ކ. މާލެ
|
5 އޭޕްރިލް 2020 | އާދީއްތަ 20:23
ކޮވިޑް-19 އަށް ވެކްސިން އެއް ހޯދުމަށް ދުނިޔޭގެ ސައިންސްވެރިން ގެންދަނީ އަވަދިނެތި މަސައްކަތް ކުރަމުން
ކޮވިޑް-19 އަށް ވެކްސިން އެއް ހޯދުމަށް ދުނިޔޭގެ ސައިންސްވެރިން ގެންދަނީ އަވަދިނެތި މަސައްކަތް ކުރަމުން
ޕީއެމްލައިވް.ކޮމް
ކޮވިޑް-19 ވެކްސިން
ކޮވިޑް-19 އަށް ވެކްސިނެއް ލިބޭނީ ކިހާ އަވަހަކަށް؟
 
ވެކްސިން އުފެއްދުމަކީ ޚަރަދު ބޮޑު، ވަގުތު ނަގާ މަސައްކަތެއް

ނޮވެލް ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ދުނިޔޭގައި ހަލުއި ކަމާއެކު ދަނީ ފެތުރެމުންނެވެ. ހުސްވި އަހަރުގެ ޑިސެމްބަރު މަހު ފަހުކޮޅު ޗައިނާގެ ވޫހާން އިން ތައާރަފްވި މި ބަލި އެންމެ 3 މަހެއްހާ ދުވަހުގެ ތެރޭގައި މުޅި ދުނިޔެއަށް ފެތުރި މިލިއަނަކަށް ވުރެ ގިނަ މީހުންނަށް ބަލި ވަނީ ޖެހިފައެވެ. މި ނުރައްކަލުން ސަލާމަތްވުމަށް ކުރަމުންދާ މަސައްކަތުގައި އަދިވެސް ކޮޅެއް، މެދެއް ފެންނާކަށް ނެތެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުތަކުން ކިތަންމެ ފިޔަވަޅެއް އެޅިޔަސް ހަގީގީ ކާމިޔާބެއް ލިބެން އޮތީ ބަލި ނުޖެހޭނެ ކަމުގެ އިތުބާރެއް ލިބިގެންނެވެ. އެކަން އެހެންވާނީ ބަލީގެ ވެކްސިން ލިބިގެންނެވެ. އޮސްޓްރޭލިއާ އާއި ޔޫރަޕް އާއި އެމެރިކާގެ އަދި ޗައިނާގެ ސައިންސްވެރިން ގެންދަނީ ބައްޔަށް ވެކްސިނެއް ހޯދުމަށް ރޭސް ޖަހަމުންނެވެ. ސުވާލަކީ ކޮވިޑް-19 އަށް ވެކްސިން ލިބޭނީ ކިހާތާކު ކޮން ދުވަހަކުން ހެއްޔެވެ؟

ކޮވިޑް-19 ދުނިޔޭގައި ފެތުރެން ފެށުމާއެކު، ހޮލީވުޑްގެ ފިލްމް، "ކޮންޓޭޖަން" ގެ މަގްބޫލްކަން މައްޗަށް ޖެހިލިތަން ފެނުނެވެ. އެ ފިލްމްގައި ފެންނަނީ، ދުނިޔެ މިހާރު ދެކެމުންމިދާ ކަހަލަ ހާލަތެކެވެ. ފިލްމްގައި ފެންނަ ގޮތުން ވައިރަސް އިން ސަލާމަތްވުމަށް ސައިންސްވެރިއަކު، ކުއްލިއަކަށް، ނުރައްކާތެރި ވައިރަސް އަށް ވެކްސިނެއް އީޖާދުކޮށް، އޭނާ އަމިއްލަ އަށް ވެކްސިން ހަށިގަނޑަށް ޖަހާ އެންމެ ފަހުން ވައިރަސްގެ މައްޗަށް އިސާހިތަކު ކާމިޔާބު ހޯދައެވެ.

ހަގީގީ ދުނިޔޭގައިވެސް މިހެން ކަން ހިނގާނަމަ ކޮރޯނާވައިރަހުގެ ނުރައްކަލުން އިސާހިތަކު ސަލާމަތް ވެވޭނެއެވެ.

މާޒީއަށް ބަލާއިރު، ވެކްސިނެއް ތައްޔާރު ކުރުމަށް 2 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތެއް ހޭދަވެފައިވެއެވެ. ނަމަވެސް ކޮރޯނާވައިރަސް އާ ބެހޭ ގޮތުން ސައިންސްވެރިންނަށް ކުރިން ލިބިފައި ހުރި މައުލޫމާތާއި، އަދި ސައިންސްގެ ރޮނގުން ދުނިޔެ ހޯދާފައިވާ ކުރިއެރުން ތަކަށް ބަލާއިރު، މިހާރު އެއަށް ވުރެ ކުރު މުއްދަތެއްގައި ވެކްސިނެއް އީޖާދު ކުރެވިދާނެއެވެ.

ކޮވިޑް-19 އަށް ވެކްސިން އުފެއްދުމުގެ އެންމެ ފުރަތަމަ ފިޔަވަޅު ކަމުގައިވާ ވައިރަހުގެ އާރު.އެން.އޭ ސީކުއެންސް ޗައިނާގެ ސައިންސްވެރިން ދެނެގަނެ، އެ މައުލޫމާތު ޖެނުއަރީ މަހުގެ މެދުތެރޭގައި ދުނިޔެއަށް ހާމަ ކުރިއެވެ. ޖެނުއަރީ މަސް ނިމެންވީ އިރު ޗައިނާއިން ބޭރުގައި މި ވައިރަސް ފުރަތަމަ ފަހަރަށް ލެބޯޓަރީ މާހައުލުގައި އުފައްދާ އިތުރު ކުރިއެވެ. މިކަން ކާމިޔާބު ކުރީ އޮސްޓްރޭލިއާގެ މެލްބަންގެ ޑޮހާރޓީ އިންސްޓިޓިއުޓްގައެވެ. މިއާއެކު ސައިންސްވެރިންގެ ދިރާސާތަކަށް ވައިރަސްގެ ލައިވް ސާމްޕަލް ލިބޭގޮތް ތަނަވަސްވިއެވެ. ވައިރަހުގެ ލައިވް ސާމްޕަލް ލިބޭގޮތް ވުމަކީ ވެކްސިން އެއް އުފެއްދުމުގައި ވައިރަސްގެ ސިފަތައް ސައިންސްވެރިންނަށް އެނގުމަށް ނުހަނު ބޭނުންތެރި ކަމެކެވެ.

ވެކްސިނެއް އުފެއްދުމުގައި، އިންސާނުންގެ ހަށިގަނޑުގައި އެ ވައިރަހެއް ހަރަކާތްތެރިވާ ގޮތް ސައިންސްވެރިން ދެނެގަންނަން ޖެހެއެވެ. އެކަން ދިރާސާ ކުރުމަށްޓަކައި އިންސާނުންގެ ހަށިގަނޑުގައި ޓެސްޓްތައް ކުރުމުގެ ކުރިން ދިރާސާއަށް އެކަށީގެންވާ ޖަނަވާރެއް އިޚްތިޔާރު ކުރަން ޖެހެއެވެ.

މީޑިއާ ރިޕޯޓުތަކުން އެނގޭ ގޮތުގައި، ކޮވިޑް-19 އަށް ވެކްސިނެއް ހޯދުން އަވަސް ކުރުމުގެ ގޮތުން، ޖަނަވާރުގެ ހަށިގަނޑުގައި ވެކްސިން ޓެސްޓް ކުރުމުގެ މަރުހަލާ ދޫކޮށްލުމަށްފަހު ސީދާ އިންސާނުންގެ ހަށިގަނޑުގައި ވެކްސިން ވަނީ ޓެސްޓް ކުރަން ފަށާފައެވެ. މި ގޮތުން، އެމެރިކާ އަދި ޗައިނާގައިވެސް ވޮލަންޓިއަރުންނަށް ވެކްސިން ވަނީ ދީފައެވެ.

ކޮވިޑް-19 އަށް ވެކްސިން އުފެއްދުމުގެ މަސައްކަތުގައި އެންމެ ކުރީގައި އުޅޭ އެއް ގައުމު ކަމަށްވާ އެމެރިކާ އަށް ބަލާއިރު، ސިއާޓަލްގައި ހުންނަ ކައިސާ ޕާމަނަންޓޭ ވޮޝިންގޓަން ހެލްތް ރިސާޗް އިންސްޓިޓިއުޓްގައި ކޮވިޑް-19 ގެ ވެކްސިން ތައްޔާރު ކުރުމުގައި އަދި އުޅެނީ ފުރަތަމަ މަރުހަލާގައެވެ. އެ އިންސްޓިޓިއުޓްގައި އަޖުމަ ބަލަމުންދާ ވެކްސިންގެ ފުރަތަމަ މަރުހަލާގައި 45 ވޮލަންޓިއަރަކަށް ވެކްސިންގެ އެކި ޑޯޒް ދޭނެއެވެ. މި ޑޯޒްތަކުގައި އަސްލު ކޮރޯނާވައިރަސް އެކުލެވިފައެއް ނުވެއެވެ. އޭގެ ބަދަލުގައި ފުރަތަމަ މަރުހަލާގައި މި ކުރާ ކަމަކީ، ކޮރޯނާވައިރަސްގައި ކަށިތަކެއް ގޮތައް ބޭރަށް ނުކުމެފައި ހުންނަ "ސްޕައިކް ޕްރޮޓީން" އަށް ހަމަލާ ދިނުމަށް ވޮލަންޓިއަރުންގެ ހަށިގަނޑުގެ ދިފާއީ ނިޒާމް ހާނުވަނީއެވެ.

ވެކްސިންގެ ފުރަތަމަ މަރުހަލާއާ ބެހޭ ގޮތުން، އެމެރިކާގެ ވެންޑަރބިލްޓް ޔުނިވަރސިޓީގެ ވެކްސިންއާ ބެހޭ މާހިރެއް ކަމުގައިވާ ކެތުރީން އެޑްވާރޑްސް ބޮސްޓަން ގްލޯބަށް އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ފުރަތަމަ މަރުހަލާގައި އަޖުމަބެލުމުގެ ގޮތުން ވެކްސިން ދިނުމަށްފަހު، ވެކްސިން ލިބުނު މީހުންގެ ސިއްހަތައް ވަމުންދާ ގޮތް ބަލަމުން ގެންދަނީ ކަމަށެވެ. މި ގޮތުން، ވެކްސިންގެ ސަބަބުން، ހަމުގެ މައްސަލައެއް ދިމާވޭތޯއާއި، ހުން އާދޭތޯ އާއި، ބޮލުގައި ރިއްސާތޯ ނުވަތަ ކިނބިހި އެޅުންފަދަ ކަމެއް ދިމާވޭތޯ ސައިންސްވެރިން ބަލަމުން ގެންދާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

މި މަރުހަލާގައި ވޮލަންޓިއަރުންގެ ލޭގެ ސާމްޕަލް އަށް އަސްލު ކޮރޯނާ ވައިރަސް ތައާރުފް ކުރުމުން ދެންވާ ގޮތްވެސް ސައިންސްވެރިން ބަލާއެވެ. ވެކްސިން ދިން މީހުންގެ ލެއިން، ކޮރޯނާ ވައިރަސްއަށް ދިފާއު ނުއުފައްދާ ނަމަ އެހާ ހިސާބުން ވެކްސިން ފެއިލްވީއެވެ.

ފުރަތަމަ މަރުހަލާގެ ކަންކަން ރަނގަޅަށް ހިނގައްޖެނަމަ، ދެން އޮންނާނީ، ސަރުކާރުގެ ކަމާބެހޭ އިދާރާއިން ނަގަންޖެހޭ ހުއްދަ ނެގުމެވެ. މިސާލަކަށް އެމެރިކާގައި ނަމަ އެއީ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފް.ޑީ.އައި) އެވެ.

