ކ. މާލެ
|
20 ޑިސެންބަރ 2019 | ހުކުރު 22:44
މަޑުއްވަރީގައި ފުލުހުން ހަރަކާތްތެރިވަމުންދަނީ
މަޑުއްވަރީގައި ފުލުހުން ހަރަކާތްތެރިވަމުންދަނީ
އަބުދުﷲ ނަސީރު އިބްރާހިމް
ރ. މަޑުއްވަރި
މަޑުއްވަރީ ރައްޔިތުން ބުނީ ރަށުގައި "ބޮޑު" ބިރުވެރިކަމެއް ނެތް ކަމަށް!
 
ކައުންސިލުން މީގެކުރިންވެސް ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވޭ
 
ކުދިން ސުކޫލަށް ފޮނުވުން ހުއްޓަލަނީ ވަކި ހިސާބަކުން
 
ރަށަކީ ސުލްހަޔާއި، އެކުވެރިކަމަށް ލޯބިކުރާ ރައްޔިތަކު ދިރިއުޅޭ ރަށެއް

ރ. މަޑުއްވަރީގައި ދިރިއުޅެމުންދާ ހައްދުފަހަނަ އެޅުމުގެ ވިސްނުމުގެ މީހުން ހައްޔަރުކުރުމަށް ފުލުހުންނާއި ސިފައިން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް އެ ރަށުގައި ފެށީ ނިމިގެންދިޔަ ބުދަ ދުވަހުއެވެ. އެ ދުވަހު ފެށި އޮޕަރޭޝަންގައި މިހާތަނަށް 3 މީހަކު ހައްޔަރުކޮށްފައިވާއިރު، ފުލުހުންނާއި ސިފައިން އަދިވެސް އަންނަނީ މަޑުއްވަރީގައި ހަރަކާތްތެރިވަމުންނެވެ.

ދީނީގޮތުން ހައްދުފަހަނަ އަޅާފައިވާ މީހުންގެ ނުރައްކަލުގެ ވާހަކަތަކާއި، އެ މީހުން ހިންގަމުންގެންދިޔަ ޖަރީމާތަކުގެ ހަބަރުތަކާއެކު މަޑުއްވަރި ވަނީ "ބޮޑު" ބިރުވެރިކަމެއްގެ ތެރޭގައިކަން ސިފަވެގެންދިޔަނަމަވެސް އެ ރަށުން މަންޒަރު ފެނުނީ މުޅިން ތަފާތުކޮށެވެ. ފުލުހުން ބޮޑު އޮޕަރޭޝަނެއް ކުރިއަށްގެންދިޔަނަމަވެސް، ރަށުގެ އާންމު ރައްޔިތުންގެ ދިރިއުޅުމަށް އެކަމުގެ ސަބަބުން ބަދަލެއް ނާދެއެވެ.

ކޮންމެ ދުވަހެއްގެ މަސައްކަތުގައި ރައްޔިތުން ޝާމިލްވެ އުޅޭއިރު، ރައްޔިތުން މޫނުމަތިން "ބޮޑު" ބިރެއްގެ މަންޒަރުތަކެއް ނުފެނެއެވެ. ބަދަލުގައި ފެންނަނީ ހިތްހަމަޖެހުމާއެކު ދުވަހުގެ މަސައްކަތްތަކުގައި ޝާމިލްވެ، އުޅޭ ރައްޔިތުންތަކެކެވެ.

ރަށުން ވާހަކަދެކެވުނު ގިނަ ރައްޔިތުންގެ ވާހަކަތައްވެސް ހުރީ އެއްގޮތަކަށެވެ. އެ ރައްޔިތުުން ސިފަކުރާގޮތުގައި ރަށުގައި "ބޮޑު" ބިރުވެރިކަމެއް ނެތެވެ. ބޮން ގޮއްވުމާއި، މީހުން ކަތިލާނެކަމުގެ "ބޮޑު" ބިރުވެރިކަމެއް އޮތްކަމަށްވެސް ރައްޔިތުން ގަބޫލެއް ނުކުރެވެ.

1900 އެއްހާ މީހުން ދިރުޅެެމުންދާ މަޑުއްވަރިީގައި ހައްދުފަހަނައެޅުމުގެ ފިކުރުގައި މަސައްކަތްކުރަނީ މަދު ބަޔެކެވެ. ފުލުހުންގެ އޮޕަރޭޝަންގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ އެކަމުގައި ބޮޑަކަށް އުޅޭ 3 މީހުުންނެވެ. އެ މީހުންނަށް ތާއީދުކުރާ މީހުންނާއެކު، ރަށުން ބޭރު މީހުން ހިމަނައިގެން ރަށުގައި އުޅެމުންދާނެކަމަށް ލަފާކުރެވެނީ 30 ނުވަތަ 40 މީހުންނެވެ.

މަޑުއްވަރިން ވާހަކަދެއްކި މީހަކު ބުނިގޮތުގައި އެ މީހުންނަކީ މާފާޅުކަން ބޮޑުގޮތެއްގައި އުޅެމުންދާ ބަޔެއް ނޫނެވެ. އަދި އެ މީހުންގެ އުދަނގޫ ރައްޔިތުންނަށްޖެހޭ މިންވަރުވެސް ކުޑަ އެވެ. އެހެންވެ އެ މީހުން އުޅޭގޮތަކާއި، ކުރާކަމަކަށް ރައްޔިތުން ސަމާލުކަންދޭ މިންވަރުވެެސް ކުޑަ އެވެ.

އެމީހުން އެ ކުރާކަމެއް، އެ މީހުން ކުރަނީ އެ މީހުން އެ މީހުންނަށް. މި ރަށުގައި ތިބުނާވަރުގެ ބޮޑު ބިރުވެރިކަމެއް ނެތް. އެފަދަ ކަންތައްތަކެއް ނުހިނގާ.
މަޑުއްވަރީ ރައްޔިތެއް
މަޑުއްވަރީގެ މަގުމަތި - ރަށަކީ އެކުވެރި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް -- ފޮޓޯ: ރާއްޖެ.އެމްވީ

މަޑުއްވަރިން ވާހަކަދެކެވުނު ބައެއް މީހުންނަށް، ރަށުގައި ދިރިއުޅުނު ނަމަވެސް ހައްދުފަހަނަ އަޅެމުގެ ފިކުރުގެ މީހުންގެ މާބޮޑު ތަފްސީލްތަކެއް ނޭނގެ އެވެ. ނަމަވެސް ދޭތެރެއަކުން އެ މީހުންނާ ގުޅޭގޮތުން ރަށުގައި އެކިކަހަލަ ވާހަކަތައްދެކެވޭކަމަށް ބައެއް މީހުން ބުންޏެވެ.

ރަށުގެ ރައްޔިތުންގެ އެންމެެ ބޮޑު ކަންބޮޑުވުމަކީ، ރަށުގައި "ބޮޑު" ބިރުވެރިކަމެއް އޮތްކަމަށް މީޑިއާތަކުން ސިފަކުރުމެވެ. އެގޮތަށް މީޑިއާތަކުން ހަބަރުތައް ގެނެސްދިނުމެވެ.

ރަށުން ވަހަކަދެއްކި އިތުރު މީހަކު ބުނިގޮތުގައި މީޑިއާތަކުން ސިފަކޮށްފައިވާވަރުގެ ނުރައްކަލެއް މަޑުވަރީގައެއް ނެތެވެ. މީހުން މެރުމާއި، ބޮން ގޮއްވުމާއި، ބޮޑެތި ވައްކަންތައް ކުރުން ފަދަ ކަންކަން ރަށުގައި ނުހިނގާކަމަށް ރައްޔިތުން ބުނެ އެވެ.

ރައްޔިތުން ތިބީ ބޮޑު ބިރުވެރިކަމެއްގަ އެއް ނޫން. އެބުނާވަރުގެ ކަންކަމެއް މި ރަށުގައި ނުހިނގާ.
މަޑުއްވަރީ ރައްޔިތެއް

އެ މީހުންނާއެކު ގިނައިން އުޅެނީ އެހެން ރަށްތަކުގެ މީހުން!

ހައްދުފަހަނަ އަޅާފައިވާ ފިކުރުގެ މީހުން އުޅެނީ ލަަނޑާނެމުގެ ތެރޭގަ އެވެ. ރަށުގެ ރައްޔިތުން މައިގަނޑު އާމްދަނީއެއް ހޯދުމަށް ކުރާ މަސައްކަތަކީ މަސްވެރިކަމަށްވާއިރު، ކަންނެލި މަސްވެރިކަންކުރާ 14 ދޯންޏަކާއި، ލަނޑާ މަސްވެރިކަންކުރާ 16 ދޯންޏެއް އެ ރަށުގައި އޮވެ އެވެ. އޭގެތެރެއިން ހައްދުފަހަނަ އެޅުމުގެ ފިކުރުގެ މީހުން މަސްވެރިކަމު ދިޔުމަށް ބޭނުންކުރަނީ ދެ ދޯންްޏެއްކަމަށެވެ.

އެނގިފައިވާގޮތުގައިި އެ މީހުންނާއެކު ލަނޑާނެގުމުގައި ގިނައިން ހަރަކާތްތެރިވަނީ އެހެން ރަށްރަށުގެ މީހުންނެވެ. މި މީހުން އެކުގައިި ފީނަންގޮސް، އެހެން ރަށްރަށުގައި މަޑުކުރާކަމަށްވެސް ވެއެވެ. ނަމަވެސް މި މީހުންނާއެކު ޝާމިލްވާ މަޑުއްވަރީގެ ރައްޔިތުންގެ އަދަދު މަދުކަން އެ ރަށު ރައްޔިތުން ފާހަގަކުރެއެވެ.

ރަށުން ވަހަކަދެއްކި މީހަކު ބުނިގޮތުގައި ހައްދުފަހަނަ އަޅާފައިވާ ފިކުރުގެ މީހުންނާއި "ކައިވެނި" ކޮށްގެން އުޅެނީވެެސް ގިނައިން ރަށުން ބޭރު ރަށްތަކަށް ނިސްބަތްވާ މީހުންނެވެ. އެ ސަބަބާއިހުރެ، އެ މީހުންގެ މާ ގިނަ މައުލޫމާތުތަކެއްވެސް ރަށުގެ ރައްޔިތުންނަކަށް ނޭނގެ އެވެ.

މަޑުއްވަރީ ސުކޫލް - ސުކޫލަށް ފޮނުވަން ފަށަންޖެހޭ އުމުރުގައި ހުރިހާ ކުދިންވެސް ސުކޫލަށް ފޮނުވަން ފަށާ -- ފޮޓޯ: ރާއްޖެ.އެމްވީ

ސުކޫލަށް ފޮނުވުން ހުއްޓާލަނީ ވަކި ހިސާބަކުން!

ރާއްޖެ.އެމްވީއަށް މައުލޫމާތު ހިއްސާކުރި ފަރާތްތަކުން ބުނިގޮތުގައި ހައްދުފަހައެޅި ފިކުރުގެ މީހުންގެ ހުރިހާ ކުދިންވެސް ސުކޫލަށް ފޮނުވަންޖެހޭ އުމުރުގައި ސްކޫލަށް ފޮނުވަން ފަށައެވެ. ނަމަވެސް ވަކި ހިސާބަކުން އެ މީހުން ގަބޫލުކުރާ ގަބޫލުކުރުންތަކެއްގެ ސަބަބުން ސުކޫލަށް ކުދިން ފޮނުވުން ހުއްޓާލާއިރު، ބައެއް ކުދިން ސުކޫލަށް ދިޔުން ހުއްޓާލާނީ އަމިއްލަ ބޭނުންވެގެންނެވެ.

ވެކްސިން ނުދިނުމުގެ މައްސަލަތައްވެސް އެ މީހުންގެ ފުށުން ފެންނައިރު، އެކަމުގައިވެސް އުޅެނީ ހައްދުފަހަނަ އެޅި ފިކުރުގެ "ބޮޑުންގެ" ދަރިން އެކަންޏެވެ. އަދި ހައްދުފަހަނަ އެޅުމުގެ ފިކުރުގެ ބައެއް ކުދިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމަށް ދެކޮޅު ހެދާކަމަށް މީޑިއާތަކުން ރިޕޯޓްކުރިނަމަވެސް އެކަން ސަރުކާރުގެ އިދާރާތަކުގައި ހުރި މައުލޫމާތުތަކުން ދޮގުކުރެއެވެ. މައުލޫމާތުތައްދައްކާގޮތުން އެ ރަށުގެ ހުރިހާ ކުދިންްވެސް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައެވެ.

ކައުންސިލުން އެކަން މީގެކުރިންވެސް ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވޭ!

މަޑުއްވަރީ ކައުންސިލުން މީގެކުރިންވެސް ހައްދުފަހަނަ އެޅުމުގެ ފިކުރުގެ މީހުންގެ މައްސަލަތައް ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކަށް ހުށަހަޅާފައިވެއެވެ. އެކަމުގައި ދެ ފަހަރެއްގެމަތިން އިސްލާމިކް މިނިސްޓްރީގެ ފަރާތުން ނަސޭހަތް ދިނުމަށް މަޑުއްވަރިއަށް ޓީމުތައްވެސް ފޮނުވައިފައިވެއެވެ. ނަމަވެސް އެކަމުގައި މިހާތަނަށް ނަތީޖާތަކެއް ނެރެވިފައެއް ނުވެއެވެ.

މަޑުްވަރީގައިި ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން - މިހާތަނަށް ހައްޔަރުކޮށްފައިވަނީ 3 މީހެއް -- ފޮޓޯ: މަޑުއްވަރީ އޮންލައިން

މަޑުއްވަރީ ރައްޔިތުންނާއެކު ކުރެވުނު ތަޖުރިބާއިން އެނގުނުކަމަކީ، މަދު ބަޔަކު ރަށު ތެރެއިން ބައިބައިވެގެން އުޅުނުނަމަވެސް އެ ރަށުގެ ރައްޔިތުންނަކީ އެކުވެރި، ސުލްހަޔަށް ލޯބިކުރާ ބައެއް ކަމެވެ. އެ ރަށުގެ ރައްޔިތުންނަށްވެސް އޮތީ ހައްދުފަހަނަ އެޅުމުގެ ފިކުރުގެ ސަބަބުން ޤައުމަށް އޮތް ނުރައްކާކަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް