ކ. މާލެ
|
17 ފެބްރުއަރީ 2020 | ހޯމަ 18:37
އެސްއޯއީ ކޮމިޓީގައި އެމްއައިޓީޑީސީގެ މިހާރުގެ މެނޭޖިންގް ޑިރެކްޓަރ ރާއިދު
އެސްއޯއީ ކޮމިޓީގައި އެމްއައިޓީޑީސީގެ މިހާރުގެ މެނޭޖިންގް ޑިރެކްޓަރ ރާއިދު
ސަން އޮންލައިން
ރައްޔިތުންގެ މަޖިލިސް
އެމްއައިޓީޑިސީ: ސީއެސްއާރް ހަރަކާތްތައް ހުއްޓާލަން މަޖިލީހުން ފާސްކޮށްފި
 
މި ރިޕޯޓު މަޖިލީހުން ފާސްކުރީ 64 މެމްބަރުންގެ ވޯޓާއި އެކު
 
އޭސީސީން ދަނީ އެ މައްސަލަ ބަލަމުން
 
ކުރީ ސަރުކާރުގައި އެމްއައިޓީސީގެ މެންޑޭޓުން ބޭރުންބައިވަރު ކަންތައް ކޮށްފައިވޭ

މޯލްޑިވްސް އިންޓަގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމް.އައި.ޓީ.ޑީ.ސީ) އިން ސަރުކާރުގެ ތާޢީދާއި ރުހުން ހޯދުމަށް ސީ.އެސް.އާރު ހަރަކާތްތައް ހިންގުމަށް ފާސްކޮށްފައިވާ ބޯޑު ރިޒޮލިއުޝަން ކެންސަލްކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި ވަނީ އެމްއައިޓީޑީސީގެ ޤާނޫނީ ޒިންމާ އަދާކުރުމުގައި ކުރިމަތިވެފައިވާ ހުރަސްތަކާ ގުޅޭ ރިޕޯޓުގައި ފާހަގަކުރެވިފައިވާ މައްސަލަތައް މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް (އެސްއޯއީ) ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ވަނީ 64 މެމްބަރުންގެ ތާއީދާއެކު ފާސްކޮށްފައެވެ.

މި ރިޕޯޓުގައި އެމް.އައި.ޓީ.ޑީ.ސީ މެދުވެރިވެގެން ވޭތުވެދިޔަ ސަރުކާރުގައި ހިންގާފައިވާ ކަންތައްތައް ބެލުމުގެ މަސައްކަތް ކަމާއިބެހޭ މުއައްސަސާތައް މެދުވެރިވެގެން، އެ ކުންފުނީގެ އައު މެނޭޖުމަންޓުން ކުރިއަށްގެންދަން ވަނީ ނިންމާފައެވެ. ކޮމިޓީ ރިޕޯޓުގައި އެމްއައިޓީޑީސީއާއި ގުޅޭ ގިނަ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަހުގީގު ކުރަމުންދާކަން ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި، ކުންފުނީގެ ފައިސާ ޚަރަދުކޮށްގެން ސިޔާސީ ޕާޓީއެއްގެ އޮފީސް ހަދާފައިވާ މައްސަލަ ހިމެނެއެވެ.

އަދި ސީ.އެސް.އާރުގެ ނަމުގައި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން އެކިއެކި އަމިއްލަ ފަރާތްތަކުން ފައިސާ ހޯދައި، އެފައިސާ އެމްއައިޓީޑީސީގެ އެކައުންޓަށް ޖަމާކޮށް އެމިނިސްޓްރީން އަންގާފައިވާ އެކިއެކި ކަންކަމަށް ޚަރަދުކޮށްފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ކާށިދޫ ޓޫރިސްޓު ވިލެޖް

ކާށިދޫ ޓޫރިސްޓް ވިލެޖްގެ މަސައްކަތް ޙަވާލުކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު އެއްބަސްވުމެއް ޤާއިމްކޮށް، ދައުލަތުގެ ފައިސާ ޚަރަދުކުރުމުގައި އެކަށައަޅާފައިވާ އުޞޫލުތަކާއި ޚިލާފަށް ފައިސާ ޚަރަދުކޮށްފައިވާ މައްސަލަވެސް އޭސީސީން ދަނީ ތަހުޤީޤްކުރަމުންނެވެ.

ކޮމިޓީ ރިޕޯޓުގައި ވަނީ ކ.ކާށިދޫ ޓޫރިސްޓް ވިލެޖްގެ މަޝްރޫޢު ކުއްލި ގޮތަކަށް އިޢުލާނުކޮށް، މިނިސްޓްރީ އޮފް ފިނޭންސްއިން އެއް މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން، އެމަޝްރޫޢުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ޙަވާލުކުރެވިފައިވާ ގޮތުގެ ތަފްޞީލްތައް އެނގެންނެތްކަމަށެވެ.

ވަކި ދެ މައްސަލައެއްގެ ގޮތުގައި މި ދެ މައްސަލަވެސް އޭސީސީން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެމް.އައި.ޓީ.ޑީ.ސީން ކާށިދޫ ޕްރޮޖެކްޓަށް އެއް މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާފައިވާއިރު، ކާށިދޫ މަޝްރޫއު ހިންގުމަށް ކަނޑައަޅާފައިވާ ބިން އެކުންފުންޏަށް ލިބިފައި ނުވާކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ލ. ބަރެސްދޫ އިންޓަގްރޭޓަޑް ރިސޯޓް މަޝްރޫއު

ލ. ބަރެސްދޫގެ ޢިމާރާތްތަކުގެ ކުރެހުންތައް ތައްޔާރުކުރުމާއި، ބަރެސްދޫގެ މައި ކޮންޓްރެކްޓަރު ޢައްޔަނުކުރުމުގައި ފަންނީ ލަފާދިނުމަށް ކަނޑައަޅާފައިވާ ޓެކްޓޯން ޑިޒައިން ކުންފުންޏާ ހަވާލުކުރެވިފައިވާ މަސައްކަތްތައް ނުނިންމައި، މަސައްކަތުގެ ފައިސާ ނަގާފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ޓެކްޓޯން ޑިޒައިންއިން ނިންމާފައިވާ މަސައްކަތްތަކަކީ ކޮބައިތޯ ބެލުމަށް އެފަރާތަށް ދެވުނު ފުރުޞަތުގައި މިހާތަނަށް ޖަވާބުދާރީވެފައިނުވާތީވެ، އެ މައްސަލަ އޭސީސީއަށް ފޮނުއްވުމަށް އެމްއައިޓީޑީސީން ވަނީ ނިންމާފައެވެ.

ލ.ބަރެސްދޫ ޢިމާރާތްކުރުމަށްޓަކައި މައި ކޮންޓްރެކްޓަރެއް ޢައްޔަންކޮށް، އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެޕްރީލް 2017 ގައެވެ. މައި ކޮންޓްރެކްޓަރެއްގެ ގޮތުގައި ދިވެހި ކުންފުންޏެއްކަމުގައިވާ "ޖައުޒާ ކޮންސްޓްރަކްޝަން ކުންފުނި" ޢައްޔަންކޮށްފައިވަނީ ޢާއްމުކޮށް އިޢުލާންކޮށްގެންނެވެ. ނަމަވެސް، ހުށަހަޅާފައިވާ ބީލަންތައް ދިރާސާކޮށްފައިވާ ގޮތް އެނގޭނެ ލިޔުމެއް ނެތްކަމަށާއި، މިފަދަ ބޮޑު މަޝްރޫޢުއެއްގެ މައި ކޮންޓްރެކްޓަރު ޢައްޔަންކުރަންޖެހޭ ހިސާބަށް ކަންކަން ތަރުތީބުކުރެވިފައި ނެތްކަން ކޮމިޓީ ރިޕޯޓުގައިވެއެވެ.

ލ.ބަރަސްދޫ މަޝްރޫއަށް ޑިޕޮސިޓްގެ ގޮތުގައި އެކި ފަރާތްތަކުން ބެހެއްޓި ފައިސާއިން، އެކުންފުނީގެ އިސް ފަރާތްތަކުން އުޞޫލާ ޚިލާފަށް ޚަރަދުކޮށްފައިވާކަމަށް ފާހަގަކޮށްފައިވާ މައްސަލަ އޭސީސީން ދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް ބިޑިންގ ޕްރޮސެސްގައި، އޭރު ކަނޑައަޅާފައި އުޞޫލުތަކުގެ ތެރެއިން މައްސަލައެއް ހުރިކަން މިހާތަނަށް ފާހަގަކުރެވިފައިނުވާކަމަށް ވެސް ރިޕޯޓުގައިވެއެވެ.

ބިންތައް ކުއްޔަށް ދީގެން ނުލިބިވާ ފައިސާގެ އަދަދު 1.6 މިލިއަނަށް އަރާ!

އެމް.އައި.ޓީ.ޑީ.ސީން މިހާތަނައް އެކި ޕްރޮޖެކްޓުތަކަށް 40 ބިމެއް ވަނީ ކުއްޔަށްދީފައެވެ. މި ބިންތަކަށް އެކި ފަރާތްތަކުން 3,586903.06 (ތިން މިލިއަން ފަސްސަތޭކަ އަށްޑިހަ ހަހާސް ނުވަސަތޭކަ ތިންރުފިޔާ ހަ ލާރި) ރުފިޔާ ލިބިފައިވެއެވެ. ނަމަވެސް ބިންތަކުން ފައިސާ ނުދައްކާ، އައުޓްސްޓޭޑިންގ ގޮތުގައި 1666346.94 (އެއްމިލިއަން ހަލައްކަ ފަސްދޮޅަސް ހަހާސް ތިންސަތޭކަ ސާޅީސް ހަ ރުފިޔާ ނުވަދިހަ ހަތަރުލާރި) ރުފިޔާ ހުރިކަމަށް ރިޕޯޓުގައިވެއެވެ.

އަދި އެ ބިންތަކަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން 15 ފަރާތަކުން، 1,223250.00 (އެއްމިލިއަން ދެލައްކަ ތޭވީސްހާސް ދުއިސައްތަ ފަންސާސް ) ރުފިޔާ އަނބުރާ ހޯދުމަށް އެދިފައިވާކަމަށް ވެސް ކޮމިޓީ ރިޕޯޓުގައިވެއެވެ. މީގެ ތެރެއިން 586,000 (ފަސްލައްކަ އަށްޑިހަ ހަހާސް) ރުފިޔާ އަނބުރާ ދައްކާފައިވާކަމާއި، އަދި އަނބުރާ ދައްކަންޖެހޭ 637,250 (ހަލައްކަ ތިރީސް ހަތްހާސް ދުއިސައްތަ ފަންސާސް) ރުފިޔާ ހުރިކަމަށް ރިޕޯޓުގައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް
17 ފެބްރުއަރީ 2020 | ހޯމަ 18:43
ފަރިޕަރީ
އެމްޓީޑީސީ ގެއލުމުގަ ހިންގަނީ ކާާކު މިކަމުގަ ޒިންމާ ނަގަނީ