ކ. މާލެ
|
30 މާރޗް 2020 | ހޯމަ 21:35
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
އެމްއޭސީއެލް
ކޮވިޑް-19
ޕޮޒިޓިވްވި ދިވެހި މީހާއާއި ޑައިރެކްޓް ކޮންޓެކްޓްވި 29 ފަރާތެއް ހޯމް އައިސޮލޭޝަންގައި!
 
އޭނާ ޕޮޒިޓިވްވީކަން ހާމަކޮށްފައިވަނީ މާޗް މަހުގެ 27 ވަނަ ދުވަހު
 
އެ މީހާއަކީ މާޗް 22 ގައި އިނގިރޭސިވިލާތުން ރާއްޖެއަށް އައި ފަރާތެއް
 
29 މީހަކު ހޯމް އައިސޮލޭޝަންގައި އެބަތިބި

ކޯވިޑް-19އަށް ރާއްޖެއިން ފުރަތަމަ ޕޮޒިޓިވްވި ދިވެހި މީހާއާ، ސީދާ ދިމާވި 29 މީހަކު ހޯމް އައިސޮލޭޝަންގައި ބައިތިއްބާފައިވާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

މަބްރޫކް ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެހި މީހާ ދެން އައިޑެންޓިފައި ކުރާނީ 16 ވަނަ ކޭސްގެ ގޮތުގައި ކަމަށާއި އެގޮތުން، އެ ކޭސް އާއި ގުޅިގެން 29 މީހަކު ކޮންޓެކްޓް ޓްރޭސްކޮށް އައިޑެންޓިފައި ކޮށްފައިވާކަމަށެވެ. އެ 29 މީހުންނަކީ ޕޮޒިޓިވް ވެފައިވާ ފަރާތަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ފަރާތްތައް ކަމަށްވާތީ ހޯމް ކަރަންޓީން ވުމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަންގެ ފަރާތުން އަންގާފައިވާކަމަށެވެ.

މަބްރޫކް ވިދާޅުވީ އެ 29 މީހުންގެ ތެރެއިން ގޭގައި ކަރަންޓީން ނުވަތަ އައިސޮލޭޓްވެގެން ތިބެވޭނެ ގޮތެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާނެކަމަށެވެ.

އެ މީހާ ރާއްޖެ އައިސްފައިވަނީ 22 ވަނަ ދުވަހު އެވެ. މި މަހުގެ 25 ވަނަ ދުވަހާއި ހަމައަށް އެ މީހާގެ ގައިން އެއްވެސް އަލާމާތެއް ފެނިފައިނުވާއިރު އެމީހާގެ ގައިން ކޮވިޑް-19 އަށް ޝައްކުވާ އަލާމަތްތައް ފެނިގެން އޭނާ ޓެސްޓުކުރިއިރު, ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން 27 މާރޗްގައި ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ 17 މީހެކެވެ. އޭގެ ތެރެއިން 13 މީހަކު ވަނީ ރަނގަޅު ވެފައެވެ. މިވަގުތު ކޮވިޑް-19 އަށް ޕޮޒިޓިވްވެ, ރާއްޖޭގައި ފަރުވާ ދެމުން ދަނީ އިނގިރޭސިވިލާތުން ރާއްޖެއަށް އައި ދެ ދިވެހިންނަށެވެ. ދެ މީހުންގެ ހާލު ރަނގަޅުކަމަށް ޓާސްކްފޯހުގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

ޕޮޒިޓިވްވެގެން ރާއްޖެއިން ރިޕޯޓްކޮށްފައިވާ 17 ފަރާތުގެ ތެރޭގައި، ސާމްޕަލް ނެގުމަށްފަހު ނަތީޖާ ނުލިބެނީސް ރާއްޖެއިން ފޮނުވާލާފައިވާ އިޓަލީވިލާތުގެ ދެ ފަތުރުވެރިން ހިމެނެއެވެ. މިކަން މިހެން ދިމާވުމާއި ގުޅިގެން، ސަރުކާރަށް ލަފާދޭ ޑޮކްޓަރުންގެ ޓީމުން ވަނީ ޓެސްޓުގެ ނަތީޖާ ނުލިބެނީސް އެއްވެސް މީހަކު ކަރަންޓީނުން ދޫނުކުރާ ގޮތަށް އުސޫލު ބަދަލުކޮށްފައެވެ.

އިޓަލީވިލާތުގެ ދެ ފަތުރުވެރިން ދަތުރުކުރި އެއިރޮފްލޮޓްގެ ފްލައިޓް ވަނީ ރަޝިއާގެ މޮސްކޯއަށް ޖެއްސުމާއެކު ކަރަންޓީނުކޮށްފައެވެ. މިހާތަނަށް ފްލައިޓްގައި ތިބި އިތުރު ފަރާތެއް ޕޮޒިޓިވްވެފައިވާ ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
60%
40%
0%
0%
ކޮމެންޓް