ހޯމަ 01 ޖޫން 2020
13 ރޯނު
1441 ޝައްވާލް 09
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:30
އިރުއޮއްސޭ 18:16
އިޝާ 19:34
މަގޭ ރިޕޯޓް

މި ސަރުކާރަށްވެސް މުޒާހަރާކުރުމާއި، އެއްވެއުޅުން ގޯސްވީތަ؟

  • އެއްވެއުޅުމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް މި ސަރުކާރުންގެ ވެރިންވެސް ގޮވާލަމުން ދިޔަ
  • ބައެއް ހަލާތްތަކުގައި ފުލުހުންގެ ފަރާތުން ފެންނަނީ އެއްވެ އުޅުމަށް ފުރުސަތުނުދޭ މަންޒަރު

ކ. މާލެ | 27 އޮކްޓޯބަރ 2019 | އާދީއްތަ 19:10 | 8,760

ރައީސް ޔާމީނުގެ ސަޕޯޓަރުންތަކެއް ކްރިމިނަލް ކޯޓު ސަރަހައްދުގައި މުޒާހަރާކުރަނީ - ޝުއައިބް މުހައްމަދު އިގްބާލް

ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 32 ވަނަ މާއްދާގައި ބުނާ ގޮތުން ދައުލަތުގެ ހުއްދަ ކުރިން ހޯދުމަކާއި ނުލާ ސުލްހަވެރިކަމާއިއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވޭއެވެ. ގާނޫނު އަސާސީގައި އެހެން ބަޔާންކޮށްފައި އޮތަސް އަބްދުﷲ ޔާމިނަށް ވެރިކަން ލިބުމާއެކު އެ ހައްޤު އޮތީ އެއްކޮށް ހަނިކޮށްލާފަ އެވެ. ޤާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސް، އެއީ ބޮޑު އަދަބުލިބޭ ކުށަކަށްވެސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ތެރޭގައި ހަދާފައިވެއެވެ.

އޭގެ ނަތީޖާއަކަށް ވެގެން ދިޔައީ، އޭރު އިދިކޮޅުގައި ތިބި ފަރާތަށް އެ އިސްލާހުގެ ޝިކާރައަކަށް ވެގެންދިޔުމެވެ. އިދިކޮޅުން ބާއްވަމުން ދިޔަ މުޒާހަރާތަކަށް ފުލުހުންވަދެ، އެ މުޒާހަރާތައް ރޫޅާލައި، ބިޑިއަޅުވައި ދަމާފައި ގެންގޮސް ކުޑަ ގޮޅިތަކަށްލީ މީހުންގެ އަދަދު މަދަދެއް ނޫނެވެ. މުޒާހަރާތައް ކަވަރކުރަން ނިކުން ނޫސްވެރިން ވެސް ފުލުހުންގެ ''ދުުއްތުރާ'' އިންތިހާހަށް ބޮޑުވިއެވެ. އެ އެއްވުންތަކުގެ ތެރޭގައި ހައްޔަރު ކުރެވުނު މީހުންގެ ތެރޭގައި މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ހިމެނިވަޑައިގަންނަވައެވެ.

މިވަގުތު އިދިކޮޅުގައި ތިއްބެވި ބޭފުޅުން، އެދުވަހުގައި އިހުތިޖާޖެއްކުރުމަކަށް އެއްވެސް ފުރުސަތެއް ނުދެ އެވެ. އިހުތިޖާޖެއްކުރާނަމަ އެކަމަށް މަލާމަތްކުރުން ނޫން އިތުރުކަމެއްވެސް ކޮށްފައެއް ނުވެ އެވެ. މުޒާހަރާކުރުމާއި، ހައްޖުގެ މަތިވެރި އަޅުކަމާއި ގުޅުވައި ވާހަކަދެއްކެވީވެސް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އެވެ. މުޒާހަރާކުރާ މީހުންގެ އަޑުއަހަންނުޖެހެކަމަށް ވިދާޅުވެ، ބޮޑު ބަސް ވިދާޅުވީވެސް ހަމަ އެމަނިކުފާނު އެވެ.

މި ސަރުކާރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންނަކީ މުޒާހަރާތަކުގައި އަނިޔާތަކެއް ލިބިފައިވާ ފަރާތްތަކެވެ. އަނިޔާތަކެއް ލިބެމުން ދިޔައިރު ވެސް އެއްމެން ވެސް ގޮވަމުން ދިޔައީ އެއްވެ އުޅުމުގެ މިނިވަންކަންދޭން ޖެހޭ ކަމަށެވެ. ވަކި ސިޔާސީ ޕާޓީއެއް އިސްތިސްނާ ނުވާގޮތަށް ކޮންމެ ބަޔަކަށް އެ ހައްގު ލިބިގެންވާ ކަމަށް ގޮވަމުން ދިޔައެވެ.

ތެދެކެވެ. އެއީ ކޮންމެ ރައްޔިތަކަށް ލިބިގެންވާ ހައްގަކަށްވާއިރު ޔާމީން އެހެން ކަމެއްކުރީތީއޭ ކިޔާ އެކަން އެހެން އޮންނާކަށް ނުޖެހޭއެވެ. އެ ދުވަސް ފާއިތުވި ގޮސްފިއެވެ. ރައްޔިތުންގެ ވޯޓަކުން އެ އަނިޔާވެރިކަން ވަނީ ބަދަލުކޮށްލާފަ އެވެ. ރައްޔިތުން މިއަދު މި ބަދަލުތައް ގެނައިވެސް މިދެންނެވި ކަންކަން އިސްލާހުކުރުމަށެވެ. ހައްޤުތައް އެންމެ ފުޅާ ދާއިރާއެއްގައި ކަށަވަރުކޮށްދިނުމަށެވެ. ނަމަވެސް އޭގައި ފެންނަނީ ހިތާމަވެރި މަންޒަރެކެވެ.

ޔާމީންގެ ވެރިކަމުގައި އޭރުގެ ފުލުހުންގެ މުއައްސަސާއިން ބޭނުންކުރި ޤާނޫނުތަކާއި، އެބޭފުޅުން އަމިއްލައަށް ހެދި ގަވައިދުތަކުގެ ދަށުން މިއަދުވެސް އެއްވެ އުޅުމުގެ ހައްޤު މިނިވަންކަން ހުރަސްއެޅުމަށް މަސައްކަތްކުރާ މަންޒަރު އެވެ. އެއްވުންތަކަށް ހުއްދަ ނުދިނުމާ، އެއްވުންތައް ހުއްޓުވުމަށް މަސައްކަތްކުރާ މަންޒަރު މަދުންނަމަވެސް މިއަދު ވަނީ ފެންނަން ފަށާފަ އެވެ. ހަވާލާދެނީ ހަމަ އޭރުގައި ހަދާފައި ހުރި ގަވައިދުތަކަށެވެ.

ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާއި އެ ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން ލިބިދީފައިވާ އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އިމުން ބޭރުން، އެއްވުން މަނާ ސަރަހައްދުތަކަށް އެއްވުމާއި، ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމުގެ އިތުރުން އުޅަނދުފަހަރުގައި އަޑުގަދަކުރާ ވަސީލަތްތައް ބޭނުންކޮށްގެން އެއީ މަނާކަމެއް ކަމަށެވެ. އެއްވުމުގެ ކުރިން އެކަން އެ ހުއްދަ ނަގަން ޖެހޭ ކަމަށް ފުލުހުން ވަނީ ބުނެފައެެވެ.

އަދި ކިޔެއްތަ އެއްވުންތަކުގައި ސިވިލް ސާވީސް މުވައްޒަފުން ބައިވެރިނުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްވެސް ވަނީ އާދިއްތަ ދުވަހު އިލްތިމާސްކޮށްފަ އެވެ.

އޭގެ އަނެއްކޮޅަށްވެެސް މީގެ ވިސްނާލުން މުހިންމު އެވެ. ތެދެކެވެ. ކޮންމެ ސަރަހައްދަކަށް، ހުއްދައެއް ނެތި އެއްވާނަމަ އެތަށް ރައްޔިތުންނަކަށް އެކަމުގެ ސަބަބުން އުދަނގުލާ ދުއްތުރާތައް ކުރިމަތިވާނެ އެވެ. އެތައެއް ބައެއްގެ މަސައްކަތްތަކަށް ހުރަސްތައް ކުރިމަތިވާނެ އެވެ. އަދި މާލެ ފަދަ ތަނެއްގައި އެއްވުމެއް ކުރިއަށްގެންދާނަމަ ފުލުހުންގެ ހުއްދަ ހޯދުމަކީ ވަރަށް މުހިންމުވެސްކަމެކެވެ. އަދި އެކަމުގައި ސަރުކާރުގެ ނިޔަވެސް ސާފުކަން އެނގެ އެވެ. އެހެނީ ކާނިވާ ސަރަހައްދުގައި ކިތަންމެ އެއްވުމެއް ބޭއްވިނަމަވެސް ސަރުކާރުން އެކަމަކަށް ހުރަހެއް ނާޅަ އެވެ. އެކަމުގައި ކުރިން އަމަލުކުރިގޮތަށް ފުލުހުން ފޮނުވައިގެން އަނިޔާކޮށެއްވެސް ނަހަދަ އެވެ.

އެއްވެ އުޅުމުގެ މިނިވަންކަންވެސް ލިބެންޖެހެނީ އިމެއްގެ ތެރޭގަ އެވެ. އިމެއްނެތި އެ ހައްޤު ބޭނުންކުރުމުގެ ފުރުސަތު ލިބުމުން އެކަމުގެ ހިތިވެސް ވަނީ ތަޖުރިބާކޮށްފަ އެވެ. އަދި ހަމަ އެ ނުކުތާގައި ސަރުކާރުންވެސް އެކަމުގައި ކުރިން ވަކާލާތުކުރި ހަމަތައް ނަގަހައްޓަންޖެހެ އެވެ. އެހެންނޫންކަމުގައިވާނަމަ ސަރުކާރުގެ ބަހުގެ ބާރުތައް ކެނޑިގެންދާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.