ކ. މާލެ
|
29 ނޮވެންބަރ 2019 | ހުކުރު 17:07
ޕީޕީއެމްގެ ރައީސްކަމުގެ މަގާމު ރައީސް ޔާމީނަށް ވަނީ ގެއްލިފަ-
ޕީޕީއެމްގެ ރައީސްކަމުގެ މަގާމު ރައީސް ޔާމީނަށް ވަނީ ގެއްލިފަ-
ޔޫސުފް ސޮފްވާން ރަޝީދު
މަގޭ ރިޕޯޓް
ގަދަކަމުން "ފޭރިގަތް" ޕީޕީއެމްގެ ރައީސްކަން ވެސް އެންމެ ފަހުން ގެއްލުނީއެވެ!
 
ޕީޕީއެމްގެ ރައީސް މައުމޫން އަތްޕުޅުން ޕީޕީއެމް ނަންގަވާ، ރައީސް ޔާމީން ޕާޓީގެ ރައީސް ކަމަށް ވަޑައިގެންނެވި
 
އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާންގެ މަގާމު ވެސް ގެއްލުވާލި
 
ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހު ގެންނެވީ، އެމްޑީޕީގެ ރައީސްކަމުން ރައީސް ނަޝީދު ދުރުކުރަން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަރަށް ގިނަ ގާނޫނުތަކަށް އިސްލާހު ހުށަހަޅައި، ބޮޑެތި ބަދަލުތަކެއް ގެންނެވި އެވެ. ތިމާމެންގެ އަތުގައި ބާރު އޮތީތީވެ، އިދިކޮޅު ސިޔާސީ ލީޑަރުންނަށް ޖެއްސުން ކުރުމާއި، ސީދާ ވަކި ފަރާތްތަކަކަށް އަމާޒުކޮށް، ގާނޫނުތައް ހަދައި، އިސްލާހު ގެންނެނެވިއިރު، ހިޔާނާތާއި ފަސާދައާއި ކޮރަޕްޝަން ހިންގުމަށް މަގު ފަހިވާގޮތަށް ވެސް ގާނޫނުތަކަށް ބަދަލު ގެންނެވި އެވެ. ނުވިތާކަށް ގާނޫނުއަސާސީއަށްވެސް އިސްލާހުތަކެއް ގެންނެވިއިރު، އެންމެފަހު، މިޖެހުނީ ކޮންތާކުތޯއެވެ.

ކުރިން ޕީޕީއެމްގެ ސަރުކާރެއް އޮވެ، އެސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ ސާފު މެޖޯރިޓީއެއް ރައްޔިތުންގެ މަޖިލީހުގައި އޮތުމުން، ސަރުކާރުން ވައްކަން ކުރަމުންދިޔައީ ރޯމާ ދުވާލު އެވެ. ޕާޓީގެ މެމްބަރުންނަށް ގޯނި ގޯނީގައި ފައިސާ ބަހަމުން ދިޔައީ އެވެ. ކަޅު ފޮށިތަކުގައި ފަނޑިޔާރުންނަށް ރިޝްވަތު ހުށަހަޅަމުންދިޔައިރު، އާހިރަތެއް މިއްލަތެއް، އަދި ހާލަތު ބަދަލުވެދާނެ ކަމުގެ ވިސްނުން ހަމަ އެއްގޮތަކަށް ވެސް ސިކުނޑީގައި ނެތީމަ ކަމަށް ވެދާނެ އެވެ.

ދިވެހިރާއްޖޭގެ ބިންތައް ބިދޭސީންނަށް މިލްކު ކުރެވޭގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއަށް ވެރިކަމަށް ކުރިމަތި ނުލެވޭގޮތަށް، 65 އަހަރުން މަތީގެ މީހުންނަށް ވެރިކަމަށް ކުރިމަތި ނުލެވޭގޮތަށް ގާނޫނުއަސާސީއަށް ރައީސް ޔާމީންގެ ސަރުކާރުން ގެންނެވި ބަދަލުތައް، މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުން އެވަނީ އަލުން ކުރިން އޮތްގޮތަށް ބަދަލު ކޮށްފަ އެވެ.

މަނީ ލޯޑަރިންގ ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާއިރު، "މަނީ ލޯންޑަރިންގ އަދި ޓެރެރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނު" ވެސް ރައީސް ޔާމީންގެ ސަރުކާރުން ފާސްކޮށް، އެމަނިކުފާނު ތަސްދީގު ކުރެއްވި ގާނޫނެވެ. އެގާނޫނަކީ މިހާރު ރާއްޖޭގެ ހާލަތަށް ބަލާއިރު ކޮންމެހެންވެސް އޮންނަންޖެހޭ ގާނޫނެކެވެ. އަދި އެގާނޫނުގައި އެންމެ ފުރަތަމަ ޖެހުނު ބޭފުޅަކަށް ރައީސް ޔާމީން ވުމަކީ އިއްތިފާގެއް ކަމަށް ވެދާނެ އެވެ.

ދެން އޮތީ، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ރައީސް ޔާމީން ގެންނެވި އިސްލާހާއެކު، އެމަނިކުފާނުގެ ޕާޓީގެ ޕާޓީގެ ލީޑަރޝިޕާ ދުރަށް ވަޑައިގަންނަވަން ޖެހިވަޑައިގެންނެވި އިސްލާހެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ މެޖޯރިޓީ އޮތް ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހުގެންނަވައި، ރައީސް ޔާމީން އެ އިސްލާހު ތަސްދީގު ކުރައްވާފައި ވަނީ 05 މެއި 2015 ގަ އެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ގެނައި އިސްލާހުގައި، ސިޔާސީ ޕާޓީތަކާއި، ޖަމިއްޔާތަކާއި، ޖަމާއަތް ހެދުން، ބަޔާން ކުރާ އެގާނޫނުގެ 63 ވަނަ މާއްދާގައި ބުނެފައިވަނީ، ސިޔާސީ ޕާޓީއާއި ޖަމިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި، އެތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެން ނުވާ ކަމަށެވެ.

އެދުވަސްވަރަކީ ރާއްޖޭގެ ތާރީހުގައި އެންމެ ބޮޑެތި ހަމަނުޖެހުން ހިނގާދިޔަ، އަދި ރައީސް ޔާމީންގެ ވެރިކުމުގައި ހިންގި ހިޔާނާތުގެ ކަންކަން ފާޅުވަމުންދިޔަ ދުވަސްވަރެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރުގެ މާރޗު މަހުގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރެރިޒަމްގެ ދައުވާކޮށް، ޖަލަށް ލުމަށް ހުކުމް ކުރި އެވެ. އެހުކުމް ކުރުމާއެކު، ރައީސް ޔާމީންގެ ސަރުކާރަށް ދިވެހި ރައްޔިތުންގެ ފަރާތުންނާއި ބައިނަލް އަގްވާމީ ޕްރެޝަރު ބޮޑުވެ، ބޭރުގެ ޕްރެޝަރު ކުޑަކުރުމަށް ކުރެއްވުމަށް ރައީސް ޔާމީންގެ ސަރުކާރަށް ފެނުނު ހަމައެކަނި ގޮތަކީ އިދިކޮޅު ސިޔާސީ ޕާޓީގެ ލީޑަރުގެ ލަގަބު ގެއްލުވާލުމެވެ. އެހެންވެ، ޖަލުތަކާއި ޕެރޯލްގެ ގާނޫނުން އެމްޑީޕީގެ ރައީސްގެ މަގާމު ވަނީ ގެއްލުވާލާފަ އެވެ. ނަމަވެސް އެމްޑީޕީގެ ރައީސްކަން ގެއްލުވާލުމުން ސަރުކާރަށް އައި ޕްރެޝަރު ވަކި ކުޑަވިތަނެއް ނުފެނުނެވެ. ސަބަބަކަށްވީ، ދިވެހިރައްޔިތުންގެ އެންމެބޮޑު ތާއީދެއް އޮތް ލީޑަރަކީ ރައީސް ނަޝީދު ކަމަށްވެފައި، އެމަނިކުފާނަކީ ބޭރު ދުނިޔެއިން ބަލައިގަނެފައިވާ ސިޔާސީ ލީޑަރަކަށް ވުމެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ގެނައި އިސްލާހުން އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާން އަބްދުﷲގެ މަގާމުވެސް ގެއްލުވާލި އެވެ. އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން ޖަލަށްލީ، 2015 ވަނަ އަހަރުގެ މެއި މަހު އެއްވަނަ ދުވަހު ބޭއްވި "މޭޑޭ" މުޒާހަރާގައި އެމަނިކުފާނު ދެއްކެވި ކަމަށް ބުނާ ވާހަކައެއް އެއީ ޓެރެރިޒަމަށް ހިތްވަރުދޭ ވާހަކައަށްވާތީ ކަމަށް ބުނެ، ޓެރެރިޒަމްގެ ގާނޫނުގެ ދަށުން ނެވެ.

ރައީސް ޔާމީންގެ ސަރުކާރުން ވަރަށް ގިނަ ގާނޫނުތަކަށް ބަދަލު ގެންނެވިއިރު، ގިނަ ގާނޫނުތަކަކީ އެމަނިކުފާނަށް މިހާރު އޮތް ބޮޑު "ދަންތުރަ" އަކަށް މިވަނީ ވެފައެވެ.

އެގޮތުން މަނީ ލޯންޑަރ ކުރުމުގެ ކުށް އެވަނީ ސާބިތުވެ ޖަލަށްލާފަ އެވެ. ޓެރެޒިޒަމަށް ފައިނޭންސް ކުރުމުގެ ކުށުގެ ތުހުމަތު ވެސް ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރުގެ އިސްވެރިންގެ މައްޗަށް ކުރެވެއެވެ. އޭގެ ތެރޭގައި މާލޭގެ ގޭންގްތަކަށް ހަރަދު ކުރުމާއި "ސަލަފް ކުދިންކޮޅަށް" ހަރަދު ކުރާކަމަށް ބުނާ ބައެއް ފޯން ކޯލްތަކުގެ ރެކޯޑިންތައް މީގެކުރިން ދައުރުވެފައިވެސް އެބަހުއްޓެވެ.

އެންމެފަހުން، ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމެއް ކުރެއްވުމާއެކު، ޕީޕީއެމްގެ ރައީސްކަން ވެސް މިވަނީ ގެލިއްފަ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަތްޕުޅުން ގަދަބާރުން "ފޭރިގަތް" ޕީޕީއެމް ރައީސަކީ މިއަދު ރައީސް ޔާމީނެއް ނޫނެވެ. ރައީސް ޔާމީނަކީ މިއަދު ޕީޕީއެމްގެ އާންމު މެމްބަރެކެވެ. މިހާރު ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީނަށް ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވުމުގެ ހައްގެއް ނެތެވެ. އެކަން އެގޮތަށް މެދުވެރި ކުރުވީވެސް ހުދު ރައީސް ޔާމީނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
82%
0%
6%
0%
12%
ކޮމެންޓް