ކ. މާލެ
|
11 ނޮވެންބަރ 2019 | ހޯމަ 20:33
ބަންގްލަދޭޝްގައި ދިރިއުޅޭ ރޮހިންގާ މުސްލިމުން
ބަންގްލަދޭޝްގައި ދިރިއުޅޭ ރޮހިންގާ މުސްލިމުން
ނިއުޔޯކް ޓައިމްސް
ރޮހިންގާ މުސްލިމުންގެ މައްސަލަ
ރޮހިންގާ މުސްލިމުންނާއި ދެކޮޅަށް މިޔަންމާ ސަރުކާރުން ހިންގި ޤަތުލްޢާންމުގެ މައްސަލަ ގެމްބިއާއިން އދ ގެ އެންމެ މަތީ ކޯޓަށް ހުށަހަޅައިފި
 
އައިސީޖޭއަށް މައްސަލަ ހުށަހެޅީ އަމިއްލަ ރައްޔިތުންނާއި ދެކޮޅަށް މިޔަންމާ ސަރުކާރުން ހިންގާ ޢަމަލުތަކަށް ޖަވާބުދާރީ ކުރުވަން
 
އައިސީޖޭގެ އުޞޫލްތަކާއި އެއްގޮތައް ކަންކަން ކުރިޔަށްދާނަމަ، އަންނަ ޑިސެމްބަރުމަހުގެ ތެރޭގައި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވޭނެ
 
ގެމްބިއާ އިން ރޮހިންގާ ޤަތުލްޢާންމުގެ މައްސަލަ އައިސީޖޭއަށް ހުށަހެޅި އޯއައިސީ މެމްބަރު ޤައުމުތަކުގެ ތާއީދާއެކު

ބުޑިސްޓުންގެ އާބާދީބޮޑު މިޔަންމާ ސަރުކާރުން އެޤައުމުގެ ބައިމަދު ރޮހިންގާ މުސްލިމުންނާއި ދެކޮޅަށް ހިންގި ޤަތުލްޢާންމުގެ މައްސަލަ، ގެމްބިއާއިން އދ ގެ އެންމެ މަތީ ކޯޓަށް ހުށަހަޅައިފިއެވެ.

ހުޅަނގު އެފްރިކާގެ މުސްލިމު ޤައުމެއްކަމަށްވާ ގެމްބިއާއިން މި މައްލަސަ އދ ގެ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް(އައިސީޖޭ) އަށް ހުށަހަޅާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ދަ ހޭގް ގައި ހުންނަ ކޯޓަށް މައްސަލަ ހުށަހެޅުއްވުމަށްފަހު، ގެމްބިއާގެ ޖަސްޓިސް މިނިސްޓަރ އަބޫބަކުރު ޓަމްބަޑޫވަނީ އެކަން ވަގުތުން މުޅި ދުނިޔެއަށް އިޢްލާން ކުރައްވާފައެވެ. ޚަބަރު ލިބިފައިވާ ގޮތުގައި ގެމްބިއާއިން އައިސީޖޭއަށް މިމައްސަލަ ހުށަހެޅީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޭޝަން (އޯއައިސީ) ގެ މެމްބަރު ޤައުމުތަކުގެ ތާއީދާއެކުގައެވެ. ދިވެހިރާއްޖެއަކީވެސް އޯއައިސީގެ މެމްބަރު ޤައުމެކެވެ.

މިޔަންމާގެ މައްސަލަ އދ ގެ އެންމެ މަތީކޯޓަށް ހުށަހެޅުމަށް ފަހު ހޭގް ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ގެމްބިއާގެ ޖަސްޓިސް މިނިސްޓަރ އަބޫބަކުރު ޓަމްބަޑޫ ވިދާޅުވީ، އެޤައުމުން ބައިވެރިވެފައިވާ ބައިނަލް އަޤުވާމީ މުޢާހަދާގެ ދަށުން މިޔަންމާގެ ލާއިންސާނީ މައްސަލަ އެޤައުމުގެ ސަރުކާރުން ހުށަހަޅާފައިވާކަމަށެވެ.

ޤަތުލްޢާންމު މަނާކުރާ ބައިނަލް އަޤުވާމީ މުޢާހަދާގެ ދަށުން، ދާދި ދެންމެއަކު އަޅުގަނޑުމެން އައިސީޖޭއަށް އެޕްލިކޭޝަން ހުށަހަޅައިފިން. މީގެ މައިގަނޑު ބޭނުމަކީ މިޔަންމާ ސަރުކާރުން އެޤައުމުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ޖަރީމާތަކަށް ޖަވާބުދާރީ ކުރުވުން. އަހަރުމެންގެ ލޯ ކުރިމަތީގައި ޤަތުލްޢާންމު ހިންގަމުންދާއިރު، އެކަމާއި މެދު އަޅާނުލާ ދޫކޮށްލުމަކީ މިޖީލަށް އޮތް ބޮޑު ލަދުވެތިކަމެއް.
ގެމްބިއާގެ ޖަސްޓިސް މިނިސްޓަރ އަބޫބަކުރު ޓަމްބަޑޫ

46 ޞަފްޙާގެ މައްޗަށް އެލުލެވޭ ލިޔެކިޔުމާއެކު ގެމްބިއާއިން މިމައްސަލަ އައިސީޖޭއަށް ހުށަަހަޅާފައިވާއިރު، އޭގައި ރޮހިންގާ މުސްލިމުންގެ އާބާދީ ބޮޑު މިޔަންމާގެ ރަޚައިން ސްޓޭޓްގައި އެޤައުމުގެ ސަރުކާރުން ހިންގި ޤަތުލްޢާންމު ވަރަށް ބޮޑަށް ކުށްވެރިކޮށްފައިވެއެވެ. މިޔަންމާ ސަރުކާރުން ގިނަ ޢަދަދެއްގެ ރޮހިންގާ މުސްލިމުން އެއްފަހަރާ މެރުމާއި، ރޭޕްކުރުމާއި ،ޖިންސީ ހާނިއްކަކުރުމާއި، ދިރިހުއްޓާ އަންދާލުން ފަދަ ޢަމަލުތައް ގެމްބިއާ ސަރުކާރުން ސިފަކޮށްފައިވަނީ އިންސާނީ ނަޞްލެއް ނައްތާލުމަށް މިޔަންމާ ސަރުކާރުން ހިންގާފައިވާ ލާ އިންސާނީ ޖަރީމާއެއްގެ ގޮތުގައެވެ.

ގެމްބިއާއިން އދގެ ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ، މިޔަންމާއިން ރޮހިންގާ މުސްލިމުންނާއި ދެކޮޅަށް ހިންގާ ޤަތުލުޢާންމު ވަގުތުން ހުއްޓުވުމަށް ފިޔަވަޅު އަޅައިދިނުމަށާއި، ރޮހިންގާ މުސްލިމުންނަށް ބަދަލު ހޯދައިދިނުމަށާއި، ރޮހިންގާއިންނާއި ދެކޮޅަށް ލާއިންސާނީ ޢަމަލުތައް ހިންގި ފަރާތްތަކަށް ޙައްޤު އަދަބު ދިނުމަށެވެ. އައިސީޖޭގެ އުޞޫލުތަކާއި އެއްގޮތައް މައްސަލަ ކުރިޔަށްދާނަމަ މިމައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ ޑިސެމްބަރުމަހުގެ ތެރޭގައި ބާއްވާނޭކަމަށް ލަފާކުރެވެއެވެ. ގެމްބިއާއިން މިމައްސަލަ ހުށަހެޅުމާއި ގުޅިގެން އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުން ދަނީ ގެމްބިޢާ ސަރުކާރަށް ތަޢުރީފް ކުރަމުންނެވެ.

މިޔަންމާއާއި ގެމްބިއާއަކީ 1948 ވަނަ އަހަރު ފެށިގެން އދ އިން ޢަމަލުކުރަމުންދާ ބައިނަލް އަޤުވާމީ ޤަތުލްޢާންމު މަނާކުރާ މުޢާހަދާގައި ބައިވެރިވެފައިވާ ދެޤައުމެކެވެ. އެ މުއާހަދާގައި ސޮއިކޮށްފައިވާ ޤައުމުތަކުން ޤަތުލުއާންމު މަނާކޮށް، ޤަތުލްޢާންމު ހުއްޓުވައި، އަދި އެފަދަ ލާއިންސާނީ ޢަމަލެއް ހިންގާނަމަ އެކަން ހުއްޓުވަން މަޖުބޫރުކުރުމާއެކު އެފަދަ ޢަމަލުތަކަށް އަދަބުދިނުން ލާޒިމުވެގެންވެއެވެ.

2017 ވަނަ އަހަރު މިޔަންމާ އަސްކަރިއްޔާއިން ބަރުހަތިޔާރާއެކު ރޮހިންގާއިން ދިރިއުޅޭ ރަޚައިން ސްޓޭޓަށް އަރައި މުސްލިމުން މަރައި، ކަތިލައި، ގެދޮރާއި، މިސްކިތްތަކާއި، ސްކޫލްތަކުގައި ހުޅުޖަހައި އަންދައި، އަންހެނުންނާއި އަންހެންކުދިން ރޭޕްކުރުން ފަދަ އެތަކެއް ލާއިންސާނީ ޢަމަލު ހިންގާފައިވާކަން، މިޢަމަލުތައް ތަޙްޤީޤުކުރި އދ ގެ ރިޕޯޓުން ހާމަވެއެވެ.

އދ އިން ބަންގްލަދޭޝްގައި ޤާއިމުކޮށްފައިވާ ވަގުތީ ހިޔާތަކުގައި ގިނަ ޢަދަދެއްގެ ރޮހިންގާ މުސްލިމުންގެ ޢާއިލާތައް ދިރިއުޅެމުންދޭ

މިޔަންމާގެ އަސްކަރީ ސިފައިންގެ ޢަމަލުތަކަށް ކެތްނުވެ، އަމިއްލަ ވަޒަނުގައި ދިރިހުރެވިދާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނެތުމުން، ފުރާނައާއި ހަޑީ ރައްކަލަކަށް، އެތައް ހާސް މީހުން ޤައުމުން ފޭބިއެވެ. އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކުރުމުގައި، ދިމާވި ހިތާމަވެރި ކަނޑުމަތީގެ ޙާދިޘާތަކުގައްޔާއި އަދި ޞަރަޙައްދީއިން ހުރަސްކުރުމުގެ ތެރޭގައި ރޮހިންގާ މުސްލިމުންނަށް އެތަކެއް އަނިޔާތަކެއް ތަޙައްމަލްކުރަން ޖެހުނެވެ. މިހާތަނަށް އައިއިރު ރޮހިންގާ މުސްލިމުންގެ 730،000އެއްހާ މީހުން ރެފިއުޖީންގެ ގޮތުގައި ބަންގްލަދޭޝްގެ ކޮކްސަސް ބާޒާރުގައި ޤާއިމުކޮށްފައިވާ ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންދެއެވެ. އަދި ނުރައްކާތެރި ޙާލަތުގައި، އަމިއްލަ ޤައުމުގައި ރެފިއުޖީންގެ ގޮތުގައި 600،000 ރޮހިންގާ މުސްލިމުން ދިރިއުޅެމުންދާކަމަށް ބައިނަލްއަޤުވާމީ މުޙައްލިލުން ބުނެއެވެ.

ގެމްބިއާއިން މިމައްސަލަ އދ ގެ އެންމެ މަތީ ކޯޓަށް ހުށަހަޅާފައިވާއިރު، އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް(އައިސީސީ) މިހާރުވެސް ދަނީ އަމިއްލަ ޙައިޞިއްޔަތަކުން މިޔަންމާ ސަރުކާރުގެ ޖަރީމާތައް ތަޙުޤީޤު ކުރަމުންނެވެ. ބައިނަލް އަޤުވާމީ ޖިނާޢީ ކޯޓު ނުވަތަ އައިސީސީން މިހާރު ކުރިޔަށްގެންދަނީ ތަހްޤީޤުގެ ފުރަތަމަ މަރުޙަލާކަމަށް ޚަބަރުލިބެއެވެ. މިޔަންމާއަކީ އައިސީސީގެ މެމްބަރު ޤައުމަކަށް ނުވާތީ، މިޔަންމާގެ އެތެރޭގައި އައިސީސީއަށް ތަހްޤީޤެއް ނުހިންގެއެވެ. ހަމައެކަނި ބެލެނީ ބަންގްލަދޭޝްގައި ތިބި ރޮހިންގާ ރެފިއުޖީންގެ މައްސަލައެވެ. އައިސީސީއަށް މިކަމަށް މަގުފަހިވެފައިވަނީ ބަންގްލަދޭޝަކީ އައިސީސީގެ މެމްބަރު ޤައުމަކަށްވާތީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
89%
0%
11%
0%
0%
ކޮމެންޓް