ވެކްސިންގެ ދެވަނަ މަރުހަލާ އަށް ދިއުމަށް ހުއްދަ ލިބުމުން، ގިނަ އަދަދެއްގެ ވޮލަންޓިއަރުންގެ ހަށިގަނޑުގައި ވެކްސިންގެ އަޖުމަ ބަލާނެއެވެ. މި މަރުހަލާގއި ސިއްހަތު ރަނގަޅު ބޮޑެތި މީހުންގެ ހަށިގަނޑަށް ވެކްސިން ޖެހުމުން ފެންނަ އެއްގޮތް ކަންކަން ސައިންސްވެރިން ދިރާސާ ކުރާނެއެވެ. އަދި ހަށިގަނޑުގައި ވައިރަސްގެ ދިފާއު އުފެދެމުންދާ ގޮތް ބަލާނެއެވެ.

ދެން އޮންނަނީ އަޖުމަ ބެލުމުގެ އެންމެ ފަހު މަރުހަލާ ކަމުގައިވާ ތިންވަނަ ފޭސްއެވެ. ތިންވަނަ ފޭހުގައި ގިނަ އަދަދެއްގެ ބަޔަކަށް ވެކްސިން ދިނުމަށްފަހު އަސްލު ބަލި ޖެހުމުގައި ވެކްސިން ދިން މީހުންނާއި ވެކްސިން ނުލިބޭ މީހުންނާ ހުންނަ ތަފާތު ސައިންސްވެރިން ދިރާސާ އެވެ. މިއީ އެކަށީގެންވާ ދިގު މުއްދަތެއް ހޭދަވާނެ ކަމެއް ކަމުގައި ވެއެވެ. ހަގީގަތަކީ ތިންވަނަ ސްޓޭޖާ ހަމަ އަށް އަލަށް ތައްޔާރު ކުރާ ބައެއް ވެކްސިން ނުވެސް އާދެއެވެ. އެއީ މި ހިސާބަށް ވެކްސިންގެ މަސައްކަތް އަންނަ އިރު އެ ބަލިމަޑުކަމެއް ތައްކަތު ވެއްޖެ ނަމަ، ވެކްސިންގެ މުހިންމު ކަން ކުޑަވީއެވެ. އެބޯލާ ވެކްސިން ގައި ކަން ހިނގީ މި ގޮތަށެވެ.

ވެކްސިން އުފެއްދުމުގެ މަސައްކަތުގެ ކޮންމެ މަރުހަލާ އެއް ގައި ސިއްހަތު ރަނގަޅު މުޅިން އައު ވޮލަންޓިއަރުން ހޯދަން ޖެހެއެވެ. އަދި އެމީހުންނަށް ވެކްސިން ދިނުމަށްފަހު އެއީ އެދެވޭ ނަތީޖާއެއް ނުކުންނަ އެއްޗެއްކަން ކަށަވަރު ކުރުމަށް އެތައް ހަފްތާ އެއް ވަންދެން ދިރާސާ ކުރުމުގައި ސައިންސްވެރިން ހޭދަ ކުރަންޖެހެއެވެ. ކޮންމެ މަރުހަލާ އެއްގައި އެއްކުރާ މައުލޫމާތު އެމެރިކާގައި ނަމަ އެފް.ޑީ.އޭ އަށް ހުށަހަޅާ ދެން އޮތް ފޭސް އަށް ދިއުމަށް ހުއްދަ ހޯދަން ޖެހެއެވެ.

އެމެރިކާގެ އެފް.ޑީ.އޭ އިން ކޮވިޑް-19 އަށް ވެކްސިން އެއް ހޯދުމަށް އެހީވުމުގެ ގޮތުން ހުއްދަ ދިނުމުގެ ކަންކަން މިހާރު އޮތީ އަވަސް ކޮށްފައެވެ. ހުއްދަ ހޯދުމަށް ހޭދަވާ މުއްދަތު ކުރުވި ނަމަވެސް ސައިންސްވެރިން ބުނަނީ، ވެކްސިންގެ ތިންވަނަ ފޭސްގައި، ގިނަ ބަޔަކަށް ވެކްސިން ދިނުމަށްފަހު އެކަށީގެންވާ މުއްދަތެއްގައި، އެ ވެކްސިންގެ ސަބަބުން ވައިރަސް އިން ރައްކާތެރިކަން ލިބޭތޯ ބަލަން ޖެހޭނެ ކަމަށެވެ. އަވަސް އަރުވާލައިފިނަމަ، އޭގެ ނަތީޖާ ދިމާ އިދިކޮޅަށް ނުކުތުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސައިންސްވެރިން ދެކެއެވެ. ސައިންސްވެރިން ފާހަގަ ކުރާ ގޮތުގައި، ބައެއް ފަހަރު އަޖުމަ ބަލާ ވެކްސިން ދޭ ބައެއް މީހުންގެ ހަށިގަނޑަށް އަސްލު ވައިރަސް ވަނުމުން ވެކްސިން ނުދޭ މީހަކަށް ވުރެ ބޮޑަށް ބަލިވެފައިވެސް އެބަހުއްޓެވެ. އެހެން ކަމުން އާއްމުކޮށް ލިބޭ މިންވަރަށް ވެކްސިނެއް އުފައްދަން ނިންމަނީ ހުރިހާ މަރުހަލާ އަކުން ވެކްސިން ނަތީޖާ ފުރިހަމަ އަށް ނުކުތުމުންނެވެ.

ކޮވިޑް-19 އާ ދެކޮޅަށް އެމެރިކާގައި ކުރެވެމުންދާ މަސައްކަތުގައި އެންމެ އިސްކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަރިހުގައި މަސައްކަތް ކުރައްވާ އެ ގައުމުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީސަސްގެ ވެރިޔާ އެންތަނީ ފައުޗީ އަށް ކޮވިޑް-19 އަށް ވެކްސިނެއް ތައްޔާރު ކުރެވޭނީ ކިހާ ދުވަހަކުންތޯ ނޫސްވެރިން ސުވާލު ދެންނެވުމުން އޭނާ ވިދާޅުވެފައިވަނީ، ވެކްސިން އެއް ލިބެން 18 ވަރަކަށް މަސްދުވަސް ހޭދަވާނެ ކަމަށެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިންވެސް ބުނެފައިވަނީ ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމަށް 18 މަސް ހޭދަވާނެ ކަމަށެވެ.

ބޭސް އުފައްދާ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޖޯންސަން އެންޑް ޖޯންސަން އިން ބުނެފައިވަނީ، 2021 ފެށެން ވާ އިރަށް އިމަންޖެންސީ ބޭނުންތަކަށް ބޭނުންވާ މިންވަރަށް ކޮވިޑް-19 ގެ ވެކްސިން ލިބޭ ވަރު ކުރެވިދާނެ ކަމަށެވެ. ޖޯންސަން އެންޑް ޖޯންސަން އާއި އެމެރިކާގެ ބަޔޯމެޑިކަލް އެޑްވާންސްޑް ރިސާޗް އެންޑް ޑެވެލޮޕްމަންޓް އޮތޯރިޓީ ގުޅިގެން ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމަށް 1 ބިލިއަން ޑޮލަރުގެ ފައިސާ ވަނީ ކަނޑައަޅާފައެވެ.

ވެކްސިނެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު މިހާރު ލިބެންހުރި ބައެއް އެންޓިވައިރަލް ފަރުވާ ކޮވިޑް-19 ޖެހިފައި ތިބި މީހުންނަށް ޑޮކްޓަރުން އަންނަނީ ކުރަމުންނެވެ. އެކަމަކު ސީދާ މި ބައްޔަށް އަދި ބޭހެއް އުފައްދާފައެއް ނެތެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ސީދާ ކޮވިޑް-19 އަށް ފަރުވާ އެއް ހޯދުމަކީ އަދި ވެކްސިނެއް ހޯދުމަށް ވުރެވެސް ދިގު މުއްދަތެއް ހޭދަވާނެ ކަމެކެވެ. ބައްޔަށް ދޭ ފަރުވާ އަކަށް ވުރެ ވެކްސިން ދިނުން މާ ރަނގަޅު ކަމަށްވެސް ތަޖުރިބާކާރުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
40%
60%
0%
0%
0%
0%
ކޮމެންޓް