މެލޭޝިޔާގައި ދިރިއުޅޭ ފަރާތްތަކައް "ކެއަރ ޕެކޭޖް" ފޮނުވުމުގެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ކޮވިޑް-19 އާ ގުޅިގެން މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންގެ ގިނަ ޢަދަދެއްގެ ބަޔަކަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދަން ދަތިތަކާއި ކުރިމަތިލާންޖެހިފައިވާކަމަށެވެ. އެހެންކަމުން، މިފަދަ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިހިނގާ އެޕްރީލް މަހުގެ 7 ވަނަ ދުވަހު މެލޭޝިޔާއަށް މޯލްޑިވިއަން އިން ދަތުރެއް ކުރުމަށް ހަމަޖެހިފައިވާ ފްލައިޓްގައި ދިވެހި ޢާއިލާތަކުން ފޮނުވަން ބޭނުންވާ ތަކެތި ހިލޭ، ފޮނުވައިދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވުމަށް ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ފޯމް ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީން މިހާރުވަނީ ހުޅުވާލާފައެވެ. އަދި މިފަހަރު ފުރުޞަތު ދެވޭނީ ފޯމް ހުށަހަޅާ ތަރުތީބުން އެންމެ ފުރަތަމަ ފޯމް ހުށަހަޅާ 500 ފަރާތަށްކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ޑިޕަރޗަރ ހޯލް ކައިރީގައި ބެހައްޓާފައިވާ ޚާއްޞަ ކައުންޓަރުތަކުން 7 އެޕްރީލް ވާ އަންގާރަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:30 އަށްކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މެލޭޝިޔާއަށް "ކެއަރ ޕެކޭޖް" ފޮނުވުމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ހޮޓްލައިން ނަންބަރު 3023996 އަދި 3023943 އާ ގުޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
ފޮނުވާނެ ތަކެތި ކަނޑައެޅުން
1. ކާގޯގެ ގޮތުގައި ފޮނުވެނީ މެލޭޝިޔާއިން ލިބެންނެތް ބޭހެއް ނުވަތަ އެހެނިހެންވެސް ޒަރޫރީ ކަމެއްގައި ފޮނުވާ ތަކެއްޗެވެ.
2. ކޮންމެ އާއިލާއަކަށް ފޮނުވޭނީ ގިނަވެގެން 15 ކިލޯގެ ތަކެއްޗެވެ.
3. ކާގޯގެ ގޮތުގައި ފޮނުވަން އެކަށީގެންނުވާތަކެތީގެ ތެރޭގައި ހިމެނެނީ
-ޑަކްޓަރީ ބޭސް (ޑޮކްޓަރުގެ ޕްރިސްކްރިޕްޝަން ސިޓީ އޮންނަންވާނެ)
-މަސްދަޅު ކޭސް
-ނޫޑްލްސް ކޭސް
-ރިހާކުރު (ހަމައެކަނި މިފްކޯ ނުވަތަ އެންޒީ އޮރިޖިނަލް ޕެކިންގައި ހުންނަ ފުޅި)
-މަސް ޕެކެޓް/ފަތް ޕެކެޓް/ ފިހާރަތަކުން ވިއްކާ ޕެކެޓްކޮށް ބަންދުކުރެވިފައިވާ ކާބޯތަކެތި
4.ކާގޯގެ ގޮތުގައި ނުފޮނުވޭ ތަކެތި
-ފައިސާ
-ރޯމަސް
-ކިއްލި
-ހެދިކާ
-މޭވާ
-ސިގިރޭޓް އަދި ދުންފަތުގެ ބާވަތްތައް
-ތަރުކާރީ
-ހަނޑޫ، ހަކުރު، ފުއް
· މީގެ އިތުރުން މެލޭޝިޔާއަށް އެތެރެ ނުކުރެވޭ ތަކެތީގެ ލިސްޓެއް އެއްކަރުދާސް ވާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
5. ފޮނުވާ ފަރާތް އަދި ލިބެންވީ ފަރާތުގެ މައުލޫމާތު މިނިސްޓްރީން ތައްޔާރު ކޮށްފައިވާ ފޯމް ފިރިހަމަ ކުރުމަށް ފަހު ހުށަހަޅަން ވާނެ އެވެ.
6.ތަކެތި ފޮނުވުމަށްޓަކައި އަމަލުކުރަންވީގޮތް:
-ފްލައިޓަށް ކާގޯގެ ގޮތުގައި ގެންދެވޭނީ ވަކި އަދަދެއް ކަމުގައިވާތީ ފޯމް ހުށަހަޅާ ތަރުތީބުން އިސްކަންދެވޭނެ
-މިނިސްޓްރީއަށް ހުށަހެޅޭ ފޯމް އެޕްރޫވްފޯމް ހުށަހަޅާ ފަރާތަށް އީމެއިލްގެ ޒަރިއްޔާއިން ފޮނުވޭނެ
-ތަކެތި ގެންނަންވާނީ ފޮށިގަނޑެއްގައި އެޕްރޫވް ކުރެވިފައިވާ ފޯމާއި އެކު ( ބަންދުކުރުމަށް ބޭނުންވާ ސާމާނު ގެންނަންވާނެ)
-މި ތަކެތި ފޮށިގަނޑުގައި ބަންދު ކުރައްވާނީ މޯލްޑިވްސް ކަސްޓަމްސްއާއި އޭވިއޭޝަން ސެކިއުރިޓީއިން ބެއްލެވުމަށް ފަހުއެވެ.