ކ. މާލެ
|
3 ޑިސެންބަރ 2017 | އާދީއްތަ 08:12
ޗެލްސީގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ޗެލްސީގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ޗެލްސީއާއި ލިވަޕޫލްވެސް މޮޅުވެއްޖެ
 
ލިވަޕޫލް ވަނީ މި މޮޅާއިއެކު ޕޮއިންޓް ތާވަލުގެ ހަތަރު ވަނައަށް ޖެހިލާފަ
 
ބްރައިޓަން އެންޑް ހޯވް އަލްބިއޯންއާއި ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން
 
ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ މޮޅުވެފައި ވަނީ 3-1 ގެ ނަތީޖާއަކުން

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަދި ލިވަޕޫލް ކުޅުނު މެޗުތަކުން އެ ދެ ޓީމު ވެސް މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ މޮޅުވެފައި ވަނީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޗެލްސީއިން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. ސްވަންސީ ސިޓީ އަތުން ޗެލްސީ މޮޅުވި މެޗުގައި ހިމެނުން ހަތަރު ކުޅުންތެރިޔަކު ބެންޗުގައި ތިބެގެން މެޗު ފެށިއިރު ސެޒާ އަޒްޕްލިކުއެޓާ އަދި އެޑެން ހަޒާޑަށް މި މެޗުގެ ފުރަތަމަ އެގާރައިން ޖާގަ ދީފައިވެއެވެ.

ޗެލްސީގެ ސަޕޯޓަރުންގެ އަޑު ކަނޑުވާލުމަށް ފަހު މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ޗެލްސީއިންނެވެ. އެގޮތުން ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ޗެލްސީގެ ޑިފެންސުން ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ލަނޑު ނިއުކާސަލްއަށް ޖަހައިދިނީ ޑްވައިޓް ގޭލްއެވެ.

ނިއުކާސަލްއިން ލަނޑު ޖެހިތާ 10 މިނެޓު ނުވަނީސް އެޑެން ހަޒާޑްވަނީ ނިއުކާސަލްގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޗެލްސީއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މި ލަނޑަށް ފަހު ވެސް ޗެލްސީއިން ފުލުފުލުގައި ލަނޑު ޖަހަން ފުރުސަތުތައް ތަނަވަސް ކުރުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 33 ވަނަ މިނެޓުގައި ވިކްޓާ މޯސެސް ނަގައިދިން ހުރަހަކުން އަލްވާރޯ މޮރާޓާ ލަނޑެއް ޖަހައިދީ ޗެލްސީއަށް ލީޑު ނަގައިދިނުމެވެ.

ފުރަތަމަ ހާފު ޗެލްސީ ކުރީގައި އޮވެގެން ނިމިގެންދިޔައިރު މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ހަޒާޑް ވަނީ އޭނާ މެޗުގައި ޖެހި ދެވަނަ ލަނޑު ޖަހައި ޗެލްސީގެ ލީޑު އިތުރަށް ފުޅާ ކޮށްދީފައެވެ. އެގޮތުން މެޗުގެ 73 ވަނަ މިނެޓުގައި އޭނާ މި ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ.

ރަށުން ބޭރުގައި ބްރައިޓަން އެންޑް ހޯވް އަލްބިއޯންއާއި ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމ ހާފުގައި ލިވަޕޫލްގެ ލަނޑުތައް ޖަހައިދިނީ އެމްރޭ ޗާންއާއި ރޮބާޓޯ ފިރްމީނޯއެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ ލިވަޕޫލްއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައިވެސް ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ދެވަނަ ހާފުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ފިރްމީނޯގެ އިތުރުން ފިލިޕޭ ކުޓިނިއޯއެވެ. ލިވަޕޫލްގެ ފަސްވަނަ ލަނޑަކީ ބްރައިޓަންގެ ލުއިސް ޑަންކްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގައި ބްރައިޓަންއިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ ގްލެން މަރޭއެވެ.

އެވަޓަންވެސް ވަނީ 2-0 ގެ ނަތީޖާއަކުން ހަޑާސްފީލްޑް ޓައުން ބަލިކޮށް ތާވަލުގެ ކުރިޔަށް ޖެހިލާފައެވެ. ބާންލީ އަތުން 1-0 ގެ ނަތީޖާއަކުން ލެސްޓާ ސިޓީ މޮޅުވިއިރު ސްޓޯކް ސިޓީ ވެސް ވަނީ 2-1 އިން ސްވަންސީ ސިޓީ ބަލިކޮށްފައެވެ. ޓޮޓެންހަމްއާއި ވޮޓްފޯޑް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވިއިރު ވެސްޓް ބްރޮމްއާއި ކްރިސްޓަލް ޕެލަސް ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރު ވެގެންނެވެ.

ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 40 ޕޮއިންޓާއެކު ސިޓީ އޮތްއިރު ދެވަނައިގައި 35 ޕޮއިންޓާއެކު ޔުނައިޓެޑްއެވެ. ޗެލްސީއަށް 32 ޕޮއިންޓާއެކު ތިންވަނަ ލިބޭއިރު ހަތަރު ވަނަ ލިވަޕޫލްއަށް ލިބެނީ 29 ޕޮއިންޓާއެކުއެވެ. އަދި އާސެނަލްއަށް ފަސްވަނަ ލިބެނީ 28 ޕޮއިންޓާއެކެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް