ބުރާސްފަތި 22 އޮކްޓޯބަރ 2020
05 ހެއި
1442 ރަބީއުލް އައްވަލް 05
ފަތިސް 04:37
އިރުއަރާ 05:49
މެންދުރު 11:55
އަސްރު 15:11
އިރުއޮއްސޭ 17:53
އިޝާ 19:05
ޚުތުބާ

މަގުމަތީގައި ތިބޭއިރު އެއްވެސް މީހަކަށް ތުރާލެއްވާނެ ކަމެއް ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫން: ޚުތުބާ

  • ބެލުންތައްތިރި ކުރުމަށް ގޮވާލެއްވި
  • މީހަކަށް ގެއްލުމެއް ލިބިދާނެ ކަންތައްތަކުން ދުރުހެލިވާން ޖެހޭ
  • ދުއްވާ ތަކެތިން ވެސް މީހުންނަށް އުނދަގޫވާ ގޮތަށް އަމަލުކުރުމަކީ ހުއްދަކަމެއް ނޫން

ކ. މާލެ | 6 ޑިސެންބަރ 2019 | ހުކުރު 13:40 | 4,533

ހުޅުމާލޭގެ މަގެއް - މިހާރު

މަގުމަތީގައި ތިބޭއިރު އެއްވެސް މީހަކަށް ތުރާލެއް ވާނެ ކަމެއް ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫން ކަމަށާއި، ބެލުންތައްތިރި ކުރުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

މަގުމަތީގެ އަދަބުތައް މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މީސްމީހުންގެ ގޭތެރެ ބަލައި، އެތަންތަނުގައި ހުރީ ކޮންއެއްޗެއްތޯ އާއި އުޅެނީ ކޮން ބައެއްތޯ ހޯދައި ބެލުމަކީ އަހުލާގީ ގޮތުން ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

ޚުތުބާގައި ބުނީ މަގުމަތީގައި އުޅުމުގައި ބެލުންތައް ތިރި ކުރުމަށް ގުރުއާނުގައި އަމުރު ކުރައްވާފައިވާ ކަމަށާއި، ގިޔާމަތް ދުވަހު އަޅާ، އޭނާގެ ލޮލުން ބަލައި އުޅުނު ތަންތަނާ ތަކެއްޗާ މެދު އޭނާއާ ސުވާލުކުރެވޭނެ ކަމަށެވެ.

މުއުމިނު ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށް ކަލޭގެފާނު އަމުރު ކުރައްވާށެވެ!

~ ކީރިތި ގުރުއާނުގައި އަމުރު ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވޭ

މަގުމަތީގެ އަދަބުތަކަށް އަލިއަޅުއްވާލައްވާ ޚުތުބާގައި ބުނީ މަގުމަތީގެ ހައްގުތަކުގެ ތެރޭގައި މީހަކަށް ގެއްލުމެއް ލިބިދާނެ އެންމެހައި ކަންތައްތަކުން ދުރުހެލިވުން ހިމެނޭ ކަމަށެވެ. އެއީ ބުނާ ބަހަކުން ކަމުގައި ވިޔަސް ކުރާ އަމަލަކުން ކަމުގައި ވިޔަސް، ކުރާ އިޝާރާތަކުން ނުވަތަ ބަލާބެލުމަކުން ކަމުގައި ވިޔަސްމެއެވެ.

ޚުތުބާގައި ބުނީ މަގުމަތީގެ ހައްގުތައް އަދާކުރުމުގެ ތެރޭގައި ހިނގާފައިދާ މީހުންގެ ފަރާތުން އެހެން މީހުންނަށް ކުރާ ގޯނާ ހުއްޓުވުމާއި މާރާމާރީ ހިންގާ މީހުންގެ އަމަލުތައް ހުއްޓުވުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ މަގުމަތީގައި ދުއްވާ ތަކެތިން ވެސް މީހުންނަށް އުނދަގޫވާ ގޮތަށް އަމަލުކުރުމަކީ ހުއްދަކަމެއް ނޫން ކަމަށެވެ.

އެކަންތައްތަކުގެ ތެރޭގައި ވިއްސާރަ ދުވަސް ދުވަހު މަގުމަތީގައި ހިނގާފައިދާ މީހުންގެ ގަޔަށް ފެންބުރައިގެންދާ ގޮތަށް އިންޖީނުލީ އުޅަނދުފަހަރު ދުއްވުމާއި، މަގުމެދަށް ކާރާއި ޓެކްސީ ހުއްޓައި މީހުން އެރުވުމާއި، ކަފިހި ހުރަހު ގައި މަގު ހުރަސްކުރަން ހުންނަ މީހާއަށް ތަންނުދީ ތަކެތި ދުއްވުމާއި، ސިގުނަލް ނުދީ، ގަވާއިދާ ހިލާފަށް، ވާތްފަރާތުން ކުރިއަރައިގެން ދިއުމާއި، ބާރަށް ބަރުގޮނު އެޅުމާއި، ސައިލެންސަރުގެ އަޑު ގަދަވާ ގޮތަށް ހަދައިގެން ދުއްވުން ހިމެނޭ ކަމަށް ޚުތުބާގައި ބުންޏެވެ. އަދި ސައިލެންސަރުގެ އަޑު ބާރުވުމުގެ ސަބަބުން ގޯތިގެ ދޮރުގައި ތިބޭ މީހުންނަށް އުދަނގޫ ފޯރުމުގެ އިތުރުން ނިދާފައި ތިބޭ ތުއްތު ކުދިން ބިރުން ހޭލެވި ހަމަނިދި ނުލިބުމާއި، ގޭގޭގައި ތިބޭ ބަލި މީހުންނަށް އުދަނގޫވުން ހިމެނޭ ކަމަށް ޚުތުބާގައި ބުންޏެވެ.

މިއަދު އަޅުގަނޑުމެންގެ މަގުތަކަށް ފެން ފައިބާ ގޮތަށް ފޫގޮސްފައި އޮތީ ކިތައް ދިޔަދޮވިތޯ. މިކަންތައްތަކުގެ އިތުރުން ގޯޅިގޯޅިއަށް ކުނިއެޅުމާއި، މޭވާ ކެއުމަށްފަހު އޭގެ އޮށާއި، ތޮށި މަގުމައްޗަށް އަޅަނީ ކިތައް މީހުންތޯއެ. މަގުމައްޗަށް ކުޅު ޖެހުމައި ހިނގާފައިދާ މީހުންގެ މޫނާ ދިމާކޮށް ކިނބިހި އެޅުމާއި ހިނގާފައިދާ މީހުންގެ މޫނުމައްޗަށް ސިގިރޭޓުގެ ދުންތައް ބުރުވާލުން ފަދަ ނާތަހްޒީބު އަމަލުތައް ކުރަނީ ކިތައް މީހުންތޯއެވެ. ކުނިވަށިގަނޑަށް އަޅަން ޖެހޭ އެތައް ބާވަތެއް މަގުމަތީގައި ބަހައްޓާފައި ދަނީ ކިތައްމީހުންތޯ. މިފަދަ ކޮންމެ ކަމަކީ އެރަށެއްގައި ދިރިއުޅޭ އެންމެނަށް ގެއްލުން ހުރި ކަންކަމަށް ވާތީ، ރަސްމީ ފަރާތަކުން އެންގުމުގެ ކުރިން އަމިއްލަ ނަފްސަށް ފެނިގެން މިކަންކަން އިސްހާލު ކުރުމަށް މުސްލިމުންތަކުންނަށް ގޮވާލަމެވެ.

~ ހުކުރު ޚުތުބާ

ޚުތުބާގައި ބުނީ މަގުމަތީގެ ހައްގުތަކުގެ ތެރޭގައި މަގުތައް ސާފުތާހިރުކޮށް ބޭއްވުން ހިމެނޭ ކަމަށާއި، މަގުމަތި ސާފު ތާހިރުކޮށް ބެލެހެއްޓުމަކީ ޒީނަތެއް ކަމަށެވެ. އަދި މަގުމަތި ސާފު ތާހިރު ކުރުމަކީ ބަލިތަކުން މުޖުތަމައު ރައްކާތެރިކޮށްދޭ ކަމަކަށްވާއިރު، މަގުމައްޗަށް ކުނި އުކާނުލުމަށް ޚުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.