އަންގާރަ 22 އޮކްޓޯބަރ 2019
05 ހެއި
1441 ސަފަރު 23
ފަތިސް 04:37
އިރުއަރާ 05:49
މެންދުރު 11:55
އަސްރު 15:11
މަޣްރިބް 17:53
އިޝާ 19:05
ރިޕޯޓު - މަގޭ ރިޕޯޓް

"ކަޓު ދީގެން" ލިބުނު ފްލެޓަށް ދެން ވާނީ ކިހިނެތް؟!

  • ފްލެޓް ލިބުނު ކަމުގެ ލިޔުން އަޑިއަޑިން ދޫކުރީ ފޯމެއް 50،000ރ. ގެ މަގުން
  • ފްލެޓް ލިބުނުކަމުގެ ލިޔުން ހޯދުމަށް ފައިސާ ނެގިކަމުގެ މައްސަލައެއް ހުށަނާޅާ
  • ގާތްގަނޑަކަށް 7000 މީހުންނަށް ފެލެޓް ލިބޭ ކަމުގެ ލިޔުން ވަނީ ދީފައި

ތަހާރަތު މުހައްމަދު ވަހީދު
thahavahyd

ކ. މާލެ 27 ސެޕްޓެންބަރ 2019 | ހުކުރު 14:10 76,846

ހިޔާ ފްލެޓަށް ފައިސާދީގެން ލިބުނު ލިޔުންތަކެއް - ރާއްޖެއެމްވީ

ވެރިކަމުގެ ފަހު އަހަރުގައި މިދިޔަ ސަރުކާރުން އިންތިޚާބު ކާމިޔާބު ކުރަން ބަހާ ހުސްކުރި7000 ފްލެޓަކީއޭގެ ސައްހަ ކަމާމެދު ރައްޔިތުން ސުވާލު އުފެއްދި ފްލެޓްތަކެވެ. އޭރު ސަރުކާރުގެ އިސް ފަރާތްތަކަށާއި އެފަރާތްތަކުގެ އާއިލާތަކަށް ފްލެޓްތައް ބަހާ ހުސްކޮށްލި ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އޭގެ ހައްގުވެރިންނަށް ފްލެޓްތައް ނުލިބި ބޭއިންސާފުން ފްލެޓްތައް ލިބުނު ވާހަކައެވެ.

އެ ތުހުމަތުތަކާއި އެކު އާ ސަރުކާރު އައިސް ފްލެޓް ދީފައި އޮން ގޮތް ބަލަން ފެށިއެވެ. ފްލެޓްތައް ދޫކުރުމުގައި ބޭއިންސާފާއި ކޮރަޕްޝަން ހިމެނޭގޮތަށް ދޫކުރުމުގެ ސަބަބުން ފްލެޓް ހައްގުވެ އެހެންނަމަވެސް ނުލިބިވާ ފަރާތްތަކަށް ފްލެޓް ދޫކުރުމުގެ ނިޒާމެއް ކަނޑައެޅި އެކަން ކުރި ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ކަމަށް ކަނޑައެޅިއެވެ. އަދި ހަމަހަމަ އުޞޫލުން ފްލެޓްތައް ދޫކުރެވޭނެ ނިޒާމެއް ކަށަވަރުކުރުމަށް އެކަމަށް ޚާއްސަ ކޮމިޓީއެއް އުފައްދައި ވަގުތުން ވަގުތަށް އެމަސައްކަތް ފެށިއެވެ.

ރިޔާސީ އިންތިޚާބު ދުވަސްވަރު ފްލެޓް ބަހާ ނިންމާލުމުގެ ކުރިން އެހެން ކުޅިގަނޑެއް ވެސް ހިނގައި ދިޔައެވެ. ފްލެޓް ލިބުނު ކަމުގެ ލިޔުން އަޑިއަޑިން ދޫކުރީ,ފޯމެއް 50،000ރ.ގެ މަގުންނެވެ. އެއީ ގާތްގަނޑަކަށް ރާއްޖޭގައި ވަޒީފާ އަދާކުރާ މުއައްޒަފެއްގެ ފަސްމަހުގެ މުސާރައެވެ. އެއަގުގައި 200 އެއްހާ މީހުންނަށް ފްލެޓް ލިބުނު ކަމުގެ ލިޔުން ދޫކުރިކަމުގެ ތުހުމަތާއި އެކުއެވެ. އޭރު ހައުސިން މިނިސްޓްރީ ތެރެއިން އެކަން ކުރަމުން ދިޔަކަމުގެ މައުލޫމާތު ލިބި ބެލި ބެލުމުން އެއީ ތެދެއްކަން ހާމަ ވިއެވެ. އެ ލިޔުންތަކުގެ ބައެއް ކޮޕީއާއި އަސްލު ރާއްޖެއެމްވީއަށް ވަނީ ލިބިފައެވެ.

"ކަޓުދީގެން ފްލެޓް ލިބުނުކަމުގެ ލިޔުން" ހޯދުމަށް ދިން ފައިސާއަށް ދެން ވާނީ ކިހިނެތްބާއެވެ.؟

ހިޔާ ފްލެޓް

ހައުސިން މިނިސްޓްރީގެ ލެޓަރހެޑުގައި އެމިނިސްޓްރީގެ ތަތްގަނޑު ޖެހުމަށްފަހު ފްލެޓް ލިބުނު ކަމުގެ ލިޔުމާއި ފައިސާ ނެންގެވުމާއި ދޫކުރުމުގެ މަސައްކަތް ކުރެއްވީ އޭރުގެ ސްޓޭޓް މިނިސްޓަރެވެ. އަޑީގައި ތިބި ފަރާތްތަކަކީ ކޮބައިކަން ސާފު ނުވިކަމުގައި ވިއަސް ތުންތުން މަތިން ދެކެވުނު ވާހަކައިގައި އޭރުގެ ހައުސިން މިނިސްޓަރ ވެސް އެކަމުގައި ބައިވެރިވިކަމުގެ ތުހުމަތުތައް ކުރެވުނެއެވެ. އޭގެ އިތުރުން، ވަކި "ކަމަނާ" އެއްގެ އަތް މަތީގައި ވެސް ކަޓު ނެގުމާއި ކަޓު ދޫކުރުމުގެ ބާރު އޮތްކަމުގެ ތުހުމަތެވެ.

ފްލެޓަށް ކުރިމަތިލި ހުރިހާ މީހުންގެ އެސެސްމެންޓެއް އެކޮމިޓީއިން ހަދަމުންދާއިރު ފާހަގަވެފައިވާ މައްސަލަތަކުގެ ތެރޭގައި ފްލެޓްތައް ދިނުމުގައި ހާލަތު ބަޔާން ކުރާ ބައިގައި ހާލަތު ބަލައި ނުލައި ފްލެޓްތައް ދީފައިވާ ގޮތެވެ. މައުލޫމާތު ހިމަނަން އޮތް ބައިގައި ސައްހަ މައުލޫމާތު ނެތް މީހުންނަށް ފްލެޓް ދީފައި ވުމެވެ. އަދިވެސް ބަލަން ޖެހޭ ކަންތައްތައް ރަނގަޅަށް ނުބަލައި ދީފައިވާ އެހެން މައްސަލަތަކެވެ.

ފްލެޓް ލިބުނު ކަމުގެ ލިޔުން 50,000ރ.އަށް ވިއްކާފައި

ކޮމިޓީއަށް އެންމެ ބޮޑު ގޮންޖެހުމަކީ ވެސް އެއީއެވެ. ފްލެޓަށް ކުރިމަތިލި 22،000 ފޯމު އެ ކޮމިޓީއިން އިވެލުއޭޓް ކުރާއިރު އެމަސައްކަތް ލަސް ވަނީ ކޮންމެހެން ބަލަންޖެހޭ ކަންތައްތައް "ސުމަކުން" ފަށަން ޖެހޭތީއެވެ. އަވަސް އަރުވާލައިގެން ކުރިން ފްލެޓްތައް ދީފައިހުރި ނަމަވެސް އޭގެ ހައްގުވެރިންނަށް ލިބޭނީ ބަލަން ޖެހޭ ކަންތައްތައް ބަލައިގެން ކަމަށް ވާތީއެވެ. ނަމަވެސް ފްލެޓް ކޮމިޓީއަށް ކަޓުނަގައި ފްލެޓް ދިނުމުގެ ލިޔުން ދޫކުރި ކަމުގެ ލިޔުމާއި ގުޅޭ އެއްވެސް މައްސަލައެއް މިހާތަނަށް ހުށައަޅާފައެއް ނުވެއެވެ. ކަންތައްތައް ވާނީ ވެސް އެހެންނެވެ. އެކަމުގައި ފައިސާ ނެގިކަން ސާބިތުވެއްޖެނަމަ ބޮޑު ކުށެކެވެ.

އެމައްސަލަ ފްލެޓް ކޮމިޓީއިން ނުބެލިކަމުގައި ވިއަސް ހައްގުގޮތުގައި ފްލެޓް ހޯދުމަށް އެދުނު ފަރާތްތަކަށް، ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން އެ ކޮމިޓީއިން ދެއެވެ. ނަމަވެސް ބޮޑު އަގުގައި ލިޔުން ހޯދިފަރާތްތަކަށް ކަރަޕްޝަނުން ހޯދި ފްލެޓްތައް ލިބުމަށްވުރެ ނުލިބުން ގާތެވެ. ކަޓު ދިނުމަށްފަހު ފްލެޓް ލިބުނުކަމުގެ ފޯމުދޫކުރި ފަރާތްތަކުގެ އަތުގައި މިހާރު އޮތީ އެ ލިޔުން އެކަންޏެވެ.

ކަޓު ނެގި މުގުލުގައި ތިބި މީހުންނަށް ގާތްގަނޑަކަށް 10 މިލިއަން ރުފިޔާގެ ފައިދާއެވެ. ގުއި ރޯނުގައި ޖެހުނީ ފްލެޓް ލިބުނު ކަމުގެ ލިޔުން ބޮޑު އަގު ދީގެން ހޯދި މީހުންނެވެ. ހުރިހާ ދެރައާއި ނިކަމެއްޗެއް ނިކަމެތި ރައްޔިތުންނަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް