ކ. މާލެ
|
29 ޑިސެންބަރ 2017 | ހުކުރު 07:48
ސަންޗޭޒް ޕެލަސްގެ ކުޅުންތެރިޔެއް ކައިރިން ނައްޓާލަން މަސައްކަތްކުރަނީ، އޭނާ ވަނީ މި މެޗުގައި ދެ ލަނޑު ޖަހާފައި
ސަންޗޭޒް ޕެލަސްގެ ކުޅުންތެރިޔެއް ކައިރިން ނައްޓާލަން މަސައްކަތްކުރަނީ، އޭނާ ވަނީ މި މެޗުގައި ދެ ލަނޑު ޖަހާފައި
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ސަންޗޭޒްގެ ދެ ލަނޑާއެކު އާސެނަލް މޮޅުވެއްޖެ
 
ޕްރިމިއާ ލީގުގެ ތާވަލުގައި އާސެނަލް އޮތީ ކުޅުނު 20 މެޗުން ލިބުނު 37 ޕޮއިންޓާ އެކު ހަ ވަނައިގައި
 
ކްރިސްޓަލް ޕެލަސްގެ ދަނޑުގައި ކުޅުނު މެޗުން އާސެނަލް މޮޅުވެފައި ވަނީ 3-2 އިން

އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ޗިލީގެ ފޯވާޑް އެލެކްސިސް ސަންޗޭޒް ކާމިޔާބުކުރި ދެ ލަނޑާ އެކު އާސެނަލް މޮޅުވެއްޖެއެވެ.

ކްރިސްޓަލް ޕެލަސްގެ ދަނޑުގައި ކުޅުނު  މެޗުން އާސެނަލް މޮޅުވެފައި ވަނީ 3-2 އިންނެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު އާސެނަލް އިން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ.

މެޗު ފެށިގެން އާސެނަލްއިން ވަނީ މެޗުގެ ކޮންޓްރޯލް ނަގައި ކްރިސްޓަލް ޕެލަސްގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތްކޮށްފައެވެ. އެ ޓީމުން އުފައްދަމުންދިޔަ ހަމަލާތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 25 ވަނަ މިނެޓުގައި ޖަރުމަނުގެ ޑިފެންޑަރު މުސްތާފީ އެ ޓީމަށް ލީޑު ނަގައިދިނުމެވެ. މިއީ އާސެނަލްގެ ލަކަޒާޓް ދިން ބާރު ހަމަލާއެއް ޕެލަސްގެ ގޯލްކީޕަރުގެ އަތުގައި ޖެހިފައި ނުކުތުމުން މުސްތާފީ ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑަށް ފަހު ވެސް އާސެނަލް އިން ރަނގަޅު ހަމަލާތަކެއް އުފެއްދި ނަމަވެސް އެ ޓީމަށް ހާފުގައި އިތުރު ލަނޑެއް ޖެހިފައެއް ނުވެއެވެ. 

އެއް ލަނޑުގެ ލީޑެއްގައި އޮވެ އާސެނަލް އިން ފުރަތަމަ ހާފު ނިންމާލިއިރު ޕެލަސް އިން ވަނީ ދެވަނަ ހާފު ފެށިގެން ހަތަރު މިނެޓު ނުވަނީސް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އެ ޓީމުން ނަތީޖާ ހަމަހަމަކުރީ ވިލްފްރީޑް ޒަހާ ތަނަވަސްކޮށްދިން ފުރުސަތަކުން އެންޑްރޮސް ޓައުންސެންޑް ޖަހައިދިން ލަނޑަކުންނެވެ. އެހެން ނަމަވެސް 62 ވަނަ މިނެޓުގައި ސަންޗޭޒް ލަނޑެއް ޖަހައިދީ އާސެނަލްއަށް އަލުން އަނބުރާ ލީޑު ނަގައިދިންއިރު އޭނާ ވަނީ 66 ވަނަ މިނެޓުގައި ދެވަނަ ލަނޑެއް ޖަހައި އާސެނަލްގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. މި ލަނޑަށް ފަހު ޕެލަސްއިން އެ ޓީމުގެ ކުޅުން އިތުރަށް ރަނގަޅުކުރިއިރު އެ ޓީމަށް ނަތީޖާގެ ފަރަގު ކުޑަވެގެންދިޔައީ މެޗުގެ 89 ވަނަ މިނެޓުގައި ޑިފެންޑަރު ޖޭމްސް ޓޮމްކިންސް ޖަހައިދިން ލަނޑުންނެވެ.

މި މެޗާ އެކު އާސެނަލްގެ ކޯޗު އާސެން ވެންގާ ވަނީ ޕްރިމިއާ ލީގުގައި އެންމެ ގިނަ މެޗު ޓީމަކަށް އިރުޝާދު ދިނުމުގު ރެކޯޑާ އަރާ ހަމަކޮށްފައެވެ. މިއީ އޭނާ އާސެނަލްއަށް އިރުޝާދު ދިން 810 ވަނަ މެޗަށްވާ އިރު މި ރެކޯޑު މީގެ ކުރިން އޮންނަނީ މެންޗެސްޓާ ޔުނައިޓެޑަށް 25 އަހަރު އިރުޝާދުދިން ސަރ އެލެކްސް ފާގަސަން އަތުގައެވެ.

ޕްރިމިއާ ލީގުގެ ތާވަލުގައި އާސެނަލް އޮތީ ކުޅުނު 20 މެޗުން ލިބުނު 37 ޕޮއިންޓާ އެކު ހަ ވަނައިގައެވެ. އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި އާސެނަލްއާ ދެމެދު 21 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. މި މެޗުން ބަލިވި ކްރިސްޓަލް ޕެލަސް އޮތީ ކުޅުނު 20 މެޗުން ލިބުނު 18 ޕޮއިންޓާއެކު ތާވަލުގެ 16 ވަނައިގައެވެ.   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް