ކ. މާލެ
|
12 ޖެނުއަރީ 2020 | އާދީއްތަ 23:00
އިރާގުގެ ވެރިރަށް ބަޣްދާދުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްއަކަށް އަމާޒުކޮށް ރޮކެޓް ހަމަލާތަކެއް ވަނީ ދީފައި
އިރާގުގެ ވެރިރަށް ބަޣްދާދުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްއަކަށް އަމާޒުކޮށް ރޮކެޓް ހަމަލާތަކެއް ވަނީ ދީފައި
އަލްޖަޒީރާ
އިރާގު
އިރާގުގައި އެމެރިކާ ސިފައިންތިބޭ އަސްކަރީ ބޭސްއަކަށް އަމާޒުކޮށް ރޮކެޓް ހަމަލާތަކެއް ދީފި
 
މިހަމަލާތަކުގެ ޒިންމާ އެއްވެސް ފަރާތަކުން އަދި ނުނަގާ
 
މިހަމަލާތަކުގައި މަދުވެގެން އިރާގުގެ ހަތަރު ސިފައިން ވަނީ ޒަޚަމްވެފައި

އިރާގުގެ ވެރިރަށް ބަޣްދާދުގެ އުތުރު ސަރަހައްދުގައި އެމެރިކާ ސިފައިން ތިބޭ އަސްކަރީ ބޭހަކަށް އަމާޒުކޮށް ރޮކެޓް ހަމަލާތަކެއް ދީފި އެވެ.

އިރާގުގެ އަސްކަރިއްޔާގެ އޮފިޝަލަކާއި ހަވާލާދީ އަލްޖަޒީރާއިން ބުނާގޮތުން މިހަމަލާތަކުގައި މަދުވެގެން އިރާގުގެ ހަތަރު ސިފައިން ވަނީ ޒަޚަމްވެފައެވެ. މިހަމަލާތަކުގައި އެމެރިކާ ސިފައިންގެ އެއްވެސް މީހަކަށް އަނިޔާވިކަމުގެ ރިޕޯޓެއް އަދި ނުލިބެ އެވެ.

ހަމަލާތައް އަމާޒުކޮށްފައިވަނީ ބަލަދް އެއަރބޭސްއަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ހަމަލާދިން އިރު އެތަނުގައި ތިބޭ އެމެރިކާގެ ގިނަ ސިފައިންވަނީ އެއަރބޭސް ދޫކޮށް ގޮސްފައިކަމަށް އޭއެފްޕީ އާ ހަވާލާދީ އަލްޖަޒީރާއިން ބުނެއެވެ.

ރޮކެޓް ހަމަލާތަކުގެ ތެރެއިން ބައެއް ހަމަލާތައް އެއަރބޭސް އަށް އަމާޒުވެފައިވާއިރު އަނެއް ބައި ހަމަލާތައް އަމާޒުވެފައިވަނީ އެއަރބޭސްގެ ގޭޓަށްކަމަށް އިރާގުގެ ސަލާދިން ޕްރޮވިންސްގެ ޕޮލިސް އޮފިސަރ ކާނަލް މުހައްމަދު ޚާލީ ވަނީ ބުނެފަ އެވެ. އަދި ޒަޚަމްވެފައިވަނީ ގޭޓްގައި ފޯރިއަށް ތިބި ސިފައިންކަމަށްވެސް ކާނަލް މުހައްމަދު ޚާލި ބުނެއެވެ.

މިހާތަނަށް އައިއިރު މިހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން ނަގާފައެއް ނުވެއެވެ. މިދިޔަ ހަފްތާ ނިމެމުންދަނިކޮށް އިރާނުންވަނީ އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ ދެ ބޭސްއަކަަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ދީފަ އެވެ. އަދި އޭގެކުރިން ބަޣްދާދުގައި އެމެރިކާގެ އެމްބަސީ ހުންނަ ސަރަހައްދަށްވެސް ރޮކެޓް ހަމަލާތަކެއް ވަނީ ފޮނުވާލާފަ އެވެ.

އެމެރިކާއިން ދިން ވައިގެ ހަމަލާތަކެއްގައި އިރާނުގެ ސަލާމަތީ ބާރުތަކުގެ އެންމެ މަތީވެރިޔާ ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން މެދުއިރުމަތީގެ ސަރަހައްދަށް ވަނީ ވަރަށް ބޮޑަށް ނުތަނަވަސްކަން ވެރިވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
77%
8%
8%
0%
8%
ކޮމެންޓް