ކ. މާލެ
|
13 ސެޕްޓެންބަރ 2019 | ހުކުރު 18:40
މާޒިޔާގެ 12 އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ
މާޒިޔާގެ 12 އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ
މާޒިޔާ ސްޕޯރޓްސް ކްލަބް
ދިރާގު ޔޫތު ލީގު
ދިރާގު ޔޫތު ލީގު: 12 އަހަރުން ދަށުގެ މުބާރާތް ފަށައިފި
 
މާޒިޔާ އިން ވަނީ ބީޖީ ސްޕޯޓްސް އެކަޑަމީގެ މައްޗަށް 0-5 ގެ ނަތީޖާއިން ކުރިހޯދާފައި

ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 12 އަހަރުން ދަށުގެ ދިރާގު ޔޫތު ލީގު މުބާރާތް ފަށައިފިއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހު ހަވީރު ބައްދަލުކުރީ މާޒިޔާ އެފްއޭ އާއި ބީޖީ ސްޕޯޓްސް އެކަޑަމީއެވެ. މި މެޗު 0-5 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ މާޒިޔާއިންނެވެ.

މެޗުގައި މާޒިޔާގެ އަބްދުﷲ ރިޒާން މުހައްމަދު ހަތަރު ލަނޑު ކާމިޔާބުކޮށްފައިވާއިރު، ނަޝޫ އަހުމަދު ޝިހާމްވެސް ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ.

ދެވަނަ މެޗުގައި ވިކްޓްރީ އާއި އާލީ ޓަޗް ފުޓްބޯލް އެކަޑަމީ (އީޓީއެފްއޭ) ބައްދަލުކުރިއިރު، މި މެޗު ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ގިނަ އެޓޭކްތަކެއް ކޮށްފައިވާއިރު، ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއްވެސް ދެޓީމުން ވަނީ ހޯދާފައެވެ.

މުބާރާތުގައި ހޮނިހިރު ދުވަހު ތިން މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ހުޅުމާލެ ސްޕޯޓްސް ސްކޫލް އާއި އީގަލްސް ބައްދަލުކުރާއިރު، ދެވަނަ މެޗުގައި ބައްދަލުކުރާނީ ޓީސީ ފުޓްބާލް އެކަޑަމީ އާއި ހުޅުމާލެ ޔޫތު އެންޑް ސްޕޯޓްސްއެވެ. އަދި ތިންވަނަ މެޗުގައި ބައްދަލުކުރާނީ އެމްއެސް ހެލްޕިން ހޭންޑް ސްޕޯޓްސް އެކަޑަމީ އާއި މޯލްޑިވްސް ސޮކާ މޭޓްސްއެވެ.

މިދިޔަ އަހަރު ތައާރަފްކުރި ޔޫތު ލީގަކީ ޔޫތު ފުޓުބޯޅަ ކުރިއެރުވުމުގެ ގޮތުން އެފްއޭއެމުން ފަށާފައިވާ ޓުވާޑްސް ފިއުޗާ ޕްރޮޖެކްޓްގެ ދަށުން މިދިޔަ އަހަރު 13 އަހަރުން ދަށުގެ ކުޅުން ވަނީ ކުރިޔަށް ގެންގޮސްފައެވެ. މިދިޔަ އަހަރުގެ ޔޫތު ލީގު ކާމިޔާބުކޮށްފައިވަނީ އާލީ ޓަޗް ފުޓްބޯލް އެކަޑެމީންނެވެ.

މިއަހަރު 12 އަހަރުން ދަށުގެ ލީގު މިހާރު ފަށާފައިވާއިރު، 14 އަހަރުން ދަށުގެ ލީގުވެސް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

މިދިޔަ އަހަރު ޔޫތު ލީގުގައި ނުވަ ޓީމު ބައިވެރިވިއިރު، މިފަހަރު ޔޫތު ލީގުގައި ޖުމްލަ 11 އެކަޑަމީއެއް ވާދަކުރެއެވެ. އެއީ ބީޖީ ސްޕޯޓްސް އެކަޑަމީ، އީގަލްސް ފުޓްބޯލް އެކަޑަމީ، ޓީސީ ފުޓްބޯލް އެކަޑަމީ، މާޒިޔާ ފުޓްބޯލް އެކަޑަމީ، މޯލްޑިވްސް ސޮކާ މޭޓްސް، އާލީ ޓަޗް ފުޓްބޯލް އެކަޑަމީ، ހުޅުމާލެ ސްޕޯޓްސް ސްކޫލް، އެމްއެސް ހެލްޕިން ހޭންޑް ސްޕޯޓްސް އެކަޑަމީ، ހުޅުމާލެ ސްޕޯޓްސް އެކަޑަމީ، ވިކްޓަރީ ސްޕޯޓްސް ކްލަބު ފުޓްބޯލް އެކަޑަމީ އަދި ހުޅުމާލެ ޔޫތު އެންޑް ސްޕޯޓްސް އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް