ބުރާސްފަތި 14 ނޮވެންބަރު 2019
01 ނޮރަ
1441 ރަބީއުލް އައްވަލް 17
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05
އިސްލާމް - އިންސާނުންގެ މެދުގައި ހަމަހަމަ ކަން ގާއިމް ކުރުން

ބަދަލުވަމުންދާ ޒަމާނާ އެކު އިންސާނުންގެ މެދުގައި އޮންނަ ހަމަހަމަ ކަމަށް ބުރޫ އަރަންޖެހޭތަ؟

  • އިންސާނުންގެ މެދުގައި ހަމަހަމަ ކަން ގާއިމް ކުރުމަކީ ދީނުގެ މުހިންމު އަސާސެއް
  • އެއް އިންސާނަކަށް ވުރެން އަނެއް އިންސާނާ މަތިވެރި ވެ ގަދަރު އުފުލިގެން ދަނީ ހަމަ އެކަނި ތަގުވާވެރިކަމުން
  • އިންސާނުންގެ މެދުގައި ހަމަހަމަކޮށް ކަންތައްތައް ނުކުރާ މީހުންނަށް ބޮޑުވެގެންވާ އަޒާބު ހުރި

ޚަދީޖާ އިބްރާހިބް
Khadheejaibrah7

ކ. މާލެ 21 މެއި 2019 | އަންގާރަ 21:12 2,369

ﷲގެ ޙަޟްރަތުގައި އެއްމެންނަކީ ހަމަހަމަ ބައެއް - ގޫގުލް

އިންސާނުންގެ މެދުގައި ހަމަހަމަކޮށް ކަންތައްތައް ކުރުމުގެ ވާހަކައަކީ އެއްގޮތަކަށް ވެސް އާ ވާހަކައެއް ނޫނެވެ. އަދި ނޭނގޭ ވާހަކަތަކެއް ވެސް ނޫނެވެ. މިއީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އަޅުގަނޑުމެންގެ ކަންފަތުގައި ބީހެމުން ދާ ވާހަކަތަކެކެވެ.

އިސްލާމް ދީނުގައި ހުރިހާ އިންސާނުންނަކީ ހަމަހަމަ ބައެކެވެ. ﷲގެ ހަޒްރަތުގައި ކަޅެއް، ދޮނެއް، މުއްސަންޖެއް، ފަގީރެއް، ވަކި އާއިލާއަކަށް ނިސްބަތް ވީތީ، ވަކި ގައުމަކަށް އަޔަތީވެ ނުވަތަ ވަކި މަގާމެއްގައި ހުރީތީ އެއްވެސް ކަމެއްގައި ތަފާތު ކުރުމެން ނޯވެއެވެ.

އެންމެހާ އިންސާނުންނަކީ ހަމަހަމަ ބައެއްކަން ގަބޫލު ކުރުމަކީ ވެސް އިންސާނުންގެ ވިސްނުމަށް އިސްލާމް ދީން ގެނެސްދިން ވަރަށް ބޮޑު އިންގިލާބީ ބަދަލެއް ކަމުގައި ނޫނީ ނުވެ ނުދާނެއެވެ. އަދި އެއީ އެ ދީނުގެ މުހިންމު ބިންގަލެއްގެ އިތުރުން އެއީ އިސްލާމް ދީނުގެ ވަރަށް ބޮޑު އަދި ވަރަށް މުހިންމު އަސާސެއް ވެސް މެއެވެ.

އެއް އިންސާނަކަށް ވުރެން އަނެއް އިންސާނާ މަތިވެރިވެ، ގަދަރު އުފުލިގެންދަނީ ހަމަ އެންމެ ކަމަކުންނެވެ. އެއީ އެ މީހެއްގެ ކިބައިގައި ހުރި ތަގުވާވެރި ކަމުގެ މިންވަރަކުންކަން ދީނުގައި ބަޔާން ކުރައްވާފައި ވެއެވެ. އަދި މާތްވެގެންވާ ރަސޫލާގެ ރިވެތި ހަޔާތްޕުޅުން މިކަންކަން ވަރަށް ސާފްކޮށް އެނގެން އެބައޮތެވެ.

އަޅުގަނޑުމެންނަކީ ﷲ އާއި އެކަލާންގެ ރަސޫލާ ގަބޫލުކޮށްގެން ތިބި އަދި އެ ދީނުގެ ހަމަތަކާއި އެންމެހާ އުސޫލުތަކުގައި ހިފަހައްޓައިގެން ތިބި ބަޔަކަށް ވީހިނދު އަޅުގަނޑުމެންގެ ދުނިޔަވީ ހަޔާތުގައި ކަންކަން ހިނގަމުން ދަނީ މިއާ މުޅިން އިދިކޮޅަށެވެ.

އެގޮތުން އާއިލާއެއްގެ ތެރޭގައި ނަމަ އަންހެން ކުއްޖާއާ ދޭތެރެ ނުވަތަ ފިރިހެން ކުއްޖާއާ މެދު ތަފާތުކުރުންތަކެއް ގެންގުޅެވޭ ގޮތް ވެއެވެ. ނޫން ނަމަ ކުޑަ ކުއްޖާ އާއި ބޮޑު ކުއްޖާއާ ދެމެދުގައި ތަފާތު ކުރެވޭއިރު، ބަސްއަހާ ކުއްޖާ އާއި ބޯހަރު ކުއްޖާއާ ދެމެދުގައި ވެސް އޮންނަނީ ގިނަ ފަހަރަށް ތަފތު ކުރުންތައް ގެންގުޅެވިފައެވެ. ނަމަވެސް ތިމާގެ ބަނޑުން ވިހާފައިވާ ނުވަތަ ތިމާގެ ފުށުން އުފެދިފައިވާ ނަމަ އެއީ ތިމާގެ ދަރިއެކެވެ.

އަނބިންގެ މެދުގައި ވެސް އަދުލުވެރި ވުމަކީ އިސްލަމްދީން ވަރަށް ބޮޑަށް ބާރުއަޅާ އެކަން ކީރިތި ގުރުއާނާއި މަތްވެގެންވާ ރަސޫލާގެ ސުންނަތުގައި ވެސް އައިސްފައިވާ ކަމެކެވެ.

އިސްލާމީ ނަޒަރުން ބަލާއިރު ކައިވެނީގެ ގުޅުމަކީ މާތްﷲގެ ކުޅަދުންވަންތަ ކަމުގެ ހެކިތަކުގެ ތެރެއިން ހިމެނޭ މުގައްދަސް ގުޅުމެކެވެ. ނަފްސަށް ހަމަޖެހުން ލިބުމާއި ލޯތްބާއި އޯގާތެރިކަމާއި މި ތިން އަސާސްގެ މައްޗަށް ބިނާވެގެންވާ ގުޅުމެކެވެ. ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުން ކީރިތި ޤުރުއާނުގައި ސިފަކުރަނީ އެއިން ކޮންމެ މީހަކީ އަނެކެއްގެ ފޭރާމެއްގެ ގޮތުގަ އެވެ.

އެހެންކަމުން ހަތަރު އަނބިންނާއި އިނދެގެން އުޅޭމީހާ ވެސް ކަންތައްތައް ކުރަންޖެހޭނީ ހަތަރު މީހުންނަށް ވެސް އެއްގޮތަކަށް އެއް ބީދައަކުން، އެއް އުސޫލަކުން، އެކަކާއި ކައިވެނޮކޮށްގެން އުޅޭ މީހާ ވެސް ކަންކަން ކުރާ ގޮތަށެވެ. ލޯތްބާއި އަޅާލުމާއި އޯގާތެރި ކަމާއި މިފަދަ ހުރިހާ ކަމެއްގައެވެ. އަދި އެ ކަމަށް މާތްވެގެންވާ ދީން ވަނީ ގޮވާލާފައި ވެއެވެ. އަނބިން ގިނަވުން އެއީ އެބައިމީހުގެ ތެރޭގައި ތަފާތުކުރުން ގެންގުޅެންޖެހޭ ސަބަބެއް ނޫނެވެ.

މީހަކު ނިސްބަތް ގައުމުގެ ބޮޑު ކުޑަ މިނާއި، ފަގީރު ކަމާއި މުސަންދި ކަމާއި، އާރާއި ބާރަށް ބަލާ ނުވަތަ އެ މީހަކު ކުރާ މަސައްކަތަށް ބަލާ ތަފާތު ކުރުން ގެންގުޅެވެނީ ހައިރާންވާ މިންވަރަށެވެ. އެގޮތުން ބަނގުލަދޭޝްގެ ރައްޔިތެއް ނަމަ ނުވަތަ ލަންކާ މީހެއް، ނޫން ނަމަ އިންޑީއާ މީހެއް ނަމަ އެމީހަކާ މެދު ޖަނަވާރަކާއި މެދުވެސް ކަންކަން ނުކުރާ ގޮތައް ކަންކަން ކުރެއެވެ. ޔޫރަޕް މީހެއް ނަމަ، އެމެރިކާ މީހެއް ނަމަ ނުވަތަ އެ މީހަކު އަދާ ކުރާ މަގާމުގެ ގޮތުން އެ މީހަކާއި މެދު ވަރަށް އަދަބު އިހްތިރާމާ އެކު ކަންކަން ކުރެއެވެ. ނަމަވެސް މިއީ އަޅުގަނޑުމެން މުސްލިމުންގެ ގޮތުގައި ތިބެ ކަންކަން ކުރުން އެންމެ ރަނގަޅު ގޮތްބާވައޭ ހިތަށް އަރާ އެތައް ފަހަރެއް އާދެއެވެ.

އިސްލާމް ދީނުގައި އެންމެ ހަލާލުކަން ބޮޑު ކާ ތަކެއްޗަކީ އެ މީހާކު ގައިން ދާ އޮހޮރުވައިގެން ހޯދާ ކާބޯތަކެތި ކަމުގައި އަންގަވާފައި ވާއިރު ކޮންމެ މީހަކީ ވެސް ދިރިއުޅުމުގެ ޚަރަދު ބަރަދު ހަމަޖެއްސުމަށްޓަކައި މަސައްކަތް ކުރަންޖެހިފައިވާ މީހެކެވެ. ނަމަވެސް ބައެއް ފަހަރު އެ މީހަކު މަސައްކަތް ކުރަންޖެހިފައިވާ މާހައުލުގެ ސަބަބުން ނުވަތަ ތަނެއްގެ ސަބަބުން އެ މީހެއްގެ ދިރިއުޅުމަށް ކުރަންޖެހޭ މަސައކަތްތައް ކުރުމަށް ހުރަސް އެޅޭ ނުވަތަ ފޫހިވާ ހިސާބަށް ކަންތައް ދެއެވެ.

ގިނަ ފަހަރަށް މި ފޫހިކަން މެދުވެރިވާ މައިގަނޑު ސަބަބެއްގެ ގޮތުގައި އެ މީހަކާ މެދުގައި އެ މީހަކު އެމަސައްކަތް ކުރާ ތަނަކުން ކަންތައްތައް ކުރާ ގޮތް ވަރަށް ބޮޑު ރޯލެއް އަދާކުރެއެވެ.

އެގޮތުން ވަކި މީހަކު ކޮށްފި ނަމަ އެއީ ރަނގަޅު މޮޅު ކަމަކަށް ނުވެފައި ހަމަ އެކަންތައް އެހެން މީހަކު ކުރުމުން އެވަރެއް ނެތިވެސް ދަނީ މަދު ފަހަރަކު ނޫނެވެ. ހަމަ އެފަދައިން ތަނަށް އެންމެ ބޭނުންވާ ދަނޑިވަޅުގައި ވަގުތު ދީ ހަދާ މީހާ އެންމެ ފަހަރަކު އެތަނަކުން ގޮވާލާ ކަމަކަށް ނާދެވުމުން އެއީ ތަނުގެ ހިންގުން ހުއްޓުމަކަށް އަންނަ ވަރުގެ ކަމަކަށް ވެސް ވެފައި އެބަހުއްޓެވެ. އެއްވެސް ކަމަކަށް ބަލާ ނުލާ ހިތު ހުރިހާ ގޮތަކަށް އުޅެމުންދާ މީހުންގެ ނަން ބުނުން ބައެއް ފަހަރު ހަނދާނަށް ވެސް ނާންނަ ފަހަރު ވެސް ދަނީ މަދެއް ކޮށެއް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް