ކ. މާލެ
|
29 ސެޕްޓެންބަރ 2019 | އާދީއްތަ 19:27
ފެނަކަ ކޯޕަރޭޝަންގެ ބައެއް މުވައްޒަފުން ނަޒާހަތްތެރިކަމުގެ އިޤްރާރުގައި ސޮއިކުރަނީ
ފެނަކަ ކޯޕަރޭޝަންގެ ބައެއް މުވައްޒަފުން ނަޒާހަތްތެރިކަމުގެ އިޤްރާރުގައި ސޮއިކުރަނީ
ޝުއައިބް މުހައްމަދު އިގްބާލް
މަގޭ ރިޕޯޓް
ތިމާވެށީގެ މައްސަލަތަކުގައި ސަރުކާރު ޖޫރިމަނާކުރުން: ބޭކާރު ކަމެއް!
 
އެކަމުގައި ޤާނޫނުން ހާސިލްކުރަން ބޭނުންވާ މަޤްސަދެއް ހާސިލެއް ނުވޭ
 
ކިތަންމެ ބޮޑު އަދަދަކުން ޖޫރިމަނާކުރި ނަމަވެސް އެ އަދަދެއް ދައްކަންޖެހެނީ ދައުލަތުގެ ބަޖެޓުން

ތިމާވެއްޓަށްކުރާ އަސަރުތައް ބަޔާންކުރާ ރިޕޯޓްތައްޔާރުނުކޮށް، ނުވަތަ ތިމާވެއްޓަށް ގެއްލުންވާގޮތަށް ޕްރޮޖެކްޓްތައް ކުރިއަށްގެންދިއުމުން ސަރުކާރުގެ ކުންފުނިތާއި، ސަރުކާރުގެ އިދާރާތައް ޖޫރިމަނާކުރާ ވާހަކައަކީ މިދުވަސްވަރު ގަދަޔަށްލިބޭ ހަބަރުތަކެވެ. ބްރިޖްގެ މަސައްކަތުގައި ތިމާވެއްޓަށް ގެއްލުންވާގޮތަށް އަމަލުކުރުމުގެ ސަބަބުން ކުރީގެ ހައުސިން މިނިސްޓްރީ، މިހާރުގެ ގޮތުންނަމަ ޕްލޭނިން މިނިސްޓްރީ ޖޫރިމަނާކުރި ހަބަރު ލިބުނީ ދުރު ތާރީހެއްގައެއް ނޫނެވެ.

އެޔަށްފަހު އިހަކަށްދުވަހު އަޑުއިވުނީ ތިމާވެއްޓަށްކުރާ އަސަރު ބަޔާންކޮށް ތައްޔާރުކުރަންޖެހޭ ރިޕޯޓް ތައްޔާރުނުކޮށް މަސައްކަތް ކުރިއަށްގެންދިއުމުގެ ސަބަބުން ފެނަކަ ކޯޕަރޭޝަން ޖޫރިމަނާކުރި ހަބަރު އެވެ. ފެނަކަ ކޯޕަރޭޝަން ޖޫރިމަނާކޮށްފައިވަނީ ހަ ލައްކަ ރުފިޔާއިންނެވެ.

ސުވާލަކީ ސަރުކާރުގެ އިދާރާތަކާއި، ކުންފުނިތަށް ކިތަންމެ ބޮޑު އަދަދަކުން ޖޫރިމަނާކުރިނަމަވެސް ހާސިލްކުރަން ބޭނުންވާ މަޤްސަދު ހާސިލްވޭތޯ އެވެ. ނެރެން ބޭނުންވެގެން އެ އުޅޭ ނަތީޖާތައް ނެރެވޭތޯ އެވެ.

އެކަމުގައި ފެންނަން އޮތީ އެންމެ ހަޤީޤަތެކެވެ. ސަރުކާރުގެ އިދާރާތަކާއި، ކުންފުނިތައް މިލިއަނުން މިލިއަނުން ޖޫރިމަނާކުރިނަމަވެސް އެ ހާސިލްކުރުމަށް ބޭނުންވާ މަޤްސަދު ހާސިލްނުވާނެ ކަމެވެ. އެހެނީ ސަރުކާރުން ކުންފުނިތަކާއި އިދާރާތަކުން ތިމާވެއްޓަށް ގެއްލުންވާގޮތަށް މަސައްކަތްކުރަނީ ނޭނގުމެއްގެ ތެރެއިން ނޫންކަމަށްވާތީ އެވެ. އަދި އެ މަސައްކަތްތައް ކުރިއަށްގެންދާއިރު، ޖޫރިމަނާކުރާނެކަންވެސް އެ އިދާރާތަކާއި ކުންފުނިތަކަށް އެނގެ އެވެ. ނަމަވެސް އެކަމަށް މި ދެންނެވި ކުންފުނިތަކާއި، އިދާރާތަކުން މާބޮޑު ސަމާލުކަމެއްދޭކަށެއް ބޭނުމެއް ނުވެ އެވެ.

އެހެނީ އެވެރިންގެ ހަމައެކަނި މަޤްސަދަކަށް އޮންނަނީ ތިމާވެއްޓަށް، އަދި އެ ވެށީގައި ދިރިއުޅޭ ބަޔަކަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބުނުނަމަވެސް ކުރިއަށް އޮތް އިންތިހާބެއްގައި ވޯޓުކޮޅެއް ހޯދުމަށް، ނުވަތަ ރައްޔިތުންނަށް ކަމެއްކޮށްދޭކަމަށް ދައްކާލުމަށްޓަކައި ކޮންމެވެސް ކަމެއް ކޮށްލުމެވެ. ރާއްޖެއިން ފެންނަ އޮތް ހަޤީޤަތަކީ އެއީ އެވެ. އެ މަސައްކަތެއްކުރުމުން ދެން އޮންނަނީ ޖޫރިމަނާކުރުމެވެ. އެ ޖޫރިމަނާވެސް ދައްކަންޖެހެނީ ހަމަ ދައުލަތުގެ ބަޖެޓުންނެވެ. އެކަން އޮންނަނީ ބަޖެޓްގެ އެއް ސެގްމެންޓުގެ ތެރެއިން ނަގާ، އަނެއް ސެގްމެންޓުގެ ތެރެއަށްލުމަށްކުރާ ކަމެއްގެ ގޮތުގަ އެވެ. އެހެންގޮތަކަށް ބުނާނަމަ އެއީ ދައުލަތުގެ ތެރެއިން ނަމެއްގައި ކޮށްލާކަމެކެވެ.

ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދިއުމުން ރަށުގެ މަލަމަތީގައިހުރި ބައެއް ގަސްތައް ހަލާކުވެފައި -- ފޮޓޯ:

ސަރުކާރު ކުންފުނިތަށް ޖޫރިމަނާކުރިނަމަވެސް ކަން އޮތީ ހަމަ މި ދެންނެވިގޮތަށެވެ. ފެނަކަ ކޯޕަރޭޝަން ފަދަ ކުންފުނިތަކަކީ އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ކުންފުނިތަކަކަށްވުމުން ޖުމްލަގޮތެއްގައި އެފަދަ ކުންފުނުންޏަކަށް ލިބޭ ގެއްލުމެއް ފޫބެއްދުން އޮންނަނީ ދައުލަތުގެ ބޮލުގަ އެވެ. އެފަދަ ކުންފުނިތައް ހިންގަނީ ދައުލަތުންދޭ ބޮޑު ސަބްސިޑީސްތަކުގެ ތެރެއިންނެވެ. އެހެންކަމުން ތިމާވެއްޓަށް ގެއްލުންދިނުމުން ކިތަންމެ ބޮޑު އަދަދަކުން ޖޫރިމަނާކުރިނަމަވެސް އެ އަދަދު ދެއްކޭނެކަމަށް އެ ކުންފުނިތަށް އެނގޭ އެވެ.

މި ސަބަބުތަކާއިހުރެ ދައުލަތުގެ ކުންފުނިތަކާއި، އިދާރާތަކުން ޕްރޮޖެކްޓްތައް ކުރިއަށްގެންދަނީ ހަމަ ހިތުރހުރިގޮތަކަށެވެ. ތެދެކެވެ. ސަރުކާރުތައް ބަދަލުވުމުން ބައެއް ސަރުކާރުތަކުން ތިމާވެއްޓަށްކުރާނެ އަސަރުތަކަށް ހާއްސަ ސަމާލުކަމެއްދެ އެވެ. ނަމަވެސް މުޅި ޖުމްލަގޮތެއްގައި ޤާނޫނުން ޖޫރިމަނާކުރެވޭގޮތަށް އޮތްއޮތުމުން މާބޮޑު ފައިދާއެއް ނުކުރެ އެވެ. އީޕީއޭއިން ނިކުމެ، ސަރުކާރުގެ އިދާރާތަކާއި ކުންފުނިތައް ޖޫރިމަނާކުރުން އޮނަނީ ފޫނެއްފަޔަށް ފެންފުރުން ފަދަކަމެއްގެ ގޮތުގަ އެވެ.

އެހެނެއް ނޫނެވެ. ސަރުކާރުގެ އިދާރާތަކުން ތިމާވެއްޓަށް ގެއްލުންވާގޮތަށް ޕްރޮޖެކްޓްތައް ކުރިއަށްގެންދިއުމަށް ހުއްދަދޭ ފަރާތް ޖޫރިމަނާކުރެވޭނަމަ ނަތީޖާތައްވެސް ފެންނާނެ އެވެ. ތިމާވެއްޓަށް ގެއްލުންވާގޮތަށް ކަމެއްކުރަންވެސް ބިރުގަންނާނެ އެވެ. ނަމަވެސް މިހާރު ޤާނޫނުތަށް ހުރިގޮތުން ޖޫރިމަނާކުރެވެނީ ކުންފުނި ނުވަތަ އިދާރާ އެވެ. އެކަންކުރި މީހާ ދެ ޖީބަށް އަތް ޖަހައިގެން މަޤާމުގައި އިންނަވާ އެކަންތައްތައް ތަކުރާރުކުރުން ނޫން އިތުރުކަމެއް ނުވެ އެވެ.

ގަބޫލުކުރަންޖެހޭ ހަޤީޤަތަކީ ކުރެވުނު ތަޖުރިބާގެ އަލީގައި ޤާނޫނުތަކަށް ބަދަލު ނުގެނެސް، ވާން ނެތްކަމެވެ. ފޫނެއް ފަޔަށް ފެން ފެރުން ހުއްޓާލަންޖެހޭކަމެވެ. ނާތީޖާތައް ނިކުންނާނެ ފަދަގޮތަކަށް ޤާނޫނުތައް ބަދަލުވެ، އަސްލު ކުށްވެރިޔާއަށް އަދަބުދެވޭނެ ގޮތްތަކެއް ހޯދަންޖެހޭކަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
50%
0%
0%
50%
0%
0%
ކޮމެންޓް