ކ. މާލެ
|
14 ޑިސެންބަރ 2017 | ބުރާސްފަތި 18:05
ފްރެންޗް ލީގު ކަޕްގައި ޕީއެސްޖީ ކުޅުނު މެޗުގެ ތެރެއިން
ފްރެންޗް ލީގު ކަޕްގައި ޕީއެސްޖީ ކުޅުނު މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ފްރެންޗް ލީގު ކަޕް
ފްރެންޗް ލީގު ކަޕް: ޕީއެސްޖީ ކުއާޓާއަށް ދަތުރުކޮށްފި
 
މިދިޔަ ސީޒަނުގައި ވެސް މި މުބާރާތް ކާމިޔާބުކުރީ ޕީއެސްޖީ
 
މޮންޓްޕިލޭ އާއި ނީސްގެ އިތުރުން އެމިއެންސް ވެސް ވަނީ ފްރެންޗް ލީގު ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައި
 
ސްޓަރަސްބާގްއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވެފައި ވަނީ 4-2 ގެ ނަތީޖާއަކުން

ފްރެންޗް ލީގު ކަޕްގައި ކުޅުނު މެޗުން މޮޅުވެ ޕީއެސްޖީ ކުއާޓާ ފައިނަލްއަށް ދަތުރުކޮށްފިއެވެ.

ރައުންޑް އޮފް 16 ގައި ސްޓަރަސްބާގްއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވެފައި ވަނީ 4-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައި ވަނީ ޕީއެސްޖީ އިންނެވެ. އެގޮތުން މި މެޗުގެ 12 ވަނަ މިނެޓުގައި ޕީއެސްޖީއަށް ލީޑު ލިބިގެންދިޔައީ ސްޓަރަސްބާގްގެ ޔޮއާން ސަލްމިއާ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. މި ލަނޑަށް ފަހު ވެސް ޕީއެސްޖީއިން ހަމަލާތަކެއް އުފެއްދުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 25 ވަނަ މިނެޓުގައި އާޖެންޓިނާގެ ވިންގަރ އެންހެލް ޑިމަރިއާ ލަނޑެއް ޖަހައިދީ ޕީއެސްޖީއަށް ލީޑު ފުޅާކޮށްދިނުމެވެ.

އެހެން ނަމަވެސް ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި ޖެރެމީ ގްރިމްވަނީ ލަނޑެއް ޖަހައިދީ ސްޓްރަސްބާގްއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

ޕީއެސްޖީ ކުރީގައި އޮވެގެން ފުރަތަމަ ހާފު ނިމިގެންދިޔައިރު މެޗުގެ ދެވަނަ ހާފުގައި ވެސް ފޯރިގަދަ ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. މި ހާފުގައި ފުރަތަމަ ލަނޑު ޖެހީ ޕީއެސްޖީ އިންނެވެ. މި ލަނޑު މެޗުގެ 62 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ބްރެޒިލްގެ ތަޖުރިބާކާރު ޑިފެންޑަރު ޑެނީ އަލްވޭސްއެވެ. ޕީއެސްޖީގެ ހަތަރު ވަނަ ލަނޑު މެޗުގެ 78 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނި ޖަރުމަނުގެ ހުނަރުވެރި މިޑްފީލްޑަރު ޖޫލިއަން ޑްރެކްސްލާއެވެ. ސްޓަރަސްބާގް އިން މެޗުގައި ޖެހި ދެވަނަ ލަނޑު 88 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ޖެރެމީ ބްލާޔަކްއެވެ.

ޕީއެސްޖީގެ އިތުރުން މޮންޓްޕިލޭ އާއި ނީސްގެ އިތުރުން އެމިއެންސް ވެސް ވަނީ ފްރެންޗް ލީގު ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައެވެ.

މޮންޓްޕިލޭއިން ކުއާޓާގެ ޖާގައެއް ހޯދީ އަމިއްލަ ދަނޑުގައި 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން އޮލިމްޕިކް ލިޔޯން ބަލިކޮށްގެންނެވެ. މި މެޗުގައި މޮންޓްޕިލޭގެ ސުލޭމާން ކާމަރާ ދެ ލަނޑު ޖެހިއިރު ސޮލޮމޮން ސޮމްބިއާ އަދި ކެވިން ބެރިގައުޑް ވަނީ ކޮންމެ ކުޅުންތެރިޔަކު އެއް ލަނޑު ޖަހާފައެވެ. ލިޔޯންގެ ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ މައިޒައިން މައޮލީޑާއެވެ.

ނީސް ކުއާޓާއަށް ދަތުރުކުރީ ލިލޭއާ ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވުމާއި ވިދިގެން ޖެހި ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. އެމިއެންސް ކުއާޓާއަށް ދަތުރުކުރީ 2-1 ގެ ނަތީޖާއަކުން ޓުއާސް ބަލިކޮށްގެންނެވެ.

މީގެ ދެ ހަފްތާ ކުރިން ފްރެންޗް ލީގުގައި ކުޅުނު މެޗެއްގައި ސްޓަރަސްބާގް އަތުން ޕީއެސްޖީ ބަލިވި ނަމަވެސް އެ ޓީމުން ވަނީ މި މެޗަށް ބަދަލުހިފާފައެވެ. މިދިޔަ ސީޒަނުގައި ވެސް މި މުބާރާތް ކާމިޔާބުކުރީ ޕީއެސްޖީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް