އަންގާރަ 26 މެއި 2020
07 ރޯނު
1441 ޝައްވާލް 03
ފަތިސް 04:34
އިރުއަރާ 05:51
މެންދުރު 12:07
އަސްރު 15:29
އިރުއޮއްސޭ 18:15
އިޝާ 19:32
އަދީބުގެ ޝަރީއަތް

އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ދައުލަތުގެ ތެރެއިން ހިންގި އެންމެ ބޮޑު ޖަރީމާ، ޝަރީއަތް ލައިވް ކުރަންޖެހޭ: ދައުލަތް

  • ގާޒީ ވަނީ ޓީވީން ލައިވް ނުކުރަން ނިންމި ނިންމުން އަލުން މުރާޖައާ ކުރުމަށް ގާޒީންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމަވާފަ
  • ޕީޖީގެ އޮފީހުންނާއި އަދީބުގެ ފަރާތުން ބޭނުން ވަނީ ޓީވީން ލައިވް ކުރަން
  • އަދީބުގެ މައްޗަށް އުފުލާފައިވާ މި ހަތް ދައުވާއަކީ 1.5 ބިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ހިމެނޭ ދައުވާތަކެއް

ކ. މާލެ | 7 ނޮވެންބަރ 2019 | ބުރާސްފަތި 16:41 | 5,784

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު - މުހައްމަދު ޝަރުހާން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތަކީ މިހާތަނަށް ދައުލަތުގެ ހިންގާފައިވާ އެންމެ ބޮޑު ޖަރީމާ ކަމަށާއި އެ މައްސަލައާ ގުޅިގެން ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިއިރު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ހިންގާ ޝަރީއަތްތައް ލައިވް ކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.

ދައުލަތުން އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ބުރާސްފަތި ދުވަހު ބޭއްވި އިބްތޮދާއީ އަޑުއެހުންތަކުގެ ތެރޭގައި ހިމެނެނީ، ޚިޔާނާތްތެރިވުމުގައި ބައިވެރިވެފައިވާ ކަމަށްބުނާ ދެ ދައުވާއަކާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުގައި އުފުލާފައިވާ ދެ ދައުވާއަކާއި، މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދެ ދައުވާ އެވެ. އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާ އެއްވެސް ހިމެނެއެވެ.

އެދައުވާތަކައި ގުޅިގެން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އަދީބުއަށް ލިބިދެންޖެހޭ ހައްގުތަކާއި މައްސަލައިގެ ލިޔެކިޔުންތައް ހަމައަށްލިބިފައިވޭތޯ އެމައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދު ވަނީ ކަށަވަރު ކުރައްވާފަ އެވެ. އެގޮތުން އަދީބު ވެސް ވަނީ އޭނާއަށް ލިބިދޭންޖެހޭ ހައްގުތައް ލިބިދޭ ކަމަށްބުނެ ބަޔާނުގައި ސޮއި ކުރައްވާފަ އެވެ.

ޝަރީއަތުގެ އަޑުއެހުން ލައިވް ކުރަން އެދުން:

އިބްތިދާއީ އަޑުއެހުން ފެށުމާއެކު، ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އިއްވާ ދެއްވުމަށް ގާޒީ އެދިވަޑައިގެންނެވުމުން، ދައުލަތުގެ ވަކީލު ވަނީ ދައުވާ އިއްވުމުގެ ބަދަލުގައި، އަދީބުގެ މައްޗަށް ހިންގާ އެ ޝަރީއަތްތަކީ، މިހާތަނަށް ދައުލަތުގެ ތެރެއިން ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ދައުވާތަކެއް ކަމަށާއި، އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް ވެސް އިންތިހާއަށް އެބައޮތް ކަމަށެވެ.

މީގެއިތުރުން އަދީބުގެ މައްޗަށް ދައުވާ ކޮށްފައިވާ މި ހަތް ދައުވާގައި 1.5 ބިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާގެ ހިމެނޭއިރު، މި ޝަރީއަތްތައް ކުރިއަށްދާގޮތް ވެސް ރައްޔިތުންނަށް އޮޅުން ފިލަންޖެހޭ ކަމަށެވެ. އަދި އިންސާފުވެރި ޝަރީއަތެއް ހިންގުމަށްޓަކައި ދެފުއްފެންނަ ގޮތަށް އިންސާފުވެރި ޝަރީއަތެއް ހިންގުމަކީ ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކުރަންޖެހޭ ކަމެއް ކަމަށްވާތީއާއި މައްސަލައިގެ ބާވަތުން، އަދީބުގެ މައްޗަށް ހިންގާ ޝަރީއަތްތައް ޓީވީން ލައިވް ކޮށްދިނުމަށް ދައުލަތުގެ ފަރާތުން މިދިއަ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ސިޓީއަކުން އެދިފައިވާ ކަމަށެވެ. ކްރިމިނަލް ކޯޓުން އެސިޓީއަށް ޖަވާބެއް ދީފައިނުވާތީ، ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު އިތުރު ސިޓީއެއް ކްރިމިނަލް ކޯޓުން ފޮނުވި ކަމަށްވެސް ޕީޖީގެ އޮފީހުގެ ވަކީލާ ވިދާޅުވި އެވެ.

ޕީޖީގެ ވަކީލު: ލައިވް ނުކުރުމަށް ކްރިިނަލް ކޯޓުގެ ގާޒީންގެ މަޖިލީހުން ވަނީ ނިންމާފަ

ޕީޖީ އޮފީހުގެ ވަކީލާ ވިދާޅުވީ، ބުރާސްފަތި ދުވަހުގެ ޝަރީއަތް 14:00 އަށް ތާވަލް ކޮށްފައި ވަނިކޮށް، އެޝަރީއަތްތައް ލައިވް ކޮށްދިނުމަށް އެދުނު ސިޓޫގެ ޖަވާބު ލިބިފައިވަނީ ޝަރީއަތުގެ އަޑުއެހުން ފެށެން ކުޑަ ވަގުތު ކޮޅަކަށް ވެފައިވަނިކޮށް. 13:10 އެހާކަން ހާއިރު ކަމަށެވެ. އަދި އެސީޓީގައި ވަނީ، ޝަރީއަތްތައް ޓީވީން ލައިވް ކުރުމާމެދު ކްރިމިނަލް ކޯޓުގައި އުސޫލެއް ހެދިފައިވާ ކަމަށާޢި އޭގެދަށުން، މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ރަޝީދުގެ އެދުމުގެ މަތިން އަދީބުގެ ޝަރީއަތް ލައިވް ނުކުރުމަށް ގާޒީންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

ޕީޖީގެ ވަކީލު ވިދާޅުވީ، އިންސާފުވެރިކަމާއިއެކު، ދެފުއްފެންނަ ގޮތަށް ޝަރީއަތް ކުރުމަށްޓަކައި އަދި ރައްޔިތުންގެ އިންތިހާއަށް ކަންބޮޑުވުން އޮތް މި މައްސަލަ ލައިވް ކޮށްދިނުމަކީ ދައުލަތުން އެދޭ ގޮތް ކަމަށެވެ. އަދި މި ދައުވާތައް ރައްދުވާ ފަރާތުން ވެސް މި ޝަރީއަތްތައް ލައިވްކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި އެދިފައިވާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ ކްރިމިނަލް ކޯޓުން އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅޭ، ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދައުވާ ލައިވް ކުރިއިރު، އަދީބުގެ މައްޗަށް އުފުލާފައިވާ މި ދައުވާތަކުގެ ޝަރީއަތްތައް ޓީވީން ލައިވް ކުރުން މާ އައުލާކަން ބޮޑު ކަމަށެވެ.

އެހެންކަމުން ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހުން ނިންމާފައިވާ ނިންމުން އަލުން މުރާޖައާކޮށް، މި ޝަރީއަތްތައް ޓީވީން ލައިވް ކޮށްދިނުމަށް އެދޭ ކަމަށް ޕީޖީގެ ވަކީލާ އެދިލެއްވި އެވެ.

އަދީބުގެ ގާނޫނީ ވަކީލު މަހްފޫޒު ސައީދު:

ދިފާއީ ވަކީލު މަހްފޫޒު ސައީދު ވިދާޅުވީ، އަދީބުގެ މައްޗަށް ދައުވާކޮށްފައިވާ މި ހަތް ދައުވާގެ ޝަރީއަތުގެ ތެރެއިން އެމްއެމްޕިއާރުސީގެ ހިޔާނާތުގެ ވަރަށް ގިނަ ކަންކަން ސާފުވެގެންދާނެ ކަމަށާއި، އެހެންކަމުން ކަންކަން ހިންގާފައިވާގޮތް ރައްޔިތުންނަށް އެނގެން ބޭނުންވާތީ، އަދީބުގެ ފަރާތުން ވެސް މި ޝަރީއަތްތައް ޓީވީން ލައިވް ކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި އެދިފައިވާ ކަމަށެވެ. އަދި އަދީބުގެ ފަރާތުން ވެސް އެދެނީ، މި ޝަރީއަތްތައް ޓީވީން ލައިވް ނުކުރުމަށް ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހުން ނިންމާފައިވާ ނިންމުން އަލުން މުރާޖައާކޮށް ދިނުމަށެވެ.

ޓީވީން ލައިވް ނުކުރަން ނިންމި ނިންމުން އަލުން މުރާޖައާ ކުރަން ނިންމުން:

އަދީބު މި މައްސަލަތއް ބައްދަލަވާ ގާޒީ އިސްމާއީލް ރަޝީދު ވިދާޅުވީ، ދައުލަތުގެ ދައުލަތުގެ ފަރާތުންނާއި އަދި ދައުވާތައް ރައްދުވާ ފަރާތުން އެދިވަޑައިގެންނެވި ގޮތަށް ޓީވީން ލައިވް ކުރުމާމެދު ކޯޓުން ނިންމާފައިވާ އެ ނިންމުން އަލުން މުރާޖައާކޮށް ދިނުމަށް ގާޒީންގެ މަޖިލީހަށް ހުށަހެޅޭނެ ކަމަށާއި އަދި ގާޒީންގެ މަޖިލީހުން ނިންމާ ނިންމުން ދެ ފަރާތަަށް ވެސް އަންގަވާނެ ކަމަށެވެ. އަދި ގާޒީންގެ މަޖިލީހުން ނިންމާގޮތެއްގެ މަތީން އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތުގެ އިބްތިދާއީ އަޑުއެހުންތައް ކުރިއަށް ގެންދަން ނިންމައި، ބުރާސްފަތި ދުވަހުގެ އަޑުއެހުން ގާޒީ ވަނީ ނިންމާލައްވާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.