ކ. މާލެ
|
18 އޭޕްރިލް 2020 | ހޮނިހިރު 21:56
ފ ބިލެއްދޫގައި ފާނަ މަސްވެރިކަން ކުރާ ގުރުވަ ދޯނި- އެހެން ދޯނިތަކުގެ މަސް ހިފައިގެން ދަނީ
ފ ބިލެއްދޫގައި ފާނަ މަސްވެރިކަން ކުރާ ގުރުވަ ދޯނި- އެހެން ދޯނިތަކުގެ މަސް ހިފައިގެން ދަނީ
ފޭސްބުކް
ފާނަ މަސްވެރިކަން ކުރުން
ބިލެއްދޫ ފާނަ މަސްވެރިން ނަމޫނާ ދައްކައިފި, މަސްކޮޅު ކިރަން އެހީވެދިނީ ވާދަވެރި އެހެން ދޯނިތައް
 
3 ސަރަޙައްދުގައި ހަރަކާތްތެރިވި 3 ދޯންޏެއް ވަނީ އެހެން ދޯނިތަކުގެ މަސް ހިފައިގެން ހުޅުމާލެއަށް ގޮސް ކިރާދީފަ
 
1367 މީހުންގެ އާބާދީއެއް އޮންނަ މި ރަށުގެ ގިނަ އާއިލާތަކުގެ އާމްދަނީއާ ގުޅިފައިވަނީ މަސްވެރިކަން
 
މި ރަށުގައި ގާތްގަނކަށް 16 ވަރަކަށް މަސްދޯނި އޮވޭ

ކޮވިޑް-19 ގެ ބިރުވެރިކަން ރާއްޖޭގައިވެސް ފެތުރި، ވެރިރަށް މާލޭގެ ތޮއްޖެހިފައިވާ އަވަށްތަކުގައިވެސް މިވަނީ ފެތުރެން ފަށާފައެވެ. އެއާއެކު މުޅި ރާއްޖެއަށްވެސް މި ވައިރަސް ފެތުރިގެން ދިއުމުގެ ބިރު މިވަނީ ހީވެފައެވެ. ރައްކާތެރިކަމުގެ ގޮތުން އެޅެން އޮތް ކޮންމެ ފިޔަވަޅެއް އެޅުމަށް ސަރުކާރުންވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އެއާއެކު އެޅި ފިޔަވަޅުތަކުގެ ތެރެއިން ވެރިރަށް މާލެ ސަރަޙައްދުގައި ބަނދަރުކޮށްފައިވާ އުޅަނދުތައް ލަފާ ފުރުމާއި، ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާ ކުރުމާމެދު އުސޫލުތަކެއް ޤާއިމުކުރެވިގެން ދިޔައެވެ. ދެން ފެނިގެން ދިޔައީ އެކަމުގެ ސަބަބުން ރައްޔިތުންނަށް އެކި ގޮތްގޮތުން ދިމާވި ތަކުލީފުތަކުން އަރައިގަތުމަށް ބައެއް ދިވެހިން ލާމަސީލު މިސާލުތަކެއް ދެއްކި މަންޒަރެވެ.

އޭގެ އެއްކަމެއްގެ ގޮތުން ދާދި ފަހުން ފ އަތޮޅު ބިލެއްދޫގައި ހިނގައި ދިޔަ ކަމެއް ފާހަގަކޮށްލެވެއެވެ. ފާނަ މަސްވެރިކަން ކޮށްގެން އާމްދަނީ ހޯދާ އެތައް ބަޔަކު ދިރިއުޅޭ މި ރަށުގައި ގާތްގަނކަށް 16 ވަރަކަށް މަސްދޯނި އޮންނައިރު، 1367 މީހުންގެ އާބާދީއެއް އޮންނަ މި ރަށުގެ ގިނަ އާއިލާތަކުގެ އާމްދަނީއާ ގުޅިފައިވަނީ މި މަސައްކަތެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަޙައްދު ލޮކްޑައުން ކުރުމާއެކު، މި ކުޑަކުޑަ ރަށަށްވެސް އިސާހިތަކު އެކަމުގެ އަސަރު ކުރީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

ފ ބިލެއްދޫ - މިރަށު ގިނަ މީހުން އާމްދަނީ ހޯދަން ކުރާ މަސައްކަތަކީ ފާނަ މަސްވެރިކަން

