އާދީއްތަ 23 ފެބުރުއަރީ 2020
ހިޔަވިހާ 10
1441 ޖުމާދުލް އާހިރަތު 29
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:39
މަޣްރިބް 18:22
އިޝާ 19:34
ރާއްޖެ - މިނިސްޓަރ ޝާހިދު

ކުރިން ރާއްޖޭގެ ޚާރިޖީ ސިޔާސަތު އޮތީ ވިއްކާލާފައި: މިނިސްޓަރ ޝާހިދު

  • މިކަމުގެ ނަތީޖާއަކީ ރާއްޖެ ވަނީ އެކަހެރިވެ، ބިކަވެ، ބާކީ ވުން ކަމަށް ވިދާޅުވި
  • މިނިސްޓަރ ވިދާޅުވީ މިއަދުގެ ސަރުކާރުގެ ސިޔާސަތަކީ ރާއްޖެއަށް އޮތް ހައްގު އިޚްތިރާމް އަނބުރާ ހޯދުން ކަމަށް

އުމްނާ އިސްމާއިލް
UmnaIsmail

ކ. މާލެ 31 އޯގަސްޓު 2019 | ހޮނިހިރު 08:14 4,467

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު - ރައީސް އޮފީސް

ކުރިން ރާއްޖޭގެ ޚާރިޖީ ސިޔާސަތު އޮތީ ބައިނަލްއަގުވާމީ މައިދާނުގައި ވިއްކާލާފައި ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ، ހުކުރު ދުވަހުގެރޭ އޮތް އެމްޑީޕީގެ ޕްރީ ކޮންގްރެސްގައި ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މިނިސްޓަރާއި ކުރެވުނު ސުވާލަކީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ކޮބާތޯއެވެ؟

މި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ، އެއީ ބޭރުގެ ފަރާތްތަކާއި މުއާމަލާތްކުރެވޭ ގޮތެއްގެ މައްޗަށް އެ ގައުމެއްގެ ސަލާމަތާއި ރައްކާތެރިކަން ބިނާވެގެންދާ ކަންތައްތައް ކަމަށެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދިވެހި ރާއްޖޭގެ ރިޔާސާތާއި ހަވާލުވެވަޑައިގެން، ގައުމާ މުޚާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެގެންދާނެ ކަންތައްތަކުގެ މައްޗަށް އަލި އަޅުވާލެއްވިކަމަށް ވެސް ވިދާޅުވިއެވެ. އޭގެ ތެރޭގައި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެގެން ދާނީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތް ކުރުމުގެ މައްޗަށް ކަމަށް ރައީސް ވިދާޅުވި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ މާނައަކީ ދިވެހި ރާއްޖޭގެ، ދިވެހި ދައުލަތުގެ، ހުރިހާ ކަމަކަށް އެންމެ އިސްކަން ދިނުން. ރައްޔިތުންނާއި، ދިވެހި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމާއި، ދިވެހި ރާއްޖެއަށް ނިކަމެތި ކަމެއް ނާންނާނެ ހުރިހާ ގޮތަކަށް ޚާރިޖީ ސިޔާސަތު ބައްޓަން ކުރަމުން ގެންދިއުން.

~ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

އަދި ޚާރިޖީ ސިޔާސަތުގައި އެންމެ ބޮޑު އިސްކަމެއް ދީފައި އޮތީ، އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން 2008 ވަނަ އަހަރު އެމްޑީޕީއިން ރާއްޖޭގައި ވެރިކަމާއި ހަވާލުވެ، އދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ ކޮމިޝަނުގެ މެމްބަރަކަށްވެ، ދުނިޔެއާއި ރާއްޖޭގައި ވެސް އިންސާނީ ހައްގުތައް ކުރިއަރުވަމުން ގެންދިޔަ އެއް ގައުމަށް ވެގެން ދިޔަ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އެއަށް ފަހު ދިވެހިރާއްޖެ، ބައިނަލްއަގުވާމީ ގޮތުންނާއި ދާޚިލީ ގޮތުން އިންސާނީ ހައްގުތައް ރައްކާތެރި ކުރުމާއި ކުރިއެރުވުމުގައި ދިވެހިރާއްޖެ ވަނީ ވަރަށް ބޮޑަށް ސޮއްސާލައިގެން ގޮސްފައިވާކަން ފާހަގަ ކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ އޭރު ރާއްޖެ ވެގެން ދިޔައީ ޚާރިޖީ ސިޔާސަތު ދޮލަނގަކަށް ލައިގެން، ގަންނާނަންތޯ ކިޔަމުން ބައިނަލްއަގުވާމީ މައިދާނުގައި ވިއްކާފައިވާ ގައުމެއް ކަމަށެވެ. އަދި މިކަމުގެ ނަތީޖާއަކީ ރާއްޖެ އެކަހެރިވެ، ބިކަވެ، ބާކީ ވުން ކަމަށް ވެސް ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ ބޮޑެތި ޖަމިއްޔާތަކުން ރާއްޖެވަނީ ވަކިވެފައި. ކޮމަން ވެލްތުން މި ދެންނެވީ ވަކިވެފައި. އެހެނިހެން ދާއިރާތަކުގައި ދާޚިލީ ގޮތުން ޕޯޑިއަމަކަށް ދިވެހިރާއްޖޭގެ އެންމެ އިސްވެރިއާ އަރާވަޑައިގެން، މިސާލަކަށް ޔޫރަޕިއަން ޔޫނިއަން ކަހަލަ ގައުމުތަކާއި ދިމާލަށް ހެއްދެވި ނުހެއްދެވިއަށް ގޮވާ، ރަތް މަހަކަށް ނުގޮވާ ވަރަށް އެއްޗެހި ގޮވާލީމާ، މިހާރު އެގައުމުތަކުގައި ވެސް، އެ ޖަމިއްޔާތަކުގައި ވެސް ތިބޭ ދިވެހި ބަހުން ގޮވިއަސް އެ ތަރުޖަމާކޮށްގެން އަޑުއަހާނޭ މީހުން. އެކަންތައްތައް ބަލައިގެން އަޅުގަނޑުމެން އޮތީ ވަރަށް ބޮޑަށް ބާކީވެފައި.

~ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

އެ ކަމަށް އަލި އަޅުވާލަމުން މިނިސްޓަރ ވިދާޅުވީ މިއަދުގެ ސަރުކާރުގެ ސިޔާސަތަކީ ރާއްޖެއަށް އޮތް ހައްގު އިޚްތިރާމް އަނބުރާ ހޯދުން ކަމަށެވެ. އެގޮތުން މިދިޔަ ދިހަ މަސް ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖެ ވަނީ ވަރަށް ބޮޑު ތަނުން ގެއްލުނު އިޚުތިރާމް އަނބުރާ ހޯދާފައި ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖެއަށް ޚާރިޖީ ގޮތުން ލިބިގެންދިޔަ ކުރިއެރުން ފާހަގަކުރަވަމުން މިނިސްޓަރ ވިދާޅުވީ، ޖޫން މަހުގެ 17 ގައި އާއި ޖޫން މަހުގެ 18 ވަނަ ދުވަހު ބޭއްވި ޕާޓްނަޝިޕް ފޯރަމް ރާއްޖޭގައި ބޭއްވުނީ 10 އަހަރު ފަހުން ކަމަށެވެ.

މިހާރުގެ ސަރުކާރުން އެއް އަމާޒަކަށް ތަރައްގީގެ މަޝްރޫއުތަކާއި ސިޔާސީ ވިސްނުން ގެންދާ ތަން ފެންނަ ކަމަށް އެ ފޯރަމްގައި ބައިވެރިވި ފަރާތްތަކުންވެސް ފާހަގަ ކުރެވި ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ލީވާން އަލީ

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް