ކ. މާލެ
|
15 ޖެނުއަރީ 2020 | ބުދަ 22:16
އުރުދުންގެ ރަސްގެފާނު ޢަބްދުﷲ
އުރުދުންގެ ރަސްގެފާނު ޢަބްދުﷲ
އަލް-އަހެދް ނިއުސް
އީރާން-އެމެރިކާ
އީރާން-އެމެރިކާ ހަނގުރާމައާ ހެދި ބުނަން ނޭނގޭ ވަރުގެ ކަންތައްގަނޑަކާއި ދުނިޔެ ކުރިމަތިލާން ޖެހިދާނެ: އުރުދުން
 
އެމެރިކާއާއި އީރާނުގެ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ މުޅި ޞަރަޙައްދު ހަމަނުޖެހުމަކަށްދާނެ
 
އީރާން-އެމެރިކާ މައްސަލައިގަ މެދުއިރުމަތީގެ ހަމަޖެހުމާއި މަސަލަސްކަމަށް ސީދާގޮތުންނާއި ނުސީދާގޮތުން ބުރޫ އަރާނެކަމަށް ބެލެވޭ
 
ދެޤައުމުގެ ކޯޅުންގަނޑާ ހެދި މެދުއިރުމަތީގެ މަޞްރަޙު ހީނުކުރާފަދަ ފައްތަރަކަށް ވަނީ ވެއްޓިފައި

އެމެރިކާއާއި އީރާނާއި ދެމެދު ކުރިޔަށްދާ ހަނގުރާމައާއި ގުޅިގެން، ބުނަން ނޭނގޭ ވަރުގެ ކަންތައްގަނޑަކާއި ދުނިޔެ ކުރިމަތިލާން ޖެހިދާނެކަމުގެ އިންޒާރު އުރުދުންގެ ރަސްގެފާނު ޢަބްދުﷲ ދެއްވައިފިއެވެ.

އީރާނާއި އެމެރިކާގެ ގުޅުން ނުތަނަސްވެ، ނާޒުކު ފައްތަރަކަށް ގޮސްފައިވާ މިދަނޑިވަޅުގައި، ވިލާތު އިއްތިހާދުގެ ޤާނޫނު ހަދާ މަޖިލީހުގައި ތަޤުރީރު ކުރައްވަމުން، ޢަބްދުﷲ ރަސްގެފާނު ވިދާޅުވީ، ފާއިތުވި ދެހަފުތާގެ ކޯޅުންގަނޑަށް ފަހު އެމެރިކާއާއި އީރާނުގެ މައްސަލަ ފިނިވެފައިވީ ނަމަވެސް، ދެޤައުމުގެ ކޯޅުންގަނޑާ ހެދި މެދުއިރުމަތީގެ މަޞްރަޙު ހީނުކުރާފަދަ ފައްތަރަކަށް ވެއްޓިފައިވާކަމަށެވެ. އެ ދެޤައުމުން އަސްކަރީ ކުރިމަތިލުންތަކަކަށް ނުދިޔަ ނަމަވެސް މެދު އިރުމަތިން ބިރު ކަނޑައިގެން ނުދާކަމަށާއި، މިކަމާއި ދުނިޔެ ފާރަވެރިވާން ޖެހޭ ކަމަށް ޢަބްދުﷲ ރަސްގެފާނު ވިދާޅުވިއެވެ.

އެމެރިކާއާއި އީރާނުގެ މައްސަލައާއި ގުޅިގެން މެދުއިރުމައްޗަށް ބޯ ކަނޅުވިލާގަނޑަކާއި ކުރިމަތިލާންޖެހިފައިވާކަމަށް ސިފަ ކުރައްވާ އަބްދުﷲ ރަސްގެފާނު ވިދާޅުވެ، އެމެރިކާއާއި އީރާނުގެ ހަނގުރާމައާއި ގުޅިގެން، ހީވެސް ނުކުރާހާ ބޮޑު ނުވަތަ ބުނަން ދަތި ކަންތައްގަނޑަކާއި މުޅި ދުނިޔެ ކުރިމަތިލާންޖެހިދާނެ ކަމުގެ އިންޒާރު ރަސްގެފާނު ވަނީ ދެއްވާފައެވެ.

ޢަބްދުﷲ ރަސްގެފާނު ވިދާޅުވީ އެމެރިކާއާއި އީރާނުގެ ގުޅުމަށް ނުތަނަވަސްކަން ވެރިވެފައިވާ މިދަނޑިވަޅުގައި، މެދުއިރުމަތީގެ ހަމަޖެހުމާއި މަސަލަސްކަމަށް ސީދާގޮތުންނާއި ނުސީދާގޮތުން ބުރޫ އަރާނެކަމަށް ބެލެވޭ ކަމަށެވެ. އަދި އެންމެ ކަންބޮޑުވަނީ މެދުއިރުމަތީގެ ޞުލްޙަ މަސަލަސްކަމާއި ރައްކާތެރިކަން ދެމެެހެއްޓުމާއި ގުޅޭ ގޮތުންކަމަށް ވިދާޅުވިއެވެ. އަދި މެދުއިރުމަތީގައި ނުހިމެނޭ ދުނިޔޭގެ ނުފޫޒުގަދަ ޤައުމުތަކުން މިމައްސަލައިގެ ތެރެއަށް ވަންނަމުންދާކަމަށް ބުނެ އެކަމާވެސް ރަސްގެފާނު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމެރިކާއާއި އީރާނުގެ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ މުޅި ޞަރަޙައްދު ހަމަނުޖެހުމަކަށްދާނެ. އޭގެ ސަބަބުން މުޅި ދުނިޔޭގެ އިޤުތިޞާދަށް އޭގެ ނޭދެވޭ އަސަރު ކުރާނެ. އަދި ހަނގުރާމަވެރި ގްރޫޕުތަކުގެ ޢަމަލުތައް އިތުރުވެ މުޅި ދުނިޔެ ޓެރަރިޒަމުގެ ނުރައްކަލަށް ހުށަހެޅިގެންދާނެ. އިތުރަށް ކީކޭ ބުނާނީ؟ އަނެއްހެން ބުނަންޏާ މިއީ މުޅި ދުނިޔެއަށް އޮތް ބުނަން ނޭނގޭ ނުރައްކަލެއް.
އުރުދުންގެ ރަސްގެފާނު ޢަބްދުﷲ

އުރުދުންގެ ރަސްގެފާނުގެ ވިލާތު އިއްތިހާދުގެ ޤާނޫނު ހަދާ މަޖިލީހުގައި ވަނީ މެދުއިރުމައްޗާއި މެދު އެމަނިކުފާނުން ކަންބޮޑުވާ ވަރަށް ގިނަ ކަންކަން ފާޅުކުރައްވާފައެވެ. އޭގެތެރޭގައި، ސޫރިޔާގެ ދާޚިލީ ހަނގުރާމައާއި، އިސްރާއީލުން ފަލަޞްޠީނުގެ ބިންތައް ޙިޞާރުކޮށްކޮށްގެން އެމެރިކާ މެދުވެރިވެ އޮވެ ކުރަމުންދާ ކަންތައްތަކާ ހެދި ފަލަޞްޠީނުގެ ރައްޔިތުން ތަޙައްމަލް ކުރަމުންދާ ދަތި ދުވަސްތަކާއި، ލޭއޮހޮރުވުންތައް ފާހަގަކުރެއްވިއެވެ. އަދި އީރާނާއި އެމެރިކާގެ މިމައްސަލައާއި ގުޅިގެން މެދުއިރުމަތީގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ގުރޫޕުތައް އޭގެ ނާޖާޒިއު ފައިދާ ނަގާ ދުނިޔެއަށް ނުރައްކާ ކުރުމަތިކުރުވާނެ ކަމުގެ ބިރު އެބައޮތްކަމަށް އެކަމިނުކުފާނު ވިދާޅުވިއެވެ.

ޢަބްދުﷲ ރަސްގެފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ، އީރާނު އެމެރިކާ މައްސަލައަށް ހިކުމަތްތެރިކަމާއެކު ޙައްލެއް ނުގެނެއްވިއްޖެނަމަ، މުޅި ދުނިޔެ ކުރިމަތިލާންޖެހޭނެ ބަނަ ދުވަސްތައް ތަކުރާރު ކުރައްވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
0%
0%
75%
13%
13%
0%
ކޮމެންޓް