އަންގާރަ 10 ޑިސެންބަރު 2019
01 މުލަ
1441 ރަބީޢުލްއާޚިރު 13
ފަތިސް 04:43
އިރުއަރާ 06:00
މެންދުރު 12:03
އަސްރު 15:23
މަޣްރިބް 17:57
އިޝާ 19:14
ރާއްޖެ - ވެޓް ކްލިނިކް

ޖަނަވާރުންނަށް ޚިދުމަތްދޭ ކުލިނިކު އަންނަ އާދިއްތަ ދުވަހުން ފެށިގެން އަލުން ހުޅުވަނީ

  • މިނިސްޓަރ ވިދާޅުވީ މިހިދުމަތަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް
  • ޑޮކްޓަރަށް ދެއްކުމާއި ސަރޖަރީގެ ހިދުމަތް މި ކްލިނިކުން ދެމުން ގެންދާނެ

އާއިޝަތު ޝިއުރާ
@schewra

ކ. މާލެ 15 ނޮވެންބަރު 2019 | ހުކުރު 00:28 2,736

ވެޓް ކްލިނިކް - މުހައްމަދު ޝަރުހާން

ވިލިމާލޭގައި ޖަނަވާރުންނަށް އެކިކަހަލަ ޚިދުމަތްތައް ދިނުމަށް ޤާއިމުކޮށްފައިވާ ކުލިނިކުން ދެމުންގެންދާ ޚިދުމަތްތައް އަންނަ އާދިއްތަ ދުވަހު އަލުން ފެށިގެންދާނެ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ފިޝަރީޒް މިނިސްޓްރީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ ވެޓް ކްލިނިކުން ދެމުންގެންދިޔަ ޚިދުމަތް މެދުކެނޑުނީ ވެޓް ބަދަލުވުމުގެ ސަބަބުންކަމަށެވެ. އަދި މިޚިދުމަތަށް ޢާންމުންގެ ފަރާތުން ރަނގަޅު ތަރުޙީބެއް ލިބެމުންދާކަމަށާއި މިކަމަކީ ޢާންމު ފަރާތްތަކަށްވެސް ކުރެވޭނެ ރަނގަޅު ކަމެއްކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އެ އެއްޗިއްސަށް ދޭންޖެހޭ ހިދުމަތް ދިނުމަށްޓަކައި މެންޑޭޓްގެ ތެރޭގައި އޮވެގެން ކުރާ ކަމެއްނޫން އެކަމަކު ހިދުމަތެއްގެ ގޮތުގައި ދެނީ . އާންމު ރައްޔިތުން މިކަން ފަށައިގެން މިއީ އާމްދަނީ ލިބޭނެ ރަނގަޅު މަސައްކަތަކަށްވެސް ވާނެ. އެއްވެސް ކަހަލަ ހުރަހެއް ނެތް އެމަސައްކަތް ކުރުމަށްޓަކައި. މިއަހަރު މިހާތަނަށް ދިޔައިރު 997 ފަރަތަކުން ހިދުމަތް ހޯދާފައިވޭ.

~ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު

ވިލިމާލޭގައި ދެމުންގެންދިޔަ ވެޓިނަރީ ޚިދުމަތް އަލުން ފެށުމާއި ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީން ބުނީ މިނިސްޓްރީގައި މަސައްކަތްކުރުމަށް ވަޒީފާ ލިބިފައިވާ ވެޓެރިނޭރިއަނު ވަރަށް އަވަހަށް ރާއްޖެ އައުމަށް ހަމަޖެހިފައިވާތީ އެ ޚިދުމަތް އަލުން ފަށަން ހަމަޖެހިފައިވާ ކަމަށެވެ. ޑޮކްޓަރަށް ދެއްކުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި އެޚިދުމަތް ވެޓެރިނަރީ ސަރވިސް އިން ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ޑޮކްޓަރަށް ދެއްކުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހާއި ބުދަ ދުވަހުގެ ހެނދުނު 8 ން މެންދުނު 2 ށެވެ. އަދި ސަރޖަރީ ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޯމަ ދުވަހަކާއި ބުރާސްފަތި ދުވަހެއްގެ 8 ން 2 ށް ކަމަށް މިނިސްޓްރީން ބުނެ އެވެ. ސަރޖަރީއަށް އެޕޮއިންޓުމެންޓް ހެދުމަށް ވެޓިނަރީ ޚިދުމަތަށް އެދޭ ފޯމު ފުރުމަށްފަހު ހުށަހަޅާނީ މިނިސްޓްރީއަށް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.

ފިޝަރީޒް މިނިސްޓްރީން ވިލިމާލޭގައި ވެޓިނަރީ ޚިދުމަތް ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހު އެވެ. އަދި ވެޓިނަރީ ޚިދުމަތް ދެމުންދިޔަ ޑޮކްޓަރު ޗުއްޓީއަށް ދިޔުމާގުޅިގެން އެތަނުގެ ޚިދުމަތް ފެބްރުއަރީ މަހު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް