ކ. މާލެ
|
17 ފެބްރުއަރީ 2020 | ހޯމަ 00:55
އ.ދ.އިން ރާއްޖެއަށް އަލަށް ކަނޑައެޅި ރެޒިޑެންޓް ކޯޑިނޭޓަރ މަގާމުގެ ފަތްކޮޅު ރައީސްއަށް އެރުވުން
އ.ދ.އިން ރާއްޖެއަށް އަލަށް ކަނޑައެޅި ރެޒިޑެންޓް ކޯޑިނޭޓަރ މަގާމުގެ ފަތްކޮޅު ރައީސްއަށް އެރުވުން
ރައީސް އޮފީސް
ރައީސުލް ޖުމްހޫރިއްޔާ
އ.ދ.އިން ރާއްޖެއަށް އަލަށް ކަނޑައެޅި ރެޒިޑެންޓް ކޯޑިނޭޓަރ މަގާމުގެ ފަތްކޮޅު ރައީސްއަށް އަރުވައިފި
 
ރައީސް ވަނީ އ.ދ. އިން ދިވެހިރާއްޖެއާމެދު ބަހައްޓަވާ ގާތްކަން ފާހަގަ ކުރައްވާފައި
 
އ.ދ.ގެ ފަރާތުން ދިވެހިރާއްޖެއަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުން ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައިވޭ
 
ފަތްކޮޅު ރައީސް އަށް އަރުއްވާފައިވަނީ އާދިއްތަ ދުވަހު

އ.ދ.އިން ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި ރެޒިޑެންޓް ކޯޑިނޭޓަރ މިސް ކެތަރިން ހެސްވެލް، އެކަމަނާގެ މަގާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.

މަޤާމުގެ ފަތްކޮޅު އެރުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އާދިއްތަ ދުވަހު ބޭއްވެވި ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އ.ދ.އިން ރާއްޖެއަށް ކަނޑައެޅުއްވި ރެޒިޑެންޓް ކޯޑިނޭޓަރ މިސް ކެތަރިން ހެސްވެލްއާ ބައްދަލުކުރައްވާ، އެކަމަނާއަށް ތަހުނިޔާ ވިދާޅުވެފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އ.ދ އަކީ ދިވެހިރާއްޖެ ތަރައްޤީގެ މަގުގައި ކުރާ މަސައްކަތްތަކުގައި ބޮޑު ދައުރެއް ކުޅޭ ޖަމާއަތެއްކަން ފާހަގަކުރައްވާ، މިސް ކެތަރިން ހެސްވެލްގެ އިރުޝާދާއެކު އެޖަމާއަތާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ދިވެހިރާއްޖޭގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކުގައި އެޖަމިއްޔާގެ ބައިވެރިވުން ކުރިޔަށްވުރެ ފުޅާވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އ.ދ.ގެ އައު ރެޒިޑެންޓް ކޯޑިނޭޓަރ މިސް ކެތަރިން ހެސްވެލް ވަނީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސް.އޭ.ޕީ) ގައިވާ ތަރައްޤީގެ އެޖެންޑާ ޙާޞިލްކުރުމުގައި އ.ދ.ގެ ފަރާތުން ދިވެހިރާއްޖެއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ.

މިސް ހެސްވެލްގެ ވާހަކަފުޅުގައި އ.ދ.ގެ ފަރާތުން ދިވެހިރާއްޖެއަށް އަބަދުވެސް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެމުން ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ. އަދި އެކަމަނާގެ ވާހަކަފުޅުގައި އަންހެނުން ބާރުވެރިކުރުވުމާއި މިންތީގެ ހަމަހަމަކަމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތަށް ތަޢުރީފުކުރައްވާފައިވެއެވެ.

މިބައްދަލުކުރެއްވުން ނިންމަވާލެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ އ.ދ. އިން ދިވެހިރާއްޖެއާމެދު ބަހައްޓަވާ ގާތްކަމާއި، ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވާ، އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޢަބްދުﷲ ޝާހިދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް، ޢަލީ ޒާހިރުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޮރިން ރިލޭޝަންސް ސެކްރެޓަރީ، ޞަބްރާ އިބްރާހީމް ނޫރައްދީން ބައިވެރިވެވަޑައިގެންނެވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް