެވެސް ގްރައުންޑް ފްލޯރ އަށް ސާމްޕަލް ނެގުމަށް އައުމަށް އެދޭ ކަމަށް އަބްދުލް ހަމީދު ވިދާޅުވި އެވެ. މިކަމަށް އާންމުންގެ ފަރާތުން އެއްބާރުލުން ލިބެމުންދާކަންވެސް އަބްދުލް ހަމީދު ފާހަގަކުރެއްވި އެވެ.

އަނެއްކޮޅުން މިޓީމުން ކުރިޔަށް ގެންދާ ކޮމިޔުނިޓީ ސަރވޭ އަކީ ވަކިން ޚާއްސަކޮށް ބަންގްލަދޭޝް މީހުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ސަރވޭ އެކެވެ. އެއްތަނެއްގައި ތޮއްޖެހިގެން ދިރިއުޅެމުންދާ މީހުންނަށް ޚާއްސަކޮށްގެން ކުރިޔަށް ގެންދާ މިސަރވޭގައި އެތާ އުޅޭ މީހުންގެ އަދަދާއި ބަލީގެ އަލާމަތްތައް ހުރި މީހުން ދެނެގަތުމަށް މިޓީމުން މަސައްކަތް ކުރާނެ އެވެ. އަދި އަލާމާތްތައް ފެންނަ މީހުންގެ ސާމްޕަލް ނަގާއިރު މިހާތަނަށް އައިއިރު މިފަދަ 41 ތާކުން ސާމްޕަލް ނަގާފައި ކަމަށް އަބްދުލް ހަމީދު ވިދާޅުވި އެވެ.

މީގެއިތުރުން އާރުއާރުޓީން މިފަހަކަށް އައިސް އަންނަނީ 'ޓާގެޓެޑް' ސާމްޕަލްތަކެއް ނަގަމުންނެވެ.

އެކްޓިވް ސަރވިއަލަންސްގެ ގޮތުގައި ހިމެނޭ ފުޑް ޑެލިވަރީ ކުރާ މީހުން، ސަޕްލައި ޗެއިން ގައި މަސައްކަތްކުރާ މީހުން ، ޓެކްސީ ދުއްވާ މީހުން ބޯޓުތައް ނުވަތަ ދޯނި ފަހަރުގައި މަސައްކަތްކުރާ މީހުން ކަންމަތީ ފިހާރަތައް އަދި ސުޕަމާކެޓް އަދި ކިޔުގައި ތިބޭ މީހުން، އުމުރުން ދުވަސްވީ މީހުން އަދި އާންމުން ގެ ސާމްޕަލް ނަގަމުން އަންނަނީ. އެކި ދުވަސް ދުވަހު އެކި ފަރާތްތަކަށް ޚާއްސަ ވެގެން ޓެސްޓިން މަސައްކަތްކުރަނީ. ޓެސްޓް ކުރުމުގައި ކަންބޮޑުވުން ހުރޭ ޓެސްޓް ކުރަން ދާން ބުނެފައި ލަސްތަކެއް ހުންނާތީ
އަބްދުލް ހަމީދު

އަބްދުލް ހަމީދު ވިދާޅުވީ ކަމަކީ ބުރަ ކަމަކަށްވެފައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭތީ އެކަމަށް ވަގުތުތަކެއް ނަގާ ކަމަށެވެ. އެގޮތުން ސާމްޕަލް ކޮންމެ ގެއަކުން ނެގުމަށް ފަހު އެހެން ތާކުން ސާމްޕަލް ނެގުމަށް ޓީމު ދާނީ ޕީޕީއީ ބަދަލު ކުރުމަށް ފަހު ކަމަށް އަބްދުލް ހަމީދު ވިދާޅުވި އެވެ. އަދި މިގޮތަށް ޕީޕީއީ ބަދަލުކޮށްގެންވެސް އެއް ޓީމަކަށް މަސައްކަތް ކުރެވޭނީ ވަކި މިންވަރަކަށް ކަމަށް އަބްދުލް ހަމީދު ވިދާޅުވި އެވެ.

އެ ޓީމު އެގްޒޯސްޓްވާނެ ނުވަތަ އެ ޓީމުގެ ލިމިޓް ހަމަވާނެ ވަކި އަދަދަކަށް ސާމްޕަލް ނެގުނީމާ. އެ މީހުން އަނެއްކާ ޖެހޭނީ އަނބުރާ އަޅުގަނޑުމެންގެ ލެންގުއޭޖުން ނަމަ ޑޯފް ކުރަން،
އަބްދުލް ހަމީދު
މާލޭގައި ރޭންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްކުރަނީ

އަބްދުލް ހަމީދު ވިދާޅުވި ގޮތުގައި އާރްއާރްޓީމު ތަކުގައި މަސައްކަތްކުރާ މީހުންނަކީ ނުރައްކަލަށް ހުށަހެޅިފައިވާކަން އެނގި ތިބެ ވަރަށް ހިތްވަރާ އެކު ހަރަކާތްތެރިވާ ބައެކެވެ. އެހެންކަމުން މިމީހުން ލިބުމުގައި ވެސް ދަތިކަން އެބަހުރި ކަމަށް އަބްދުލް ހަމީދު ވިދާޅުވި އެވެ.

މީގެއިތުރުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އެއްތަނުން އަނެއް ތަނަށް ބަދަލުކުރާ އިރު އަދި ސާމްޕަލް ނަގާއިރު އެ މީހުންގެ ޒާތީ މަައުލޫމާތު ރައްކާތެރި ކުރުމަކީ ވެސް ބައެއް ފަރާތްތަކުގެ އަމަލުތައް ހުންނަ ގޮތުން ގޮންޖެހުމެއް ކަމަށް އަބްދުލް ހަމީދު ވިދާޅުވި އެވެ. އެގޮތުން ބަލިމީހާގެ ފޮޓޯ ނެގުމާއި ވީޑިއޯ ކުރުން ފަދަ ކަންތައްތައް ކުރަން ބައެއް މީހުން މަސައްކަތް ކުރާ ކަމަށް ހަމީދު ވިދާޅުވި އެވެ.

އަދި ކަންތައްތައް ހުއްޓުވުމަށް މަސައްކަތްކުރުމުން އާރްއާރްޓީމަށް ފުރައްސާރަ ކުރިމަތިވާ ކަމަށާއި އެކަން ހިތާމަޔާއެކު ފާހަގަކުރާ ކަމަށް އަބްދުލް ހަމީދު ވިދާޅުވި އެވެ.

މިޓީމަށް ދެން ކުރިމަތިވާ އަނެއް ގޮންޖެހުމަކީ މާލޭގައި ގެތައް ހުންނަ ގޮތުން، އެ ގެތަކަށް ވަދެ ސާމްޕަލް ނަގަން ޖެހޭ މީހުންނާ ހިސާބަށް ވާސިލު ވުމުގައި ކުރިމަތިވާ އުނދަަގޫތަކެވެ. ހަމީދު ވިދާޅުވި ގޮތުގައި މާލެ ލޮޮކްޑައުންގައި އޮތް ނަމަވެސް ޓްރެފިކްގައި ޖެހުމުގެ އުނދަގޫ ވެސް އާރްއާރްޓީ އަށް ކުރިމަތިވެ އެވެ.

ރާއްޖޭގެ މޫސުން މިހާރު ގޯސްވެފައި ވުމަކީ ވެސް އެ ޓީމުގެ ހަރަކާތްތެރިވާން ކުރިމަތިވެފައިވާ ދައްޗެެކެވެ. އެއީ ޕީޕީއީ ލައިގެން އުޅެނިކޮށް ތެމުމަކީ ނުރައްކާތެރި ކަމަކަށް ވާތީ އެވެ.

ވިއްސާރަ ދުވަސްވަރަށް ވީމާ މަސައްކަތް ވަރަށް ބޮޑަށް މަޑުޖެހިފައި މި އޮތީ. އެއީ އާރްއާރްޓީގެ ޕީޕީއީ ނުވަތަ އެ ރައްކާތެރި ކަމަށް ބޭނުންކުރާ ވަސީލަތްތައް ރައްކާތެރި ގޮތުގައި ބާލައި ރައްކާތެރި ގޮތުގައި ނައްތައިލުމަށް ބޭނުންވާ މާހައުލެއް މިއަދު ނެތް
އަބްދުލް ހަމީދު

އެހެންނަމަވެސް މިގޮންޖެހުން ތަކާއެކުވެސް އާއްމުންގެ އެއްބާރުލުން ވެސް ވަރަށް ބޮޑަށް ލިބެމުން އަންނަ ކަމަށް އަބްދުލް ހަމީދު ވިދާޅުވި އެވެ. އެއީ ރޭގަނޑުގެ ކިތަންމެ ދަން ގަޑިއެއް ކަމުގައި ވިޔަސް ގުޅާލުމުން އާންމުންގެ ފަރާތުން އެއްބާރުލުން ދޭކަން ހަމީދު ފާހަގަ ކުރެއްވި އެވެ. އަދި ކޮންމެ ބަޔަކުވެސް އެދޭ ގަޑިއެއްގައި ސާމްޕަލް ނަގަންދާން ބޭނުން ކަމަށާއި ނަމަވެސް އެގޮތަށް އެކަން ނުވަނީ ދިމާވާ ދަތިތަކުގެ ސަބަބުން ކަމަށް ހަމީދު ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
75%
0%
25%
0%
0%
ކޮމެންޓް