ބުދަ 12 އޯގަސްޓު 2020
02 މާ
1441 ޒުލްޙައްޖު 22
ފަތިސް 04:47
އިރުއަރާ 06:02
މެންދުރު 12:15
އަސްރު 15:30
އިރުއޮއްސޭ 18:21
އިޝާ 19:35
އިންޑިޔާ

އިންޑިއާގެ އައްސާމް ސްޓޭޓުން އިންޓަރނެޓް ކަނޑާލާ ކާފިއު އިޢުލާންކޮށްފި

  • އަމިއްލަ ގައުމުދޫކޮށް އަވަށްޓެރި ތިން ގައުމަކުން އިންޑިއާއަށް ހިޖުރަކޮށްފައިވާ މީހުންނަށް, އިންޑިއާގެ ރަށްވެހިކަން ލިބޭ ގޮތަށް ހުށައެޅި ބިލް ފާސްކޮށްފައިވަނީ ބުދަދުވަހު
  • ބަންގުލަދޭޝްގެ ބޯޑަރު ކައިރީ އޮންނަ އައްސާމްގައި އަންނަނީ މިކަމާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރަމުން
  • އިސްލާހު ތަސްދީގުކޮށްފި ނަމަ، އައްސާމްގެ ރަށްވެހިންގެ ލިސްޓުން އުނިކޮށްފައިވާ ޕާކިސްތާން، އަފްޣާނިސްތާން އަދި ބަންގުލަދޭޝްގެ މުސްލިމު ނޫން މީހުންނަށް ރަށްވެހިކަން ލިބޭނެ

ކ. މާލެ | 12 ޑިސެންބަރ 2019 | ބުރާސްފަތި 18:51 | 13,037

ރަށްވެހިކަމުގެ ބިލާއި ދެކޮޅަށް ބަޔަކު މުޒާހަރާ ކުރަނީ -

އިންޑިއާގެ ރަށްވެހިކަމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި ގުޅިގެން އެކަމާ ދެކޮޅަށް އަޑުއުފުލާ އެޤައުމުގެ އައްސާމް ސްޓޭޓުގައި ވަރުގަދައަށް މުޒާހަރާ ކުރަމުންދާތީ އެސްޓޭޓުން އިންޓަރނެޓުގެ ޚިދުމަތް ކަނޑާލާ ކާފިއު އިޢުލާންކޮށްފިއެވެ.

އެކިއެކި ސަބަބުތަކާއިހުރެ އަމިއްލަ ޤައުމުދޫކޮށް އަވަށްޓެރި ތިން ޤައުމަކުން އިންޑިއާއަށް ހިޖުރަކޮށްފައިވާ މީހުންނަށް, އިންޑިއާގެ ރަށްވެހިކަން ލިބޭ ގޮތަށް ހުށައެޅި ބިލު ފާސްކޮށްފައިވަނީ ބުދަދުވަހުއެވެ. އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރީގެއިން ތާޢީދުކޮށް މަޖިލީހުގެ މަތީގެއިން ފާސްކޮށްފައިވަނީ 125 މެމްބަރުންގެ ތާޢީދާއެކު އެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް 105 މެމްބަރުކު ވޯޓު ދެއްވިއެވެ.

މިހާރު މިބިލު ފާސްވެގެންދިޔަ ގޮތުން އިންޑިޔާއިން ރަށްވެހިކަން ހޯދަން ބޭނުންވާ ހިންދޫންނާއި، ސިކުންނާއި، ބުދިސްޓުންނާއި، ޖައިނުންނާއި، ނަޞާރާއިންނާއި، މަޖޫސީންނަށް ޚާއްޞަ އިމްތިޔާޒުތަކެއް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން އެމީހުންނަކީ ޕާކިސްތާން، އަފްޣާނިސްތާން ނުވަތަ ބަންގުލަދޭޝްއަށް ނިޞްބަތްވާ މީހުންކަން ސާބިތު ކުރެވިއްޖެ ނަމަ، އެމީހުން އިންޑިއާގައި ދިރިއުޅޭތާ ނުވަތަ މަސައްކަތް ކުރާތާ ހަ އަހަރު ފަހުން ރަށްވެހިކަމަށް އެދެން ފުރުޞަތު ލިބޭނެ އެވެ.

މި ބިލު ޤާނޫނު ހަދާ މަޖިލީހަށް ހުށައެޅި ހިސާބުން އިންޑިއާގެ އެކި ޞަރަޙައްދުތަކުގައި ވަނީ މުޒާހަރާ ކޮށްފައެވެ. ޚާއްސަކޮށް ބަންގްލަދޭޝްގެ ޞަރަޙައްދީ އިން ކައިރީ އޮންނަ އައްސާމް ސްޓޭޓުގައި އަންނަނީ މިކަމާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ. އެ މުޒާހަރާގެ ބައިވެރިން ވަނީ އެ އިޞްލާޙު ގެނައުމާއެކު ބަންގުލަދޭޝްގެ ގިނަ ޢަދަދެއްގެ މީހުން ޤަވާއިދާ ޚިލާފަށް އެ ސްޓޭޓަށް އެތެރެވާން ފަށާނެ ކަމަށް ބުނެފަ އެވެ. އެ ބިލު މިދިޔަ އޮގަސްޓު މަހު ނެރުނު އައްސާމްގެ ރަށްވެހިންގެ ލިސްޓާ ވަނީ ގުޅިފައެވެ. އެ ލިސްޓުގައި އައްސާމް ސްޓޭޓުގައި ދިރިއުޅޭ 1.9 މިލިއަން މީހުންގެ ނަން ހިމަނާފައި ނުވުމުން ގިނަ ޢަދަދެއްގެ މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެލިސްޓުގައި އިންޑިއާގެ ރައްޔިތުންގެ ގޮތުގައި ހިމަނާފައި ވަނީ 24 މާޗް 1971ގެ ކުރިން އައްސާމްގައި ދިރިއުޅުނުކަން ސާބިތު ކުރެވޭ މީހުންގެ ނަންތަކެވެ. އެތާރީޚަކީ ބަންގުލަދޭޝްގެ މިނިވަންކަމުގެ ހަނގުރާމަ ފެށުމުން ގިނަ ޢަދަދެއްގެ ރެފިއުޖީން އިންޑިއާގައި ވަޒަންވެރިވާން ފެށި ތާރީޚެވެ.

ނަމަވެސް އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކުރި ރަށްވެހިކަމުގެ ޤާނޫނުގެ އިޞްލާޙު ތަޞްދީޤުކޮށްފި ނަމަ، އައްސާމް ސްޓޭޓުގެ ރަށްވެހިންގެ ލިސްޓުން އުނިކޮށްފައިވާ ޕާކިސްތާނާއި، އަފްޣާނިސްތާނާއި، ބަންގުލަދޭޝްގެ މުސްލިމު ނޫން މީހުންނަށް ރަށްވެހިކަން ލިބޭނެ އެވެ.

މުޒާހަރާ އާއި ގުޅިގެން އައްސާމް ސްޓޭޓުން ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް އިންޓަރނެޓް ކަނޑާލާ ކާފިއު އިޢުލާންކޮށްފަ އެވެ. އަދި މުޒާހަރާ ކޮންޓްރޯލް ކުރުމަށް އިންޑިޔާގެ އަސްކަރިއްޔާއިން ދަނީ ޙަރަކާތްތެރިވަމުންނެވެ. އަދި މުޒާހަރާ އާއި ގުޅިގެން އައްސާމް ސްޓޭޓުގެ ވައިގެ ދަތުރުފަތުރަށް ވަނީ ބުރޫ އަރާފައެވެ. ބައެއް އެއަރލައިންތަކުން ތާވަލު ފްލައިޓުތައް ކެންސަލް ކުރަމުންދާކަމަށް ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކުރެއެވެ. އައްސާމް ސްޓޭޓުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެފައިވަނީ އެއްވެސް މީހެއްގެ ހައްޤެއް ގެއްލިގެން ނުދާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.