ހޯމަ 16 ޑިސެންބަރު 2019
07 މުލަ
1441 ރަބީޢުލްއާޚިރު 19
ފަތިސް 04:46
އިރުއަރާ 06:03
މެންދުރު 12:05
އަސްރު 15:26
މަޣްރިބް 18:00
އިޝާ 19:17
ރާއްޖެ - ހޯމް މިނިސްޓަރު އިމްރާން

ފުލުހުންނާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރާނެ މާހައުލެއް ގާއިމު ކުރަންޖެހޭ: މިނިސްޓަރ އިމްރާން

  • ކުރީގަ ނެތް އެތައް އާދައެއް މިހާރު ވަނީ އަށަގަނެފައި
  • ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ
  • މުޖުތަމައުގެ ކުރިއެރުމަކީ އަމާންކަންކަމާއި ރައްކާތެރިކަން ގާއިމްކުރެވުން

އަމްނާ އިމާދު
amnabinthimad

ކ. މާލެ 14 ނޮވެންބަރު 2019 | ބުރާސްފަތި 16:24 1,911

ހޯރަފުށި ޕޮލިސް ސްޓޭޝަންގެ އާއިމާރާތް ހުޅުއްވައިދެއްވަނީ - ހޯމް މިނިސްޓްރީ

ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން މަސައްކަތްކުރާނެ މާޙައުލެއް ޤާއިމުކުރުން މުހިންމުކަމަށާއި، ސަރުކާރުން މަސައްކަތްކުރަނީ އެމަގަށް ކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ހއ. ހޯރަފުށީގައި ޤާއިމުކުރި ޕޮލިސް ސްޓޭޝަނުގެ އާޢިމާރާތް ހުޅުވަން އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ކުރީގައި އަޅުގަނޑުމެންގެ ތެރޭގައި ނެތް އެތައް އާދަތަކެއް، ނުވަތަ ކުށްތަކެއް މިހާރު އަށަގެންފައިވާކަމަށެވެ. އެކަންކަމާ ކުރިމަތިލާ އެކަންކަމަށް ޙައްލު ގެނައުމުގައި ފުލުހުން ކުރަމުން އަންނަ ތަޖުރިބާތަކުގައި ދައުލަތުން ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށް ދޭންޖެހޭ އެހީތެރިކަމާ އެއްބާރުލުން އެއްދުވަހުން އަނެއް ދުވަހަށް އިތުރުކުރަންޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ މިއަދުގެ ސަރުކާރުން ކުރަން ޤަސްތުކުރާ ކަމަކީ ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމުގައި ފުލުހުންނަށް ދެވޭ ވަސީލަތްތަކާއި، ފުލުހުންނަށް އެއްބާރުލުން ދިނުމާއެކުގައި ފުލުހުންނާ ރައްޔިތުންނާ އެކުގައި މަސައްކަތްކުރުމުގެ މާޙައުލެއް ޤާއިމުކުރުމުގެ މަސައްކަތް ކަމަށެވެ.

ފުލުހުންގެ މަސައްކަތް ހަރުދަނާވެ ކުރިއަރާދާނީ ފުލުހުންނާ ރައްޔިތުންނާ އެކުގައި މަސައްކަތްކުރެވުނު ވަރަކަށް. ފުލުހުންނަށްޓަކައި ރައްޔިތުން އަތުގުޅާލި މިންވަރަކަށް. އަދި ފުލުހުން ރައްޔިތުންނާ ގާތްވި މިންވަރަކަށް. ރަށުގެ އަމާންކަމާއި ގައުމުގެ އަމާންކަން ބެލެހެއްޓިގެންދާނީ ފުލުހުންނާ ރައްޔިތުންނާ އެކުގައި ރާއްޖޭގެ ޞުލުހަވެރިކަމާ އަމާންކަމަށް މަސައްކަތްކުރި މިންވަރަކަށް. އެހެންކަމުން މިއަދު އަޅުގަނޑު ތިޔަހުރިހާ ބޭފުޅުންނަށް އިލްޠިމާސްކުރަން އޮތީ ރަށުގެ އަމާންކަމާއި ޞުލުހަވެރިކަން ޤާއިމްކުރުމަކީ ހަމައެކަނި ފުލުހުންގެ ޒިންމާއެއްކަމުގައި ނަހައްދަވާށޭ. އެޒިންމާއަކީ ފުލުހުންނާއި، ކައުންސިލާ ރަށުގެ އެހެން މުއައްސަސާތަކާ، ރަށުގެ ހުރިހާ ރައްޔިތުންގެ ގުޅިގެން އަދާކުރާ ޒިންމާއެއްކަމުގައި ހަދަމާ ހިނގާށޭ.

~ އިމްރާން- ހޯމް މިނިސްޓަރު

މިނިސްޓަރު އިމްރާން ވިދާޅުވީ އިންސާނީ މުޖުތަމަޢަކަށް ބޭނުންވާ އެންމެ މުހިންމު އެއްބަހާއަކީ އެމުޖުތަމަޢެއްގެ ޞުލްޙަވެރިކަމާ އަމާންކަމާ ރައްކާތެރިކަންކަމަށެވެ. ކޮންމެ އިންސާނީ މުޖުތަމައުއެއް ދެމިއޮވެ، އެއިންސާނީ މުޖުތަމަޢެއް ކުރިއަރާ ދިއުމަށް އެމުޖުތަމަޢަކަށް ލިބެންޖެހޭ ތަނަވަސްކަމާ އުފާފާގަތިކަމުގެ އަޞްލަކީ އެމުޖުމަތަޢެއްގައި އޮންނަ އަމާންކަންކަމާއި ރައްކާތެރިކަންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ މުޖުތަމަޢެއްގެ ސަލާމަތްކަން އޮންނާނީ އެމުޖުތަމަޢުގައި އޮންނަ އަމާންކަމާއި، ރައްކާތެރިކަމުގެ މައްޗަށާއި، އެމުޖުތަމަޢެއްގައި އޮންނަ ތަނަވަސްކަމާއި ފާގަތިކަމުގެ މައްޗަށްކަމަށެވެ.

މިއީ އަޅުގަނޑުމެންގެ ކުރިއެރުމަށްޓަކައި، އަޅުގަނޑުމެންގެ މުސްތަޤުބަލަށްޓަކައި އަޅުގަނޑުމެން އޭގެ މައްޗަށް އަޅުގަނޑުމެންގެ މުޖުތަމައު ބިނާކުރަންޖެހޭ ކަންތައް. އަޅުގަނޑުމެން ކުރިއަރާ ދިއުމަށްޓަކައި އަޅުގަނޑުމެން ބޭނުންވޭ މިނިވަން ސަލާމަތް، ރައްކާތެރި އަމާން މުޖުތަމައުއެއް. އެއާއެކުގައި އޭގެ މައްޗަށް ބިނާވެގެން އަންނަނީ އަޅުގަނޑުމެންގެ ތަނަވަސްކަމާއި ރިޒްޤާއި، އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އުފާވެރިކަމާއި ފާގަތިކަން. މިދެބައި އެކުވެގެން އައީމަ އެއީ ހިތްހަމަޖެހޭ އުފަލާއެކުގައި ދިރިއުޅެވޭ މުޖުތަމައުއަކަށް ވެގެންދާނީ.

~ އިމްރާން- ހޯމް މިނިސްޓަރު

ހޯރަފުށި ޕޮލިސް ސްޓޭޝަނުގެ އާއިމާރާތް ހުޅުއްވައިދެއްވީ މިނިސްޓަރު އިމްރާނާއި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ. އިމާރާތް ހުޅުއްވައިދެއްވުމަށްފަހު އިމާރާތުގައި ޤައުމީ ދިދައާއި ފުލުހުންގެ މުއައްސަސާގެ ދިދަ ދެބޭފުޅުން ނަންގަވައިދެއްވިއެވެ. އަދި ޢިމާރާތް ބައްލަވާލެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް