ކ. މާލެ
|
2 ޖެނުއަރީ 2020 | ބުރާސްފަތި 08:35
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޙާން އާއި ޗައިނާގެ ޕްރިމިއަރ ޝީ ޖިންޕިން
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޙާން އާއި ޗައިނާގެ ޕްރިމިއަރ ޝީ ޖިންޕިން
ގޫގުލް
ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް
ޗައިނާގެ ދަރަނީގެ ދަންތުރައިން ސަލާމަތްވާން ޕާކިސްތާނުންވެސް ޕްރޮޖެކްޓްތައް ހުއްޓާލަނީ!
 
މިއީ 1.6 ބިލިއަން ޑޮލަރުގެ އަގުބޮޑު މަޝްރޫއެއް
 
ޕާކިސްތާނުން ހުއްޓާލަން ނިންމީ ޕަންޖާބް ޕްރޮވިންސްގައި ހަދަމުންދިޔަ ރަހީމް ޔާރް ޚާން ޕަވަރޕްލާންޓް މަޝްރޫއު
 
ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯގެ ހިންގަމުން ދިޔައީ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ސަބް ޕްރޮޖެކްޓެއްގެ ގޮތުގައި

ޗައިނާއިން ކުރިއަށްގެންދާ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްއަށް އެންމެ ބޮޑު އެއްބާރުލުމެއް ދެމުންދާ އެއް ޤައުމަކީ ޕާކިސްތާނެވެ. އިންޑިއާއާއި އެކު އޮންނަ ވާދަވެރިކަމާއިއެކު، މި ދެޤައުމު ވެފައިވަނީ ވަރަށް ބޮޑު ދެ ރަހުމަތްތެރިންނަށެވެ. އެހެންކަމުން ޗައިނާއިން ހިންގާ ބެލްޓް އެންޑް ރޯޑް ޕްރޮޖެކްޓްގެ ތެރެއިން އެކި ޤައުމުތަކުގައި ދަރަންޏަށް ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ބޮޑު ބައެއް ހިންގަނީ ޕާކިސްތާނުގައެވެ.

ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯގެ ނަމުގައި ބެލްޓް އެންޑް ރޯޑް ޕްރޮޖެކްޓްގެ ސަބް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށް މި މަޝްރޫޢުތަކަކީ ޕާކިސްތާން ދަރަނިވެރިވެ، އެގައުމުގެ ސިޔާދަތަށް ބުރޫ އަރާފާނެ ޕްރޮޖެކްޓްތަކެއްކަމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ގެންދަނީ ބުނަމުންނެވެ. އެހެންނަމަވެސް ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ވެރިކަމުގައި ޗައިނާގެ ރައީސް ޝީ ޖިންގްޕިންގް އާއިއެކު އޮތް ގުޅުމުގެ ތެރެއިން، ނަވާޒްގެ އާއިލާއާއި ގާތް މީހުންގެ ވިޔަފާރިތަކަށް ކޮންމެވެސް ވަރެއްގެ ފައިދާއެއް ވާގޮތަށް ޗައިނާއަށް ދިޔައީ އެތައް ޕްރޮޖެކްޓްތަކެއް ހަވާލުކުރަމުންނެވެ.

ޕާކިސްތާނުގެ ޕަންޖާބް ޕްރޮވިންސްގައި ހަދަމުންދިޔަ ރަހީމް ޔާރް ޚާން ޕަވަރޕްލާންޓަކީ މީގެތެރެއިން އެއް ޕްރޮޖެކްޓެވެ. ޕަންޖާބަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދުމަށްކަމަށް ބުނެ ހަދަން ފެށި މި ޕަވަރޕްލާންޓުން ކަރަންޓު އުފައްދަނީ ބޯޓު ދެލި އަންދައިގެންނެވެ. ޗައިނާގައި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުން އިތުރުކޮށް، ތިމާވެއްޓާއި ރައްޓެރި ގޮތްތައް ޗައިނާގެ ބޯޑަރުތަކުގެ ތެރޭގައި ގެންގުޅުމަށްފަހު، ބޯޑަރުން ބޭރުން އެހެން ގައުމުތަކުގައި ތިމާވެއްޓާއި ބީރައްޓެހި މިބާވަތުގެ ކަންކަން ކުރަން އުޅުމުން ދުނިޔޭގެ ފާޑުކިޔުން އެކަމަށް އަމާޒުވިއެވެ.

ލިބޭ ފައިދާގެ ބޮޑުބައި ޗައިނާއަށް ލިބޭ ގޮތަށް އޮތްނަމަވެސް މި ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށް ޕާކިސްތާނުގެ އޭރުގެ ސަރުކާރުން ނިންމި އެއް ސަބަބަކީ ޕްރޮޖެކްޓް ހިންގަން ހަވާލުވީ ޕާކިސްތާނުގެ އޭރުގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކޮއްކޮ ޝަހްބާޒް ޝަރީފްގެ މަސްލަހަތު އޮންނަ ގުވައިދީ އަޒާމް ތަރމަލް ކޮމްޕެނީއިން ކަމަށް ވުމީ ގާތް ކަމެކެވެ. މި ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށް ނިންމި އިރު، ޕާކިސްތާން ކެބިނެޓްގެ އެނަރޖީ ކޮމިޓީގެ ބައްދަލުވުންތަކުގައި ޝަހްބާޒް ޝަރީފް ގެންދެވީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. ޗައިނާއާއި ކިތަންމެ ގާތް ނަމަވެސް، މި ޕްރޮޖެކްޓްގެ ގެއްލުން ޕާކިސްތާނަށް ބޮޑުކަމުން މިހާރުގެ ބޮޑުވަޒީރު އިމްރާން ޚާންގެ ސަރުކާރުން ނިންމާފައިވަނީ ޕްރޮޖެކްޓް ހުއްޓާލުމަށެވެ.

މިއީ ޗައިނާއިން ޕާކިސްތާން ދަރަނިވެރިވާ ގޮތަށް ޕާކިސްތާނުގައި ހިންގާ ޕްރޮޖެކްޓްތަކުގެ ތެރެއިން ޕާކިސްތާނުން ހުއްޓާލި މިފަދަ ފުރަތަމަ ބޮޑު ޕްރޮޖެކްޓެވެ. 1.6 ބިލިއަން އެމެރިކާ ޑޮލަރުގެ މި ޕްރޮޖެކްޓް ޕާކިސްތާނުން ހުއްޓާލީ، ޕްރޮޖެކްޓް ކުރިއަށް ގެންގޮސްފިނަމަ މިހާރުވެސް ޗައިނާއަށް ދަރާއޮތް މިންވަރު އެތައް ގުނައެއް އިތުރުވެ، ހަކަތަޔަށްވެސް ޗައިނާއަށް އެއްކޮށް ބަރޯސާ ވާން ޖެހިދާނެކަމުގެ ބިރަށެވެ.

މުހައްލިލުން އަންދާޒާކުރާ ގޮތުގައި ޗައިނާގެ އުނގުތެރެއަށް ކިތަންމެ ވަރަކަށް ވެއްޓިފައި އޮތްނަމަވެސް، އަރައިނުގަނެވޭނެ ފަދަ އިގްތިސާދީ އަނދަވަޅަކަށް ޕާކިސްތާން ވެއްޓިދާނެކަމުގެ ބިރު އޮތުމުން ކުރިއަށް އޮތްތަނުގައި ޗައިނާގެ އިތުރު ޕްރޮޖެކްޓްތައް ޕާކިސްތާނުން ހުއްޓާލުން ގާތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
83%
0%
8%
0%
8%
ކޮމެންޓް