ކ. މާލެ
|
13 މާރޗް 2017 | ހޯމަ 11:42
މީރާ: މިދިޔަ މަހު 1 ބިލިއަން ރުފިޔާ ލިބުނު
މީރާ: މިދިޔަ މަހު 1 ބިލިއަން ރުފިޔާ ލިބުނު
އަޒުމޫން އަހުމަދު
މީރާގެ ތަފާސް ހިސާބު
މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ
 
ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ބީޕީޓީން
 
އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް މިދިޔަ މަހުގެ ތެރޭގައި އެއް ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެ އިދާރާއިން ބުނެފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ އިން ބުނި ގޮތުގައި، އެ އަދަދަކީ މިދިޔަ މަހު ލިބޭނެ ކަމަށް އެ އޮތޯރިޓީން ލަފާކުރި އަދަދަށް ވުރެ 15.2 ޕަސެންޓް އިތުރު އަދަދެކެވެ. ނަމަވެސް މި އަދަދަކީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އާމްދަނީ ގޮތުގައި ލިބިފައިވާ އަދަދަށް ވުރެ ދަށް އަދަދެކެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހަކީ ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި ވެސް އެންމެ ބޮޑު އާމްދަނީއެއް ލިބުނު މަހެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ލިބުނު އާމްދަނީ އިތުރުވީ، އިކުއިޒިޝަން ކޮސްޓާއި ކޮންވާޝަން ފީގެ އިތުރުން ލީސް ޕީރިޑަށް އެކްސްޓެންޝަން ފީގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ލިބުމުން ކަމަށް މީރާ އިން ބުނެއެވެ.

މިދިޔަ މަހު ދައުލަތަށް ލިބުނު އެއް ބިލިއަން ރުފިޔާގެ އާމްދަނީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ)ގެ ގޮތުގައި ދައުލަތަށް ލިބުނު ފައިސާއެވެ.

ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު 628 މިލިއަން ރުފިޔާ ލިބިފައި ވެއެވެ.

ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް (ބީޕީޓީ) އިން ދައުލަތާށް 137 މިލިއަން ރުފިޔާ ލިބިފައިވާއިރު، ގްރީން ޓެކްސްގެ ގޮތުގައި 64 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. އަދި އެއާޕޯޓްސް ސާވިސް ޗާޖުގެ ގޮތުގައި 45 މިލިއަން ރުފިޔާ ލިބުނެވެ.

އޭގެ އިތުރުން، ލޭންޑް އެކުއިޒިޝަން އާއި ކޮންވާޝަން ފީގެ ގޮތުގައި 24 މިލިއަން ރުފިޔާ އާއި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 94 މިލިއަން ރުފިޔާގެ އާމްދަނީއެއް މީރާއަށް ވަނީ ލިބިފައެވެ.

މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީގެ ތެރޭގައި 42 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް