ކ. މާލެ
|
4 އޭޕްރިލް 2020 | ހޮނިހިރު 17:52
މިއަހަރުގެ ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
މިއަހަރުގެ ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
މަޖިލިސް
ސަރުކާރައި މަޖިލިސް ވެސް ތަފާތު
މި ސަރުކާރުވެސް މަޖިލިސް 19 ވެސް ތަފާތު، ދުނިޔެއަށް މިސާލު ދައްކުވައިފި
 
މިއީ ގައުމެއް ގާނޫނު ހަދާ މަޖިލީހެއް މިގޮތަށް އޮންލައިންކޮށް، ވެބް ކޮންފަރެންސް މެދުވެރިކޮށް ބޭއްވާ ފުރަތަމަ މަޖިލިސް
 
މަޖިލިސް ކުރިއަށް ގެންދަނީ ވަރޗުއަލްކޮށް، ވެބް ކޮންފަރެންސް މެދުވެރިކޮށް
 
ކޮވިޑް-19 އާގުޅިގެން ސަރުކާރުން ގެންދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން

މުޅި ދުނިޔެ ކޮރޯނާވައިރަސް (ކޮވިޑް-19) ރޯގާ ޖެހި ކުޑަކަކޫ މައްޗަށް ތިރިވެ، ހަނގުރާމަ ކުރަމުންދާއިރު، ދިވެހި ސަރުކާރުން ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަމުންދާ ފިޔަވަޅުތަކަކީ، ދިވެހި ރައްޔިތުންގެ އިތުރުން ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމްޢިއްޔާ ޑަބްލިޔުއެޗްއޯއިންނާއި ދުނިޔޭ މާލީ އިދާރާތަކުންވެސް ބަލައިގަންނަ ޙިކުމަތްތެރި ފިޔަވަޅުތަކެކެވެ.

ދިވެހި ސަރުކާރުން މަސައްކަތްކުރަމުންދަނީ، މިކަމުގެ ސަބަބުން ދައުލަތަށާއި ރައްޔިތުންނަށް ވީހާވެސް ގެއްލުން ކުޑަކޮށް، އަދި ގެއްލުންތަކާއި ދަތިއުނދަގޫތައް ކުރިމަތިވިޔަސް ވީހާވެސް އެފަދަ ކަންކަން ކުރިމަތިވުން ކުޑަވާނެ ގޮތަކަށް ކަންކަން ރާވަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން މުޅި ދުނިޔޭގެ އިޤުތިޞާދު ނިކަމެތި ޙާލަތަކަށް ވެއްޓިފައިވާއިރު، ރާއްޖޭގެ ޙާލަތުވެސް އޮތީ ވަރަށް ނިކަމެތި ކޮށެވެ. ދައުލަތަށް ވައްދާ ޢާމްދަނީ 80 ޕަސެންޓް ހިއްސާކުރާ ފަތުރުވެރިކަމުގެ ދާއިރާ އެއްކޮށް މިވަނީ ހުއްޓިފައެވެ. މަސްވެރިކަން ކުރެވުނަސް އެއިން ޢާމްދަނީއެއް ލިބެން އަންނަނީ، ދުނިޔޭގެ ބާޒާރަށް އެމަސް ވިއްކިގެންނެވެ. މުޅި ދުނިޔެ ކޮވިޑް-19 އާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާއިރު، ރާއްޖެއިން މަސް އެކްސްޕޯޓްކުރާ ޔޫރަޕާއި އޭޝިޔާ އޮތީ އެންމެ ނުރައްކާތެރި ފައްތަރުގައެވެ.

އެހެންކަމުން މިދަނޑިވަޅުގައި، ސަރުކާރަށް އެއްބާރުލުން ދިނުމާއި، ދައުލަތުގެ މާލީއާބެހޭ އަދި ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މާލީ ކަންކަން ނިންމުމުގައި މަޖިލީހުގެ ދައުރުވެސް ވަރަށް ބޮޑެވެ. އަދި މިފަދަ ޢާންމު ޞިއްޙަތުގެ ނުރައްކަލުގެ ޙާލަތުގައި، ސަރުކާރުން އަޅާ ބައެއް ފިޔަވަޅުތަކަކީ މަޖިލީހުގެ ބަހެއް ވެސް އޭގައި އޮންނަންޖެހޭ ކަންކަންކަމަށްވާތީ، ރައްޔިތުންގެ މަޖިލިސް ވެސް އެބަ ހިނގަންޖެހެއެވެ.

ސަރުކާރުގެ އޮފީސްތައް ރަސްމީކޮށް، ބަންދުކޮށްފައި އޮތަސް، ސަރުކާރުން ނިންމަންޖެހޭ ނިންމުންތައް ބަރާބަރަށް ނިންމަމުންދާ ދިއުމަކީ ސަރުކާރު ހިނގަހިނގާ އޮތްކަމުގެ ހެއްކެކެވެ. ކެބިނެޓް އެކްޓިވްކޮށް، އުޅުއްވާއިރު، ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދެއްވަމުން ގެންދަވައެވެ. ދައުލަތުގެ 46 ދާއިރާއެއް އެކުލެވޭ ނޭޝަނަލް އިމަޖެންސީ އޮޕްރޭޝަން ސެންޓަރެއް ދަރުބާރު ގޭގައި ޤާއިމުކޮށް ހިންގަމުންދާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެންމެބޮޑު އިސްކަމެއް ދެއްވަނީ ކޮވިޑް-19 އާ ގުޅޭ ކަންކަން ނިންމުމުގައި ޞިއްޙީ ދާއިރާގެ ފަންނީ ބޭފުޅުން ދެއްވާ ލަފާތަކާއި އިރުޝާދުތަކަށެވެ. އަދި އެ ބޭފުޅުންގެ ލަފަޔާ އިރުޝާދުތަކުގެ މަތިން ކަންކަން ކުރައްވަމުން ގެންދަވާކަން ރައީސް ޞާލިޙު ވަނީ ވިދާޅުވެފަ އެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިޔުއެޗްއޯއާއި ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވެސް ބުނަމުންދަނީ އެކަކަކު އަނެކާއި ދެމެދު ފިޒިކަލް ޑިސްޓެންސިންގ (އިޖުތިމާއީ ގައިގާދުރު) ބެހެއްޓުމަށެވެ. އެންމެ އެއްވެ ނޫޅުމަށެވެ. ގޭގައި މަޑުކޮށްލެވުމަށެވެ. ޢާންމު ޞިއްޙަތަށް ރައްކާތެރިކަމާއެކު ތިބުމަށެވެ. އެހެންކަމުން ސަރުކާރުން ވަނީ ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތައް ބަންދުކޮށްފައެވެ. ސަރުކާރުގެ އެނިންމުމާއެކު ދައުލަތުގެ ގިނަ އިދާރާތަކެއް ބަންދުކޮށް، ގޭގައި ތިބިގެން މަސައްކަތް ކުރެވޭނެ މާޙާއުލެއް ޤައިމު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޢާންމު ޞިއްޙަތުގެ މިނުރައްކާތެރި ޙާލަތުގައި މަސައްކަތް ކުރުމުގެ ހިތްވަރާއި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ނުކުތީ "ވާޗުއަލް" ކޮށެވެ. މަޖިލީހުގެ މަސައްކަތްތައް މިވަނީ އޮންލައިން، ވެބް ކޮންފަރެންސް މެދުވެރިކޮށް، މަޖިލީހުގެ މަސައްކަތްތައް ކުރުމަށް ނިންމައި މުޅި ދުނިޔެއަށް މިވަނީ މިސާލު ދައްކުވާ ދެއްވާފައެވެ.

ވެބް ކޮންފަރެންސް މެދުވެރިކޮށް، ރައްޔިތުންގެ މަޖިލީހުގެ މިދިއަ ހަފުތާގެ ޖަލްސާތައް ފަށާފައިއިރު، މަޖިލީހުގެ މިދިއަ ހަފުތާގައި ބާއްވަންޖެހޭ ތިން ޖަލްސާވެސް އެވަނީ ވެބް ކޮންފަރެންސްކޮށް ބާއްވައި، މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާ، ރާއްޖޭގައި ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ޢާއިލާތަކާއި ވިޔަފާރިތަކުގެ ޢާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގުރާމު ތަންފީޒު ކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމަށްޓަކައި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހުށަހެޅުއްވި މައްސަލައަށް މަޖިލީހުގެ މެންބަރުން ވަނީ ބަހުޘް ކުރައްވާފައެވެ. މިބަހުޘްގައި މަޖިލީހުގެ 72 މެންބަރުން ބައިވެރިވެވަޑައިގެންނެވިއިރު، މެންބަރުން ވަނީ ސަރުކާރުން އަޅާމުންދާ ފިޔަވަޅުތަކަށް މަރުޙަބާ ދަންނަވާ ޝުކުރު އަދާކުރައްވާފައެވެ. އަދި ރައްޔިތުން ގޭގައި ތިބުމަށް ކަމާބެހޭ އިދާރާތަކުން ގޮވާލެއްވި ގޮވާލެއްވުމަށް ހުރިހާ ރައްޔިތުންވެސް އިޖާބަ ދެއްވުމަށް މަޖިލީހުގެ މެންބަރުންވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވަނީ، ރައްޔިތުން ގޭބަންދެއްގައި ތިބި ނަމަވެސް ރާއްޖޭގެ ޑިމޮކްރެސީ ގޭބަންދު ނުވާކަމަށް ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީހުން އޮންލައިންކޮށް، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، މަޖިލީހުގެ ޖަލްސާތައް ބާއްވާފައިވާތީ، މިއީ ދުނިޔޭގައި މިހާތަނަށް މިގޮތައް، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ޤައުމެއްގެ ޤާނޫނު ހަދާ މަޖިލީހެއްގެ ފުރަތަމަ ބައްދަލުވުންކަން ބައިނަލްއަޤުވާތީ ބައެއް މީޑީއާތަކުން ވެސް ވަނީ އެކަން ފާހަގަކޮށްފައެވެ. އަދި ބައެއް ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސް މެންބަރުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، މަޖިލިސް ޖަލްސާތައް ބޭއްވުމަށް އެދިލައްވަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ މިހާތަނަށް ރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައި އެކުލަވާލެވުނު ވަރަށް ކާމިޔާބު އަދި ވަރަށް އުފެއްދުންތެރި މަޖިލީހެކެވެ. މިއާ ޚީލާފަށް ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހަކީ ބަރުލަމާނީ ޙަޔާތައް އައި އެންމެ ކަޅުއަނދިރި ދުވަސްތަކެއް ގެނުވި މަޖިލީހެކެވެ. ޚާއްޞަކޮށް، ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައި އަބްދުﷲ މަސީހު ހުންނެވި ދުވަސްވަރަކީ އެކަށީގެންވާގޮތެއްގައި މަޖިލީހުގެ ޖަލްސާތައް ބޭއްވިފައިނުވާ، އަދި މަޖިލީހުގައި ތަޅު އަޅުވައިގެން، މަޖިލިސް މެންބަރުންނަށް މަޖިލީހުގެ އިދާރާއަށް ވަދެވަޑައިގެންނެވުމަށް ސިފައިން މެދުވެރިކޮށް ހުރަސް އެޅި މަޖިލީހެއްގެ ގޮތުގައެވެ. މަޖިލީހުގެ ފާޚާނާއެއްގެ ތެރޭގައި ހުރި ޓިޝޫ ރޯލެއްގައި އަލިފާނުގެ ކުޑަ ޙާދިސާއަކާ ހެދި، މަޖިލީހުގެ ޖަލްސާތައް އެތައް ދުވަހަކަށް މެދުކަނޑާލިއެވެ. މަޖިލީހުގެ ސަލާމަތީ ހުރިހާކަމެއް ސިފައިން ބަލަހައްޓަމުން ދަނިކޮށް، ސިފައިންނާއި ފުލުހުން ވަދެ މަޖިލިސް މެންބަރުން މަޖިލީހުގެ އިދާރާއިން އަނިޔާވެރިގޮތަކަށް ނެރެ، އަދި މަޖިލީހުގެ އިދާރާގެ ގޭޓުމަތިން އުކާފައިވާއިރު، އެފަދަ ކަންކަމުގެ ސަބަބުން ސިފައިންނާމެދުވެސް ރައްޔިތުންގެ ރުހުން އިންތިހާއަށް އިތުރުވެގެން ދިޔައެވެ.

ނަމަވެސް މިހާރު ހިނގަމުން 19 ވަނަ މަޖިލީހުގައި ވެސް މަޖިލީހުގެ ސަލާމަތީ ހުރިހާކަމެއް ބަލަހައްޓަނީ ހަމަ ސިފައިންނެވެ. މަޖިލީހުގެ އިދާރާގައި އަލިފާނުގެ ޙާދިސާތަކެއް ނުހިނގައެވެ. މަޖިލީހުގެ މެންބަރުންނަށް ދުއްތުރާ ކުރާތަނެއް ނުފެނެއެވެ. މަޖިލީހުގެ މެންބަރުންނަށް މަޖިލީހުގެ އިދާރާއަށް ވެންނެވުމަށް ހުރަހެއް ނެތެވެ.

މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން މުޅި ދުނިޔެ ކުޑަކަކޫ މައްޗަށް ތިރިވެރިފައިވާއިރު، އަދި އެންމެ ގޭގައި ތިބެން ބުނަމުންދާއިރު، މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުން އެދަނީ އެމަޖިލީހުގެ ޒިންމާތައް އަދާކުރުމަށް ފަސްނުޖެހި ކުރިއަށް ގެންދަމުންނެވެ. ވެބް ކޮންފަރެންސް މެދުވެރިކޮށް މަޖިލީހުގެ ޖަލްސާތަކާއި މަސައްކަތްތައް ކުރިއަށް ގެންދާއިރު، ކުޑަކުޑަ ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުން މިވަނީ މުޅި ދުނިޔެއަށްވެސް މިސާލު ދައްކުވާފައެވެ. ވެބް ކޮންފަރެންސްކޮށް، މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ ޚަރަދުގެ ގޮތުންވެސް، މީގެކުރިއާ އަޅާބަލާއިރު، މާބޮޑުތަނުންވެސް ޚަރަދުކުދަވެގެންދާނެ ކަމެވެ. ކަރަންޓާއި ކެއިން ބުއިމާއި، އަދިވެސް އިދާރާގެ ގިނަ ޚަރަދުތަކެއް ކުރަންނުޖެހޭ ގޮތަށް ވެބް ކޮންފަރެންސް މެދުވެރިކޮށް މަޖިލީހުގެ ޖަލްސާތަކާއި މަސައްކަތައް ކުރިއަށް ގެންދިއުމަކީ މިފަދަ ހައްސާސް ދަނޑިވަޅުގައި މަޖިލީހުން އެޅި ވަރަށް ހަރުދަނާ ފިޔަވަޅެކެވެ. ދައުލަތުގެ ބަޖެޓުން ޚަރަދު ކުޑަކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށްވެސް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ.

ކޮވިޑް-19ގެ ޙާލަތުން އަރައިގަތުމަށް ދިވެހި ސަރުކާރާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ކޮށްދެވޭނެ އެންމެ މުހިއްމު ކަމަކީ ކަމާބެހޭ އިދާރާތަކުން އަންގާ އެންގުންތަކަށް ކިޔަމަންވެ، ތިމާގެ ޞިއްޙަތާއި ޢާންމު ޞިއްޙަތުގެ ރައްކާތެރިކަން އިސްކުރުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
1%
23%
0%
76%
0%
0%
ކޮމެންޓް