ހޯމަ 01 ޖޫން 2020
13 ރޯނު
1441 ޝައްވާލް 09
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:30
އިރުއޮއްސޭ 18:16
އިޝާ 19:34
ކޮވިޑް-19

ބޮޑުވަޒީރު ކޮވިޑް-19 އިން ސަލާމަތްވާނެކަމުގެ ޔަޤީންކަން އެބައޮތް: އިނގިރޭސި ފޮރިން ސެކްރެޓަރީ

  • ބޮޑު ވަޒީރު ބޮރިސް ޖޯންސަން އަކީ "ފައިޓަރ"- ޑޮމިނިކް ރާބް

ކ. މާލެ | 8 އޭޕްރިލް 2020 | ބުދަ 22:49 | 4,316

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯސަން - ގެޓީ އިމޭޖާސް

މިހާރު ކޮވިޑް-19 އަށް ފަރުވާ ހޯއްދަވަމުން ގެންދަވާ އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން، އެ ރޯގާއިން ސަލާމަތްވާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް، އެޤައުމުގެ ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބް ވިދާޅުވެއްޖެއެވެ.

އިނގިރޭސި ސަރުކަރާރުގެ ފަރާތުން އާދައިގެ މަތިން ކޮންމެދުވަހު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގެތެރެއިން، މިއަދުގެ ބައްދަލުވުމުގައި އެޤައުމުގެ ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބް ވިދާޅުވީ، ބޮޑު ވަޒީރު ބޮރިސް ޖޯންސަން އަކީ "ފައިޓަރ" އެއްކަމަށާއި، ކޮވިޑް-19 އިން އެމަނިކުފާނަށް އަވަސް ޝިފާއެއް ލިބޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ. ބޮރިސް ޖޯންސަންގެ ޞިއްޙީ ޙާލުކޮޅާއި ބެހޭ ގޮތުން ރާބް ވިދާޅުވީ، މިހާރު އެއްވެސް ވަޞީލަތެއް ބޭނުންނުކޮށް، ބޮރިސް ޖޯންސަން ނޭވާލައްވަމުން ގެންދަވާކަމަށެވެ. ރާބް ވިދާޅުވީ، ބޮރިސް އަކީ ހަމައެކަނި އެކުގައި މަސައްކަތް ކުރައްވާ ބޭފުޅެއް ނޫން ކަމަށާއި އެއީ އެކުވެރިއެއްކަމަށެވެ.

ބޮރިސް ޖޯންސަން ކޮވިޑް-19 އަށް ޕޮޒިޓިވްވެ ފަރުވާ ހޯއްދަވަމުން ގެންދަވާތީ ކެބިނެޓްގެ ރިޔާސަތުވެސް އަދި ކޮވިޑް-19 އާއި ގުޅިގެން ކުރިޔަށްގެންދާ މަސައްކަތްތައްވެސް ވިލަރެސް ކުރައްވަނީ ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބްއެވެ. މިއަދުގެ ބައްދަލުވުމުގައި ރާބް ވިދާޅުވީ، ކުރިޔެކޭވެސް އެއްގޮތައް ކެބިނެޓްގެ ނިންމުންތައް ނިންމަވަނީ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ހުރިހައި ވަޒީރުންގެ ލަފަޔާއި އިރުޝާދުގެ މަތިންކަމަށެވެ. އަދި ހުރިހައި ކަމެއްގައި އަދިވެސް ފަހު ބަސް ހޯއްދަވަނީ ބޮޑުވަޒީރުގެ ފަރާތުންކަމަށް ރާބް ވިދާޅުވިއެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ކޮވިޑް-19 އަށް ޕޮޒިޓިވްވި މާރޗްމަހުގެ 26 ވަނަ ދުވަހުއެވެ. އަދި ޖެހިގެން އައިދުވަހު އެކަން އަމިއްލަފުޅަށް އިޢުލާނުކުރެއްވުމަށް ފަހު ޑައުނިންގް ސްޓްރީޓްގެ އެޕާޓްމެންޓެއްގައި އަމިއްލަފުޅަށް އެކަހެރިވެވަޑައިގެން ފަރުވާ ހޯއްދަވަން ފެއްޓެވިއެވެ. އަދި ވައިރަސް ޖެހުނުތާ 10 ދުވަސްވުމުން އާދައިގެ މަތިން ކުރައްވަން ޖެހިވަޑައިގަންނަނާ ޓެސްޓުތަކެއް ކުރައްވަން މިދިޔަ އާދީއްތަ ދުވަހުގެ ވަގުތެއްގައި މެދުތެރޭ ލަންޑަންގައި ހުންނަ ސެން ތޯމަސް ހޮސްޕިޓަކުގައި އެޑްމިޓްވެވަޑައިގެންނެވިއެވެ. އަދި ޙާލު ސީރިއަސްވެ ނޭވާލުމުގެ މައްސަލައެއް ކުރިމަތިވުމުގެ ސަބަބުން އައިސީޔޫއަށް ބަދަލުކޮށް، އޮކްސިޖެން ޓްރީޓްމެންޓެއް ނަންގަވަން ފެއްޓެވިއެވެ. އެހެންނަމަވެސް އެމަނިކުފާނު ވެންޓިލޭޓަރު ބޭނުންކުރައްވަން ޖެހޭ ވަރުގެ ސީރިއަސް ޙާލަތެއް އަދި މެދުވެރިނުވާކަމަށް، އެމަނިކުފާނުގެ ތަރުޖަމާނު ވިދާޅުވެފައިވެއެވެ.

ބޮރިސް ޖޯންސަން އާލާސްކަންފުޅާ އުޅުއްވާތީ އެކަމުގެ ހިތާމައިގައި، ބަކިންގހަމް ޕެލެސްއިންވެސް ވަނީ އަވަސް ޝިފާއަކަށް އެދި އެމަނިކުފާނާއި އާއިލާއަށް މެސެޖެއް ފޮނުވާފައެވެ. ރާނީ އެލިޒަބަތުގެ މެސެޖުގައި ބޮރިސް ޖޯންސަންއާއި، އެމަނިކުފާނުގެ ބައިވެރިޔާއާއި ދެބޭފުޅުން ހަނދުމަވާކަމަށް ވިދާޅުވެ، ދެބޭފުޅުންނަށްވެސް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވެއެވެ.

އުމުރުން 55 އަހަރުފުޅުގެ ބޮރިސް ޖޯންސަންއަކީ ދުންފަތުގެ އިސްތިޢުމާލުވެސް ކުރައްވާ ބޭފުޅެއް ނޫނެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވުމުގެ ކުރިން އެމަނިކުފާނު ކަސްރަތެއްގެ ގޮތުގައި ޓެނިސް ކުޅުއްވި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.