ކ. މާލެ
|
9 އޭޕްރިލް 2020 | ބުރާސްފަތި 23:23
ކޮވިޑް-19ގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ކޮވިޑް-19ގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް
އެޑިއުކޭޝަން މިނިސްޓްރީ
އަންނަ ހަފްތާގައި ކީ ސްޓޭޖް އެކެއް އަދި ދޭއްގެ ޓެލިކްލާސްތައް ފަށާނެ: އެޑިއުކޭޝަން މިނިސްޓަރު
 
އެކި އެލާޓްތަކުގައި އަމަލުކުރާނީ އެކި ގޮތަށް
 
އެޑިއުކޭޝަން އެމެޖެންސީ ޕްލޭން ވަނީ ތައްޔާރުކުރެވިފައި
 
7،8،9،10 އަދި 11 ގެ ދަރިވަރުންގެ ކްލާސްތައް ކުރިއަށްދޭ

އަންނަ ހަފްތާގެ އާދިއްތަ ދުވަހު ކީ ސްޓޭޖް އެކެއް އަދި ދެއަކަށް ޓެލިކްލާސްތައް ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކޮވިޑް-19 ގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އައިޝަތު ވިދާޅުވީ މިހާރު ޓެލިކްލާސްތައް ކުރިއަށް ގެންދަން ރާވާފަ އޮތް ގޮތުން 7،8،9،10 އަދި 11 ގެ ދަރިވަރުންގެ ކްލާސްތައް ކުރިއަށްދާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިއަންނަ ހަފްތާގެ އާދިއްތަ ދުވަހު ކީ ސްޓޭޖް އެކެއް ދޭއްގެ ޓެލިކްލާސްތައް ފަށާނެ ކަމަށެވެ. އެއީ ގްރޭޑް 1،2،3،4،5 އަދި 6 ގެ ކުދިންނަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ފައުންޑޭޝަން ސްޓޭޖް ނުވަތަ އެލްކޭޖީއާ ޔޫކޭޖީ ކުދިންނަށް ލާރނިން ޕެކްތަކެއް ހަދާފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ބެލެނިވެރިންނަށް އެކުދިންނާއެކު މި ޕެކްތަކުގެ ބޭނުން ހިފޭނެ ކަމަށާއި، ގޭތެރޭގައި ކުޅުމުގެ ތެރެއިން އެކުދިންނަށް ތައުލީމު ހާސިލްކުރެވޭނެ ކަމަށެވެ.

އެޑިއުކޭޝަން އެމެޖެންސީ ޕްލޭންއަށް އަލިއަޅުއްވާލައްވާ މިނިސްޓަރު އައިޝަތު ވިދާޅުވީ އެ ޕްލޭން ތެރޭގައި ފުރަތަމަ ބެލީ އެލާޓް ލެވަލްއަށް ބަލާފަ އެސްއޯޕީތަކެއް ހެދުމަށް ކަމަށެވެ. އެއީ އެކި އެލާޓް ލެވަލްގައި އަމަލުކުރާނީ ކިހިނެތްތޯ އާއި، ދެން އެސްއޯޕީތައް ހެދުމަށްފަހު ބެލީ ސްކޫލްތައް ބަންދުކުރަން ޖެހިއްޖެ ހާލަތެއްގައި ދަރިވަރުންނަށް ފިލާވަޅު ނަގައިދޭނެ ގޮތެއް ކަމަށެވެ.

އެގޮތުން ކޮވިޑް-19ގެ ބަލިމަޑުކަން އުޅޭ ހުރިހާ ގައުމުތަކެއްގައި އަމަލުކުރަމުންދިޔަ ގޮތްތައް ވެސް ބަލާފަ އެބޭފުޅުންގެ ތަޖުރިބާއިން އިބްރަތްތައް ލިބިގެން އަޅުގަނޑުމެންނަށް ފެނުނީ އެރިއަށް އެންމެ ރަނގަޅީ ޓީވީ މެދުވެރިކޮށް އަޅުގަނޑުމެން ފިލާވަޅުތަކެއް ނެގުމާއި، އަދި ހަމައެއާއެކު އިންޓަނެޓް ވަސީލަތްތައް މެދުވެރިކޮށް ދަރިވަރުންނާ ހަމައަށް ފިލާވަޅުތައް ފޯރުކޮށްދިނުން. އެންމެ ފުރަތަމަ އަޅުގަނޑުމެން ފޯކަސް ކުރީ އިންޓަނޭޝަނަލް އިންތިހާނުގައި ބައިވެރިވާ ކުދިންނަށް ތައުލީމު މެދުނުކެނޑި ކުރިއަށް ގެންދިއުމަށް.
އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ

މިނިސްޓަރު އައިޝަތު ވިދާޅުވީ ގްރޭޑް 10 އަދި 11 ގައި މިއަހަރު އިމްތިހާން ހަދާ ދަރިވަރުންނަށް ޓެލިކްލާހުގެ ނަމުގައި ޕީއެސްއެމް މެދުވެރިކޮށް ކްލާސްތައް ނަގާދޭ ކަމަށާއި، އެ ކްލާސްތަކާއެކު ދަރިވަރުންނަށް ނޭނގޭ ކަންތައްތައް އޮޅުންފިލުވުމަށް ގޫގަލް ކްލާސް މެދުވެރިކޮށް ދަރިވަރުންނާ ޓީޗަރުން އިންޓަރެކްޓް ސެޝަންތަކެއް ނޭގޭނެ އިންތިޒާމްތައް ވެސް ހަމަޖައްސާފައިވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވިދާޅުވީ އޮންލައިން ޕްލެޓްފޯމްތަކުގައި ނަގައިދެވޭ ފިލާވަޅުތަކުން ދަރިވަރުންނަށް އެ ފިލާވަޅު ނެގޭ މިންވަރު ބެލުމަށް މޮނިޓަރިންގެ ނިޒާމެއް ވެސް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މި މަސައްކަތުގައި ބެލެނިވެރިންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި، މިދަނޑިވަޅުގައި އެކުދިން ފިލާވަޅު ނަގާތޯ އެންމެ ގާތުން ބެލޭނީ ބެލެނިވެރިންނަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު އައިޝަތު ވިދާޅުވީ ދަރިވަރުންނަށް ފިލާވަޅު ފޯރުކޮށްދިނުމުގެ ގޮތުން ދަރިވަރުންގެ އަތުގައި ހުރީ ކޮންކަހަލަ ވަސީލަތްތަކެއްތޯ ބެލުމަށް ސާރވޭއެއް ހެދި ކަމަށެވެ.

ކޮން ކުދިންނަކަށްތޯ ޓީވީއަށް އެކްސެސްވަނީ ކޮން ކުދިންނަކަށްތޯ އިންޓަނެޓްއަށް އެކްސެސްވަނީ އެސަރވޭ ހަދާފަ އޭގެ ނަތީޖައަށް ބަލާފަ އެކަންކަން ވެސް ނެތް ކުދިންނަށް ތިންވަނަ ޕްލޭންއަކަށް ވެސް ދިޔައިން. އެއީ ޕެޕަރ ބޭސްކޮށް ވެސް ފިލާވަޅުތައް ފޯރުކޮށްދިނުމަށް. ދެން ޓެލެކްލާސްތައް މިހާރު ކުރިއަށް ގެންދަން ރާވާފައި އޮތް ގޮތުން.
އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ

އެޑިއުކޭޝަން މިނިސްޓްރީން ވަސީލަތްތައް ހޯދުމަށް ކުރި މަސައްކަތްތައް އިތުރަށް ތަފްސީލް ކޮށްދެއްވަމުން މިނިސްޓަރު އައިޝަތު ވިދާޅުވީ އިންޓެނެޓް ސަރވިސް ޕްރޮވައިޑަރުން ކަމުގައިވާ ދިރާގާއި އުރީދޫއިން ހުރިހާ މުދައްރިސުންނާއި ދަރިވަރުންނަށް އެއްމަހަށް ޑޭޓާ ފޯރުކޮށްދިން ކަމަށެވެ. އޭގެ އިތުރުން ޔުނިސެފް، ވޯލްޑް ބޭންކް އަދި ޖީޕީއީ އިން އެކި ކަންކަމުގައި ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އައިޝަތު ވިދާޅުވީ ސްކޫލު ހުޅުވޭނެ ދުވަހަކަށް ތައްޔާރުވުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށެވެ.

އެއީ މިހާތަލުން އަޅުގަނޑުމެން ރަނގަޅުވެ އަޅުގަނޑުމެން ސްކޫލުތައް ހުޅުވޭ ހާލަތެއްގައި ވެސް މިހާރު ވޮޝް ފެސިލީޓީ ގާއިމްކުރެވިއްޖެ. އޭގެ އިތުރުން ކޮންމެ ކްލާހެއްގައި ކްލާސްރޫމުން ސޯޕް ލިބޭ ގޮތަށް ލިބިފައިހުރި. ޔުނިސެފްގެ އެހީއާއެކު. ހުރިހާ ސްކޫލަކަށް ފޮނުވުމުގެ މަސައްކަތްތައް ކުރިއަށްދޭ. ދެން ވަރަށް ބޮޑު ކަމެއް ހިނގާގެން މިދަނީ. ދެން ކުދިންނާއި ޓީޗަރުންގެ މެންޓަލް ހެލްތްއަށް އެފެކްޓްތަކެއް އެބަކުރޭ. އެހެންވީމަ ސްކޫލުތަކުގައި ތިބި ކައުންސިލަރުންގެ ކެޕޭސިޓީ ބިލްޑްކުރުމަށް ވަރަށް ގިނަ މަސައްކަތްތައް އެބަ ކުރަން.
އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ

ކޮވިޑް-19ގެ މަސައްކަތްތަކުގައި އެޑިއުކޭޝަން މިނިސްޓްރީގެ މުއައްޒަފުން ފްރަންޓްލައިންގައި މަސައްކަތް ކުރައްވާކަން ފާހަގަކުރައްވައި މިނިސްޓަރު އައިޝަތު ވިދާޅުވީ މިދަނޑިވަޅުގައި ބެލެނިވެރިންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އަދި މި ދުވަސްވަރު ދަރިވަރުން އިންޓަނެޓް ބޭނުންކޮށްގެން ކުރަމުންދާ މަސައްކަތްތަކާއި، ފިލާވަޅު ނެގޭ މިންވަރު ބަލާ ދަރިވަރުންގެ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް