ކ. މާލެ
|
7 ނޮވެންބަރ 2019 | ބުރާސްފަތި 13:20
އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ފަށާއިރު ޕްރޮގްރާމުގައި
އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ފަށާއިރު ޕްރޮގްރާމުގައި
ޔޫސުފް ސޮފްވާން ރަޝީދު
އެޑިއުކޭޝަން
ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް ސްކޫލް ބޭސްޑް ތެރަޕީ އަންނަ އަހަރު ދޭން ފަށަނީ
 
ތެރަޕިސްޓުން ޙަރަކާތްތެރިވާނީ މޮބައިލް ޓީމެއްގެ ގޮތުގައި
 
ފުރަތަމަ 3 ތެރަޕިސްޓުން ގެނައިނަމަވެސް، ފަހުން އިތުރު ތެރަޕިސްޓުން ގެންނާނެ
 
ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން އުޅެނީ ވަރަށް ހާލުގައި

ރާއްޖޭގެ ސްކޫލްތަކުގައި ތަޢުލީމް ޙާސިލުކުރަމުންދާ ދަރިވަރުންގެ ތެރެއިން ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ދަރިވަރުންނަށް ސްކޫލް މެދުވެރިކޮށް ތެރަޕީ ދިނުމަށް ނިންމާ، އަންނަ އަހަރު އެ މަސައްކަތް ފަށައިގަންނާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ތެރަޕީ ލިބެންނެތުމަކީ ބެލެނިވެރިންގެ ވަރަށް ބޮޑު ޝަކުވާއެއް ކަމަށެވެ. މިހާރު އޮންނަ ގޮތުން ތެރަޕީ ހޯދަން ކުދިން ގޮވައިގެން މާލެ އަންނަން ޖެހޭކަން ފާހަގަކުރައްވާ މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ ތެރަޕީނަގަން އައިސް އެޕޮއިންޓްމެންޓް ކިއުގައި އެތައް ދުވަހެއް މާލޭގައި ހޭދަކުރަން ޖެހިފައިވާކަމަށެވެ. އަދި އެޕޮއިންޓްމެންޓް ލިބޭއިރު ކުދިންގެ ޙާލަތު ވަރަށް ދެރަވެފައިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މިކަމަށް އެކަށީގެންވާ ޙައްލެއް ހޯދުމުގެ ގޮތުން ސްކޫލް މާޙަލުގެތެރެއިން ތެރަޕީގެ ޚިދުމަތް ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.

އަޅުގަނޑުމެން މިއުޅެނީ ފުރަތަމަ 3 ތެރަޕިސްޓެއް ރާއްޖެ ގެންނަން. މިހާރު އެކަމުގެ ކަންކަން ކުރިއަށް އެބަދޭ. އަންނަ އަހަރު ފެށޭއިރު އަޅުގަނޑުމެން މުޅިއެކު 9 ތެރަޕިސްޓުން ރާއްޖެ ގެންނަނާނަން. ދެން މިބޭފުޅުން މޯބައިލް ޓީމެއްގެ ގޮތުގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ޒިޔާރަތް ކުރަމުންދާނެ މުޅި އަހަރު ތެރޭގައި. އެހެންވީމަ ތަންކޮޅެއް ކައިރިން، ސްކޫލް ބޭސްޑް ތެރަޕީ ފޯރުކޮށްދެވޭނެ,
އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ

އެޑިއުކޭޝަން މިނިސްޓްރީން ފުރަތަމަ ބަލަމުން އަންނަނީ ސްޕީޗް ތެރަޕިސްޓަކާއި، އޮކިއުޕޭޝަނަލް ތެރަޕިސްޓެއްގެ އިތުރުން ބިހޭވިއަރަލް ތެރަޕިސްޓް ހޯދުމަށެވެ. އަދި މި ތެރަޕިސްޓުންގެ ޓީމް ހަމަވުމާއެކު، މޯބައިލް ޓީމެއްގެ ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގޮސް ތެރަޕީ ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެޑިއުކޭޝަނުން މީގެ ކުރިން ބުނެފައެވެ.

މީގެ އިތުރުން އިތުރު ތެރަޕިސްޓުން ހޯދުމުގެ މަސައްކަތް އެޑިއުކޭޝަނުން ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެއީ ޖެންޑާ އަދި ހެލްތް މިނިސްޓްރީއާ ގުޅިގެން ކުރިޔަށް ގެންދާ މަސައްކަތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
71%
0%
29%
0%
0%
ކޮމެންޓް