ކ. މާލެ
|
19 ސެޕްޓެންބަރ 2019 | ބުރާސްފަތި 12:49
އިދިކޮޅު އެންމެ ބޮޑު ޕާޓީ އިން ނެރޭނެ ކެންޑިޑޭޓް ގޯތާބަޔަ ރާޖަޕަކްސާ
އިދިކޮޅު އެންމެ ބޮޑު ޕާޓީ އިން ނެރޭނެ ކެންޑިޑޭޓް ގޯތާބަޔަ ރާޖަޕަކްސާ
އަލްޖަޒީރާ
ސްރީލަންކާ
ސްރީލަންކާގެ އިންތިޚާބު ނޮވެމްބަރު 16 ގައި
 
ސިރިސޭނާގެ މިދައުރު ހަމަވާނީ އަންނަ ޖެނުއަރީ މަހުގެ 9 ވަނަ ދުވަހު

ސްރީލަންކާގެ ރިޔާސީ އިންތިޚާބު އަންނަ ނޮވެމްބަރު މަހުގެ 16 ގައި ބާއްވާނެ ކަމަށް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފިއެވެ.

ބުދަ ދުވަހު ލަންކާގެ އިލެކްޝަންސް ކޮމިޝަނުގެ ރައީސް މަހިންދާ ޑެޝަޕްރިޔާ ވިދާޅުވީ އެގައުމުގެ ރިޔާސީ އިންތިޚާބު ބާއްވާނީ ނޮވެމްބަރު މަހުގެ 16 ގައި ކަމަށެވެ. އެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ގާޓްގަނޑަކަށް 16 މިލިއަން ރައްޔިތުންނަށް ލިބިފައިވާ ކަމަށް ޑެޝަޕްރިޔާ ވިދާޅުވިއެވެ.

ލަންކާގެ އިންތިޚާބުގައި އެގައުމުގެ އިދިކޮޅު އެންމެ ބޮޑު ޕާޓީ އިން ނެރޭނެ ކެންޑިޑޭޓަކީ ގޯތާބަޔަ ރާޖަޕަކްސާ ކަމަށް މިދިޔަ މަހުގެ ތެރޭގައި ވަނީ އެގައުމުގެ ކުރީގެ ރައީސް އަދި އޭނާގެ ބޭބޭފުޅު މަހިންދަ ރާޖަޕަކްސާ އިއުލާން ކުރައްވާފައެވެ.

މިފަހަރުގެ އިންތިޚާބުގައި ގާތްގަނޑަކަށް 18 ކެންޑިޑޭޓުން ވާދަކުރައްވާނެ ކަމަށް ބެލެވޭ ކަމަށް ލަންކާގެ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާއިރު އިންތިހާބުގައި ވާދަކުރުމާ މެދު އެގައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ގޮތް ނިންމަވާފައެއް ނުވެއެވެ.

މި އިންތިޚާބުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ މައްޗަށް ވޯޓު ލިބޭނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް ތަޖުރިބާކާރުން ބުނެފައިވާއިރު ދެވަނަ އިންތިޚާބެއް ބާއްވާނެ ކަމަށް ލަފާ ކުރެވެއެވެ. އިންތިޚާބުގައި އެންމެ ބޮޑަށް ވާދަވެރިކަން އޮންނާނީ ގޮތާބަޔަ އާއި އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔޫއެންޕީން ނެރޭ ކެންޑިޑޭޓަކާ ދެމެދުގައި ކަމަށް ވެސް ތަޖުރިބާކާރުން ވަނީ ބުނެފައެވެ.

މިހާރު ލަންކާގައި ރައީސަކަށް ހުންނެވި މައިތިރިޕާލާ ސިރިސޭނާގެ މިދައުރު ހަމަވާނީ އަންނަ ޖެނުއަރީ މަހުގެ 9 ވަނަ ދުވަހުއެވެ.

އެގައުމުގައި ރިޔާސީ އިންތިޚާބު ބާއްވާފައި ވަނީ ޖެނުއަރީ 8، 2015ގައެވެ. ލަންކާގައި ވެރިކަން ކުރުމުގެ ދައުރު ހަމަވަނީ އެގައުމުގެ ގާނޫނު ބުނާ ގޮތުން ކޮންމެ ފަސް އަހަރަކުން އެއް ފަހަރުއެވެ. ކޮންމެ ފަރާތަކަށް ވެސް ވެރިކަން ކުރެވޭނީ ގިނަވެގެން ދެ ދައުރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް