ކ. މާލެ
|
31 ޖެނުއަރީ 2020 | ހުކުރު 01:22
ދުނިޔޭގެ ޞިއްޙަތު ޖަމްޢިޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އެޑެނޯމް ގެބްރިޔޭސަސް
ދުނިޔޭގެ ޞިއްޙަތު ޖަމްޢިޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އެޑެނޯމް ގެބްރިޔޭސަސް
ސީއެންބީސީ
ނޮވެލް ކޮރޯނާވައިރަސް
ކޮރޯނާވައިރަސްގެ ބަލިމަޑުކަން ދުނިޔޭގެ ޕަބްލިކް ހެލްތު އެމަރޖެންސީއެއްގެ ގޮތުގައި ކަނޑައަޅައިފި
 
ޗައިނާގެ އިތުރުން 18 ގައުމަކުން މި ވައިރަސް ފެނިފައިވޭ
 
މިކަން އިއުލާނުކުރީ ޑަބްލިއުއެޗްއޯ އިން

ނޮވެލް ކޮރޯނާވައިރަސް ބަލިމަޑުކަމަކީ، ދުނިޔޭގެ ޕަބްލިކް ހެލްތު އެމަރޖެންސީއެއްގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެއްޗްއޯ) އިން ކަނޑައަޅައިފިއެވެ.

ޑަބްލިއުއެޗްއޯ އިން ބޭއްވި ކުއްލި ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އެޑެނޯމް ގެބްރިޔޭސަސް ވިދާޅުވެފައިވަނީ ޗައިނާގައި ނޮވެލް ކޮރޯނާވައިރަސް ފެތުރުމާއެކު، އެކަމުން ރައްކާތެރިވުމަށާއި، އެޤައުމުގެ ރައްޔިތުން އެކަމުން ސަލާމަތް ކުރުމަށް ޗައިނާ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތައް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިންނާއި، ބައިނަލްއަޤުވާމީ މުޖުތަމަޢުން ބަލައިގަންނަކަމަށާއި ޗައިނާ ސަރުކާރުން ކުރާ މަސައްކަތަށް ޝުކުރު އަދާ ކުރައްވާފައިވެއެވެ.

ޗައިނާ އާއި އަޅާބަލާއިރު، ދުނިޔޭގެ އެހެން ޤައުމުތަކުގައި މި ބަލި ފެންނަ ކޭސްތައް މަދުވި ނަމަވެސް، މިއީ އެންމެން އެކީގައި މަސައްކަތް ކުރަންޖެހޭ ދަނޑިވަޅެއްގޮތުގައި ޓެޑްރޯސް ސިފަކުރެއްވިއެވެ. ޓެޑްރޯސް ވިދާޅުވީ ގްލޯބަލް އިމަރޖެންސީ އިޢުލާނު ކުރުމަކީ ޗައިނާއާއި މެދު އިތުބާރު ނެތް ކަމަށް ނިންމުމެއް ނޫން ކަމަށާއި، ބަލި ކޮންޓްރޯލް ކުރުމަށް ޗައިނާ ސަރުކާރުން ކުރަމުންދާ މަސައްކަތައް އިތުބާރު އެބައޮތް ކަމަށެވެ.

ޓެޑްރޯސް ވިދާޅުވީ މި ކޮރޯނާ ވައިރަސްގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮރޯނާވައިރަސްގެ ބަލިމަޑުކަމާއި ގުޅިގެން އެންމެ ފުރަތަަމަ ޗައިނާއިން ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާގެ ސަމާލުކަމަށް ގެނެސްފައިވަނީ ޑިސެމްބަރު މަހުގެ ފަހުކޮޅުއެވެ. ޗައިނާގައި މިހާތަނަށް 7800 ކޭސް ރިޕޯޓު ކުރެވިފައިވާއިރު، މިހާތަނަށް 170 މީހަކު ވަނީ މަރުވެފައެވެ. އަދި ޗައިނާގެ އިތުރުން 18 ޤައުމަކުން މި ވައިރަސް ފެނިފައިވާއިރު ކަމާބެހޭ ފަރާތްތަކުން ދަނީ މި ބައްޔަށް ފަރުވާ ހޯދުމަށް މަސައްކަތްކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
67%
0%
33%
0%
ކޮމެންޓް