ހުކުރު 15 ނޮވެންބަރު 2019
02 ނޮރަ
1441 ރަބީއުލް އައްވަލް 18
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05
ރާއްޖެ - ޖަލު

ވާނުވާ ޖަހާފައި މީހަކު ޖަލުގައި އޮންނަތާ 7 އަހަރު

  • ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތާއި އެއްގޮތަށް ޝަރީއަތް ނުނިންމޭ

އުމްނާ އިސްމާއިލް
UmnaIsmail

ކ. މާލެ 8 ނޮވެންބަރު 2019 | ހުކުރު 09:37 29,661

ޖަލު - ގޫގުލް

ވާނުވާ ޖަހާފައި މީހަކު ޖަލުގައި އޮންނަތާ 7 އަހަރުވެފައިވާކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީއިން ދިރާސާ ކުރަމުންދާ 2019 ވަނަ އަހަރުގެ ދިވެހި ރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓުންނެވެ.

އޮޑިޓް ރިޕޯޓު ދިރާސާ ކުރިއިރު ވަކި މުއްދަތެއް ނެތި އަދި ޝަރީއަތަކާއި ނުލާ ބަންދުކޮށްފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން ފާހަގަ ކުރެވުނު އެންމެ ގިނަ ދުވަސްވެފައިވާ މައްސަލައަކީ 7 އަހަރުވެފައިވާ މައްސަލައެއް ކަމަށް ކޮމެޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ބުރާސްފަތި ދުވަހުގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.

މި އޮޑިޓް ރިޕޯޓު ދިރާސާ ކުރުމުގެ ތެރޭގައި އަޅުގަނޑުމެންނަށް ފާހަގަވި އެންމެ ގިނަ ދުވަސްވެފައިވާ މައްސަލައަކީ 7 އަހަރުވަންދެން މުއްދަތެއް ނެތި އިންޑިފިނެޓްކޮށް އޭނަގެ ޝަރީއަތާއި މެދު، އޭނަގެ މައްސަލައާއިމެދު ގޮތެއް ނުނިންމާ ބަންދުގައި ބަހައްޓާފަ ހުރި މީހެއް

~ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު

މެމްބަރު ޖީހާން ވިދާޅުވީ އެކަމަށް އެޅިފައިވާ ފިޔަވަޅުތަކަކީ ކޮބާތޯ ކޮމެޓީއަށް އަންގައިދިނުމަށް ކަމާބެހޭ ފަރާތްތަކާއި އެ މައްސަލައާއި ގުޅިގެން ލިޔެކިއުންތައް ބަދަލު ކުރެވުނު ކަމަށެވެ. ބުދަ ދުވަހު ހޯމް މިނިސްޓްރީއާއި އެކު ނުރަސްމީކޮށް ބައްދަލު ކުރެވުނު ކަމަށާއި އަދި އެ ބައްދަލުވުމުގައި ޖަލުން ކޮމެޓީއަށް ލިބެމުން އަންނަ ސިޓިތަކާއި ދިރާސާ ކުރެވެމުންދާ އޮޑިޓް ރިޕޯޓާއި ގުޅިގެން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި އެމީހާ މިއަދާ ހަމަޔަށް ވެސް އޮތީ ޖަލުގައި ކަން ހާމަވެފައިވާ ކަމަށް ޖީހާން ވިދާޅުވިއެވެ. މީގެ އިތުރުން ޕްރޮސެކިއުޓަރ ޖެނެރަލް އަށް މި މައްސަލައާއި ގުޅިގެން ސިޓީއެއް ފޮނުވި ކަމަށާއި އެ ސިޓީގައި އެ މައްސަލައަށް ހައްލެއް ހޯއްދަވައި ދެއްވަން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ޖަވާބެއް ދެއްވުމަށް ކޮމެޓިީން އެދުނު ކަމަށެވެ.

ޕީޖީން ފޮނުއްވި ސިޓީގެ ޖަވާބު މެމްބަރު ވަނީ ކޮމެޓީއަށް އިއްވާފައެވެ.

އެހެންވީމާ އަޅުގަނޑު އެ ސިޓީ އިއްވާލާނަން. ވަކި މުއްދަތެއް ނެތް ގޮތަށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި ގިނަ އަދަދެއްގެ ދިވެހިންނާއި ބިދޭސީން ޖަލުގައި ތިބި މައްސަލައިގައި އެ ފަރާތްތަކުގެ ޝަރީއަތް އަވަސްކޮށްދ އަދުލު އިންސާފު ކަށަވަރު ކުރުމަށްޓަކައި މި އޮފީހުން ކުރަމުންގެންދާ ކަންކަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީއިން އޮޅުން ފިލުވުމަށް ބޭނުންވާތީ ދަންނަވަމެވެ. އެނގިވަޑައިގަންނަވާނެ ފަދައިން 2 ޖުލައި 2017 ގައި މިވަނީ ޖިނާއީ އިޖްރާއަތުގެ ގާނޫނަށް އަމަލުކުރަން ފަށާފައެވެ. އަދި އެ ގާނޫނުގައި ވާގޮތުގެ މަތިން އެ ތާރީހުގެ ކުރިން ތަހުގީގު ކުރަމުންދިޔަ މައްސަލަތަކުގެ ތަހުގީގުތައް ނިންމައި ކޯޓަށް ހުށަހެޅުމަށް އެ ތާރީހުގެ ފަހުން ޝަރީއަތަށް މައްސަލަތައް ހުށަހަޅާނޭ ސުންގަޑިތަކެއް ބަޔާން ކޮށްފައިވެއެވެ. ޝަރީއަތް ހިންގުމުގައިވެސް މުއްދަތުތަކެއް ކަނޑައަޅުއްވާފައިވެއެވެ. އެހެން ނަމަވެސް އެ މުއްދަތުތަކާއި އެއްގޮތަށް ތަހުގީގުކޮށް އުފުލުނަމަވެސް ގިނަ ޝަރީއަތްތައް ނުހިންގޭ ކަން ފާހަގަކުރަމެވެ"

~ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު

އަދި ކޮށްފައިވާ ދައުވާއެއް ބަދަލުކުރަން ފެންނަނަމަ އެކަން ކުރުމާއި ޝަރީއަތަށް މައްސަލަ ހުށަހެޅުމުގެ ކުރީގައި މީހަކު ހައްޔަރުކުރެވިފައިވާތީ އެކަން މުރާޖާ ކުރަން ޖެހޭނަމަ އެކަން ކުރުމަށާއި ޝަރީއަތަށް އެ މައްސަލަ ހުށަހެޅުމަށްފަހުގައިވެސް އެ ޝަރީއަތް ނިމެންދެން މީހަކު ބަންދުގައި ބެހެއްޓުމަށް ނިންމާފައިވާނަމަ އެ ނިންމުން މުރާޖާ ކުރުމަށް ޒިންމާވާނެ ޚާއްސަ ޔުނިޓެއް އެ އޮފީހުގައި އުފައްދާފައިވާ ކަމަށް ސިޓިގައި ވެއެވެ. މި ޔުނިޓު އުފައްދާފައި ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ.

އެ ޔުނިޓުގެ މެންޑޭޓުގައި ހިމެނޭ ކަމަކާއި ގުޅިގެން ދިވެހިންނާއި ބިދޭސީން ހިމެނޭ ގޮތުން ދައުވާ އުފުލިފައިވާ މީހަކު އެކަމަކާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ފުރުސަތު ހަމަ އެ ތާރީހުގައި ހުޅުވާލެވުނު ކަމަށް ވެސް ސިޓީގައި ވެއެވެ. ފުރުސަތު ހުޅުވާލުމުން ގިނަ އަދަދެއްގެ ޝަކުވާ ހުށަހެޅުނު ކަމަށާއި އެ ޝަކުވާތަކަށް ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށް ވެސް ޕީޖީގެ ސިޓީގައި ވެއެވެ. އެގޮތުން ކޯޓުތަކާއި ބައްދަލުކޮށް ޝަރީއަތްތައް އަވަސް ކުރެވޭނެ ގޮތާއި މެދު މަޝްވަރާ ކުރެވުނު މަށެވެ. އަދި 5 ޑިސެމްބަރު 2018 އިން ފެށިގެން އެކަނި، އެކި މަރުހަލާތަކުގައި ހިންގާ މައްސަލަތުގެ ޝަރީއަތްތައް އެކަށިގެންވާ އަވަސް މިނެއްގައި ނުހިނގާތީ 120 ސިޓީއަކުން އެކި ކޯޓުތަކުގައި އެ މައްސަލަތައް އަވަހަށް ތާވަލުކޮށްދިނުމަށް ޕީޖީ އޮފީހުން އެދިފައިވާ ކަމަށެވެ. މި ސިޓީ ލިބިފައިވަނީ ޖުލައި މަހު ކަމަށް ވުމުން މައްސަލައިގެ އަދަދު މިހާރު މަދުވާނެ ކަމަށް ޖީހާން ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް