ކ. މާލެ
|
24 ޖެނުއަރީ 2020 | ހުކުރު 19:30
ވުލްވްސް އަދި ލިވަރޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން
ވުލްވްސް އަދި ލިވަރޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ވުލްވްސް ބަލިކޮށް ލިވަރޕޫލުން އެއްވަނައިގައި 16 ޕޮއިންޓްގެ ލީޑެއް!
 
މި މެޗު ލިވަރޕޫލުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުން

އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސް އަދި ލިވަރޕޫލް ބައްދަލުކުރި މެޗު ހަނި ގޮތަކަށް ލިވަރޕޫލުން ކާމިޔާބުކޮށް ތާވަލުގެ އެއްވަނައިގައި 16 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ވުލްވްސް ދަނޑުގައި ކުޅުނު މި މެޗު ލިވަރޕޫލުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ލިވަރޕޫލުން މޮޅު އެޓޭކިންގ ގޭމެއް ކުޅުނުއިރު ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު ލިވަރޕޫލުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެލެކްސެންޑްރާގެ އެހީތެރިކަމާއިއެކު ކެޕްޓަން ޖޯޑަން ހެންޑަސަން އެވެ. މި ލަނޑަށްފަހު ވެސް ލިވަރޕޫލުން ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއްލިބި ބޭކާރުވެފައެވެ. އެގޮތުން ލިވަރޕޫލްގެ ސަޑިއޯ މާނޭ އަށާއި މުހައްމަދު ސަލާހް އަށް ވަނީ މި ހާފުގައި ލަނޑު ޖެހުމަށް ފުރުސަތުތަކެއްލިބި ބޭކާރުވެފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ލިވަރޕޫލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ވެސް ލިވަރޕޫލުން ވަނީ މޮޅު އެޓޭކިންގ ގޭމެއް ކުޅެ ވުލްވްސްގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން މެޗުގެ 47 ވަނަ މިނެޓުގައި ލިވަރޕޫލްގެ މުހައްމަދު ސަލާހް އަށް ވަނީ ލަނޑު ޖެހުމަށް ރަނުގެ ފުރުސަތެއްލިބި ބޭކާރުވެފައެވެ. އޭނާ ފޮނުވައިލި ނުރައްކާތެރި ހަމަލާ ވުލްވްސް ކީޕަރު ވަނީ ހުށިޔާރުކަމާއިއެކު ދިފާއުކޮށްފައެވެ. މެޗުގެ 51 ވަނަ މިނެޓުގައި ވުލްވްސް އިން ވަނީ

ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރައުލް ހިމެނޭޒް އެވެ. މި ލަނޑާއި އެކު ލިވަރޕޫލުން އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކުރިއެވެ. އެގޮތުން މެޗުގެ 85 ވަނަ މިނެޓުގައި ފިރިމީނިއޯ ވަނީ ލިވަރޕޫލަށް ލަނޑު ޖަހައިދީ މެޗުން ތިން ޕޮއިންޓް ލިވަރޕޫލަށް ހޯދައިދީފައެވެ.

މި ނަތީޖާއާއިއެކު ލިވަރޕޫލުން ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 23 މެޗުން ލިބުނު 67 ޕޮއިންޓާއިއެކުގައެވެ. ދެވަނައިގައި އޮތް ސިޓީއަށް ކުޅުނު 24 މެޗުން ލިބިފައިވަނީ 51 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް