ކ. މާލެ
|
18 ނޮވެންބަރ 2019 | ހޯމަ 15:35
ޑރ އަފްރާޝީމް އަލީ
ޑރ އަފްރާޝީމް އަލީ
ގޫގުލް
މަރު ކޮމިޝަންގެ ރިޕޯޓް
ޑރ އަފްރާޝިމަށް ހަމަލާދިން އިރު، އަތްޕުޅުގައި މަރުވެފައިތިބޭ މީހުން މެދުވެރިކޮށް ދުއާކުރުމާބެހޭ މައުލޫމާތު ހިމެނޭ ފޮތެއް އޮތް : ކޮމިޝަނުގެ ރިޕޯޓު
 
އިތުރު ބައްދަލުވުމެއް ބޭއްވުމަސް ނިންމި ނަމަވެސް އެކަމެއް ނުކުރޭ
 
ދީނީ ގޮތުން ހިޔާލުތަފާތުވެފައިވާ ކަންކަމާ މެދު މަޝްވަރާކޮށް، ޚިޔާލު ބަދަލުކޮށްފައިވޭ
 
އެ ތަގްރީރާއި ގުޅިގެން ޑރ.އަފްރާޝީމް ހުރީ އިލްމުވެރިންގެ ތެރެއިން ބާކީވެފައި

ޑރ.އަފްރާޝީމް އަވަހާރަކޮށްލުމަށް ބަޔަކު ހަމަލާދިން އިރު, އަތްޕުޅުގައި މަރުވެފައިތިބޭ މީހުން މެދުވެރިކޮށް ދުޢާކުރުމާބެހޭ ގޮތުން ލިޔެފައިވާ މައުލޫމާތު ހިމެނޭ ފޮތެއް އޮތްކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން އާންމުކުރި ރިޕޯޓުން ހާމަވެއްޖެއެވެ.

މައްސަލަތައް ފެށުނު ގޮތް :

ދީނި އިލްމުވެރިންނާއި ޑރ އަފްރާޝީމާއި ޚިޔާލުތަފާތުވުންތައް އުފެދުނީ ފުލުހުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނީ ރޫހު އާލާކުރުމުގެ މަޤުސަދުގައި ފުލުހުންނަށް ޚާއްސަކޮށްގެން 8 މޭ 2012 ދުވަހު އިސްކަންދަރު ބިލްޑިންގުގެ މަލްޓިޕާރޕަސް ހޯލުގައި ބޭއްވި ދީނީ ދަރުހެއްގައި ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންކަމަށް ކޮމިޝަނުގެ ރިޕޯޓުން ހާމަވެއްޖެއެވެ.

މި ދަރުހުގައި ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އާއި ޑރ. އަފްރާޝީމް ތަޤުރީރުކުރައްވާފައިވާއިރު، އެ ދެ ބޭފުޅުންގެ ވާހަކަފުޅުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލާފައި ވަނީ ކީރިތި ރަސޫލާ ޞައްލަالله އަލައިހި ވަސައްލަމްގެ ސުންނަތުގެ ސައްޙަ މަފްހޫމު ދެނެގަތުމުގެ މުހިއްމުކަމުގެ މައްޗަށެވެ.

ޑރ.އަފްރާޝީމްގެ ތަޤުރީރުގައި މައިގަނޑު ގޮތެއްގައި ބަޔާންކޮށްދެއްވީ ކީރިތި ރަސޫލާގެ ސުންނަތް ދަރަޖަ ކުރެވިފައިވާ ގޮތް ދެނެގަތުމުގެ މުހިއްމުކަމުގެ މައްޗަށްކަމަށް ރިޕޯޓުން އެނގެއެވެ. އެގޮތުން ކީރިތި ރަސޫލު މުޙައްމަދު (ޞ.ޢ.ޥ) ހަދީސްކުރެއްވި ބަސްފުޅުތަކާއި، ޢަމަލުފުޅުތަކަށް ތަބާވުމުގައި އެފަދަ އަމުރުފުޅެއް ކުރެއްވި ސަބަބާއި އޭގެ މުރާދަކީ ކޮބައިކަމާއި، ޞަޙާބީން އެކަންކަން ތަފުޞީލުކޮށްދެއްވާފައިވާ ގޮތާއި، އެކަމުގައި ދީނީ އިލްމުވެރިންނާއި އިމާމުންގެ ރަޢުޔު ހުރިގޮތް އެނގެންޖެހޭ ކަމަށް ވިދާޅުވެ ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގައި ހިނގާފައިވާ ގިނަގުނަ ކަންކަމުން މިސާލުތައް ދެއްކެވިއެވެ.

މީގެ އިތުރުން ޑރ. އަފްރާޝީމް ވިދާޅުވެފައިވަނީ ދީނީ އިލްމުވެރިންގެ މެދުގައި ކަމަކާމެދު ޚިޔާލު ތަފާތުވުން އުފެދިއްޖެނަމަ އެއީ ކަނޑައެޅިގެން ވާޖިބު، ބިދުޢަ، ނުވަތަ ކަނޑައެޅިގެން ދީނުން ބޭރުވާ ވަރުގެ މައްސަލައެއްގެ ގޮތުގައި ކަނޑަނޭޅޭނެ ކަމަށާއި އެފަދަ މައްސަލަތަކަކީ ކަނޑައެޅިގެން ވަކި ގޮތެއް ނިންމޭނެ މައްސަލަތަކެއް ނޫންކަމަށެވެ. އެހެންކަމުން އެފަދަ މައްސަލަތަކުގައި މުސްލިމް އަޚުން އެއްބަޔަކު އަނެއް ބަޔަކަށް ޖަދަލުކޮށް ޒުވާބުކޮށް އެއްޗެހި ގޮވައި ހެދުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫންކަމަށް ޑރ އަފްރާޝީމް ވިދާޅުވެފައިވާކަމަށް ރިޕޯޓުގައި ވެއެވެ.

އުފެދުނު އަރައިރުންތަށް ކަމަށް ކޮމިޝަނުން ފާހަގަކޮށްފައިވާ ކަންތައްތައް:

އިސްކަންދަރު ބިލްޑިންގ ގައި، 8 މޭ 2012 ގައި ޑރ. އަފްރާޝީމް ދެއްކެވި ވާހަކަތަކާ ގުޅިގެން، ޖެހިގެން އައި ދުވަހު އަދާލަތު ޕާޓީއިން އެ ވާހަކަތަކަށް ރައްދުދީ ނޫސްބަޔާނެއް ނެރެފައިވާއިރު، އެ ނޫސްބަޔާނުގައި ބުނެފައިވަނީ ތުނބުޅި ބެހެއްޓުމަކީ އިސްލާމް ދީނުގައި ފިރިހެނުން ގެ މައްޗަށް އިރުގެ އަލި ފަދައިން ވާޖިބު ކަމެއްކަމަށާއި، އިސްލާމީ އުޞޫލުތަކާ ޚިލާފު އެންމެހައި ޤަވާއިދުތައް ދައުލަތުގެ މުއައްސަސާތަކުން ބާޠިލުކުރަންޖެހޭނެ ކަމަށް އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިންގެ މަޖިލީހުން ގޮވާލާ ކަމަށެވެ.

ޑރ.އަފްރާޝީމް ފުލުހުންނާ މުޚާތަބުކޮށް ދެއްކެވި ވާހަކައާ ގުޅިގެން ހަމަ އެދުވަހު ޖަމްއިއްޔަތުއް ސަލަފުގެ ރައީސް ޝައިޚް ޢަބްދުالله ބިން މުހަންމަދު އިބްރާހިމާއި ޝައިޚް ހަސަން މޫސާ ފިކުރީ އާއި ޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހިމް ސޮއިކުރައްވައި ބަޔާނެއް ނެރުނެވެ. އެ ބަޔާނުގައި ބުނެފައިވަނީ ތުނބުޅި ބެހެއްޓުމަކީ އިސްލާމް ދީނުގައި ވާޖިބެއް ކަމަށާއި ތުނބުޅި ނުބެހެއްޓޭނެ ކަމަށް ބުނާ ޤަވާއިދަކީ ޣައިރު ދުސްތޫރީ ޤަވައިދެއް ކަމަށެވެ.

އުފެދިފައިވާ ދީނީ ހިޔާލުތަފާތުވުން ކުޑަކުރުމަށް ކުރެވިފައިވާ މަސައްކަތްތައް:

ޑރ.އަފްރާޝީމް އަވަހާރަކޮށްލުމުގެ ތިން ހަފުތާ ކުރިން، ދީނީ ޚިޔާލު ތަފާތުވުންތައް ކުޑަކުރުމަށް ދީނީ އިލްމުވެރިންގެ މެދުގައި މަޝްވަރާ ބައްދަލުވުންތަކެއް 9 ސެޕްޓެމްބަރު 2012 ގައި އިސްލާމިކް މިނިސްޓްރީން ފެއްޓެވިއެވެ. "ސްކޮލަރސް ޑައިލޮގް" ގެ ނަމުގައި އިސްލާމިކް މިނިސްޓްރީގައި ބޭއްވި އެ ބައްދަލުވުންތަކާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވަނީ އެ ބައްދަލުވުމުގައި އިލްމުވެރިންގެ މެދުގައި ދީނީ ގޮތުން ޚިޔާލުތަފާތުވެފައިވާ ކަންކަމާ މެދު މަޝްވަރާކޮށް، ޚިޔާލު ބަދަލުކޮށްފައިވާ ކަމަށާއި، އެ މަޝްވަރާތައް ބޮޑަށް އަމާޒު ކުރައްވާފައިވަނީ ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީއާ އެހެން އިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތުވުންތައް އުފެދިފައިވާ މައްސަލަތަކަށް ކަމަށެވެ.

އެގޮތުން ގަބުރު ކައިރީގައި ދުޢާ ކުރުމާއި ގުޅޭ ގޮތުން ޑރ .އަފްރާޝީމާއި އިލްމުވެރިން މަޝްވަރާ ކުރައްވާފައިވާ ކަމަށް އޭރުގެ އިސްލާމިކް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށް ރިޕޯޓުގައިވެއެވެ. އޭނާ ވިދާޅުވި ގޮތުގައި އަފްރާޝީމާއި ޝައިހް އިލްޔާސް ހުސައިން އާއި އިތުރު އިލްމުވެރިން ބައިވެރިވެ ވަޑައިގެންނެވި އެ ބައްދަލުވުމުގައި، މައްސަލަތަކާ ގުޅޭ ގޮތުން ވަކި ގޮތެއް ނިންމިފައި ނުވި ނަމަވެސް، އުއްމީދު ކުރައްވަނީ އެ ކަންކަމާ ގުޅޭ ގޮތުން އަފްރާޝީމާއި އެހެން އިލްމުވެރިންގެ ޚިޔާލު އެއްގޮތްވުމެވެ.

އަދި އިތުރު ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އޭގެފަހުން ކޮންމެ 31 ހަފުތާއަކުން ސްކޮލަރސް ޑައިލޮގްތައް ބާއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް މިފަދަ ޑައިލޮގެއް މިނިސްޓްރީން ނުބާއްވާ ކަމަށް އިސްލާމިކް މިނިސްޓްރީން ކޮމިޝަނަށް ފޮނުއްވި ސިޓީއެއްގައި ބަޔާންކުރައްވާފައިވާކަމަށް ވެއެވެ.

އިލްމުވެރިންނާއި ޑރ އަފްރާޝީމާއި ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތައް:

3 ޖެނުއަރީ 2019 ގައި 9 ސެޕްޓެމްބަރުގައި ބޭއްވި ޑައިލޮގްގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅަކު ކޮމިޝަނަށް ދެއްވި ބަޔާނެއްގައި އިލްމުވެރިންނާއި، އަފްރާޝީމާ ދެމެދު، ޚާއްޞާކޮށް ޒިޔާރަތަށް ގޮސް މަރުވެފައިތިބޭ މީހުން މެދުވެރިކޮށް ދުޢާ ކުރުމާބެހޭ ގޮތުން ޚިޔާލުތަފާތުވުން އޮތްކަމަށް ވިދާޅުވިއެވެ.

- "މަރުވެފައިވާ މީހަކު މެދުވެރިކޮށް ދުޢާ ކުރަންޏާ ހުރިހާ އިލްމުވެރިންވެސް އެއްބަސްވާ ގޮތުގައި އެއީ ޝަރީކު ކުރުން، ދީނުން ބޭރުވާނެ" – "ނަމަވެސް ޑރ. އަފްރާޝީމް މަރާލަން އެއްވެސް ފުރިހަމަ އިލްމުވެރިއަކު ނޫޅޭނެ – އެކަމަށް ފިޔަވަޅު އަޅަންވާނީ އޮންނަ ނިޒާމުގެ ތެރެއިން – ނަމަވެސް އިންޓަނެޓުން އުނގެނިގެން އުޅޭ ހަރުކަށި ދީނީ ފިކުރުގެ މީހަކު އެކަން ކޮށްފާނެ "

- "1 އޮކްޓޯބަރ 2012 ވަނަ ދުވަހު އަފްރާޝީމާ ދިމައެއް ނުވޭ – ޝަހާދަތް ކިޔައި ލާއިލާހައިއްލައްالله ކިޔައިފިނަމަ އެމީހަކު ގަތުލެއް ނުކުރެވޭނެ - ކީރިތި ރަސޫލާގެ ހަދީޘެއް އޮންނާނެ .

އިތުރު ހެކިތައް: "އިލްމުވެރިންނާއި އަފްރާޝީމާ ދެމެދު އަޤީދާ ގެ މައްސަލާގައި ނުރުހުން އޮތް – ފުރިހަމަ އިލްމުވެރިއަކު ޑރ. އަފްރާޝީމް މަރާލާކަށް ނުބުނާނެ – ނަމަވެސް ބައިކުޅައިބައިން އެނގިގެން އުޅޭ ހާޑްލައިންގެ މީހުން ޤަބޫލުކުރާގޮތުގައި އެފަދަ މީހަކު މަރާލަންޖެހޭ – ނަމަވެސް އަސްލު ރަނގަޅު އިލްމުވެރިއަކު އެކަމަށް އެއްބަހެއް ނުވޭ. ޑރ.އަފްރާޝީމާ އެދުވަހު ދިމާވި މިނިސްޓްރީން، މިނިސްޓަރާ ބައްދަލުކޮށްފައި އިއްޒުއްދީން ކައިރިއަށް ޑރ.އަފްރާޝީމް ޕްރޮގްރާމާ ބެހޭގޮތުން ވާހަކަ ދައްކަން މިނިސްޓަރު ފޮނުވީ. "ޑރ. އަފްރާޝީމްގެ ބަހުން އެނގުނީ އެރޭގެ ޕްރޮގްރާމުގައި މާފު އެދިފައި އެހެން އިލްމުވެރިންގެ ރުހުން ހޯދައި އެހެން އިލްމުވެރިންނާ އެކުގައި މަސައްކަތްކުރަން ޑރ. އަފްރާޝީމް ބޭނުންވާކަން.

"އެހާތަނަށް ޑރ.އަފްރާޝީމް ހުރީ އިލްމުވެރިންގެ ތެރެއިން ބާކީވެފައި" ކޮމިޝަނުގެ ރިޕޯޓުގައި ވެއެވެ.

އަފްރާޝީމް ޕްރޮގުރާމަށް އަރުއްވާކަން އަދާލަތު ޕާޓީގެ ބޭފުޅުންނަށް ކުރިން އެނގިފައިވޭ:

ޑރ.އަފްރާޝީމް އެރޭގެ ޓީވީއެމްގެ ޕްރޮގްރާމަށް އަރާވަޑައިގަންނަވާ ކަން އަދާލަތު ޕާޓީގެ ބަޔަކަށް ދުރާލާ އެނގިފައިވާކަން ކޮމިޝަނަށް ލިބިފައިވާ ކަމަށް ރިޕޯޓުން ހާމަވާއިރު ޑރ. އަފްރާޝީމް އަލީ 1 އޮކްޓޯބަރ 2012 ދުވަހު 20:13 ގައި ކުއްލިއްޔަތުއްދިރާސާތުލް އިސްލާމިއްޔާގައި މަސައްކަތް ކުރައްވާ ޢަލި ދީދީ އަށް ގުޅުއްވާފައި ވަރަށް މުހިންމު ޓީވީ ޕްރޮގްރާމަކަށް އަރަން ޖެހިއްޖެ ކަމަށާއި، މަރުވެފައިތިބޭ މީހުން މެދުވެރިކޮށް ދުޢާކުރުމާބެހޭ ގޮތުން ލިޔެފައިވާ މައުލޫމާތު ހިމެނޭ ފޮތެއް ކުއްލިއްޔަތުއްދިރާސާތުލް އިސްލާމިއްޔާގެ ކުތުބުޚާނާގައި އޮންނާނެ ކަމަށާއި އެ ފޮތް އޭނާގެ އަތަށް ގެނެސްދިނުމަށް ޑރ. އަފްރާޝީމް އެދިވަޑައިގެންނެވި ކަމަށް ރިޕޯޓުގައި ވެއެވެ.

ޑރ.އަފްރާޝީމް އަވަހާރަކޮށްލުމަށް ބަޔަކު ޙަމަލާދިން އިރު އެ ފޮތް އޭނާގެ އަތްޕުޅުގައި އޮތެވެ.

ޓީވީ ޕްރޮގުރާމްގައި ދެއްކެވި ވާހަކަފުޅު:

– ސާފު އަގީދާއެއްގެ ބޭނުންތެރިކަން" - މި ޕްރޮގުރާމުގައި ޑރ. އަފްރާޝީމް ދެއްކެވި ވާހަކަފުޅުގައި – "ދުއާކުރުމުގައި އެއްވެސް ފަރާތެއް، މެދުވެރިއެއް، ބޭނުންކޮށްގެންނުވާނެ – އަޅުގަނޑު ދުވަހަކުވެސް ޤުރުއާން ނުވަތަ ސުންނަތުގައި ސާބިތުވެފައި ނެތް ވާހަކައެއް ދައްކާފައެއް ނުހުންނާނެ - ނަމަވެސް އަޅުގަނޑު ދައްކާފައި ހުރި ވާހަކައެއްގެ މަފްހޫމު އެވާހަކަ ގެނެވޭގޮތުން ބައެއް ފަހަރުގައި އޮޅިފައި އޮވެދާނެ ... މިސާލަކަށް ... "ދީނުގައި މަނާކޮށްފައި އޮތް ކަމެއް ނުވަތަ ފާހިޝް ކަމެއް ކުރިއަސް އެމީހަކު ދީނުން ބޭރު ނުވާނެ - އެކަމަކަށް އޮންނަ އަދަބެއް ދޭނީ ... އަޅުގަނޑު ބުނިއެއްޗަކުން އެއްވެސް ފަރާތަކަށް އެގޮތަށް އޮޅުން އަރާފައި އޮވެއްޖިއްޔާ މައާފަށް އެދެން." މި ގޮތަށް ވިދާޅުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
60%
0%
18%
11%
7%
4%
ކޮމެންޓް
24 ނޮވެންބަރ 2019 | އާދީއްތަ 07:14
ޢއ
ޑރ. އަފްރާޝިމް އަވަހާރަކޮށްލުމުގައި ބައިވެރިވެފައިވާ އެންމެން ނިސްބަތްވަނީ އެމްޑީޕީއަށެވެ. އެމީހުންގެ ދިފާއުގައި ނުކުތީވެސް އެމްޑީޕީއެވެ.އެމީހުނަށް ވަޒީފާދީ ފޮރުވަން އުޅެނީވެސް އެމްޑީޕީއެވެ.