ހޯމަ 21 ސެޕްޓެންބަރ 2020
01 އަތަ
1442 ސަފަރު 03
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
އިރުއޮއްސޭ 18:05
އިޝާ 19:16
ކުނި މެނޭޖް ކުރުމުގެ މަޝްރޫއު

"ސޮލިޑް ވޭސްޓް" ނައްތާލުމާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

  • މިއީ ވަރލްޑް ބޭންކްގެ އެހީއާއެކު ބާއްވާ މަޝްވަރާ ބައްދަލުވުމެއް
  • މަޝްރޫއުގެ ނަމަކީ "މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް"
  • ބައްދަލުވުން ފައްޓަވައިދެއްވީ އެންވަޔަރަމަންޓް މިިނިސްޓަރު

ކ. މާލެ | 19 ޖެނުއަރީ 2020 | އާދީއްތަ 22:35 | 2,210

އެންވަޔަރަމަންޓް މިނިސްޓަރު ޑރ، ހުސައިން ރަޝީދު ހަސަން - ޔޫސުފް ސޮފްވާން ރަޝީދު

ގޭބީސީތަކުން އާއްމުކޮށް އުކާލާ ކުނީގެ ބާވަތައް ނޫން ކުނީގެ ބާވަތްތަކާއިމެދު އަމާލުކުރާނެ ހަރުދާނާ އުސޫލެއް ކަނޑައެޅުމަށް، ކަމާއި ގުޅުންހުރި ފަރާތްތަކުގެމެދުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން އާދިއްތަ ދުވަހުގެ 10:30 ގައި ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި މި މަޝްވަރާ ބައްދަލުވުމަކީ ވޯލްޑް ބޭންކްގެ އެހީއާއިއެކު އެންވަޔަރަންމަންޓް މިނިސްޓްރީއިން ކުރިއަށްގެންދާ ކުނި މެނޭޖްކުކުރުމުގެ މަސައްކަތެކެވެ.

"މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް"ގެ ދަށުން ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތްކުރާ ދިވެހި ބައެއް ޖަމިއްޔާތަކަކުން ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމުގައި ރާއްޖޭގައި ކުނި މެނޭޖުކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީއާ ހަވާލުވެފައިވާ މެންޑޭޓާއި، ކުނި މެނޭޖްކުރުމުގައި ސަރުކާރުގެ ވައުދުތަކާއި ސިޔާސަތުތަކުގެ ތަފްސީލްތައް ހާމަކޮށްދީފައިވެއެވެ.

އެގޮތުން، އެންވަޔަރަމަންޓް މިނިސްޓްރީން މިހާރު ކުރަމުން އަންނަ މަސައްކަތްތަކާއި، އަދި ކުނީގެ ޙާލަތާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި އާއްމުކޮށް ގޭގެއިން އުކާލާ ކުނީގެ ބާވަތް ނޫން ނުވަތަ "ސޮލިޑް ވޭސްޓް"ގެ ބާވަތްތައް ނައްތާލުމަށް ޙައްލު ހޯދުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުން ފައްޓަވައިދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން އެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖެއަކީ ވަރަށް ނާޒުކު ޤައުމެއް ކަމަށާއި ކުނި ރައްކާތެރިގޮތުގައި ނައްތާލުމަކީ ކުރަން ޖެހިފައިވާ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ކަމާގުޅުންހުރި ފަރާތްތަކުގެ މެދުގައި މަޝްވަރާކުރުމަށްފަހު، ކުނި މެނޭޖުކުރުމުގައި ޢަމަލުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން އާއްމުންގެ ޚިޔާލުވެސް ހޯއްދަވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މޯލްޑީވްސް ކްލީން އެންވާރަމެންޓް" ޕްރޮޖެކްޓަކީ 2017 ވަނަ އަހަރު ފެށި މަސައްކަތެކެވެ. އަތޮޅުތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ކުނި މެނޭޖުކުރުމުގެ މި މަޝްރޫޢުގެ މަސައްކަތް މުޅިން ނިންމާލުމަށް ހަމަޖެހިފައިވަނީ 2023 ވަނަ އަހަރުގެ ނިޔަލަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.