ބިލެއްދޫ ފާނަ މަސްވެރިކަން ކުރާ ދޯންޏެއްގައި މަސައްކަތް ކުރާ ފަރާތެއް ރާއްޖެއެމްވީއަށް ވިދާޅުވީ، މާލެ ސަރަޙައްދު ލޮކްޑައުން ކުރި ޚަބަރު ލިބުނުއިރު، ގިނަ ދޯނިތައް ތިބީ ވާދަވެރިކަމާއެކު ފާނަ މަސްވެރިކަމަށް ނުކުމެ ކަމަށެވެ. ނަމަވެސް މި ޚަބަރު ލިބުމާއެކު، ކަންބޮޑުވާން ޖެހުނު އެއް ސަބަބަކީ އެ ރަށު ގިނަ ދޯނިތަކުން ބާނާ ފާނަ ގަތުމަށް ހުޅުމާލޭގެ ކުންފުންޏަކުން ހަފްތާއަކު ދެފަހަރު އައި ނަމަވެސް، މިފަހަރު ލޮކްޑައުންގެ ސަބަބުން އެ ކުންފުންޏަށް ނާދެވޭނެކަން އެނގުމާއެކުއެވެ.

އެއާއެކު، އުފެދިގެން ދިޔަ ސުވާލަކީ ބޭނި ފާނަ މަސްކޮޅު ކިރުމާއި، ވިއްކުމުގެ ކަންކަން ކުރާނީ ކިހިނެއްބާއެވެ. ނުވަތަ ބޭނި މަސްކޮޅު ނުކިރި، ބާކީވެގެން ދާނީބާއެވެ.

މަސްވެރިން ބޭނި ބައެއް ފާނަ- މަސްކޮޅު ނުކިރިދާނެ ކަމުގެ ކަންބޮޑުވުން އޭރު އޮތް

ލޮކްޑައުންގެ ޚަބަރު ލިބުނުއިރު، ތ އަތޮޅާއި، ވ އަތޮޅާއި، ދ އަތޮޅުގެ ސަރަޙައްދުތަކުގައި އެ ރަށުގެ ދޯނިތައް ތިބިއިރު، ބުރަ މަސައްކަތުން ބޭނި މަސްކޮޅު ނުކިރި އަނބުރާ ރަށަށް ދާން ޖެހިދާނެތީ އެންމެންވެސް ތިބީ މާޔޫސްކަމެއްގެ ތެރޭގައެވެ. ކުރިއަށް އޮތީ ރޯދަމަހަށް ވުމާއެކުވެސް، މިކަން ވެގެން ދިޔައީ އެންމެންނަށްވެސް ކުރިމަތިކުރުވި ބޮޑު ކަންބޮޑުވުމަކަށެވެ.

ނަމަވެސް، ދިވެހިންނަކީ ދިމާވާ މިފަދަ ހުރިހާ ވަގުތެއްގައިވެސް އެއްބައިވަންތަކަމާއި، އަޚުވަންތަކަމުގެ ނަމޫނާ ދައްކާ ބައެއްކަން ބިލެއްދޫ ފާނަމަސްވެރިން މިވަނީ ދައްކުވައިދީފައެވެ. މަސް ގަންނަ ކުންފުންޏަށް ނާދެވުމާއި، މާލެއަށް އަރާފޭމުން މަނާކުރިއިރު، ޚާއްސަ ހުއްދަ ތަކެއްގެ ދަށުން އެކަންކަން ކުރެވޭނެ ކަމުގެ މައުލުމާތު މިހާރު މިވަނީ ލިބިފައެވެ. ނަމަވެސް އޭރު ކޮންމެހެންވެސް މަސް ކިރަން ޖެހޭތީ އެކި ސަރަޙައްދުތަކުގައި ތިބި ދޯނިތަކުން މިވަނީ އަމިއްލައަށް އިސްނަގައިގެން އެރަށުގެ އެހެން ދޯނިތަކުގެ މަސްކޮޅު ކިރުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.

ފ ބިލެއްދޫގައި ފާނަ މަސްވެރިކަން ކުރާ ކަޅިރަވަ-3 އެހެން ދޯނިތަކުގެ މަސް ހިފައިގެން ދަނީ

ކޮންމެ ސަރަޙައްދެއްގައިވެސް ރަށުގެ ގިނަ ދޯނިތަކެއް ތިބުމާއެކު، އަދި މާލެއާއި ހުޅުމާލެއަށް ލަފާ ފޭބުން އެވަގުތަށް މަނާ ކުރުމާއެކު، 3 ސަރަޙައްދުގައި ހަރަކާތްތެރިވި 3 ދޯންޏެއް ވަނީ އެހެން ދޯނިތަކުގެ މަސް ހިފައިގެން ހުޅުމާލެއަށް ގޮސް ކިރާދީފައެވެ. ދޮޅުލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުމުން ސަލާމަތް ކޮށްދީފައެވެ. އެތައް އާއިލާތަކެއްގެ އާމްދަނީ ހޯދުމުގެ މަގު ބަންދުވިޔަނުދީ ހިފަހައްޓައިދީފައެވެ.

ފ ބިލެއްދޫގައި ފާނަ މަސްވެރިކަން ކުރާ ފުރާވަރު-3 އެހެން ދޯނިތަކުގެ މަސް ހިފައިގެން ދަނީ
އެހެން ދޯނިތަކަށް ނުދެވެނީ މަސްވެރިކަން ކުރަން އުޅެނިކޮށް ލޮކްޑައުން ކުރި ޚަބަރު ލިބުނީ، އާންމުކޮށް މަސް ކިރަން އާންމުކޮށް ދާނީ ރަށަށް، ހުޅުމާލޭ ކޮޅުންވެސް މަސް ނަގާނެ، ފަހުން ދިޔަ ދުވަހު އެ މައުލޫމާތު ލިބުނީ ކަނޑުމަތީގައި ތިއްބައި، ބައެއް ދޯނިތައް ވ ދ މ ގައި، މ ގައި މަސައްކަތް ކުރި، މަސްވެރިން މަސް ބާނައިގެން ގަތުމަށް އެކި ސަރަޙައްދުތަކެއް ހުރޭ، ގދ އާއި ހުޅުމާލެއާއި އެކި ސަރަޙައްދުން، ކޮންމެ ހަފްތާއެއްގެ ހޯމައާއި ބުރާސްފަތި ދުވަހު ކުންފުނިންއަންނާނެ، މި ހާލަތުގައި އެމީހުންނަށް އާދެވެން ނެތީ، ނެތުމުން ރަށުގެ 3 ދޯންޏެއް އެހެން ދޯނިތަކުގެ މަސްކޮޅު ކިރާދިނީ، މ އަތޮޅާއި ދ އަތޮޅު ވަރަށް ދުރު ގާތްގަނޑަކަށް 70 ވަރަކަށް މޭލު، އެހެންވީމާ މިފަދަ ދަނޑިވަޅެއްގައި އެއީ ވެދިން ވަރަށް ބޮޑު އެހީތެރިކަމެއް.
ބިލެއްދޫ ފާނަ މަސްވެރިއެއް

ކޮންމެއަކަސް، މިފަދަ ހައްސާސް ދަނޑިވަޅެއްގައި ބިލެއްދޫ ގުރުވަ ދޯންޏާއި، ކަޅިރަވަ 3 އާއި، ފުރާވަރު 3 މިވަނީ އެއްބައިވަންތަކަމުގެ ނަމޫނާ ދައްކާދީފައެވެ. އެތަކެއް މޭލު ދުރުން އެހެނިހެން ދޯނިތަކުގެ މަސްކޮޅު ހިފައިގެން ގޮސް ކިރާދިންކަމަށްޓަކައި އެރަށު ރައްޔިތުންވެސް އެކަމަށް ޝުކުރުވެރިވެއެވެ.

ތެދެކެވެ. ރާއްޖެއަށް ކުރިމަތިވެފައި މިވަނީ މުޅި ދުނިޔެއަށްވެސް ކުރިމަތިވެފައިވާ ޙާލަތެކެވެ. އެކި ގޮތްގޮތުން މުޅި ޤައުމަށް މިދަނީ ގޮންޖެހުންތައް ކުރިމަތިވަމުންނެވެ. އިޖުތިމާއީ ގޮތުންނާއި އިޤްތިސާދީ ގޮތުން ޤައުމަށް ކުރިމަތިވެފައި މިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި ޤައުމު އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުން މިވަގުތު ނުހަނު މުހިއްމެވެ. މިއީ ސަރުކާރުން ރައްޔިތުންނަށް އެހީވާންވީ ވަގުތެވެ. ރައްޔިތުން އެކަކު އަނެކަކަށް އެހީވެ އަޅާލަންވީ ވަގުތެވެ. ވިޔަފާރިވެރިން ސަރުކާރާއި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭންވީ ވަގުތެވެ. ބިލެއްދޫ ފާނަ މަސްވެރިން ފަދައިން ނަމޫނާ ދައްކަންވީ ވަގުތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
2%
89%
2%
2%
2%
2%
ކޮމެންޓް
20 އޭޕްރިލް 2020 | ހޯމަ 12:16
އެސްއެސް
އެއްބައިވަންތަކަމުގެ ލާމަސީލުބައެއް ތިބި ރަށެއް!
19 އޭޕްރިލް 2020 | އާދީއްތަ 15:29
ރެގޭ ސާރކް
އަހަރެން ހަމަ އަޖައިބުވެ އަންތަރީސް ވެއްޖެ.